Advertisement

ތެދު ވަރަޢަވެރިކަމާއި ދޮގު ވަރަޢަވެރިކަން

05 Jul 2024 | 15:52
ވަރަޢަވެރިކަމަކީ މުހިންމު ސިފައެކެވެ.

ލިޔުނީ: އައްޝައިޚު ޝަފީޢު ޢަބްދުﷲ

ދިވެހި ބަސްފޮތުގައި ވަރަޢަވެރިކަން މާނަކޮށްފައި ވަނީ ތަޤުވާވެރިކަމާއި ދީންވެރިކަމުގެ މާނައިގައެވެ. ނަމަވެސް މިއީ އެ މުޞްތަލަޙުގެ ޢާންމު މާނަކަމަށް ދެންނެވިދާނެއެވެ.

ދީނީ ނަޒަރަކުން ބަލާ އިރު، ވަރަޢަވެރިކަމުގެ ޚާއްޞަ މާނައަކީ މާތް ﷲ ނަހީކުރައްވައިފައިވާ ކަންކަމުން ދުރުވުމާ އެކު، މަކުރޫހު ކަންކަމުން ވެސް ދުރުވުމެވެ. މާނައަކީ، އެ ކަމަކީ، ޙަރާމްކަމަށް ވިޔަސް ނުވިޔަސް، ނޭދެވޭ ހުރިހައި ކަމަކުން ދުރުހެލިވުމެވެ.

ވަރަޢަވެރިކަން ދެ ބަޔަކަށް ބެހިދާނެއެވެ. އެއީ ތެދުވެރި ވަރަޢަވެރިކަމާއި، ދޮގުވެރި ވަރަޢަވެރިކަމެވެ. ނުވަތަ ތެދު ވަރަޢަވެރިކަމާއި ދޮގު ވަރަޢަވެރިކަމެވެ.

ދޮގު ވަރަޢަވެރިކަމަކީ، ހަމައެކަނި ބޭރުފުށުން ދައްކައިލާ ދެއްކުމެކެވެ. ބޭރު ފުށުން ތިމާޔަކީ ވަރަށް ދީންވެރި މީހެއްކަން ދެއްކުމެވެ. މީހުންގެ ތެރޭގައި އުޅޭ އިރު، ތިމާޔަކީ މާތް ﷲއަށް ވަރަށް ތަޤުވާވެރި މީހެއްކަމުގައި ދައްކައިގެން އުޅުމެވެ. ތިމާޔަކީ، ހަމައެކަނި ޙަރާމް ކަންތަކުން ދުރުވެ ހުރި މީހެއް ނޫން ކަމާއި މަކްރޫހަ އަދި ނޭދެވޭ ހުރިހައި ކަމަކުން ވެސް ދުރުވެ ހުރި، އަދި އެ ކަންކަމަށް ނުރުހުންތެރިވާ މީހެއްކަން ދެއްކުމެވެ. ނަމަވެސް، އެކަނިވާ ހިނދު، އެ ފަދަ މީހަކީ، މާތް ﷲ ޙަރާމްކުރެއްވި އެންމެ ބޮޑެތި ފާފަތަކަށް އަރައިގަތުމަށް ވެސް އެއްވެސް ޖެހިލުމެއް ނުވާ މީހާއެވެ. އެ ފަދަ ވަރަޢަވެރިކަމަކީ ދެއްކުންތެރިކަމެވެ. އެއީ ދޮގު ވަރަޢަވެރިކަމެކެވެ.

ތިމާގެ ބޭރު ފުށަށް ސަމާލުކަން ދޭ ގޮތަށް، އެތެރެ ފުށަށް އެއަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ވާނެއެވެ. ތަޤުވާވެރިކަމާއި ވަރަޢަވެރިކަމާއި ދީންވެރިކަމުގެ އަޞްލު އުފެދިގެން އަންނަނީ ހިތުގައެވެ. ބޭރު ފުށުން ފެންނަނީ އެ ކަންކަމުގެ މޭވާއެވެ.

އެހެންކަމުން، ހިތްނިޔަތުގެ ސާފުކަމާއި، ތަޤުވާއާއި ވަރަޢަވެރިކަމުގެ ތެދުވެރި އޮށް ހިތުގައި އިންދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެ ފަދަ މީހަކަށް ޙަޤީޤީ ވަރަޢަވެރިކަން ހާސިލުވާނެއެވެ. މަޚުލޫޤުންނަށް އޭނާ ލަދުގަންނަ ވަރަށް ވުރެ ބޮޑަށް، މާތް ﷲއަށް އޭނާ ލަދުވެތިވާނެއެވެ. އޭނާ ވީ ކޮންމެ ތަނެއްގައި މާތް ﷲއަށް ތަޤުވާވެރިވާނެއެވެ. ބިރުވެތިވާނެއެވެ. ފާޙިޝް، ހަޑިހުތުރު ނޭދެވޭ ކަންކަމަށް އަރައިގަތުމަށް ޖެހިލުން ވާނެއެވެ. އެއީ އޭނާ އެކަނި ހުއްޓަސް ވެހެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހެޔޮ ރަނގަޅު ދީނީ މުޖުތަމަޢަކަށް ހެދުމަށް ޓަކައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ތެދު ވަރަޢަވެރިއަކަށް ވުމަށް ޓަކައި މަސައްކަތްކުރާން ޖެހެއެވެ. ތެދުވެރި ވަރަޢަވެރީންގެ ގޮވައްޗަކީ ސުވަރުގެކަމާ މެދަކު ޝައްކެއް ނެތެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
އައްޝައިޚު ޝަފީޢު ޢަބްދުﷲއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރަށް އެއީ ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސް މަޖައްލާތަކުގައި އޭނާ ލިޔުއްވަމުން ގެންދަވައެވެ.

Advertisement

ކޮމެންޓް