Advertisement

ނަބަވީ ހިޖުރައިން ތާރީޚުގެ ރާސްތާ ބަދަލުވެގެންދިޔައީ ކިހިނެއް؟؟؟

06 Jul 2024 | 21:26
ހިޖުރައަކީ އިސްލާމީ ތާރީޚު ބަދަލުކޮށްލި ޢިބްރަތްތެރި ތާރީޚީ ހާދިސާއެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ނަބިއްޔާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން މައްކާގައި ތޭރަ އަހަރު ދީނަށް ގޮވައިލެއްވުމުގައި ހުންނެވިއެވެ. މީސްތަކުންނަށް މި ދީނުގެ ޙުކުންތައް ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ ﷲކަން ވިސްނައިދެއްވުމަށް ޓަކައެވެ. އެއްވެސް ވަރުބަލިފުޅުކަމަކާ ނުލައެވެ. އެއްވެސް ފޫހިފުޅުވުމެއް ނެތިއެވެ. އެހެން އެއްވެސް ކަމެއްގައި އަވަދިނެތިވެވަޑައިގެންނެވުމެއް ނެތިއެވެ. މުޝްރިކުންގެ ހަދިޔާތަކަށާއި އިންޒާރުތަކަށް ބެއްލެވުމެއް ނެތިއެވެ.

ކައު ރަސޫލާ ﷺ މި ދީނަށް ގޮވައިލެއްވުމަށް ޓަކައި ބޭނުންފުޅުނުކުރައްވާ ވަސީލަތެއް ނެތެވެ. ހުރިހައި ދޮރުތަކެއްގައި ޓަކިދެއްވިއެވެ. ހުރިހައި ޖަމާޢަތްތަކެއްގެ ގާތަށް ވަޑައިގަތެވެ. މައްކާއަށް އަންނަ ވަފުދުތަކާ ބައްދަލުކުރެއްވިއެވެ. އޭގެ ތެރެއިން އެންމެ މީހަކު ވިޔަސް މި ދީނަށް ވަދެ މި ދީނަށް ވާގިވެރިވެދާނެ ކަމުގެ އުންމީދުގައެވެ.  

ކައު ރަސޫލާ ﷺ ގެ ދަޢުވަތަށް މައްކާއިން މަދު މީސްކޮޅެއް އިޖާބަދިނެވެ. އެމީހުންގެ ނަފުސުގެ ޠާހިރުކަމުންނެވެ. ދީނީ ޢާޠިފާ ދޮންވެފައިވާތީއެވެ. ޙައްޤަށް ލޯބިކުރާތީއެވެ. މި މަދު މީސްކޮޅާއެކު މައްކާގެ އަޅުންކޮޅަކާއި ނިކަމެތީންކޮޅެއް އެކަލޭގެފާނަށް އީމާންވިއެވެ.

މައްކާގެ ބޮޑުން މި އައު ދީނާ ދެކޮޅުހެދިއެވެ. މި ދީނާ ދެކޮޅަށް ތެދުވިއެވެ. އެ މީހުންގެ ޒަޢާމަތު ގެއްލިގެން ހިނގައިދާނެތީއެވެ. އެ މީހުންގެ އިޖުތިމާޢީ މަޤާމު ބަދަލުވެދާނެތީއެވެ. އެ މީހުންނަށް ކަނުލޯތަކުން ތަބާވަމުން ދިޔަ މީހުން އެ މީހުންނަށް ނުކިޔަމަންތެރިވެދާނެތީއެވެ.

އެ މީހުންނަށް ފެނުނީ މުޅިން އާދަޔާ ޚިލާފު އިންސާނެކެވެ. ތަފާތު ދަޢުވަތެކެވެ. ކިޔެވޭ ފޮތެކެވެ. މަޑުމަޑުން ނަމަވެސް މި ދީނަށް މީހުން ވަންނަ ތަނެވެ. ރަސޫލާ ﷺ އެ މީހުންގެ ކަލާނގެތަކަށް ޢައިބު ބަސްތައް ވިދާޅުވާ ތަނެވެ. މި ކަމުގެ ސަބަބުން މައްކާގެ ދީނީ މަޤާމާއި ޒަޢާމަތު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެ މީހުންގެ ހިތަށް ވަދެ ހާސްކަން ލިބުނެވެ. ނަތީޖާއަކަށް ވީ މި އައު ދީނާ ކުރިމަތިލުމަށް ޓަކައި، އެ މީހުން ތެދުވުމެވެ. މި ދީން ޙިޞާރުކޮށް ހުރިހައި ވަސީލަތްތަކެއް ބޭނުންކޮށްގެނ  މި ދީން ނައްތައިލުމުގެ މަސައްކަތް ފެށިއެވެ.

ނަބަވީ ހިޖުރައިގެ ސަބަބުން ތާރީޚުގެ އޮއިވަރު ބަދަލުވެގެން ދިޔަ ގޮތް ދެނެގަތުމަށް ޓަކައި ކީރިތި ރަސޫލާ ﷺގެ ބައެއް ޞަޙާބީން ޙަބަޝާއަށް ކުރެއްވި ހިޖުރައަށް ބަލައިލާން ޖެހެއެވެ. މުޝްރިކުންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔުމުން ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުންގެ ބައެއް ޞަޙާބީންނަށް ޙަބަޝާއަށް ވަޑައިގަތުމަށް އެންގެވިއެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. ((އެބިމުގެ ރަސްގެފާނަކީ އޭނާގެ އަރިހުގައި އުޅޭ އެއްވެސް މީހަކަށް އަނިޔާވެރިވެވަޑައިގަންނަވާ ރަސްކަލެއް ނޫނެވެ. އެއީ ތެދުވެރި ބިމެކެވެ. މާތްﷲ ތިޔަބައިމީހުންގެ ޙާލަތު ބަދަލުކުރައްވާންދެން ތިޔަބައިމީހުން އެ ބިމުގައި ތިބޭށެވެ!))[1] ކީރިތި ރަސޫލާގެ މި އިރުޝާދާ އެއް ގޮތަށް މުސްލިމުންގެ ބަޔަކު ﷲގެ ދީނަށް ޓަކައި، ފިތުނައިން ސަލާމަތްވުމަށް ޓަކައި، ޙަބަޝާއަށް ހިޖުރަކުރިއެވެ. މިއީ އިސްލާންދީނަށް ޓަކައި ކުރެވުނު ފުރަތަމަ ހިޖުރައެވެ.

ޙަބަޝާ ކީއްވެ؟

ރަސޫލާ ﷺ ޙަބަޝާއާ މެދު ވިސްނުންފުޅު ބެހެއްޓެވި ގޮތުން އެނގެނީ އެކަލޭގެފާނަށް ޢަރަބިކަރައިގެ ޙާލަތާއި ސިޔާސީ ވިސްނުން ހުރި ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމެވެ. މުސްލިމުން ޙިމާޔަތް ހޯދުމަށާއި ބޯހިޔާވަހިކަން ލިބިގަތުމަށް ޓަކައި ޙަބަޝާއަށް ވުރެ ރަނގަޅު ބިމެއް އެ ވަގުތު ނުވާކަމެވެ. ޢަރަބީންގެ ތަފާތު ޤަބީލާތަކަކީ މައްކާގެ ޤުރަޝީންނާ ވަރަށް ގުޅުން ބަދަހި ބަޔެކެވެ. އެއިން އެއްވެސް ޤަބީލާއަކުން މުސްލިމުންނަށް ޙިމާޔަތާއި ރައްކައުތެރިކަން ނުދޭނެތެވެ. ޔަމަންކަރައަށް ބަލާއިރު އެއީ ފާރިސީންނާއި ރޯމަނުންނާ ދެމެދުގައި ސިޔާސީ އަރާރުންތައް އަދި ޔަހޫދީންނާއި ނަޞާރާއިންނާ ދެމެދުގައި ދީނީ ކޯޅުންތައް ހިނގަމުންދިޔަ ހަމަޖެހުމެއް ނެތް ބިމެކެވެ.

އަރަބިކަރައިގެ އެއްވެސް ރަށަކީ މުސްލިމުންނަށް ހިޔާވަހިކަން ދެވޭވަރުގެ ޤާބިލު ތަނެއްނޫނެވެ. މަދީނާ ވެސް އޭރު އޮތީ މި ކަމަށް އެކަށީގެންވާ ޙާލަތެއްގައެއް ނޫނެވެ. މަދީނާއަކީ ޤަބަލީ އަރައިރުންތަކާއި ދާޚިލީ ގަޑުބަޑުތަކުގެ ސަބަބުން އެ ރަށުގެ މުޖުތަމަޢު ވީދި ވިއްސިވިހާލިވެފައި ވާ ތަނެކެވެ.

ބޮޑު ހިޖުރައަށް ޓަކައި ފަސްގަނޑުޖެހުން

ޢަދުލުވެރި ޙާކިމާއަކު ޙަބަޝާގައި ހުންނެވީތީ އެ ގައުމު އަމާން ރައްކައުތެރި ވެށްޓެއް ކަމުގައި ވިޔަސް އެއީ އިސްލާންދީނަށް ގޮވައިލުމަށް ރަނގަޅު ބިމެއް ނޫނެވެ. އިސްލާންދީން ރައްކައުތެރިކޮށްދޭނެ ކިއްލާއެއް ވެސް ނުމެނޫންމެއެވެ. އެއީ ޢަރަބި މާޙައުލެއް ވެސް ނޫނެވެ. މިހެންވެ ނަބިއްޔާ e ޙަބަޝާއަށް ހިޖުރަކުރެއްވުމާމެދު ވިސްނައިވަޑައެއް ނުގަންނަވައެވެ. ރަސޫލާ ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު މައްކާގައި ކުރިއަށް ގެންދެވިއެވެ. މައްކާއަށް ތަފާތު މޫސުންތަކާއި މުނާސަބަތުތަކުގައި އަންނަމުންދާ ޤަބީލާތަކުގެ ވަފުދުތަކާ ބައްދަލުކުރައްވައި އިސްލާންދީން ހުށައަޅުއްވަމުން ގެންދެވިއެވެ. ޠާއިފުގެ ޘަޤީފުވަންހައިގެ މީހުންގެ ގާތަށް ވަޑައިގަތް ގޮތަށް މައްކާއާ އަވަށްޓެރި ބައެއް ޤަބީލާތަކާ ބައްދަލުކުރައްވައި އިސްލާމީ ދަޢުވަތު ހުށައެޅުއްވިއެވެ. ޤުރައިޝުން ރަސޫލާ ﷺ ހަމަހިމޭންކަމާއި މަޑުމައިތިރިކަމާ އެކު، އިލާހީ ރިސާލަތަށް ގޮވައިލައްވާކަށް ދޫކޮށެއްނުލައެވެ. އެ މީހުން ރަސޫލުﷲގެފާނު ﷺގެ ފަސްފަހަތްޕުން ގޮސް އެކަލޭގެފާނުގެ މަސައްކަތްޕުޅަށް ހުރަސްއެޅޭތޯ މަސައްކަތްކުރިއެވެ. އެކަލޭގެފާނާ ބައްދަލުކުރާ މީހުންނަށް އިންޒާރުދީ ބިރުދައްކަމުން ދިޔައެވެ. އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ދޮގުވެރިއެއްކަމަށް ބުނަމުން އެކަލޭގެފާނާ ބައްދަލުނުކުރާ ގޮވައިލަމުން ދިޔައެވެ.

މީހުން ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ﷲ ތަޢާލާ ކާމިޔާބު ދެއްވަތެވެ. އެ މަސައްކަތުގެ ފޮނި މޭވާ ނެރެދެއްވަތެވެ. ދެން ފެނިގެން ދިޔައީ އެކަލޭގެފާނުގެ ދަޢުވަތަށް ޔަޘްރިބުގެ ހަ ބޭކަލަކު އިޖާބަދެއްވި ތަނެވެ. މި ބޭކަލުން އިސްލާންވެވަޑައިގެން ޔަޘްރިބުގައި އިސްލާމީ ދަޢުވަތު ފެތުރުއްވުމަށް ޓަކައި މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގަތެވެ. އެއަށްފަހު އަހަރެއް ވެސް ނުވަނީސް ޔަޘްރިބުގެ 12 ބޭކަލަކު (އައުސްވަންހައިގެ ތިން ބޭކަލަކާއި ޚަޒްރަޖުވަންހައިގެ ނުވަ ބޭކަލަކު) އިސްލާންވެވަޑައިގެން ރަސޫލާއާ ބައިޢަތުހިއްޕެވިއެވެ. މި ބައިޢަތަށް ޢަޤަބާގެ ފުރަތަމަ ބައިޢަތުގެ ނަންދެވުނެވެ. މި ބޭކަލުން ޔަޘްރިބަށް ވަޑައިގަތް އިރު އެ ބޭކަކަލުންނާއެކު މުޞްޢަބު ބިން ޢުމައިރުގެފާނު މަދީނާއަށް ފޮނުއްވިއެވެ. މާތް ﷲ ރުއްސުންލެއްވި މުޞްޢަބުގެފާނަކީ ވަރަށް ހުޝިޔާރު ވަރަށް ކުރުންތެރި ދާޢިޔާއެކެވެ. ދީން ދެނެވަޑައިގަންނަވާ، އަދި ވިސްނުންތެރި ފަޤީހެކެވެ. ކެތްތެރި ކޯފާމަޑު ޙިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނުގެ މުހިންމަތު ވަރަށް ކާމިޔާބުކަމާ އެކު އަދާކުރެއްވިއެވެ. ނަތީޖާއަކަށް ވީ އިސްލާމީ ނޫރުން އަލިވެފައިވާ ގެތަކަކަށް ޔަޘްރިބުގެ ގެތައް ވެގެން ދިޔުމެވެ. މުޞްޢަބުގެ މި ކާމިޔާބު މަސައްކަތްޕުޅުގެ ސަބަބުން ޔަޘްރިބު ހިޖުރައިގެ ވަޒަންކަމަށް ތައްޔާރުވެގެން ހިނގައްޖެއެވެ.

އެއް އަހަރު ފަހުން ޙައްޖު މޫސުމުގައި މުޞްޢަބު މައްކާއަށް ވަޑައިގަތީ 73 ފިރިހެނުންނާއި ދެ އަންހެނުންގެ ފައުޖެއް ގޮވައިގެންނެވެ. މި ވަފުދު ސިއްރިއްޔާތުގައި ރަސޫލާއާ ބައްދަލުކޮށް ޢަޤަބާގައި ބައިޢަތުހިއްޕެވެ. މިއީ ޢަޤަބާގެ ދެވަނަ ބައިޢަތެވެ. މި ބައިޢަތުގައި އެ ބޭކަލުންނާއި ކަނބަލުން ވަނީ އެކަލޭގެފާނު ތަޘްރިބަށް ވަޑައިގެންފި ނަމަ އެކަލޭގެފާނު ޙިމާޔަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

އެހެންކަމުން ޢަޤަބާގެ ދެވަނަ ބައިޢަތަކީ  ޔަޘްރިބުގެ އަހުލުވެރީންގެ ގާތުގައި ރަސޫލާ eގެ  ޤާނޫނީ ހައިސިއްޔަތު އެކަށައަޅައި ދިން ބައިޢަތެވެ. މި ބައިޢަތު ކަށަވަރުކޮށްދިން ގޮތުގައި އެކަލޭގެފާނަކީ އެމީހުންގެ މީހެކެވެ. އެކަލޭގެފާނުގެ ލޭފޮދަކީ އެމީހުންގެ ލޭފޮދެކެވެ. މިހެންވެ މި ބައިޢަތުގެ ބައިވެރީން މި ކަން މައްކާގެ ޤުރައިޝުންނަށް ވަންހަނާކުރިއެވެ. މި ބައިޢަތުގެ ސަބަބުން އެކަލޭގެފާނަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބިވަޑައިގަންނަވާނީ ޔަޘްރިބަށް ވަޑައިގަތުމުންކަމަށް ވާތީއެވެ. މައްކާގައި އުޅުއްވާ އިރު، އެ ކަމުގެ ޒިންމާ އެ މީހުންނަށް އުފުލާކަށް ނުޖެހޭނެއެވެ.  

ހިޖުރައަށް ޓަކައި ތައްޔާރުވެވޑައިގަތުން:

މި ބަރަކާތްތެރި ބައިޢަތަށް ފަހު ނަބިއްޔާ ﷺ އެކަލޭގެފާނުންގެ ޞަޙާބީންނަށް މައްކާއަށް ހިޖުރަކުރެއްވުމަށް އަމުރުކުރެއްވިއެވެ. މި އަމުރުފުޅާ ވިދިގެން ޞަޙާބީން، ޖަމާޢަތްޖަމާޢަތަށާއި ފަރުދީކޮށް ފާޅުގައްޔާއި ސިއްރިއްޔާތުގައި ޔަޘްރިބަށް ހިޖުރަކުރައްވާން ފެށްޓެވިއެވެ.

މުސްލިމުން މައްކާ ދޫކޮށް ޔަޘްރިބަށް ދާ ތަން ފެނުމުން ޤުރައިޝުން ވަރަށް ކަންބޮޑުވިއެވެ. އެމީހުންގެ ކުރިމަތީގައި ތަމްސީލުވެގެންދާ މި ކަންތައްތަކުގެ ކުރިމަތީގައި ދެ އަތް އުރައިލައިގެން ނުތިބެ މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އަޅާން ފެށިއެވެ. ޔަޘްރިބަށް ދާން އުޅުނު މީހުންގެ ތެރެއިން އެ މީހުންގެ މަގަށް ހުރަސްއެޅުނު ބަޔަކަށް ހުރަސްއެޅިއެވެ. މައްކާއަށް އިޢާދަކުރެވުނު ބަޔަކު އިޢާދަކުރިއެވެ. ޤުރައިޝުންގެ މި ފިޔަވަޅުތަކާ އެކުގައި ވެސް މުސްލިމުންގެ ގިނަ ބަޔަކު ޔަޘްރިބަށް ހިޖުރަ ކޮށްފިއެވެ. ރަސޫލާ ހުންނެވީ މައްކާގައެވެ. މި ކަމުގެ ސަބަބުން ޤުރައިޝުން ޙައިރާންކަމެއްގެ ތެރެއަށް ވެއްޓުނެވެ. ޙަބަޝާއަށް މުސްލިމުންގެ ބަޔަކު ހިޖުރަކުރުމުން ރަސޫލާ މައްކާގައި ހުންނެވި ގޮތަށް މި ފަހަރު ވެސް މައްކަގައި ހުންނަވާނެބާވައެވެ؟ ރަސޫލާ ޔަޘްރިބަށް ވަޑައިގެން މުސްލިމުންނާ ގުޅިވަޑައިގެންފި ނަމަ،  އެ ކަން މައްކާއަށް ހިރާސަކަށް ނުވާނެބާވައެވެ؟ އެކަލޭގެފާނު އެ ރަށުގައި އެކަލޭގެފާނުގެ ދައުލަތް ޤާއިމުކުރައްވައިފި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ޢަރަބި ޤަބީލާތަކުގެ މެދުގައި ޤުރައިޝުންނަށް ލިބިފައިވާ ޒަޢާމަތު ނުގެއްލޭނެހެއްޔެވެ؟ މަދީނާ ކައިރީން ލައިފައި ދަތުރުކުރާ ޤާފިލާތަކަށް ޙަމަލާދެއްވައި ބަދަލުހިފުމުގެ ޙަރަކާތްތައް ނުފަށްޓަވާނެހެއްޔެވެ؟  

އެ މީހުން މި މައްސަލައާ މެދު މަޝްވަރާކުރުމަށް ފަހު، ނިންމީ އެ މީހުންގެ އަތުން ފުރުޞަތު ބީވެގެން ދިޔުމުގެ ކުރީން ކީރިތި ރަސޫލާ ޤަތުލުކޮށް މި ދީން ދިރި އޮއްވައި ކަތިލައި ވަޅުލުމަށެވެ. މި ނުބައި މުއާމަރާ ތަންފީޒުކުރުމަށް ޓަކައި ޤުރައިޝުންގެ ކޮންމެ ވަންހައަކުން ޒުވާނަކު ހޮވައި ޢައްޔަންކުރިއެވެ. އެއީ ހާޝިމުވަންހައިގެ މީހުން ރަސޫލާއަށް ޓަކައި ޤިޞާޞްހިފިޔަ ނުދިނުމަށް ޓަކައެވެ. އެކަލޭގެފާނުގެ ލޭފޮދު ވަންހަތަކަށް ބެހިގެން ދިޔުމުން އޭގެ ބަދަލު ހޯދާން ހާޝިމީންނަށް ނުކުރޭނެތީއެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ މި މުއާމަރާގެ ވާހަކަތައް ފުރޭފުކުރައްވައިފައެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. ((وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ[2] - كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހި ލިބޭނެ ގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރީންނަށް ވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.))

ހިޖުރަ ކާމިޔާބުވުމުގެ ސަބަބުތައް

ނަބަވީ ހިޖުރައިގެ ސަބަބުން ތާރީޚުގެ އޮއިވަރު ބަދަލުވީ ސަބަބުތަކަކާ ލައިގެންނެވެ. ކީރިތި ރަސޫލާ ﷺ ޔަޘްރިބަށް ކުރެއްވި ހިޖުރަކުރެއްވުން ކާމިޔާބުކުރެއްވުމަށް ޓަކައި ހުރިހައި ސަބަބުތަކެއްގައި ހިއްޕެވިއެވެ. މި ހިޖުރައިގެ ސަބަބުން މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވިއެވެ. އިސްލާމީ އުންމަތް ފުޅައުވެ ފެތުރިގެން ދިޔައެވެ. މި އުންމަތުގެ ޙަޟާރަތް ވުޖޫދުވެ، އޭގެ އަލިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ގެނެސްދިނެވެ. އެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ބައެއް ސަބަބުތައް ދަންނަވައިލާނަމެވެ.

1- މަދީނާއަށް ވަޑައިގެން އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢަޞްޙާބުން ތިއްބަވާނެ ތަންތަން ތަރުތީބުކުރައްވައި އިންތިޒާމުކުރެއްވުން. މި ކަމަށް ޓަކައި، ޔަޘްރިބުގެ އަހުލުވެރީންނާ އެކު، ކުރެއްވި ޢަޤަބާގެ ދެ ބައިޢަތު ފާހަގަކުރެވެއެވެ. މި ދެ މުޢާހަދާގެ ސަބަބުން ޔަޘްރިބުގެ އަހުލުވެރީންނާ ކީރިތި ރަސޫލާއާ ދެމެދުގައި ގުޅުންތައް ބަދަހިވެގެން ދިޔައެވެ. މި ކަމަށް މަގު ފަހިކުރެއްވުމަށް ޓަކައި ޤާބިލު ކުޅަދާނަ ޞަޙާބީއަކު ޔަޘްރިބަށް ފޮނުއްވިއެވެ. އެއީ އީމާންކަން ވަރުގަދަ އިޚުލާޞްތެރިކަން ބޮޑު ޞަޙާބީއެކެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅުގެ ސަބަބުން އިސްލާންދީން ޔަޘްރިބުގެ ފަސްގަނޑުގައި ހަރުލައި ފެތުރިގެން ދިޔައެވެ. އީމާންކަމުގެ ނޫރު ޔަޘްރިބުގެ ގެތަކަށް ވަދެ އެ ގެތައް ﷲގެ ނޫރުފުޅުން އަލިވިއެވެ.

2- ދެވަނަ ސަބަބަކީ ހިޖުރައަށް ބޭނުންވާ މުނާސަބު ވަގުތު އިޚުތިޔާރުކުރެއްވުމެވެ. ކައު ރަސޫލާ ޔަޘްރިބަށް ހިޖުރަކުރެއްވީ ޔަޘްރިބުގެ އަހުލުވެރީންގެ އީމާންކަން ވަރުގަދަވެ އެކަލޭގެފާނު ޙިމާޔަތްކޮށް ދިފާޢުކުރާނެކަމުގެ ޖާމިނުވުން ލިބިވަޑައިގަތުމުންނެވެ. ޢަޤަބާގެ ދެވަނަ ބައިޢަތުން އެކަލޭގެފާނަށް މި ކަން ކަށަވަރުވެވަޑައިގަތެވެ. އެ ހިސާބުން މައްކާގައި ހުންނެވުމުގެ ބޭނުންފުޅެއް ނެތްކަން ރަސޫލާއަށް އެނގިވަޑައިގެން ޔަޘްރިބަށް ހިޖުރަކުރެއްވުމުގެ ކަމަރުބެންނެވިއެވެ.

3- ތިންވަނަ ސަބަބަކީ މަދީނާއަށް ވަޑައިގަތުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަތުމުގެ އާލިއްޔަތުގެ ފުރިހަމަކަމާއި އިސްތިރާޖީ މޮޅުކަމެވެ. އެއީ ޙައްޤާއި ޢަޤީދާއާއި އީމާންކަމަށް ޓަކައި މީހަކު ކުރި އާހިތަވެރި ދަތުރެކެވެ. ސީރަތު ފޮތްތަކުގައި މި ވާހަކަތަކުގެ ތަފުޞީލުތައް ވަރަށް ދިގުކޮށް އައިސްފައިވެއެވެ. އެ ވާހަކަތައް މިތާނގައި އަލުން ލިޔުމުގެ ބޭނުމެއް ނެތެވެ. މި ދަތުރުފުޅަށް އެކަލޭގެފާނު ތައްޔާރުވެވަޑައިގަތީ ވަރަށް ސިއްރުކޮށް ވަރަށް ވަންހަނާކޮށްނެވެ. ދަތުރުފުޅުގެ އެކުވެރިޔާ އަބޫބަކުރުގެފާނަށް ވެސް އެ ވާހަކަ ހާމަކުރެއްވީ ވަރަށް ކުޑަތަންވެފައިވަނިކޮށްނެވެ. މި ދަތުރުފުޅަށް ރޭއްވެވީ ވަރަށް ބަދަހިކޮށެވެ. މި ދަތުރުފުޅު ކާމިޔާބުކުރެއްވުމަށް ޓަކައި އިންސާނަކަށް ކުރެވެން އޮތް ހުރިހައި ކަމެއް އެކަލޭގެފާނު ކުރެއްވިއެވެ.

ރަސޫލުﷲގެފާނު މަދީނާއަށް ވަޑައިގަތީ ހިޖުރައިން ފުރަތަމަ އަހަރުގެ ރަބީޢުލްއައްވަލު މަހު 12ވަނަ ދުވަހުގެ (24 ސެޕްޓެންބަރު 622 ވަނަ ދުވަހުގެ) ޟުޙާ ވަގުތުގައެވެ. އެ ވަގުތުން ފެށިގެން ރަސޫލުﷲގެފާނު އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަކުރެއްވުމުގެ މަސައްކަތްޕުޅު ބާރު ދުވެއްޔެއްގައި މާތްﷲ އެންގެވި ގޮތަށް ކުރިއަށް ގެންދެވިއެވެ.

ރަސޫލުﷲގެފާނު ޔަޘްރިބަށް ވަޑައިގަތް އިރު އެއީ ސަހަރެއްނޫނެވެ. އެހެނަސް އެއީ އަވްސުވަންހައާއި ޚަޒްރަޖުވަންހައާއި ޔަހޫދީ ޖަމާޢަތްތަކެއް ދިރިއުޅެމުން އައި ބިންތިރި ފަސްގަނޑެކެވެ. މި ބިންގަނޑުގެ ތަންތަންކޮޅުގައި ވާޙަތު[3]ތައް ފެތުރިފައި އޮތެވެ.ކީރިތި ރަސޫލާ މި ރަށް އާރާސްތުކުރައްވައި މަގުތައް ހެއްދެވިއެވެ. މި ރަށް ޢިމާރާތްކުރެއްވުމުގައި އަސާސަކަށް ބައްލަވައިފައިވަނީ މިސްކިތެވެ. މަދީނާގެ ގެތަކާއި މަގުތައް ބިނާކުރެވެމުން ދިޔައީ މިސްކިތުގެ ވަށައިގެން މި ޒަމާނުގައި ވެސް ސަހަރުތައް ބިނާކުރެވޭ ގޮތަށެވެ.

މަދީނާގެ މިސްކިތަކީ "ރިޔާސީ ގަނޑުވަރު"އެވެ. އެއްބަސްވުންތައް ޤާއިމުކުރެވެނީ މި ތާނގައެވެ. ވަފުދުތަކާ ބައްދަލުކުރައްވަނީ މި ތާނގައެވެ. ރަސޫލާ ދިރިއުޅުއްވުމަށް ޓަކައި ކޮޓަރިކޮޅުތައް(ގެތައް) ބިނާކުރެވުނީ މިސްކިތާ ޖެހިގެންނެވެ. ސީދާ މިސްކިތަށް އަރައިވަޑައިގެންނެވޭ ގޮތަށެވެ.

ރަސޫލުﷲގެފާނު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި މަދީނާގެ ދެ ޤަބީލާކަމުގައިވާ އައުސާއި ޚަޒްރަޖާ ދެމެދުގައި އޮތް ޒަމާންވީ ދުޝްމަނުކަމާއި ހަތުރުވެރިކަން ފުހެލައްވައި ނައްތައިލެއްވުން ވެއެވެ. އަންޞާރުންގެ ނަމުން އެ ދެބައިމީހުންނަށް ނަންދެއްވައި ޤަބަލީ އިމްތިޔާޒުތަކާ ދުރަށް ލެއްވިއެވެ. އެއަށްފަހު މުހާޖިރުންނާ އަންޞާރުން އަޚުވަންތަކުރެއްވިއެވެ. ދީނުގެ ޢަޤީދާގެ ސަބަބުން އެއްބަނޑުއެއްބަފައި ބައެއް ކަމުގައި ހެއްދެވިއެވެ. އޭގެ ކުރީން ޢަރަބީންނަކީ އަޚުވަންތަކަމޭ ކިޔާ އެއްޗެއް ދަންނަ ބައެއްނޫނެވެ. ﷲއަށް އީމާންވެ ކައު ރަސޫލާގެ ރިސާލަތު ޤަބޫލުކުރުމުގެ ސަބަބުން ، ތިމާގެކަމެއް ރަޙިމުގެ ގުޅުމެއްނެތި އަޚުންނަށް ވީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ[4] - مؤمن ން ވާ ކަން ކަށަވަރީ، أخންތަކެއް ކަމުގައެވެ.))

މުއާޚާތަށް ފަހު ދެން ފެންނަނީ މަދީނާގެ ޞަޙީފާއެވެ. އެއީ މަދީނާގެ ޙަޔާތް ތަންޒީމުކުރެއްވުމަށް ޓަކައި ރަސޫލުﷲގެފާނު އެކަށައެޅުއްވި ދުސްތޫރެވެ. މި ދުސްތޫރަކީ ތަފާތު ކަންތައްތަކުގައ މުހާޖިރުންނާއި އަންޞާރުންނާ މަޝްވަރާކުރެއްވުމުގެ ނަތީޖާއެވެ. މި ދުސްތޫރުގެ ކޮންމެ މާއްދާއަކަށް (އުޞޫލަކަށް)  އެއްބަސްވުމުން  އެ އުޞޫލެއް ލިޔާނެ ގޮތް ރަސޫލުﷲގެފާނު ވިދާޅުވެދެއްވިއެވެ. ރަސޫލުﷲގެފާނު ވިދާޅުވެދެއްވުމުން ލިޔުއްވެވީ ޢަލީ ބިން އަބީ ޠާލިބުގެފާނެވެ. މި ލިޔުންތައް ފުރިހަމަވެގެން ފުރޭފުވި ދުސްތޫރަށް ޞަޙީފާގެ ނަން ދެއްވީއެވެ. އިސްލާމީ ދައުލަތުގެ ކުރީން ލިޔެ ފުރޭފުކޮށްފައިވާ ދުސްތޫރެއްގެ މަތީގައި ޤާއިމުކުރެވުނު ދައުލަތެއް ނުވެއެވެ.

މި ޙިކުމަތްތެރި ސިޔާސަތުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާ އެކުވެރި އެއްބައިވަންތަ މުޖުތަމަޢެއް މަދީނާގައި ޤާއިމުވެގެން ދިޔައެވެ.  މި ދުސްތޫރުގެ ސަބަބުން މަދީނާގެ އާބާދީ ފަސް ގުނައަށް އިތުރުވެގެން ދިޔައެވެ. އެއީ އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށުން  މީސްތަކުންނަށް ޢަދުލުއިންސާފު ލިބޭތީއެވެ. އަމާންކަމާއި ރައްކައުތެރިކަން ލިބޭތީއެވެ. ކީރިތި ޤުރުއާނުގައި ﷲއަށާއި ރަސޫލާއަށް ޓަކައި ހިޖުރަކުރުމަށް ގޮވައިލައްވައިފައިވާތީއެވެ. އަދި ރަސޫލާއާ އަވަށްޓެރިވުމުން ލިބޭ ބަރަކާތް ޙާޞިލްކުރެވޭތޯއެވެ.

_______________________________________

ބައެއް ލަފުޒުގެ މާނަ

އާހިތަވެރިޔާ      ނ.   އާދަޔާޚިލާފު ތަޖުރިބާތައް ކުރާން ޝައުގުވެރިކަމާއި ހިތްވަރާއެކު ކުރިމަތިލާ މީހާ.

އިސްތިރާޖީ      ނއ.  މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.

ކޯޅުން         މ.   ދެ މީހަކު ނުވަތަ ދެމަފިރިއަކު، އެކަކު އަނެކަކަށް އެއްޗެހިކިޔައި ޒުވާބުކޮށް ހެދުން.

މުހިންމަތު       ނ.   މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި ރާވައި ހިންގަން ކަނޑައަޅާ މައިގަނޑު ހަރަކާތް.

ހުޝިޔާރު       ނއ.  (1) ވިސްނުންތޫނު (2) ކަނަތަކަށް ކުޅަދާނެ. (3) ކުޅާދާނަ.

ފުރޭފު         ނ.   ލިޔާލިއުން.  

__________________________________

މަރުޖިޢުތައް:

[1]  - الألباني، السلسلة الصحيحة ( ٧/٥٧٧)

[2]  - الأنفال : 30

[3] - ސަހަރާއެއްގެ މެދުތެރޭގައި ފެނާއި ގަސްހުންނަ ތަން

[4]  - الحجرات : 10

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ފައިހަތު
ރަޝީދު މޫސާގެ ދީނީ ލިޔުންތައް އަޅުގަނޑު ކިޔާ ހިތް ވަނީ އެ ލިޔުންތައް ލިޔުއްވައިފައިވަނީ ވަރަށް އަދަބީ އުސްލޫބަކުންކަމަށް ވާތީއެވެ. ޝުކުރިއްޔާއެވެ.
07 Jul 2024
ރިޟުވާނު
ހިޖުރާގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވާ ޢިލްމީ ލިޔުއްވުމެއް.
09 Jul 2024