ބައިޑެން – ޓްރަމްޕު ބަހުސްގައި ބަލިވީ އެމެރިކާ
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
މި ހުސްވި ޖޫން މަހުގެ 27 ގައި ސީއެންއެނުން ބޭއްވި އެމެރިކާގެ ރިޔާސީ ބަހުސްގައި އެންމެ ބޮޑަށް ފައިދާކުރީ ރޫސީ ރައީސް ޕޫޓިނަށެވެ. މި ބަހުސް އަޑުއަހައިފައި ޗައިނާއިން އެމެރިކާއަށް ކުރީ މަލާމާތެވެ. ދުނިޔެ މި ބަހުސް ބަލައިފައި ޖެހީ ހިނގަނޑެކެވެ. މި ބަހުސުން އެންމެ ބޮޑަށް ގެއްލުން ލިބުނީ އެމެރިކާއަށެވެ. މިއީ ބައިޑެން- ޓްރަމްޕް ރިޔާސީ ބަހުސާ މެދު އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ފަލަ ސުރުޚީތައް ސިފަކޮށްފައިވާ ގޮތްގޮތެވެ.
މި އަންނަ ނޮވެންބަރު މަހު އެމެރިކާގައި ބާއްވާން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ލަފާކުރެވޭ އެންމެ ބޮޑު ދެ ކެންޑިޑޭޓުން (މިހާރުގެ ރައީސް ބައިޑެނާއި ކުރީގެ ރައީސް ޓްރަމްޕް)ގެ ދެމެދުގައި ބޭއްވުނު ރިޔާސީ ބަހުސް ފެށުމާ އެކު، މި ބަހުސް ކާމިޔާބުކުރައްވާނީ ކުރީގެ ރައީސް ޓްރަމްޕްކަމަށް އެންމެން ވެސް ނިންމިއެވެ.
ރައީސް ބައިޑެން ފެނިގެން ދިޔައީ ޢުމުރުން ދުވަސްވީ މީހެއްގެ ގޮތުގައެވެ. އޭނާއަކީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސްކަމަށް ކުރިމަތިލައްވާ އެންމެ މުސްކުޅި މީހާއެވެ. މިހާރު ވަނީ ވަނީ 82 އަހަރާ ކައިރިވެފައެވެ. އެއަށް ވުރެ، ނުރައްކާތެރިކަމެއްގެ ގޮތުގައި ފެނުނީ ޚަރަފުބަލީގެ ޢަލާމާތްތަކެވެ. ބަހުސް ފެށުނީއްސުރެ ނިމެންދެން މި ބަލީގެ ޢަލާމާތްތައް ދުރުންނާއި ގާތުން ފެންނަމުން ދިޔައެވެ. އޭނާއާ ވާދަކުރައްވާ ޓްރަމްޕަކީ ބައިޑެނަށް ވުރެ ހަތަރު އަހަރު ހަގު ބޭފުޅެކެވެ. މި ބަހުސްގައި އޭނާގެ ހަޅޭއްފުޅުލެއްވުންތައް ތަންކޮޅެއް ކުޑައެވެ. ޖަޒުބާތީ ފުންމުންތައް ކުޑައެވެ. ބަހުސް ނިމުމުން ދީމުޤްރާޠީން ބިރާސްވެގެން ދިޔައެވެ. ޖުމްހޫރީން އުފާކުރިއެވެ.
"ރިޔާސީ ބަހުސުން އެންމެ ބޮޑަށް ގެއްލުންލިބުނީ އެމެރިކާއަށް" މި ސުރުޚީގެ ދަށުން އެމެރިކާގެ ނޭޝަނަލް އިންޓަރެސްޓް ވެބް ސަފުހާގައި 90 މިނެޓްގެ މި ބަހުސާ މެދު، ތަޙުލީލީ ނަޒަރަކުން ބަލައިފައިވެއެވެ. މި ސަފުހާ ބުނާ ގޮތުގައި ހިތާމަހުރި ކަމަކީ ރައީސް ޖޯ ބައިޑެންގެ ފުށުން ޚަރަފުގެ ޢަލާމާތްތައް ފާޅުވެގެން ދިޔުމެވެ. އެ ފަދަ ބޭފުޅަކު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުކަމުގައި ވުން ޞައްޙަވެގެން ނުވާކަމަށް މި ސަފުހާގެ ފާޑުކިޔުންތަކުން ރިވެލިވިއެވެ. އެހެނަސް ވަގުތު ނެތުމުގެ ސަބަބުން އެ ޕާޓީގެ ކެންޑިޑޭޓަށް ވާނީ ބައިޑެންކަމަށް މި ސަފުހާ ބުންޏެވެ. ނޮވެންބަރު 5ގައި ބޭއްވޭ އިންތިޚާބަށް ދެން އޮތީ ހަތަރު މަހާއި ދުވަސްކޮޅެކެވެ.
