Advertisement

މާތް الله ފޮނުއްވި ހުރިހައި ރަސޫލު ބޭކަލުންނަށް އީމާންވުން

05 Jul 2024 | 00:03
ރަސޫލުބޭކަލުންނަށް އީމާންވާންޖެހެއެވެ.

ޑރ. މޫސާ އަންވަރު ޙަސަން

މާތް الله ގެ ޙިކުމަތްވންތަކާއި އެކަލާނގެ ރަޙުމަތުން އިންސާނުން ބޭކާރު ގޮތުގައި ދުނިޔޭގައި އުޅުމަކަށް ދޫކޮށްނުލައްވާކަމަށް އަހަރެމެން ހެކިވަމުއެވެ. ފައިދާއެއް ނެތް ގޮތުގައި ދޫކޮށެއް ނުލައްވައެވެ. އިންސާނުންނަށް އުފާވެރިކަމުގެ ޚަބަރާއި ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށް ރަސޫލުން ފޮނުއްވިއެވެ. رُّسُلاً مُّبَشِّرِينَ وَمُنذِرِينَ لِئَلاَّ يَكُونَ لِلنَّاسِ عَلَى اللّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللّهُ عَزِيزًا حَكِيمًا. (سورة النساء: ١٦٥) މާނައީ: "އުފާވެރިކަމުގެ خبر ދެއްވާ، އަދި إنذار ކުރައްވާ رسول ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) رسول ން ފޮނުއްވުމަށްފަހު، اللَّه ގެ މައްޗަށް މީސްތަކުން ދައްކާނޭ حجّة އެއް ލިބިގެން ނުވުމަށްޓަކައެވެ. عزيز ވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." ކޮންމެ އުންމަތަކަށް ރަސޫލަކު ފޮނުއްވިއެވެ. وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللّهَ وَاجْتَنِبُواْ الطَّاغُوتَ  (سورة النحل: ٣٦) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسولއަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ." އެއީ އަންނަނިވި އާޔަތުގައި ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا وَإِن مِّنْ أُمَّةٍ إِلَّا خلَا فِيهَا نَذِيرٌ (سورة فاطر: ٢٤) މާނައީ: " އަދި އެ أمّةއަކަށް إنذارކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّة އެއް ނުވެތެވެ."

ކީރިތި ޤުރްއާން ކަނޑައަޅާފައިވާ ގޮތުގައި، މާތް الله އެކަލާނގެ ޙަޟްރަތުން ރަސޫލުން ފޮނުއްވައި ޙުއްޖަތް ޤާއިމު ކުރައްވައި، އެމީހުންގެ ވެރި ރަސްކަލާނގެ ހަޟްރަތަށް، އެމީހުންގެ މައްޗަށް ވަޖިބުވެގެންވަނީ ކޮންކަންކަމެއްކަން ބަޔާން ކުރެއްވުމަށްފަހު ނޫނީ ޙިސާބު ބައްލަވައި ޢަޒާބެއް ނުދެއްވައެވެ. وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولاً (سورة الإسراء: ١٥) މާނައީ: "އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذاب ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ."

ޢިލްމުވެރީންގެ ތެރެއިން މުޙައްޤިޤުން ބަޔާން ކުރައްވައިފައިވާ ގޮތުގައި އިސްލާމީ އުންމަތް ފިޔަވައި އެހެން އުންމަތްތަކުގެ މީހުންގެ ތެރެއިން ޙުއްޖަތް ޤާއިމު ކުރެވިފައި ނުވާ ކާފަރުންނަކަށް ޢަޒާބެއް ނުދެއްވާނެއެވެ. އެމީހުންގެ މައްޗަށް އިސްލާމްދީނުގެ ޙުއްޖަތް ޤާއިމު ކުރުމާއި އެކު، މި ދީނުގައިވާ ކަންކަމާއި މެދު ވިސްނާ ފިކުރުކޮށް، ދީނާއި މެދު ބަޙްޘުކޮށް، ދީން ފޯރުކޮށްދިނުމަށް ފަހުއެވެ. އެހެން ނަމަވެސް ޣާފިލުން ނުވަތަ ދެކޮޅު ހަދާ މީހުންނާ މެދު ޙުއްޖަތް ޤާއިމު ކުރުމެއް ނުވެއެވެ.

ޔަޤީން ކަމާއެކު ބުން ޖެހެނީ، އަބަދު ވެސް އިންސާނުންނަށް، މާތް الله ޚާއްޞަ ކުރައްވައިފައިވާ ނަބީބޭކަލުންގެ ސާފު ސީދާ ރިސާލަތެއް އިންސާނުންނަށް ބޭނުންވެއެވެ. އެކަލާނގެ މަޚްލޫޤުންގެ ތެރެއިން އެންމެ މާތް މަތިވެރި މަޚްލޫޤުންނެވެ. އަދި ޙިކުމަތާއި ސިކުނޑީގެ ގޮތުން އެންމެ ތަނަވަސް މީހުންނެވެ. وَإِذَا جَاءتْهُمْ آيَةٌ قَالُواْ لَن نُّؤْمِنَ حَتَّى نُؤْتَى مِثْلَ مَا أُوتِيَ رُسُلُ اللّهِ اللّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ سَيُصِيبُ الَّذِينَ أَجْرَمُواْ صَغَارٌ عِندَ اللّهِ وَعَذَابٌ شَدِيدٌ بِمَا كَانُواْ يَمْكُرُونَ (سورة الأنعام: ١٢٤) މާނައީ: "اللَّه، އެކަލާނގެ رسول ކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ." ސިކުނޑިން ވިސްނައިގެން ހުރިހާ ކަމެއްގެ ޙަޤީޤަތަކާ ހަމަޔަށް ވާޞިލެއް ނުވެވޭނެއެވެ. އަދި ޚާއްޞަ ގޮތެއްގައި މާތް الله سبحانه وتعالي އެކަލާނގެ އަޅުތަކުންނާއި މެދު ރުހިވޮޑިގަންނާ ކަންކަމެވެ. އެކަންކަން ދެނެގަތުމަށްޓަކައި އެހީތެރިއެއްގެ އެހީތެރިކަން ބޭނުންވެއެވެ. ކުށެއް ކޮށްފިނަމަ އެކަން ރަނގަޅު ކުރުމަށް ބޭނުން ވެއެވެ. އެކަމަށް އެހީތެރިވެދޭ އެއްޗަކީ ވަޙީ އެވެ. އެއީ ވަޙީގައި ބުނާ އެއްޗެއް ސިކުނޑިން ވިސްނާ ގަތުމަށް ޓަކައި އަލިކަމުގެ ތެރެއަށް އިތުރު ކުރެވޭ އަލިކަމެވެކެވެ.

ރަސޫލު ބޭކަލުންގެ މުހިންމަތަކީ، މާތް اللَّه އެކަލާނގެ ލޯބިވެ ވޮޑިގަންނަވާ ގޮތަށް މީސްތަކުންނަށް ސީދާވެގެންވާ މަގަށް މަގު ދެއްކުމެވެ.

އިންސާނާގެ ސިކުނޑި ބަލައިގަންނަ ނުވަތަ ޤަބޫލު ކުރާ ގޮތަށް، ބޮޑެތި މައްސަލަތަކުގައި ސީދާ ވެގެންވާ މަގަށް މަގު ދެއްކުމެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިންނެވެ. لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ. (سورة الحديد: ٢٥)  މާނައީ: "ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެ رسول ންނާއެކު، ފޮތާއި، عدل إنصاف ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائم ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ."

ކަމެއްގައި ޚިޔާލު ތަފާތު ވެއްޖެނަމަ، އެކަމަކާއި މެދު ޙުކުމް ކުރުމަށެވެ. އެ ޙުކުމެއް ރައްދު ކުރުމެއް ނުވާ އެކަލާނގެ ޙުކުމުން ޙުކުމުން، ޙުކުމް ކުރާށެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިންނެވެ. كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُواْ فِيهِ وَمَا اخْتَلَفَ فِيهِ إِلاَّ الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ فَهَدَى اللّهُ الَّذِينَ آمَنُواْ لِمَا اخْتَلَفُواْ فِيهِ مِنَ الْحَقِّ بِإِذْنِهِ (سورة البقرة: ٢١٣) މާނައީ: "މީސްތަކުން އެއް أمّة އެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، اللَّه، އުފާވެރިކަމުގެ خبر ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި إنذار ކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި خلاف ވި ކަންތައްތަކުގައި حكم ކުޅައުމަށް، އެބޭކަލުންނާ އެކުގައި حق ގޮތުގައި ފޮތް ބާވައިލެއްވިއެވެ. އެފޮތް ލިބިގެންވާ މީހުން މެނުވީ، އެ ފޮތާ މެދުގައި خلاف އެއް ނުވިއެވެ."

އިންސާނީ ތަޖުރިބާ އާއި ތާރީޚު ޘާބިތުކޮށްދޭ ގޮތުގައި އިންސާނުންނަށް، އެމީހުންނަށްވުރެ މަތީފެންވަރުގެ ޝަރްޢީ މަރުޖީޢެއް ބޭނުންވެއެވެ. އެއީ ރަނގަޅު ގޮތާއި މަޞްލަޙަތު ހުރި ގޮތަށް ރައްދު ކުރުމަށްޓަކައެވެ. އިންސާނާ އޭނާގެ ހަމައެކަނި ސިކުނޑިއަށް ބަރޯސާ ނުވުމަށްޓަކައެވެ. ވަރަށް ގިނައިން ހެޔޮކަންކަމާއި ނުބައިކަންކަން އެނގުމަށްފަހު ވެސް ހަވާ ނަފުސާއި ޝަހަވާތު ތަކަށް އެނބުރިގެން ދެއެވެ. އަވަސް އަރުވާލުމާއި ޒާތީ މަޞްޙަތަށް އެނބުރެއެވެ. އެމީހުންނަށް ފައިދާއެއް ނެތް ގެއްލުން ހުރި ޤާނޫނުތަކާއި ނިޒާމުތަކަށް އެއްބަސްވެއެވެ. މިސާލަކަށް އެމެރިކާގެ ބައެއް ސިޓީތަކުން ރާލުގެ ގެއްލުން އެނގުމާއި އެކު، ބައެއް ވިލާޔަތްތަކުން ހަވާ ނަފުސުގެ އެދުން ތަކަށް ތަބަޢަވެ، ރާ އުފައްދާ، ރާބޮއި، ވިޔަފާރި ކުރުންމަށް ރާ ހުއްދަ ކުރެއެވެ."[1]

މާތް الله سبحانه وتعالي ގެ ޙިކުމަތްވަންތަ ކަމުގެ ތެރޭގައި، ކޮންމެ ޤައުމަކަށް ވެސް އެ ޤައުމުގެ މީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވުން ހިމެނެއެވެ. އަދި އެ ރަސޫލެއްގެ ރިސާލަތަކީ ޒަމަނީ ރިސާލަތެއް ކަމުގައި ލައްވައިފައިވެއެވެ. އެއީ އެހެން ނަބިއްޔަކު ފޮނުއްވަންދެނެއެވެ. އަދި ކުރީގެ ރިސާލަތުން އެކަލާނގެ އިރާދަ ކުރައްވާ ބައިތަކެއް މަންސޫޚު ކުރައްވައެވެ. އެ ޒަމާނަކަށް އެތަނަކާ ގުޅޭ ގޮތަށެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިންނެވެ. لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (سورة المائدة: ٤٨)  މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ." އަދި ބައެއް ފަހަރަށް ކުރީގެ ނަބީބޭކަލަކަށް ބާވައިލެއްވި ޝަރިޢަތަށް ތަބަޢަވާ ބޭކަލެއްގެ ގޮތުގައި ފަހުން ފޮނުއްވާ ނަބިއްޔާ ވެގެން ދެއެވެ. އެއީ ބަނީ އިސްރާއީލުގެ ގިނަ ނަބީބޭކަލުން ފަދައިންނެވެ.

އެންމެ ފަހުގެ ނަބިއްޔާ ފޮނުއްވުމާއި ހަމަޔަށް އެކަން ދެމިގެން ގޮސްފައިވަނީ އެގޮތަށެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޝާމިލު ތާއަބަދަށް ދެމިގެންވާ ހުރިހާ ޒަމާނަކަށް ތަނަކަށް ފެތޭ ރިސާލަތެއްގެ ގޮތުގައި ވަނީ ލައްވާފައެވެ. އިންސާނުންގެ ދިރުއުޅުމުގެ ޙަޔާތުގެ ހުރިހާ ކަމެއް އެ ރިސާލަތުގައި ޝާމިލު ކުރައްވައިފައިވެއެވެ. މިކަމަށް އިޝާރަތް ކުރައްވައި އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِين (سورة الأنبياء: ١٠٧)   މާނައީ: "އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ  (سورة الأحزاب: ٤٠) މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ."

وَيَوْمَ نَبْعَثُ فِي كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ وَجِئْنَا بِكَ شَهِيدًا عَلَى هَـؤُلاء وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَى لِلْمُسْلِمِينَ  (سورة النحل: ٨٩) މާނައީ: "އަދި ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ."

އިންސާނާ ކުރިއަރައި ފުރިހަމަ ކަމުގެ ދަރަޖައަށް ދާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެ މީހުންގެ ތެރެއަށް އެންމެ ފަހުގެ ރަސޫލާ އާއި ފޮތާއި ޝަރިޢަތް ބަވައިލައްވަން ޖެހޭނެ ކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ ޒަމާނަކަށް ތަނަކަށް އެކަށީންގެވާ މަބަދީތަކެއް އެ ޝަރިޢަތުގައި އެކުލެވެން ޖެހޭނެކަން ދެނެވޮޑިގެންވެއެވެ. އަދި އެއީ ދާއިމީ އެއްޗަކަށް ވުން ލާޒިމު ވެގެން ވެއެވެ. ކުރިއެރުމާއި ތަރައްޤީގެ ތެރޭގައި ތަނަވަސްކަމާއި ފަސޭހަކަން އެޝަރިޢަތުގައި އެކުލެވެން ޖެހޭނެކަން ދެނެވޮޑިގެންވެއެވެ. އިސްލާމީ އަޖުޒަޚާނާ އިން ހުރިހާ ކަމަކަށް ޝިފާލިބިގެންދާނެ ފަދަ ގޮތަކަށެވެ. އެ ޝަރިޢަތުގެ މަސްދަރު ތަކުގައި ހުރިހާ ކަމަކަށް މަގުފެންނަ ގޮތަށް މަޞްދަރުތައް ލެއްވިއެވެ. ކޮންމެ ސުވާލަކަށް ޖަވާބެއް ލެއްވިއެވެ. ހުރިހާ ދަތިކަމަކުން އެއްވެސް ތަކުލީފެއް އުނދަގުލެއް ނެތި ނުކުމެވޭނެ މަގު ލެއްވިއެވެ.

އިސްލާމީ ޢަޤީދާގެ އެންމެ ޚާއްޞަ އެއްކަމަކީ، އެކަލާނގެ ބާވައިލެއްވި ހުރިހާ ފޮތަކަށް އީމާންވުމުގެ ފަލްސަފާއެވެ. އެކަލާނގެ ފޮނުއްވި ކޮންމެ ރަސޫލަކަށް އީމާން ވުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަމުގައި ލެއްވިއެވެ. އެކަންކަންކަމަށް އީމާން ނުވާ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އެކަލާނގެ މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވައިފައިވެއެވެ. قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ

(سورة البقرة: ١٣٦) މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވައިފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވައިފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ."

ޢަޤީދާ އަކީ ބިނާ ކުރެވޭ އެއްޗެކެވެ. ހަލާކު ކުރެވޭ އެއްޗެއް ނޫނެވެ. އެއީ ޞައްޙަ ފުރިހަމަ ވެފައިވާ އެއްޗެކެވެ. ކުރީގެ ބުނުންތައް ތެދުކުރާ އެއްޗެކެވެ. އެއީ މާތް الله سبحانه وتعالي އެކަލާނގެ ރަސޫލާއަށް އަށް އަންގަވައިފައިވާ ފަދައިންނެވެ. وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ (سورة المائدة: ٤٨)  މާނައީ: " އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރީން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ."

[1]  حرمت الولايات المتحدة الخمرسنة 1920 م ثم أباحته سنة 1933م

އެޑިޓަރުގެ ނޯޓް
ޑރ. މޫސާ އަންވަރު ޙަސަނަނީ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވައިފައިވާ މަޝްހޫރު ދީނީ ޢީލްމުވެރިއެކެވެ. ދާޢީއެކެވެ. ވާޢިޡެކެވެ. އޭނާވަނީ ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސްމަޖައްލާގައި ލިޔުއްވުމުގެ އިތުރަށް ދީނީ ރޮނގުން މީސްތަކުން ހޭލުންތެރިކުރެއްވުމަށް ޓަކައި މީސްމީޑިއާގައި ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް