Advertisement

ކީރިތި ޤުރުއާނުން ފިލާވަޅެއް (1): އަނިޔާވެރި އުންމަތްތަކާއި އަދި އަނިޔާވެރި ފަރުދުންގެ ނިމުން

04 Jul 2024 | 00:27
މައުޟޫޢާ ގުޅޭ ބައެއް ފޮތްފޮތް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އުންމަތްތައް އުފަންވެ، ކުރިއަރައި ބާރުގަދަވެދެއެވެ. އިރުއަރައި އިރުމެދުޖެހޭ ފަދައިންނެވެ. ދެން، އެއަށްފަހު، އެ އުންމަތްތަކުގެ ހަށިގަނޑަށް ބަލިކަށިކަން އައިސް، އެންމެ ފަހުން، އެ އުންމަތްތަކަށް ނިމުން އައިސް، ނެތިދެއެވެ. އިރު މެދުޖެހުމަށް ފަހު، ހުޅަނގާ ދިމާއަށް ދަތުރުކޮށް އޮއްސޭ ފަދައިންނެވެ. އުންމަތްތަކަށް ބާރުދީ، ދިރުންދިން އަޚުލާގީ އަގުތައް ގެއްލި ދިޔުމުގެ ސަބަބުންނެވެ.

މިފަދަ އުންމަތްތަކުގެ ވާހަކައާއި އެ އުންމަތްތަކުގެ ނިމުން އައި ގޮތާއި އެ ކަމުގެ ތަފުސީލީ ވާހަކަތައް، މުއައްރިޚުން، އެ ބޭކަލުންގެ ލިޔުއްވުންތަކުގައި ބަޔާންކުރެވިފައިވެއެވެ. މިގޮތުން ލިޔެވުނު، އިހުގެ ބައެއް މުހިންމު ލިޔުންތަކަށް ބަލައިލާ އިރު، އެންމެ އިހުގެ ލިޔުންތަކުގެ ތެރޭގައި، މީލާދީ ސަނަތުން ސާދަވަނަ ގަރުނުގައި، އިބްނު ޚަލްދޫނު، ލިޔުއްވި އޭނާގެ ތާރީޚުގެ މުގައްދިމާ ހިމެނެއެވެ. މީގެ އިތުރަށް، އިނގިރޭސި މުއައްރިޚު، ގިބަންސްގެ 'ރޫމީންގެ އެމްޕަޔާގެ ކުރިއެރުމާއި ވެއްޓުން'، މިފޮތް ވެސް، ހިމެނެއެވެ. މިފޮތުގެ ފުރަތަމަ ޖިލްދު ޝާއިއުކުރެވުނީ 1776ގައެވެ. އަދި އޭގެ އެންމެ ފަހު ޖިލްދު ޝާއިއުކުރެވުނީ 1789ގައެވެ. މީގެ އިތުރަށް، 'އުންމަތްތަކުގެ ކުރިއެރުމާއި ވެއްޓުމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟'، މި ސުރުޚީގެ ދަށުގައި، ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި ހިމެނުނު މުހިންމު އިސްލާމީ އިސްލާހީ ލިޔުންތެރިއެއް ކަމަށްވާ މައުދޫދީ، 1947ގައި އޭނާދެއްވި ތަގުރީރެއްގައި ވެސް، އުންމަތްތައް ވެއްޓި، ނެތިދާ ގޮތުގެ މައްޗަށް، ޚުލާސާ ގޮތެއްގައި ބައްލަވައިލައްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ، 1994ގައި، ޖިމް ނެލްސަން ބްލެކް، އޭނާގެ 'އުންމަތްތަކުގެ މަރު އަންނަ ހިނދު: ބޮޑު ނުރައްކަލެއްގެ ކުރިމަތީގައި ސަގާފަތެއްވާ ކަމުގެ ދިހަ އަލާމަތް'، މި ފޮތުގައި ވެސް މި މަޢުޟޫޢުގެ މައްޗަށް އަލި އަޅުވައިލައްވައިފައި ވެއެވެ.

އުންމަތްތައް ވެއްޓިދާ ގޮތުގެ މައްޗަށް ބަލައިލައިފައި މި ހަތަރު ލިޔުމުގައި ވެސް، އިއްތިފާގުވެފައިވާ ކަމެއް ފާހަގަވެއެވެ. އުންމަތްތައް ނެތި ދަނީ، އެ އުންމަތުގެ އަޚުލާގީ އަގުތައް ނެތި ދިޔުމުން ކަމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ލަފާކަމާއި ސާލިހުކަން، ހަމަހަމަކަމާއި އަދުލުވެރިކަން، މި ފަދަ އަޚުލާގީ މާތް ސިފަތައް ނެތުމުންނެވެ.

އިބްނު ޚަލްދޫންގެ މުހިންމު ފޮތެއް<br>

މަތީގައި ނަންގަނެވުނު ލިޔުންތަކުގެ ތެރެއިން އެންމެ އިހުގެ ލިޔުން ކަމުގައިވާ އިބްނު ޚަލްދޫނު، އޭނާގެ މުގައްދިމާގައި، އުންމަތްތަކާއި ޙަޟާރާތްތައް ވެއްޓި ނެތިދިޔުމުގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން ލިޔުއްވައިފައި ވެއެވެ. އެ ކަން މެދުވެރިވަނީ، އެ އުންމަތްތައް ކުރިއަރައި، އެ އުންމަތްތަކަށް މަތިވެރިކަން ގެނެސް، އެ އުންމަތްތަކުގެ އިއްޒަތާއި ގަދަރު އުފުލޭން މެދުވެރިކުރުވި މަތިވެރި ސިފަތައް ނެތިދިޔުމުންނެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އުންމަތްތައް ކުރިއަރައި ދާން މެދުވެރިވާ މުހިންމު ސިފަތަކުގެ ތެރޭގައި ހަރުދަނާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމާއި ގާނޫތުތަކާއި ގަވާއިދުތައް ހިންގައިލުން ހިމެނެއެވެ. ވިޔަފާރިކުރުމާއި ސިނާއަތުގެ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރީން ބައިވެރިނުވުމެވެ. ފަސާދައަށް މަގުފައިވެ ނުދިޔުމައްޓަކައެވެ. ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ފަސޭހައިން ކަންކަން ކުރެވިދިޔުމުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ދައުލަތަށް ދައްކަން ޖެހޭ ވާރުތައް ކުޑަކޮށް ނެގޭ އިގުތިސާދީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެ އިތުރުން، އިބްދާޢީ ތައުލީމީ ނިޒާމެއް ވެސް އޮތުމެވެ. މީގެ މާނައަކީ އާ ހޯދުންތަކާއި އީޖާދުތަކަށް މަގުފަހިކޮށްދޭނޭ ފިކުރީ ޚިޔާލުތައް އުފެއްދުމުގެ ކުޅަދާނަކަށް ކިޔަވާ ސިކުނޑިތަކަށް ލިބިދޭ ފަދަ ތައުލީމީ ނިޒާމެއް އޮތުމެވެ. އިބްނު ޚަލްދޫނު ބަޔާންކުރައްވާ ގޮތުގައި، އުންމަތްތަކާއި ޙަޟާރަތްތައް ވެއްޓި ނެތި ދަނީ މިދެންނެވި ކަންކަމާއި ސިފަތައް ނެތި ދިޔުމުންނެވެ. އަދި، މިއާ ވިދިގެން އުންމަތްތަކުގެ މީހުން "އެ މީހުންގެ ކިބައިގައިވާ ހައިވާނީ ސިފަތައް ކުރިއަށް ނެރެ، ހައިވާނުން އުޅޭ ގޮތަށް އުޅޭން ފެށުމުންނެވެ." އާދޭހެވެ! އެ މީހުން އިންސާނުންކަމުގައ ހަދައިލި މާތް އަޚުލާގީ ސިފަތަކާއި ހަމަތައް ނެތުމުންނެވެ. އަރަބި ޅެންވެރިކަމުގެ މި ޒަމާނުގެ ދުނިޔޭގައި ޅެންވެރީންގެ އަމީރުގެ ލަގަބު ދެވިފައިވާ ޅެންވެރިޔާ، އަހްމަދު ޝައުގީ އޭނާގެ ޅެން ބައިތެއްގައި ޚުލާސާކޮށްލައިފައިވާ ފަދައިންނެވެ.

والصدق أرفع ما اهتز الرجال له * وخير ما عود ابنا في الحياة أب

(ވާރޭވެހުމުގެ ސަބަބުން، މަރުވެފައިވާ ބިމެއް، ގުޑުވާލެވި، އެ ބިމަށް ދިރުން އަންނަ ފަދައިން) އިންސާނުންނަށް ދިރުން ގެނެސް (ހެޔޮ ގޮތުގައި) ހަރަކާތްތެރިކުރުވުމަށް ބާރުއަޅުވާ އެންމެ މަތިވެރި އެއްޗަކީ ތެދުވެރިކަމެވެ. އަދި އެސިފައަކީ އެ ސިފައިގެ މަތީގައި، ބަފަޔަކު، ދަރިޔެއް ހާނުވާއި ބޮޑުކުރާނޭ ހެޔޮކަން އެންމެ ބޮޑު ސިފައެވެ.

وإنما الأمم الأخلاق ما بقيت * فإن همُ ذهبت أخلاقهم ذهبوا

އެހެނީ، ހަމަ ކަށަވަރުން ވެސް، އުންމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުންމަތްތައް ދެމި ހުންނަނީ ވެސް އެ ފަދަ ސިފަތައް އެ އުންމަތެއްގެ މީހުންގެ ކިބައިގައި ހުރިހައި ހިނދަކުއެވެ. އެ އުންމަތްތަކުގެ މީހުންގެ ކިބައިން، އެ މީހުންގެ އަޚުލާގީ މާތް ސިފަތައް ނެތި ހިނގައްޖެ ނަމަ، އެ މީހުން ވެސް ނެތި ހިނގައިދެއެވެ.

ކީރިތި ޤުރުއާނުގައިވެސް އުންމަތްތަކުގެ ވާހަކައާއި އުންމަތްތައް ނެތި ދިޔަ ވާހަކަތައް ވެސް އައިސްފައިވެއެވެ. ޘަމޫދު ބާގައިގެ މީހުންނާއި ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. ލޫތުގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެވެ. ފިރުއައުނާއި ގިބްތީންގެ ވާހަކައެވެ. މި އެންމެން ވެސް ނެތިދިޔުމުގެ ސަބަބަކަށްވީ މަތީގައި ބަޔާންކުރެވިދިޔަ އިލާހީ ގާނޫނެވެ. އެ މީހުންނަށް ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅި، އެ މީހުންގެ މުޖުތަމައުތަކުން އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމެވެ. އެ މީހުންގެ ތެރޭގައި، އަދުލު އިންސާފުގެ ކަންތައް ހަމަހަމަ ގޮތެއްގައި ހިންގައިނުލެވުމެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ ހަދީސްފުޅެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. 'ބޮޑު' ބޭކަލަކު ކުށަކަށް އަރައި ގަތުމުން، އޭނާގެ މައްޗަށް ގާނޫނުތައް ނުހިންގެއެވެ. ނަމަވެސް އާދައިގެ މީހަކު ހަމަ އެކުށް ކޮށްފި ނަމަ، އޭނާގެ މައްޗަށް ގާނޫނުތައް ހިންގައިލެވެއެވެ.

މައުޟޫޢާ ގުޅޭ އެންމެ މުހިންމު އާޔަތް<br>

ދެންމެ މި އިޝާރަތްކޮށްލި، ކުރިއަރައި ބާރުގަދަވި އުންމަތްތައް ނެތިދަނީ ކިހިނެއްކަން ވެސް، ކީރިތި ގުރުއާނުގައި ވެސް ބަޔާންކުރެވިފައި ވެއެވެ. މިފަދަ ބަޔާންކުރުމެއް އަލްއަންޢާމު ސޫރަތުގެ 42 ވަނަ އާޔަތުން ފެށިގެން 45 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައި ވެއެވެ. މަތީގައި ނަންގަނެވިދިޔަ، އަޚުލާގީ އިންތައް ހުރަސްކޮށް، އެއިންތައް ފަހަނައަޅައި ދިޔުމުން، އެކިއެކި ގޮތްގޮތުން، އެކަން އުންމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށް ދިނުމުން، އިބުރަތްލިބިނުގަތުމުން، ދެން، އެމީހުން ނެތިކުރައްވައި، އެ މީހުންގެ ނިމުން ގެންނަވައެވެ. މި އާޔަތްކޮޅުގެ މައްޗަށް ބަލައިލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުހައްމަދުގެފާނުގެ އުންމަތުގެ) ކުރިން ވެސް، އުންމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ.

فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސްނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެ ކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން) އެ އުންމަތްތަކާއި ކުރިމަތިކުރެއްވީމެވެ. އެއީ އެ އުންމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ.

[މި އާޔަތް އިތުރަށް ފަހުމުގެ ވިސްނި ދިޔުމަށް ޓަކައި އެއްޗެއް އިތުރުކޮށްލާން ޖެހެއެވެ. އިންސާނާގެ ހުރިހައި ކަމެއް ފުރިހަމަވެފައި އޮތުމުން - ފުރިހަމަ ސިއްހަތަކާއި ދުނިޔަވީ އުފާތައް ހާސިލިކުރުމުގެ ވަސީލަތްކަމުގައިވާ މުދަލާއި ފައިސާ ލިބިފައި އޮތުން - އިންސާނާގެ ހިތް ހަރުވެ، އެއްވެސް އެހެން ކަމަކަށް ނުބަލައި، އޭނާ ބޭނުން ގޮތަކަށް އުޅޭން ފެށެއެވެ. ކީރިތި ގުރުއާނުގެ އެހެން އާޔަތެއްގައި އިޝާރަތް ކުރެވިފައިވާ ފަދައިންނެވެ. أن الإنسان ليطغى أن رآه استغنى - އިންސާނާ ބޮޑާވެ، ހައްދުފަހަނައަޅައި ގޮސް (ހިތުހުރި ގޮތަކަށް ކަންތައްތައް ކުރެއެވެ). އޭނާއަކީ ފުދިފައިވާ މީހެއް ކަމުގައި އޭނާއަށް އޭނާ ފެނުމުންނެވެ.] ދެން، އަންޢާމު ސޫރަތުގެ އާޔަތްކޮޅައިގެން ކުރިއަށް ދާނަމެވެ.

فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަ ނަމައެވެ!

ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންގެ ކަންތައްތައް ހުރީ މިއާ ދިމާ އިދިކޮޅަށެވެ!) އެމީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެމީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެމީހުންގެ ކިބައިން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިއްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެމީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެމީހުންނަށް ދެއްކިއެވެ.

فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެމީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެމީހުން ހަނދާން ނައްތާލައި (އެކަމުން އިބުރަތް ލިބި ނުގަތުމުން، އެމީހުން އެދޭ) ހުރިހައި ކަމެއްގެ ދޮރުތައް އެމީހުންގެ މައްޗަށް ހުޅުވާލެވި (އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެމީހުންގެ އެދުންތައް ހާސިލުވިއެވެ.)

حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون  (އަދި މި ކަމާ މެދު (އެބަހީ އެމީހުންނަށް ލިބުނު މި ދެންނެވި ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެމީހުން ނުވެސް ދެނެ ތިއްބައި،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެމީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެމީހުންގެ ނިމުން ގެންނެވީމުއެވެ.) އެހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެ މީހުން (މުޅިން މާޔޫސް)ވިއެވެ.

فقطع دابر القوم الذين ظلموا ދެން، މި ފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކުވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ.

والحمد لله رب العالمين އަދި (މިކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހައި ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތުގެވެރި މާތް ރަސްކަލާނގެއެވެ.

އާދޭހެވެ! ހެޔޮ މަގުން ފައިކައްސައިލި ހިނދު، އެ މީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވައިލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެ މީހުން ނިމިދިޔައީއެވެ. ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ ފަރުދީ އަދި އިޖުތިމާއީ އަގުތައް އޮތީ ގެއްލިފައެވެ. ނޫނީ ދަނީ ގެއްލެމުންނެވެ. ޒާތީ ތައައްސުބީ ސިޔާސީ ޕާޓީތަކުގެ އަވައިގައި ޖެހިގެންނެވެ. އެ ކަމުގެ ސަބަބުން، އެތައް ބައެއްގެ ލޯތައް ކަނުވެ، ކަންފަތްތައް ބީރުވެ، ހިތްތައް އަނދިރިވެ، މަރުވެއްޖެ ކަހަލައެވެ. މި ފެންނަ ޕާޓީގެ ނިޒާމަކީ ތަން ފުނޑުފުނޑުކޮށްލައި، ތަނުގެ މިނިވަންކަން ނަގައިލައި މުޅި ތަނަށް ބޭރު ބައެއް ވެރިވެ ގަތުމުގެ މަގު ފަހިކޮށްދެމުންދާ ކަމުގެ ހެކިތައް މެންދުރުގެ އިރު ފެންނަން އޮތް ފަދައިން ފެންނާން އޮތް އިރުވެސް އެކަން އެނގޭކަމަކަށް ނުވެއެވެ. ތަނުގައި ކާ އެއްޗެހި ގަތުމުގެ އެކަށޭނަކަން ނެތެމުން ދަނީއެވެ. އެ ކަން ކުރާން ޖެހިފައި އޮތީ ދަރަންޏަށެވެ. ތަނުގެ މުގައްދަސު އެއްވެސް އެއްޗެއް ނެތް ކަހަލައެވެ. ފާޅުގައި ތަނުގެ މުގައްދަސު އެއްޗިއްސާއި ތަންތަނުގެ ހުރުމަތް ނަގައިލެވެނީއެވެ. ދީނާއި މިސްކިތްތަކުގެ ހުރުމަތް ކަނޑައިލެވެނީއެވެ. ރިޝްވަތާއި ފަސާދަވަނީ އާންމުވެ، ހުރިހައި ތަނެއްގައި ހެން އަށަގަނެފައެވެ. މަސްތުވާތަކެތީގެ ވަބާގައި އެތައް ބައެއްވަނީ ޖެހިފައެވެ. އެ ކަމުގެ ވިޔަފާރި ވެސް ދަނީ ކުރިއަށެވެ. އެ ފަދަކަންކަން ހުއްޓުވުމުގެ އެއްވެސް އެދުމެއް ކަމާ ބެހޭ އިދާރާތްތަކުގައި ނެތް ކަހަލައެވެ. އަޚުލާގީ ހުރިހައި ނުބައި ކަމެއް އާންމުވެ، އެއްވެސް ޖެހިލުމެއް ނެތި، ފާޅުގައި ކުރެވެމުން ދަނީއެވެ. ފޯނުކޯލަކުން، ނޫނީ އޮންލައިންކޮށް އެއްޗެހި ގަނެވޭ ފަދައިން، ޒިނޭކުރުމާއި ލިވާތުގެ މުޑުދާރު އަމަލުތައް ހިންގައިލުމުގެ މަގު ފަހިވެ، އާންމުވެ، އެ ކަންކަން ކުރަމުން ދަނީއެވެ.

މި ހުރިހައި ކަމެއް ހިނގަމުންދާ އިރު، ގާނޫނު ނިދައިފައި އޮތް ކަހަލައެވެ. މަތީގައިން ދެންނެވުނު ފޮތްތަކުގައި އުންމަތްތައް ހަލާކުވެ ނެތިދަނީ ކިހިނެއްކަން ބަޔާންކުރެވި ދިޔަ ފޮތްތަކުގައި ލިޔެވި ބަޔާންކުރެވިފައި އޮތް ގޮތުގެ މަތީން، ކަންތައްތައް ވަމުން ދަނީއެވެ. އަދި، ދެންމެ ބަޔާންކުރެވި ދިޔަ އާޔަތްކޮޅުގައި އޮތް ފަދައިން، އެންމެންނަށް ފެންނަ ގޮތެއްގައި އެންމެންގެ ކުރިމައްޗަށް އެ ކަންތައްތައް ވަނީ ނެރެވި، ހަނދާންކޮށްދެވިފައެވެ. އަޅުގަނޑުމެންގެ ޖަމާއީ ހަޔާތުގެ ލަގަން އެ ބަޔެއްގެ އަތްމަތީ އޮތް މީހުންނަށް އިސްލާހުގެ މަގުގައި އެއްވެސް ހަރުދަނާ ކަމެއް ނުކުރެވޭކަން ބުނެދެވިފައެވެ.

މި ކަމުން އިބުރަތް ލިބިގަނެ، ހެޔޮ ފިޔަވަޅެއް އެޅުމުގެ ވަގުތު ޖެހިއްޖެއެވެ. ކުރިއަށް އޮތީ އެ ދުވަސްތަކެވެ. ތިމާމެން މިއީ ހަގީގަތުގައި ވެސް ވަކި ދީނަކަށް ތަބާވެގެން ތިބި ބަޔެއްކަމުގައި ހިތުގެ އަޑީން، އެއްވެސް ޝައްކަކާ ނުލައި ގަބޫލުކުރާކަމަށްވާ ނަމަ، އެ ދީނުގެ ބޭރުފުށުގެ ކަންކަމަށް އިސްކަންދޭ ފަދައިން، އެ ދީނުގެ ޖައުހަރީ އަގުތަކަށް އެއަށް ވުރެ ވެސް ބޮޑަށް އިސްކަން ދޭން ވެއްޖެއެވެ. ބޭރުގެ ތޮށިގަނޑު ކިތަން ރީތިކޮށް އާފަލެއް ވެސް އެ ފަޅައިލާ އިރު، އޭގެ ތެރޭގައި ފަނިއަޅައި ކުނިވެފައި އޮވެއްޖެ ނަމަ، އެ އާފަލުގެ ބޭނުމެއް ނެތެވެ. ހަމަ އެހެންމެ، ބޭރު ފުށުގެ ކަންކަމަށް އިސްކަންދެވިފައި، ދޮގު ހެދުމާއި ވައްކަމާއި ފަސާދައާއި ބަދުއަޚުލާގީ އަމަލުތައް ހިންގައިލެވޭ ނަމަ، ކުރީން މި ދެންނެވި ކަމުގެ ފައިދާއެއް އޮންނާނެތޯއެވެ؟ ޒާތީ އެއްބަޔަކު އަނެއްބަޔަކަށް ހަސަދަލައި، އެއްބަޔަކު އަނެއްބައިގެ ހަލާކަށް އެދޭ އެދުމާ ދުރަށް ގޮސް، ޕާޓީ ތައައްސުބުން ދުރުވެ، އެންމެން އެކުވެރިވާން ވެއްޖެއެވެ. މި ކަންކަން ނުކުރެވިއްޖެ ނަމަ، މަތީގައި ބަޔާންކުރެވި ދިޔަ އާޔަތް ކޮޅުގައި ހަނދާންކޮށްދެވިފައިވާ ފަދައިން، އެ ކަމުގެ ހިތި ނަތީޖާއާއި ބޮޑު ގެއްލުމާ އެންމެން ވެސް ކުރިމަތިލާން ޖެހޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް