Advertisement

ވިހި އިމާމުން/ޚަޠީބުން ބުރޫނާއީއަށް ފުރަނީ!

03 Jul 2024 | 00:00
އިމާމުންނާއި ޚަޠީބުންގެ ގުރޫޕެއް އުޙުދު ފަރުބަދަ ކައިރީގައި (ފެބްރުވަރީ 2024) (ފޮޓޯ: ފަރަގު އަރުޝީފު)

އަބާ މުޙަންމަދު

ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށް ފަހު، ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ރާއްޖޭގެ އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކުރެއްވުމެވެ. މި މަގުޞަދުގައި އިސްލާމީ އެކި ޤައުމުތަކަށް ޚަޠީބުންނާއި އިމާމުން ފޮނުއްވައިގެން އެ ބޭފުޅުން ތާޒާކުރެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް މި އަހަރު ފެށުމާއެކު ފެއްޓެވި ތަން ވަނީ ފެނިފައެވެ.

ދިވެހިރާއްޖޭގެ އިމާމުންނާއި ޚަތީބުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އިތުރު ތަމްރީނު ދެއްވުމަށް ފަށްޓަވައިފައިވާ ޚާއްޞަ ޕްރޮގްރާމުގެ ތެރެއިން 20 އިމާމަކު މި މަހުގެ 15 ވަނަ ދުވަހު ބުރުނާއީ ދާރުއްސަލާމަށް ފޮނުއްވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިކަމަށް ޚަބަރު ލިބިއްޖެއެވެ. މި ކަން ހާމަކުރައްވައިފައިވަނީ މި ދިޔަ ޖޫން މަހު 30ގައި "ސަރުކާރު"ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޝާއިޢުކުރައްވައިފައިވާ ޚަބަރެއްގައެވެ.

އެނގިފައިވާ ގޮތުގައި އިމާމުންގެ ތަމްރީނު ޕްރޮގްރާމް މި ފަހަރު އޮންނާނީ ބްރޫނާއިގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީއާއި ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައެވެ. ސުލްޠާން ޝަރީފް ޔުނިވަރސިޓީއަކީ ބުރުނާއީގައި އެންމެ ފުރަތަމަ ބިނާކުރި އިސްލާމީ ޔުނިވަރސިޓީކަން ފާހަގަކޮށްލެވެއެވެ.

ދީނީ އިލްމުގެ ރޮނގުން ކުރިއަރައިފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރައްވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފައިވާ އިރު އޭގެ ތެރޭގައި އަރަބި-އިސްލާމީ ގައުމުތަކާއި އެ ނޫން އެހެން ގައުމުތަކުގައި ހުންނަ އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް އިމާމުންނާއި ޚަޠީބުން ފޮނުއްވާނެކަމަށް  އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރީން ވަނީ ވިދާޅުވެފައެވެ. މި ފަދަ ފުރުޞަތުތައް މިއަދު ފަހިވެފައިވަނީ ދިވެހި ސަރުކާރުން އިސްލާމީ ދުނިޔެއާ ބާއްވާ ގާތް ގުޅުމުގެ އިތުރަށް އިސްލާމީ ކަންތައްތކާ ބެހޭ ވަޒީރަށް އިސްލާމީ ގައުމުތަކުން ކުރާ އިޙުތިރާމާއި ބާއްވާ ގާތް ގުޅުމުގެ ސަބަބުންކަމަށް ގަބޫލުކުރާން ޖެހެއެވެ.

އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދެ ބުރެއްގެ މަތިން 38 އިމާމުން/ޚަޠީބުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ފޮނުއްވައިގެން ތަމްރީނުކުރައްވައިފައެވެ. މީގެ ތެރެއިން މި އަހަރު ފެބުރުއަރީ މަހު ސަޢުދީ ޢަރަބިއްޔާއަށް ފޮނުއްވި ޚަޠީބުންނާއި އިމާމުންގެ ތަމްރީނުތަކާ ބެހޭ ތާޒާ ޚަބަރުތައް "ފަރަގު"ގައި ގެނެސްދެވިފައިވާކަން އުފަލާ އެކު ފާހަގަކުރަމެވެ. "ފަރަގު" އުންމިދުކުރަނީ މި ފަހަރު ބުރޫނާއީގައި ބާއްވާ ތަމްރީނު ޕްރޮގްރާމުގެ ޚަބަރުތައް ތާޒާކަމާއެކު "ފަރަގު"ގައި ޝާއިޢުކުރަމުން ގެންދެވޭނެކަމަށެވެ.

ރާއްޖޭގައި ތިބި ހުރިހައި އިމާމުންނާއި ޚަޠީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއުގައި ގއ. ގެމަނަފުށްޓާއި ފުވައްމުލަކުގައި ވަނީ ތަމްރީން ޕްރޮގްރާމެއް ހިންގަވައިފައެވެ. މި ފަދަ ޕްރޮގްރާމްތައް ދާދިވަރުކޮށާއި ޢަމަލީ ގޮތުން މުޅި ރާއްޖޭގައި މި އަހަރު ހިންގަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚަބަރުލިބިފައިވެއެވެ.

އިމާމުންނާއި ޚަޠީބުން އިތުރަށް ތަމްރީނުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދު ވަރަށް އިސްކަމެއް ދެއްވައިގެން ކުރއްވަމުން ގެންދަވާ މަސައްކަތްޕުޅެއްކަން ފާހަގަކޮށްލެވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީންގެ ވެސް ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް