Advertisement

ކަރުނައިގެ އަސަރު (22)

07 Jul 2024 | 06:14
ކަރުައިގެ އަސަރު (22)

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ޖުލައި 4ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ) 

         _____________________________________________

             ބައެއް ފަހަރު އަހަރެމެންނާއެކު ބައެއް ފަހަރު ހިލޭ މީހުންނާއެކުގައެވެ.

                ހުރިހައިތަނެއްގައިވެސް ވާހަކަ ނުދައްކާ އެބަހުއްޓެވެ.

         _____________________________________________

ނިޝޫ، އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު ގޮނޑިއަށް ވެއްޓިގަތެވެ.

އަދިވެސް އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ.

އޭނާގެ ހިތުގައި ނަމެއް ނެތް ކަމުގެ އިހުސާސްކުރެވެމުންދިޔައެވެ. ------ އެއީ އާދަޔާ ޚިލާފުކަމެކެވެ. ------ ނަފުސާނީ އެތައް ލޮޅުންތަކެއް އޭނާއަށް ތަހައްމަލު ކުރާންޖެހުނެވެ.

އޭނާއަކީ ވަރަށް ހިތްމަޑުމައިތިރި ނާޒުކު އަންހެންކުއްޖެކެވެ.

ކުދިކުދި ކަންތައްތަކުގެ އަސަރުވެސް ޤަބޫލު ކުރަމުންދެއެވެ.

ލާންޑަނުގައި އޭނާ 17 އަހަރު އުޅުނު ނަމަވެސް އޭނާއަކީ އިރުމަތީގެ އަންހެން ކުއްޖެކެވެ.

އެކަމަކު އޭނާގެ އިންޑަސްޓްރީޒުގެ ސްޕަރވައިޒަރަށް އޭނާ ފެނިފައިވަނީ ކޮންކަހަލަ ލޮލަކުންހެއްޔެވެ؟

އޭނާގެ ހިތް ތެޅެމުންދިޔައެވެ.

އޭނާ، އޭނާއާ ދިމާއަށް ބަލައިލުމުންނެވެ.

އެހެންވެ އޭނާއަށް އިހުސާސްކުރެވުނެވެ. ------ އެ ފަދައިން ------ އޭނާ ------ އެއްޗެއް ނުބުންޏަސް ވަރަށް ގިނަ އެއްޗެހި ބުނެވުނެވެ.

މި ފަދަ ބައެއް ވާހަކަތެކެވެ. ------

އޭނާ ބުނާން ނުޖެހޭ ވާހަކަތަކެވެ.

ނިޝޫއަކީ ކުޑަކުއްޖެއްނޫނެވެ.

ކުޑަ އިރު ޒުވާންކަން އޮތީ ވަށައިލައިފައެވެ.

ޢާމިރު، އޭނާކައިރީގައި ބުނާން ބޭނުންވަނީ ކީކޭހެއްޔެވެ؟

އޭނާގެ ލޮލުގައިވަނީ ކޮންކޮން އެއްޗެއްހެއްޔެވެ؟ ------ އޭނާ ބިރުގަންނާނެ ކަމެއްނެތެވެ.

އޭނާގެ ޙަޔާތުގައި އޭނާވަނީ ފިރިހެން ކުދީންނާ ކުރިމަތިލައިފައެވެ. އޭގެ ތެރޭގައި ޝަހުވަތްތެރިކަން ނޫން އެއްޗެއްނެތެވެ.

އެކަމަކު ------------- ޢާމިރުގެ ބެލުންތަކެވެ.

ހައިރާންކުރުވަނިވި ބެލުމެކެވެ.

ނާތަހުޒީބުކަމެވެ. ---------

މާޔޫސްކަމެވެ. --------

ބޭކާރު ހިތާމައެވެ. ------

ނިކަމެތި އެދުންތަކެވެ. --------

އަދި ބޭނުން ނެތް ރުޅިވެރިކަމެވެ. ------- އަދި  ------ އެއީ ކޮންކަމެއް ކަމެއް ވެސް ނޭނގެއެވެ.

އަދި ފިނިކަމުގެ ރާޅެވެ. -------

މުޅި ވުޖޫދު ތެޅިގަންނަ ކަހަލައެވެ.

ނިޝޫއަށް ހީވީ އޭނާގެ ލޮލުގައި މަސްތުކަން ހުރިހެނެވެ.

އާދަޔާ ޚިލާފު މަސްތުކަމެވެ. ---------

އެއަށް ނަމެއް ނުދެވޭ މަސްތުކަމެވެ. --------

އާދަޔާ ޚިލާފު އިންސާނެކެވެ.

ބޭނުންވަނީ ކޮންކަމެއްކަމެއް ނޭނގެއެވެ. -------

ނިޝޫ ސިއްރުސިއްރުން ބުނެލިއެވެ. --------

އެކަމަކު އެ ޖުމްލައިގެ އޮޅުން ބޮޅުން އޭނާއަށް ވަރަށް އަވަހަށް ވިސްނުނެވެ.

އޭނާ ބޭނުންވަނީ ކޮންކަމެއްކަން އޭނާއަށް އެނގޭ ކަހަލައެވެ.

ނުލަފާ ފިރިހެނާ ----------

އޭނާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.

އޭނާ މެދު މި ގޮތަށް ވިސްނައިގެން އަހަރެމެންގެ ސިކުނޑިއަށް އުނިކަމެއް ލިބިއްޖެހެއްޔެވެ؟

އަހަރެމެންގެ ފަރާތުން އޭނާ އެއްވެސް އުންމީދެއް ހަނދާންނެތިއްޖެ ނަމަ، އެއީ އޭނާގެ އަމިއްލަ ޒާތީ މޮޔަކަމެވެ.

މިހާރު އޭނާ އަހަރެމެންނާ ބެހޭގޮތުން އަނގަ ހުޅުވަން އުޅެފިނަމަ،އޭނާ ދުނިޔޭގައި ހުރިޔަކަ ނުދޭނެއެވެ.

ނިޝޫ އަމިއްލައަށް ހިތަށް ހިތްހަމަޖެހުން ލިބިގަތެވެ.

އެހެންނަމަވެސް އޭނާ އަދި އެއްކޮށް ހިތްހަމައެއް ނުޖެހެއެވެ.

އޭނާގެ ހިތް  ------ މިހައިރުވެސް ތެޅެމުންދިޔައެވެ.

ނަމެއް ނެތް ހިޔަންޏެއްގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

ކުޑަ ބިރުވެރިކަމެއް އޭނާއަށް އިހުސާސްވާން ފެށިއެވެ.

އޭނާ ވިސްނާން ފެށިއެވެ.

އޭނާ އަހަންނާ ބައްދަލުވުމަކީ ހަމަ އިއްތިފާޤެއްހެއްޔެވެ؟ ނުވަތަ

އަހަރެންގެ ފަހަތުން ފާރަލައިގެން ޝޮޕިންގެ ސެންޓަރަށް އޭނާ އައީކީ ނޫންހެއްޔެވެ؟

އެކަމަކު ކީއްވެގެންހެއްޔެވެ؟

އެހައި ކެރިގެން އޭނާ ޢަމަލުކުރީ ކީއްވެގެންހެއްޔެވެ؟

އޭނާއަށް އަހަރެންނަކީ ކާކުކަން ހަމަ ނޭނގެނީހެއްޔެވެ؟

އަހަރެންގެ އެޑްރެސް ހަމަ ނޭނގެނީހެއްޔެވެ؟

އޭނާ ބިންމަތީގައި ހުރެގެން ހަނދުގައި އަތްލާން މަސައްކަތް ނުކުރީ ކީއްވެހެއްޔެވެ؟

އެކަ ------- އެކަމަކު އޭނާ ބުނީ ކީކޭހެއްޔެވެ؟

ނިޝޫ ސިއްރު ސިއްރުން ބުނެލިއެވެ.

އޭނާ އެންމެ ބަހެއް ވެސް ނުބުނެއެވެ.

ދެން -------- އަހަރެން މި ގޮތަށް މި ވިސްނަނީ ކީއްވެހެއްޔެވެ؟

އެކަމަކު އެހެނެއްނޫނެވެ .------

 އޭނާ ވަރަށް ގިނަ އެއްޗެހި ބުންޏެވެ.

 އޭނާގެ ދުލުން ބަޔާން ނުކުރިނަމަވެސް އޭނާގެ ލޮލުން ހުރިހައިއެއްޗެއް ބުނަމުންގެންދިޔައެވެ.

ޔާ ﷲ ----------

އަހަރެންގެ ޤައުމަށް އައިސް އަހަރެން ބަދުނާމުވާން ބޭނުންވަނީހެއްޔެވެ؟

އެކަމަކު އަހަރެން މި ވިސްނަނީ ކީއްވެހެއްޔެވެ؟ -------- އޭނާ ދާންވީ ނަރަކައަށެވެ.

މިހާރު އަނގަ ހުޅުވައިފިނަމަ އެއް އަޑެއްނޫނެވެ. ހަތަރު އަޑު އިވޭނެއެވެ. ------ އޭނާގެ ޠަބީޢަތު އޮޓެމެޓިކުން ސާފުވާނެއެވެ.---------

ކޮޓަރީގައި ބަންދުވެގެން ތިޔަ އޮތީ ކީއްވެ؟-----------"

ކުއްލިއަކަށް ނިސްރީނުގެ އަޑު އިވުމުން އޭނާ ސިއްސައިގެންދިޔައެވެ. -------- އޭރު ނިސްރީނު ލޭ އޮހޮރިފައިވާ ދެލޮލަކުން އޭނާއަށް ދިމާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުއްޓެވެ.

"އެތެރެއަށް ވަދޭ! ---- މަޑުކޮށްގެން ތިޔަ ހުރީ ކީއްވެ؟-------"

ނިޝޫ ހަމަޖެހިލަމުން ބުންޏެވެ.

އޭނާގެ މޫނުމަތީން ފެންނަނީ ޙަޤީޤީ ހިނިތުންވުމެއް ނޫންކަން ނުދެއްކުމަށް އޭނާއަށް ކުރެވެން ހުރި ހުރިހައިމަސައްކަތެއްކުރިއެވެ.

ބޭނުމަކީ، އޭނާގެ މޫނުމަތީގައިވާ ކަންބޮޑުވުމާއި ހިތްހަމަނުޖެހުމުގެ ކަޅުވިލާތައް ނިސްރީނަށް އެނގުނަ ނުދިނުމެވެ.

"ކޮބާ؟ އެއްވެސް ފެހިކަމެއް ނެތީތަ؟"                       

ނިސްރީނު ކޮޓަރިތެރެއަށް ވަންނަމުން ހީނލަމުން ބުންޏެވެ.

"ފެހިކަން ގެނައުމުގެ ޤާބިލުކަމެއް އަހަރެންގެ ކިބައިގައި ނުވެއެވެ."

ނިޝޫ ޖަވާބު ދެމުން ހިނިތުންވެލިއެވެ.

ނިސްރީނު އައިސް ނިޝޫގެ ކުރިމަތީގައި އިށީނެވެ.

އަދި ބުންޏެވެ.

"ނިޝޫ މިއަދު ފެންނަނީ ބޭނުންވާ ވަރަށް ވުރެ ކުޑަތަންކޮޅެއް ރީތިކޮށެވެ."

އޭނާ ބުންޏެވެ.

ނިސްރީނު އެހެންބުނުމުން ނިޝޫ އަވަހަސް އަވަހަށް ލޯ މަރައިލިއެވެ.

"އަބަދު އަހަރެން ރުޅި އަރުވައިލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"

"ނިޝޫ ތެދެއް ބުނާންހެއްޔެވެ؟------ އަހަރެން ކޮޓަރިއަށް ވަތް ވަގުތު ނިޝޫގެ މޫނުމަތީން ތަފާތު ކުލަވަރު ފެނިގެންދިޔައެވެ. އެކަމުގެ ސަބަބުން ނިޝޫ ކުރިއަށްވުރެ ބޮޑަށް ރީތިކަމަށް ހީވިއެވެ."

ނިޝޫގެ ހިތް ބާރަށް ތެޅެންފެށިއެވެ. -------- އޭނާ މަޢުޞޫމިއްޔަތުކަމާއެކު ނިސްރީނަށް ބަލަމުންދިޔައެވެ.

"ނިޝޫ އެއްވެސް އޮޅުން ބޮޅުމެއްގެ ތެރޭގައިވަނީހެއްޔެވެ؟ ނޫނީ ނިޝޫގެ މިޤައުމާމެދު ހިތްހަމަނުޖެހެނީހެއްޔެވެ؟"

"ނިސްރީނު ދައްތަ ތިދައްކަނީ ކޮންކަހަލަ ވާހަކައެއްހެއްޔެވެ؟"

"އަހަރެން އޮޅުން ބޮޅުމެއްގެ ތެރޭގައިވާންވީ ކީއްވެހެއްޔެވެ؟ ދެން އޮތީ ޤައުމު ކަމުދޭތޯ ނޫނީ ނުދޭތޯ ކުރެވޭ ސުވާލެވެ."

"ނިސްރީނު ދައްތަ ޔަޤީން ކުރާށެވެ!-------- އަހަރެންގެ ޙަޔާތުގައި މިހޭދަވި 17 އަހަރު ހޭދަކުރީ ޤައުމު ދެކެލުމަށް ކެތްމަދުވެ ތެޅި ފޮޅުމުގައެވެ. މިބިމާއި އަހަރެންގެ ބައްޕައާބެހޭ ގޮތުން އަހަރެން އައީ ހުވަފެންތަކެއް ދެކެމުންނެވެ.------- އެއީ މިބިމާއި އަދި ބައްޕަ އަހަންނާ ގާތުގައިވީނަމަވެސް ދުރުގައިވާކަމުގެ އިހުސާސް އަބަދުވެސް ކުރެވެމުންދިޔައެވެ.

އަހަރެން ވިހާފައި މަންމަ ނިޔާވިކަން އަހަންނަށް އެނގެއެވެ. ------- އެކަމަކު ބައްޕަ ދުނިޔޭގައި އެބަހުއްޓެއްނޫންހެއްޔެވެ؟ ބައްޕަ ދުށުމަށްޓަކައި އަބަދުވެސް ހުންނަނީ ކެތްމަދުވެފައެވެ. މިހައިރު އެހުވަފެންވެސް ޙަޤީޤަތަކަށްވީއެވެ. އަހަރެން ދުރުމީހަކަށް ހަދައިލުމުން އަހަރެން ވަރަށް ހިތުގައި ޖެހިއްޖެއެވެ. އަހަރެން އެސިޓީގައި ދިރިއުޅުން ދޫކޮށްލާނަމެވެ. މިސިޓީއަކީ އަހަރެން ދިރިއުޅުމަށްވުރެ ލޯބިވާ ސިޓީއެކެވެ."

"ނިޝޫ ތިހާ ސީރިއަސްވީ ކީއްވެހެއްޔެވެ؟ ------ ނިޝޫގެ އެހައި ބޮޑު ތަޤުރީރެއް އަޑު އެހުމަކީ، އެއީ           އަހަރެންގެ މަޤްޞަދެއްނޫނެވެ."

ނިސްރީނު ލޯބީންފުރިފައިވާ ގޮތެއްގައި ނިޝޫއަށް ބަލައިލަމުން ބުންޏެވެ.

"ނިސްރީނު ދައްތަ ސުވާލުކުރީ އެ ފަދައިންނެވެ."

ނިޝޫ ބުންޏެވެ.

"އެހެންވީއިރު ކުރީން ނައީ ކީއްވެއްހެއްޔެވެ؟ ------ މިހައިދުވަހު އިންތިޒާރު ކުރީ ކީއްވެހެއްޔެވެ؟"

ނިސްރީނު ބުންޏެވެ.

"ބޮޑުބޭބެ ފޮނުވަން ބޭނުންނުވީއެވެ. -------- "

ނިޝޫ ބުންޏެވެ.

"ބައްޕަ ތަޖުރިބާއެއް ކުރަނީއޭ ބޮޑުބޭބެ ބުނަމުންދިޔައެވެ."

"ކޮންކަހަލަ ތަޖްރިބާއެއް -------"

"ބޮޑުބޭބެގެ ޚިޔާލަކީ އަހަރެމެން ތަރުބިއްޔަތު ކުރާންޖެހޭނީ ޔޫރަޕުގެ މާޙައުލެއްގައި ކަމެވެ. އަދި ޢުމުރުން 17 އަހަރުވެ އަމިއްލައަށް އުޅެވޭވަރު ވަންދެން ޔޫރަޕުގައި މަޑުކުރާންޖެހޭކަމެވެ. މި 17 އަހަރު އަހަރެން ހޭދަކުރާނީ ކޮންޙާލެއްގައިކަން ނިސްރީނު ދައްތަ ނިކަން ހިތަށް ގެނެސްބަލާށެވެ. އަހަރެން ހުރީ ހަދާނެގޮތް ހުސްވެފައެވެ. އަހަރެންގެ އަމިއްލަ ޤައުމު ދެކެލުމަށް ކެތް މަދުވެފައެވެ. ދެން އޮތީ އަހަރެންނަކީ މިޤައުމުގެ ދަރިއެއްކަމުގެ ފިކުރެވެ. ކަންވީވެސް އެހެނެވެ."

"މިއީ ލޯބި ކުއްޖެއް ------ އަހަރެން އެއްޗެއް ބުނުމުގެ މާނައަކީ އަހަރެން ރުޅިއައުމެއްނޫނެވެ. ------- އަދި އޭގެ މާނައަކީ އަހަރެން ކުރިމަތީގައި ނިޝޫއަކީ ގޯސްކުއްޖެކޭވެސް ނޫނެވެ."

ނިޝޫ ފަނޑުގޮތެއްގައި ހިނިތުންވެލިއެވެ.

 ނިސްރީނު އަނެއްކާވެސް ބުންޏެވެ.

"އެކަމަކު މުހިންމު ވާހަކައެއް ބުނާނަމެވެ.------- އަހަރެން ކޮޓަރިތެރެއަށް ވަތް އިރު، ނިޝޫ އޮތި ކޮންމެވެސް ކަމަކާ ވިސްނާންކަން އަހަންނަށް އެނގުނެވެ. ޙަޤީޤަތުގައި އެވަގުތު އަހަރެންވެސް ހުރީ ވަށައިގެންވާ މާޙައުލުގައި ހިނގަނީ ކޮންކަމެއް ނޭނގިފައެވެ. ނިޝޫގެ މޫނުން ކޮންމެ ހިނދުކޮޅެއްގައި ކުލަބަދަލުވަމުންދާތަން އަހަންނަށް ފެނުނެވެ. ނަފުސާނީ ކިރު ދޫންޏެއްފަދައިންނެވެ. މުހިންމު ނިންމުމެއް ނިންމަން ބޭނުންވިޔަސް ނުނިންމިގެން އުޅެނިކޮށެވެ."

"އެކަހަލަ އެއްވެސް ކަމެއްނެތެވެ."

ނިޝޫގެ ހިތް އަނެއްކާވެސް ބާރަށް ތެޅެންފެށިއެވެ.

"ނިޝޫއަށް ދޮގު ހަދާކަށް އަދި ނޭނގެއެވެ."

ނިސްރީނު ހީނލިއެވެ.

"ނިސްރީނު ދައްތަ ވެސް --------"

ނިޝޫގެ އަޑުގައި ހުރީ އިޢުތިރާޒު ކުރުމެވެ.

"ވެގެން އުޅޭގޮތެއް އަހަރެން ކައިރީގައި ބުނެބަލާށެވެ."

ނިސްރީނު، ނިޝޫގެ ލޮލަށް ބަލައިލަމުން ބުންޏެވެ.

"ﷲ --------- އެއްވެސް ކަމެއްނުވެއެވެ."

ނިޝޫ ބުންޏެވެ.

"އަހަންނަކީ މޫނު ރީޑު ކުރުމުގެ މާހިރެކެވެ. ------- އުދުއްސައިގަންނާން މަސައްކަތް ނުކުރާށެވެ."

ނިޝޫ އިންތިހާއަށް ކަންބޮޑުވިއެވެ.

ނިޝޫ އެއްޗެއް ބުނުމުގެ ކުރީން ނިސްރީނު އަނެއްކާ ވެސް ބުންޏެވެ.

"އެއްވެސް ކަމެއް އޮތް ނަމަ އެ ކަމަކީ ހަމައެކަނި އަހަންނާ ނިޝޫގެ އަމިއްލަ ކަމެކެވެ. ގޭގެ އެއްވެސް މީހަކު ނުހިމެނޭ ކަމެއް ނަމަ އެ ކަމެއްގެ ވާހަކަ ބުނާނެކަމެއްނެތެވެ."

                         "އަދި ގޭގެ އެއްވެސް މީހަކު ހިމެނޭ ނަމަ، އަހަންނަށް އިތުބާރު ކުރާށެވެ. ---------- ރަޙްމަތްތެރިއެއްގެ ގޮތުގައި ފުރިހަމައަށް އިތުބާރުކުރާށެވެ."                        

ނިސްރީނު ބުންޏެވެ.

"ނިސްރީނު ދައްތާ!------ އެއްވެސް ކަމެއް ނުވެއެވެ."

"މިހިރަ ލޯބި ކުއްޖާގެ އިޚުތިޔާރެވެ."

ނިސްރީނު އެހެންބުނުމަށް ފަހު، ހިނިތުންވެލައި ބޭރަށް ނުކުމެއްޖެއެވެ.

އަދި ނިޝޫ ------- އޭނާ މުޅީން އޮރިޔާންވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އޭނާ ލޯމަރައިލައިގެން ދޮރުގެ ފޮތިގަނޑު ހޫރެމުންދާ އަޑާ ދިމާއަށް ބަލާން ހުއްޓެވެ.

                     ------------------------------------------------------

(އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް