Advertisement

މަލަކޫތީ ޢާލަމަށް ހިތް ހުޅުވައިލުން...!

05 Jul 2024 | 14:06
ވިސްނައި ފިކުރުކުރުމަށް ވުރެ ޢިލްމު ހޯދާން މޮޅު ވަސީލަތަކީ ކޮބައިހެއްޔެވެ؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ޙަޔާތުގެ ރާޅުތައް ބިންދަމުންދާ އަޑުފަށްގަނޑާ ހެދި އިންސާނާގެ ހިތަށް، ކައުނާއި މަލަކޫތީ ޢާލަމަށް ބަލައިލުމަށް ފުރްޞަތެއް ނުލިބެއެވެ. ﷲގެ ކުޅަދުންވަންތަކަމާބެހޭ ގޮތުން  އުފެދޭ ސުވާލުތައް ހިތަށް ހުށައަޅައިލުމަށް ވަގުތު ތަނަވަހެއް ނުވެއެވެ. އިންސާނާއަށް މިއަދު ވަރަށް މަދުން މެނުވީ އުޑާ ދިމާއަށް ކަޅި އުފުއްލައެއް ނުލެވެއެވެ. އުސް ޓަވަރުތަކާއި އުޑުގައި ކޭއްތޭ ޢިމާރާތްތަކުން އުޑުގެ ބޮޑު ބައެއް ވަނީ ނިވައިވެފައެވެ. މޯބައިލް ފޯނުތަކަށް ގެނބުމުން އެޅޭ ދަޅައިން އެހެން އެއްޗެއް ނުފެނެއެވެ. މިއަދުގެ ހަލަބޮލި ޙަޔާތުގެ ސަބަބުން އަމިއްލަ ނަފުސާއެކު އެކަނިވެލާނެ ވަގުތުކޮޅެއް ނުލިބެއެވެ.

އާދޭހެވެ! ޚަލްވަތަކީ "ނަފުސު ތަނަވަސްކުރުމަށާއި ނަފުސު ފުރައިލުމަށް ޒަރޫރަތެކެވެ. ޚަލްވަތުން ބަލިތަކަށް ފަރުވާ ލިބެއެވެ. ޚަލްވަތުން ޢަޒްމު ވަރުގަދަވެއެވެ. "[1]

އިންސާނާގެ ހިތުގައި ވަންހަނާވެ ފޮރުވިފައިވާ ޙިފކުމަތާއި މަޢުރިފާއާއި ކަންބޮޑުވުމާއި ނަފުސާ ކުރާ ސުވާލުތައް ހިތުގެ ވާސާގައި ޚަލްވަތުގައި މެނުވީ ހެދިބޮޑުނުވާނެތެވެ.ހިތް  ހަމަޖެހުމުގެ ތަޅުދަނޑިއަކީ ހިތެވެ.މާނަވީ ޢާލަމުތަކަށް ވަނުމުގެ ދޮރަކީ ހިތެވެ.

ޒަމާނީ މެޑިކަލް ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ސިކުނޑީގައިވާ ވިސްނުމާ ބެހޭ ހަތާތަކަށް ވުރެ ހިތުގައިވާ ވިސްނުމުގެ ހަތާތައް މާ ގިނައެވެ. މި ހަތާތަކުގެ މުހިންމަތަކީ ބޮޑެތި މައްސަލަތަކާ މެދު ވިސްނައި ފިކުރުކުރުމެވެ. ޤަދީމީ ޒަމާނުގައި މިޞްރުގައި ރަސްރަސްކަލުން އަވަހާރަވީމާ އެ މީހުންގެ ހަށިގަނޑުތައް ކުނިވިޔަނުދީ ބޭއްވުމަށް ޓަކައި ތަޙުނީޠުކުރާ އިރު ސިކުނޑީގެ ބައިތައް ނަގައި އެއްލައިލައެވެ. އެ މީހުން ހިތުގެ އެތެރެ ސާފުކޮށެއް ނަހަދައެވެ.

ވިހިވަނަ ސައްތައިގެ ދިރާސާތައް ބުނާގޮތުގައި، ހިތާއި ސިކުނޑިއާ ދެމެދުގައި ދާއިމީ ސިފައެއްގައި މަޢުލޫމާތުތައް ބަދަލުކުރެވެމުންދެއެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ލަފުޒު  [ފުއާދު] އާއި،  ލަފުޒު [ޤަލްބު]ގެ މާނަ ވަރަށް ތަފާތެވެ. ފުއާދަކީ، ޤަލްބުގެ ޤަލްބެވެ. ނުވަތަ ހިތުގެހިތެވެ.

މި ދިރާސާތައް ބުނާ ގޮތުގައި ހިތުގެ ކޮންމެ އޮޕަރޭޝަނެއްގެ ސަބަބުން ހަނދާނުން އެތައް އެއްޗެއް ފުހެވިގެންދެއެވެ. އަދި މި ކަމުގެ ސަބަބުން ހަނދާން ބަލިވެއެވެ. ޕޯލް ޕިއަރސެލް ލިއުއްވައިފައިވާ މަޝްހޫރު ފޮތް [ދަ ހާޓްސް ކޯޑް]ގައި ބަޔާން ކޮށްދެއްވައިފައިވާ ގޮތުގައި ހިތް ބަދަލުކުރުމަކީ އެމީހާގެ ޝަޚުޞިއްޔަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. އޭނާގެ ކުރީން 1991ގައި، އެންޑްރޫ އާމޯރ އިޝާރަތްކުރައްވައިފައިވާ ގޮތުގައި ހިތުގައި ކުޑަކުޑަ ސިކުނޑިއެއް ވެއެވެ. މި ކަމުގެ ސަބަބުން ހިތް ބަދަލުކުރުމުން ކުރީގެ ހިތުން ސިކުނޑިއަށް ފޮނުވި އިޝާރަތްތަކަށް ބަދަލު އާދެއެވެ. ނަތީޖާއެއްގެ ގޮތުން އެ މީހާގެ ޝަޚުޞިއްޔަތަށް ބަދަލުތަކެއް އަންނާން ފަށައެވެ.

ތަޅުހުޅުވައިލުން:

ހިތަށް ވެސް ވިސްނައި ފިކުރުކުރާން ދަސްކޮށްދޭން ޖެހެއެވެ. މި ފުޅައު މަލަކޫތަށާއި މި ތަނަވަސް ފަޒާއަށް ހުޅުވިގަންނާން ޖެހޭތީއެވެ. ހޭލުންތެރި ވިސްނުމެއްގެ ތެރެއިން ނޫނީ އެ ކަން ޙާސިލެއް ނުކުރެވޭނެއެވެ. މާތް ﷲ ރަޙްމަތްލެއްވި އަބޫ ޙާމިދުލްޣަޒާލީ ވިދާޅުވިއެވެ. "އެބައިމީހުންގެ އިލާހުންކަމުގައި ހަވާނަފުސު ހަދައިފައިވާ މީހުންނަށް މަލަކޫތުގެ ސިއްރުތައް ތަޖައްލީވެގެން ދާނީ ކިހިނެއްހެއްޔެވެ؟" ކައުނަކީ ސިއްރުތަކާއި ޢިލްމުތަކުން ފުރިބާރުވެފައިވާ ކަންޒެކެވެ. ހިތުގެ ޙިޖާބު ކެހިގެން ދިޔަ އިރަކުން ނޫނީ މި ސިއްރުތަކަށާއި ޢިލްމުތަކަށް ހުޅުވިއެއް ނުގަންނާނެތެވެ. މިހެންވެ ޞޫފީން ގޮވައިލައްވަނީ ތަޅުތައް ތަޅައިލުމަށެވެ. އަލިވެގެންވާ ހިތުން އަނދިރިތައް ނައްތައިލާނެތީއެވެ. އެ ތަޅުދަނޑިތައް ގެއްލިގެން ދިޔުމަކީ އިންސާނީ ކާރިސާއެކެވެ. ހިތަކީ ވިސްނުމާއި ފެނުމެވެ. އެ ދެ ކަންތަކަށް ވެސް އަޅައިލުން ބޭނުންވެއެވެ. ހިތުގައި ދަމިލަ ޖަހައިފި ނަމަ، ދެނެގަތުމުގެ ބާރު އެއަށް ގެއްލިގެން ހިނގައިދާނެއެވެ. ހިތުގައި ދަމިލަޖެހިޔަ ނުދިނުމަށް އިރުޝާދު ދެއްވައި ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((هذِه القلوبُ تصدَأُ كما يصدَأُ الحديدُ قالوا يا رسولَ اللَّهِ فما جِلاؤُها قال قراءةُ القرآنِ[2] - ދަގަނޑުގައި ދަބަރު ޖަހާ ގޮތަށް މި ހިތްތަކުގައި ދަމިލަ ޖަހަތެވެ. އެ ބޭކަލުން ދެންނެވިއެވެ. އެ ސާފުކޮށްދެނީ ކޮން އެއްޗެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ޤުރްއާން ކިޔެވުމެވެ.)) ޤުރްއާން ކިޔަވާއިރު މި މަލަކޫތީ ޢާލަމާ މެދު ވިސްނައި ފިކުރުކުރާން އަންގަވައިފައިވާތީއެވެ.

އަޅުގަނޑުމެންގެ މިއަދުގެ ދުނިޔެއަށް ބަލާ އިރު، ވަކި މައިދާނެއްގައި ވަކި ޢިލްމެއްގައި  ތަޚައްޞުޞުވެވަޑައިގަންނަވާ ބޭފުޅުން އެ ޢިލްމެއްގެ ކުދިކުދި ހިމުން އެތިއެތިކޮޅުތައް ވެސް އެނގިވަޑައިގަތުމަށް މަސައްކަތް ކުރައްވައެވެ. އެ ޢިލްމެއްގައި ހިމެނޭ ގޮފިތަކާއި މި ގޮފިތަކުން ކަފިކަފިވެގެންދާ އޮފިތައް ވެސް ދިރާސާކުރައްވަތެވެ. އެ ކަމަށް ޓަކައި އެތައް އަހަރުތަކެއް ފަނާކުރައްވަތެވެ. އެތައް ފައިސާތަކެއް ހޭދަކުރައްވަތެވެ. ވީމާ މި މަލަކޫތީ ޢާލަމާއި ކައުނާ ބެހޭ ސިއްރުތައް ދެނެގަތުމަށް ބޭނުންވާ  "ބަޞީރަތު" ހޯދުމަށް އިންސާނާ ފަރުވާކުޑަކުރަނީ ކީއްވެގެންހެއްޔެވެ؟ ގިނަ ބަޔަކު ހީކުރާގޮތުގައި ބަޞީރާއަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވެއެވެ. އެއީ "ނަސީބު ފިރުމައިލުން"އެކެވެ. އެއީ "ރުހިވޮޑިގަތުމުގެ ހިނދުކޮޅު"އެކެވެ. އެ ހިސާބުން ހުރިހައި ސިއްރުތަކެއް އޭނާއަށް އެނގޭނެއެވެ.

ކައުނު ދުށުމަށް ހިތަށް ލިބިފައިވާ ބާރަށް އިޝާރަތް ކުރައްވާ "الله والإنسان" މި ފޮތުގައި އަޙުމަދުލްޤަބާންޖީ  ވިދާޅުވެފައިވެއެވެ. ((އިލާހީ ޢިޝްޤަކީ އެ ގޮތަށް ކުއްލިއަކަށް އަންނަ އެއްޗެއް ނޫނެވެ. އެއީ އެއްވެސް ކަމަކާ ނުލައި އިންސާނާގެ ހިތަށް ވަންނަ އެއްޗެއް ނޫނެވެ. މަލަކޫތީ އަދި މާނަވީ ޢާލަމަކީ މި ދުނިޔެއާ ތަފާތު ތަނެކެވެ. ހަވާ ބޮޑު އެދުރުކަލޭގެފާނު ދެއްވާ ދޮންކެޔޮވަކެއް ކައިލައިގެން ދަންނަބޭކަލަކަށް ނުވެވޭނެއެވެ. ކީރިތި ރަސޫލާގެ ޢިލްމުވެރި ޞަޙާބީން ބޮޑެތި ޢާލިމުންނަށް ވެވަޑައިގަތީ ރަސޫލާގެ އަރިހުގައި ޢިލްމު އުނގެނިވަޑައިގަތުމަށް ޓަކައި ރެއާއި ދުވާލު މަސައްކަތްޕުޅުކުރައްވައިގެންނެވެ. އެއް ބޭކަލަކު އަނެއް ބޭކަލަކާ ސުވާލުކުރައްވައި މަޢުލޫމާތު ހޯއްދަވައިގެންނެވެ. މާނަވީ ޢާލަމުގައި އިންސާނާއަށް އެއްޗެއް ޙާޞިލުކުރެވޭނީ މަސައްކަތްކޮށްގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى * وَأَنَّ سَعْيَهُ سَوْفَ يُرَى [3] - އަދި އިންސާނާޔަށް އޭނާ ކުޅަ عملއެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން، އޭނާ ކުޅަ عملއެއް ނިކަންހުރެ އޭނާ ދެކޭނެތެވެ.))

އިޝާރާތްތައް ދެނެގަތުން:

ކައުނުން އިންސާނާގެ މައްޗަށް އޮހޭ އިޝާރާތްތައް ދެނެނުގަނެވޭ މީހާއަށް ޢިބާރާތްތަކުން އަސަރެއް ނުކުރާނެތެވެ. ޙަޔާތުގެ ކޯޑުތައް ދެނެގަތުމުގެ ބާރު ލިބިފައިވާ މީހަކަށް ވެވޭތޯ އިންސާނާ މަސައްކަތްކުރާން ޖެހޭނެއެވެ. ޞޫފީން ވިދާޅުވެއެވެ. "ޙަޤީޤަތުގެ ކަނޑުން ވާގި ހޯދާ މީހާގެ ގަލަމަކުން ދުވަހަކު ވެސް ދެއްޔެއް ނުހިކޭނެތެވެ." މަލަކޫތުގެ ދެލީން ވާގި ހޯދާ މީހާގެ ޝައުޤުވެރިކަން ނިމުމަކަށް ނާންނާނެތެވެ. އޭނާގެ ބަޞީރަތެއް ނުނިދާނެތެވެ. ކީރިތި ރަސުލާ ޙަދީސް ކުރެއްވިއެވެ. (( إِنَّ الله لا يَنْظُرُ إِلى أَجْسامِكْم، وَلا إِلى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ[4] - ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ހަށިތަކަކަށް އަދި ބުރުޞޫރައަކަށް ބައްލަވައިވޮޑިނުގަންނަވަތެވެ. އެހެނަސް އެކަލާނގެ ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމިހުންގެ ހިތްތަކަށެވެ. )) މާނައަކީ އިލާހީ ބައްލަވައިވޮޑިގަތުން އޮތީ ހިތަށެވެ.

ބެލުމާއި ފިކުރުކުރުމާއި މަލަކޫތީ ޢާލަމަށް ހުޅުވިގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ދިގު ރާސްތާއެކެވެ. ބުރަތައް ތަޙައްމުލުކުރާން ޖެހޭ މަގެކެވެ. އިންޑިޔާގެ މަޝްހޫރު ޝާޢިރު ރަބިންދުރަނާތު ޓޭގޯރު ވިދާޅުވާ ގޮތުގައި މީހަކު މޫދަށް އެރި ބަކަތެޅިއަސް އޭނާއަކަށް ކަޑު ހުރަހެއް ނުކުރެވޭނެއެވެ.

ޙައިރާންކަމުގެ ބޮޑުކަމާއެވެ! ހުޅަނގުގެ ސައެންސީއަކު އެތައް ހާސް ފަހަރަކު ތަޖުރިބާކޮށްގެން ކަމެއް ކާމިޔާބުކޮށްފި ނަމަ އަޅުގަނޑުމެން އޭނާއަށް ތާރީފުކޮށް އަތްތިލަބަޑިތަޅަމުއެވެ. މިސާލަކަށް އިނގިރޭސިވިލާތުގެ ޖޭމްސް ޑައިސަނަކީ  ކަރަންޓު ހަކަތައިން ކުނިކަހައިދޭ  ފިހިގަނޑެއް އީޖާދު ކުރެއްވުމަށް ޓަކައި ދިހަވަރަކަށް އަހަރުގެ ތެރޭގައި  ފަސް ހާސް ނަމޫނާ ފަރުމާކުރެއްވި މޭސްތިރިއެކެވެ. އެހެނަސް އަޅުގަނޑުމެން މިއަދު އެއްފަހަރު މަސައްކަތްކޮށްލައިފައި ނާކާމިޔާބުވެއްޖެ ނަމަ، އެ މަސައްކަތް ހުއްޓައިލައިފައި ގެއަށް ވަންނަމުއެވެ.  

ފުޅައު، ތަނަވަސް، ސަރާސަރު މި ކައުނު ދުށުމަށް ޓަކައި ތިބާ ހުރި ތަން  ބަދަލުކުރާން އެބަ ޖެހެއެވެ. ޚަލްވަތަކީ ކައުނު ދުށުމަށް ޓަކައި ތިބާއަށް ލިބިފައިވާ ދޮރެވެ. ކައުނު ދުށުމަށް ޓަކައި ހިތް ހުޅުވައިލާން ތިބާއަށް ސަހަރާ ތެރެއަށް ނުކުމެވިދާނެއެވެ. ކަނޑަށް ނުކުމެވިދާނެއެވެ. މީހުންނާ ދުރު ކުޑަ އާބާދީއެއްގެ ދަނޑުބިމަކަށް ނުކުމެވިދާނެއެވެ. ޢާލިމުން ވިދާޅުވަނީ "ޙަޤީޤަތަކީ ވާޞިލުވާން އެދޭ އިސްޓޭޝަނެއް ނޫނެވެ. ދާއިމީ ސިފައެއްގައި ގައުތައް ފުރޮޅަންޖެހެއެވެ. ރޫޙާނީ ދުނިޔެއަށް ވާޞިލުވުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރާން ޖެހެއެވެ. ކުށް ހެދުނަސް ހުއްޓައިނުލާށެވެ. އަމާޒަށް ލައްވައިލުމުން ލިބޭ ލައްޒަތު ފޮނިވާނެއެވެ. ލިބޭ އުފާވެރިކަން ބޮޑުވާނެއެވެ. އެންމެ ރަނގަޅު ޢަމަލަކީ ވިސްނައި ފިކުރުކުރުމެވެ.

ކީރިތި ޤުރްއާނުގައި ކައުނާ ބެހޭ ގޮތުން ﷲގެ 1300 ވަޙީ ބަސްފުޅު އައިސްފައި ވެއެވެ. މި ހުރިހައި އާޔަތްތަކެއް ވެސް ބޭނުންވަނީ އިންސާނާއަށް މި ކައުނު ދެއްކުމަށް ޓަކައި އޭނާ އުފުލައިލާށެވެ. މަލަކޫތީ ޢާލަމަށް ދަތުރުކުރުމަށް ޓަކައެވެ. ހިތުގެ ތެރެއަށް ނޫރާއި އަލިކަން ވަނުމަށް ޓަކައި ހިތުގެ ފާރުތައް ތަޅައިލާން ޖެހެއެވެ. ޙަޔާތުގެ ފިނިކަން ދެނެގަނެވޭނީ އަލިފާނުގެ ދިލައިގައި ޖެހިގެންނެވެ. މަލަކޫތީ ދަތުރަކީ ބުރަ ދަތުރެކެވެ. ދަހިވެތިކަމާ އެކު، އެ ކަމަށް މަސައްކަތްކުރާން ޖެހޭ ދަތުރެކެވެ. ބޮޑީ ބިލްޑްކުރާ މީހަކަށް އެ ރީތި ހަށިގަނޑާއި މަސްތައް ލިބެނީ ވަރަށް ހިތްވަރާ އެކު ކަސްރަތުތައް ގަވައިދުން ކޮށްގެންނެވެ. ހަށިގަނޑަށް ފައިދާހުރި ކާނާތައް ކައިގެންނެވެ. ކުނިބުންޏާ ދުރުހެލިވެގެންނެވެ. ކިތަންމެ މީރަސް  އެ ބުނާ ކުނިބުނި ކައިގެން ނުވާނެއެވެ. އިންސާނާ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް ތަދައްބުރުކުރާ މީހަކަށް ވެވޭނީ ހިތުގެ މަސްތައް ވަރުގަދަކޮށްނެވެ. މާތް ﷲގެ ބަސްފުޅަކީ (( أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ[5] - ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައި ހަދާނޭ ހިތްތަކެއް އެއުރެންނަށް ވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީ ނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.))

ގިނަ ބަޔަކު މި މާއްދީ ކައުނަށް ނޫނީ ބަލާކަށް ބޭނުމެއް ނުވެއެވެ. މި މާއްދީ ކައުނަކީ ވެސް ޙަޤީޤަތްތަކާއި އަޖައިބުތަކުން ފުރިގެންވާ ތަނެކެވެ. ޢާލިމުން ވިދާޅުވާ ގޮތުގައި ޚާލިޤާ ހަމައަށް ދެވޭނީ މަޚުލޫޤާތުތަކުގެ ނޭވާތަކުންނެވެ. ﷲގެ މަޚުލޫޤާތުތަކުގެ ޢަދަދު އެނގޭ ނަމަ  ޚާލިޤުގެ މަތިވެރިކަން އެނގޭނެތެވެ. ޢިލްމީ ދިރާސާތައް ބުނާ ގޮތުގައި މި ބިމުގައި 8.7  މިލިޔަން ތަފާތު ބާވަތުގެ ދިރޭ އެއްޗެހި އުޅެއެވެ. އޭގެތެރެއިން 6.5 މިލިޔަން ބާވަތުގެ ދިރޭ އެއްޗެހި އުޅެނީ އެއްގަމުގައެވެ. އަނެއް 2.2 މިލިޔަން ބާވަތުގެ ދިރޭ އެއްޗެހި އުޅެނީ ކަނޑުގައެވެ. އެއްގަމުގައި އުޅޭ ބާވަތްތަކުގެ ތެރެއިން 86 % ވެސް އަދިއެއް ނުހޯދެއެވެ. ކަނޑުގައި އުޅޭ ދިރޭ އެއްޗެހީގެ ބާވަތުގެ ތެރެއިން 91 % ބާވަތް އުޅެނީ ފުން ކަނޑުތަކާއި މާކަނޑުތަކުގައެވެ. މިއަދު މި ބިމުގައި އުޅޭ 8 ބިލިޔަން މީހުންނަކީ  ﷲގެ ޚަލްޤުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާވަތެކެވެ.

އިންސާނާއަށް ވެސް އޭނާގެ ޙަޤީޤަތް  ވަނީ އަދިވެސް ދެނެނުގެނެވިފައެވެ. މި ޙަޤީޤަތާ ކުރިމަތިލާން ބޭނުންނުވާ މީހުން އަމިއްލައަށް މަރުވެ ދުނިޔެއާ ވަކިވާ ތަން ފެނެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރަކު 800 ހާސް މީހުން އަމިއްލައަށް މަރުވެއެވެ. ކާއެއްތިކޮޅެއް ނުލިބިގެން މަރުވާ މީހުން މަދެއްނޫނެވެ.

މަރުޖިޢުތައް:

[1]  - ޖަރްމަނުގެ ފިލޯސަފަރެއް ކަމުގައިވާ ނީޗޭ

[2]  -  أخرجه الخرائطي في ((اعتلال القلوب)) (٥٠)، وابن عدي في ((الكامل في الضعفاء)) (٥/٢٨٣)، والبيهقي في ((شعب الإيمان)) (٢٠١٤) 

[3]  - النجم: 39- 40

[4]  - لألباني، صحيح الترغيب ( ١٥) 

[5]  -  الحج : 46

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
މަރީ
އަދަބީ ގިނަ ޢޫންސުރުތައް ހިމަނުއްވައިގެން ލިޔުއްވައިފައިވާ މޮޅު ދީނީ ލިޔުމެއް.
06 Jul 2024