މި ބަހުސަށް ބަލާ އިރު، މި ބަހުސްގައި ދާދިވަރު ގޮތެއްގައި "މޮޅުވީ" ޓްރަމްޕެވެ. އެހެނަސް އެއީ ކުރިމަގުގައި އިތުބާރުކުރެވިދާނެ މޮޅުވުމެއް ނޫނެވެ. މި ސަފުހާގައި އައިސްފައި ވެއެވެ. "މޮޅުވާ މީހަކާއި ބަލިވާ މީހަކު ކަނޑައަޅަނީ އަހުރެމެންކަމުގައި ވާ ނަމަ، އެންމެ ބޮޑަށް ގެއްލުން މި ލިބުނީ އެމެރިކާއަށާއި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެމެރިކާގެ ރައްޔިތުންނަށެވެ."
ނިއުޔޯކް ޓައިމްޒްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި އައިސްފައިވެއެވެ. "ބަހުސްގައި ޓްރަމްޕް މި ވަނީ ދާދިވަރު ގޮތަކަށް މޮޅުވެފައެވެ. މި މުބާރާތުން ބައިޑެން ބޭރަށް ނުލެވިއްޖެ ނަމަ، އެނބުރި ދާން ޖެހޭނީ އުނި ސިފަތަކުން ފުރިގެންވާ ދެ ކެންޑިޑޭޓެއްގެ ދެމެދުގައި ބޭއްވޭ މުބާރާތަކަށެވެ. އަހުރެމެންނަށް ހޮވާން ޖެހޭނީ އުނި ސިފަތައް އެންމެ މަދު ކެންޑިޑޭޓެވެ. ލަފާކުރެވޭ ކަމެއް ނުހިނގައިފި ނަމަ، އެ ދެ ބޭފުޅުންކުރެ ބޭފުޅަކު އިންތިޚާބުކުރެވޭނެއެވެ.
ސީއެންއެންގެ ރިޕޯޓެއް ބުނާ ގޮތުގައި އެމެރިކާގެ ރިޔާސީ ބަހުސަށް ރަޝިޔާއިން ކުރީ މަލާމާތެވެ. ޚަބަރުފަތުރާ ރޫސީ ވަސީލަތްތަކުން މި ބަހުސަށް ވަރަށް ޚާއްޞަ އިސްކަމެއް ދިނެވެ. މިނިވަން ދުނިޔޭގެ ޒައާމަތުގައި އޮތް އެމެރިކާގެ ބުރުސޫރަ ހުތުރުވެގެން ގޮސްފައިވާކަމަށް ސީއެންއެންގެ ރިޕޯޓު ބުންޏެވެ. ސީއެންއެން ސިފަކުރި ގޮތުގައި މި ބަހުސުން އެންމެ ފައިދާ ލިބިވަޑައިގަތީ ރޫސީ ރައީސް ޕޫޓިނަށެވެ. ސީއެންއެން ބުނި ގޮތުގައި ޓްރަމްޕަށް ކާމިޔާބު ލިބިވަޑައިގެންފި ނަމަ، ޕޫޓިން ވަރަށް އުފާފުޅުވާނެއެވެ.
2022ގެ ފެބްރުވަރީން ފެށިގެން ހިނގަމުންދާ ޔުކްރޭން ހަނގުރާމައަށް މި ބަހުސްގައި ވަރަށް ބޮޑު ހިއްސާއެއް ލިބުނެވެ. އޭގެ ޠަބީޢަތުގައި ޖިއޯސިޔާސީ މަސްއަލައެއްކަމުގައިވާ މި މަސްއަލައިގައި ރަޝިޔާއާއި އެމެރިކާގެ ޚިޔާލު ވަރަށް ތަފާތެވެ. މި ހަނގުރާމައިގައި ރަޝިޔާއާ ދެކޮޅަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.
ޓްރަމްޕަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ، މި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރޫސީ ރައީސް ޕޫޓިން ހުށައަޅުއްވައިފައިވާ ޝަރްޠުތައް ޤަބޫލުކުރައްވާނަންތޯ ދެންނެވުމުން ޓްރަމްޕް މި ހަނގުރާމައިގެ ސަބަބަކީ ބައިޑެންކަމަށް ތުހުމަތުކުރެއްވިއެވެ. އޭނާގެ ރައީސްކަމުގައި މި ހަނގުރާމަ ނުފެށޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ގައުމުގައި ޙަޤީޤީ ރައީސަކު ހުންނެވި ނަމަ، ރައީސް ޕޫޓިނަށް އިޙްތިރާމުކުރައްވާ ރައީސަކު ހުންނެވި ނަމަ، ރަޝިޔާއިން މި ހަނގުރާމައެއް ނުފަށާނެތެވެ."
ޓްރަމްޕްގެ ވާހަކަފުޅުގައި ތަފުސީލުތަކެއް ނުދެއްވައެވެ. އަދި 24 ގަޑި އިރުގެ ތެރޭގައި ހަނގުރާމަ ހުއްޓުވާން އަޅުއްވާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ތަފުސީލެއް ނުދެއްވައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އިންތިޚާބުކޮށްފި ނަމަ ރައީސްކަމުގެ ހުވާކުރުއްވުމުގެ ކުރީން އޭނާ މި ހަނގުރާމަ ހުއްޓުވާނެއެވެ. ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ޕޫޓިންގެ ޝަރުޠުތައް ޤަބޫލުފުޅުކުރައްވާނަންތޯ ދެންނެވުމުން ސީދާ ޖަވާބެއް ނުދެއްވައެވެ.
ޓްރަމްޕާއި ޖުމްހޫރީން ދެކޭ ގޮތުގައި ވޮޝިންގްޓަނަށް އެ ފަދަ ބޮޑު ހޭދައެއް ތަޙައްމުލެއް ނުކުރެވޭނެއެވެ. ރައީސް ބައިޑެން ވަނީ ޔުކްރޭނަށް 175 ބިލިއަން ޑޮލަރުގެ ޢަސްކަރީ އެހީ ދެއްވައިފައެވެ.
މުޙައްލިލުންނާއި ދާރިސުން ތުހުމަތު ކުރައްވާ ގޮތުގައި ބައިޑެން-ޓްރަމްޕް ރިޔާސީ ބަހުސަކީ އެމެރިކާގެ ނިތްކުރީގައި ޖެހުނު މަލާމާތުގެ ލައްގަނޑެކެވެ. ދެ ބޭފުޅުންގެ ސިޔާސީ ޚިޔާލު އުޑާއި ބިމާ ހައި ތަފާތުވިޔަސް އެމެރިކާގެ ކުރިމަގު ކުރައްސަވައިދެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ނުކުޅެދުންތެރިވެވަޑައިގެންފައެވެ. ރޯލިންގް ސްޓޯން މަޖައްލާ ބުނާ ގޮތުގައި އެ ދެ ބޭފުޅުން ދެއްކެވި ގިނަ ވާހަކަތަކަކީ އެ ތަނުން ތަންކޮޅެއް މި ތަނުން ތަންކޮޅެއްގެ ތެރޭގައި ހާވިޔާވެފައިވާ ވާހަކަފުޅުތަކެކެވެ. އެ ބޭފުޅުންގެ ވާހަކަތައް މޭރުން ވާނީ ހަމަ އެ ބޭފުޅުންގެ ފޭލިގޭގެ އަހުލުވެރީންނަށެވެ.
ޔުކްރޭނިޔާގެ "ރަން ޤުއްބުތައް"އާ ބެހޭ ގޮތުން ޓްރަމްޕް ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް ޕުރޮގްރާމު ހުށައަޅުއްވަމުން ގެންދެވި ބޭފުޅަކު އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅުކުރައްވާނަންތޯ ދެންނެވުމުން ޓްރަމްޕް މި ސުވާލަށް އާނއެކޭ ވެސް ނޫނެކޭ ވެސް ވިދާޅެއް ނުވެއެވެ. އޭނާ އިސްކަން ދެއްވީ މި އިންތިޚާބު ސާފު ނަޒާހަތްތެރި އިންތިޚާބަކަށް ވާނެތޯ ސުވާލުކުރެއްވުމުގައެވެ.
ޓްރަމްޕްގެ ޖަވާބު ހަނދާނަށް ގެނެސްދިނީ 2020ގެ އިންތިޚާބެވެ. އެ އިންތިޚާބުގައި އޭރުގެ ރައީސް ޓްރަމްޕް މަސައްކަތްކުރައްވަމުން ވަޑައިގަތި ދެވަނަ ދައުރެއް ކާމިޔާބުކުރެއްވޭތޯއެވެ. އެހެނަސް މޮޅުވީ ވާދަވެރި ކެންޑިޑޭޓް ބައިޑެނެވެ. ޓްރަމްޕް މި ނަތީޖާއާ ދެކޮޅުހައްދަވައި މަސައްކަތް ކުރެއްވީ ތާއީދީން ނެރުއްވައިގެން ނަތީޖާ ބަދަލުކޮށްލެއްވޭތޯއެވެ. ރިޔާސީ ނަތީޖާ ތަޞްދީޤުކުރަމުން ދަނިކޮށް 2020 ޖަނަވަރީ 6ގައި ފެނުނީ ޓްރަމްޕްގެ ތާއީދީންތަކެއް ކޮންގްރެސް ތެރެއަށް ވަދެގަތް ތަނެވެ. އެއީ "އެމެރިކާގެ ދީމުޤްރާޠީ ތާރީޚުގައި ކަޅުދުވަހެއް"ކަމަށް ސިފަކުރެވުނެވެ.
ދެ ބޭފުޅުންގެ ބަހުސަށް ބަލާ އިރު، ބައެއް ވަގުތުކޮޅުކޮޅުގައި ބަހުރުވައިގެ ފެންވަރު ވަރަށް ބޮޑަށް ވެއްޓިފައިވާކަން ފާހަގަކުރެވުނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް އެކަށީގެންނުވާ ހަޑި ތުހުމަތުތަކުން މަލާމާތްތައް އޮއްސަވަމުން ގެންދެވިއެވެ. ބައިޑެން ވިދާޅުވިއެވެ. "ތިބާއަކީ ތިބާގެ އަންހެނުން ހައްޔަރުގައި އިންދައި އޮރިޔާން ފިލްމު ކުޅޭ އަންހެނަކާއެކު ޖިންސީ ގުޅުން ހިންގައިފައިވާ މީހެކެވެ." އޭގެ ރައްދުގައި ޓްރަމްޕް ވިދާޅުވީ "ބައިޑެނާއި އޭނާގެ ދަރިކަލުން ހަންޓަރަކީ "މަކަރުވެރި ފާސިދު މުޖްރިމުން"ކަމަށެވެ. މި ފަދަ ހަޑިހުތުރު ބަހުރުވައިގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދަޢުވާކުރާ އެމެރިކާގެ ކަރާމަތާއި ޢިއްޒަތުގައި ކަޅު ލައްގަނޑުތަކެއް ޖެހިގެން ދިޔަކަމަށް މުރާޤިބުންގެ ވަރަށް ގިނަ ބަޔަކު ބުންޏެވެ. އެމެރިކާގެ ވާދަވެރީން ޚާއްޞަކޮށް ޗައިނާއިން އެމެރިކާގެ ދެ ކެންޑިޑޭޓުންނަށް މަލާމާތްކުރިއެވެ.
މި ބަހުސްގައި ޓްރަމްޕް މޮޅުވެވަޑައިގަތްކަމަށް ބެލިދާނެއެވެ. އަދި ބައިޑެނަށް ނާކާމިޔާބު ލިބިވަޑައިގަތްކަމަށް ވެސް ބުނެވިދާނެއެވެ. އެހެނަސް އެއިން އެއް ބޭފުޅަކަށް ވެސް އެއީ އެމެރިކާގެ ރައީސްކަން ޙައްޤު މީހާކަން އާންމު ރައްޔިތުންނަށް ދައްކަވައެއްނުދެއްވުނެވެ. އާންމު ރައުޔުގެ ވޯޓުތައް ބުނާ ގޮތުގައި މި މުބާރާތުގައި ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. އެހެނަސް ތިލަފަތް ބަރުކޮށްދޭ "ވަކި އަތަކަށް ނުޖެހޭ" މީހުންގެ ވޯޓުތަކަށް ވާނޭ ގޮތެއް އަދިއެއް ނޭނގެއެވެ.
އެމެރިކާގެ މިސޫރީ ސްޓޭޓްގެ ކުރީގެ ހައުސް މެންބަރެއް ކަމުގައިވާ ކްލެޔަރ މެކްސިކަލް މި ބަހުސް ބައްލަވައިފައި ވިދާޅުވިއެވެ. "އެމެރިކާގެ ރައްޔިތުންނަށް އޭނާއަކީ އެ ޢުމުރުގައި ވެސް ވާޖިބުތައް އަދާކުރެވިދާނެ ޤާބިލް މީހެއް ކަން ވިސްނައިދެއްވުމުގައި ބައިޑެން ވަނީ ފޭލްވެފައެވެ." އޭނާއަށް މި ބަހުސްގައި އަދާކުރައްވާން ޖެހިވަޑައިގެންފައިވާ ހަމައެކަނި މުހިއްމަތަކީ އެއެވެ.
ޓްރަމްޕަށް ބަލާއިރު އޭނާއަކީ ކުށްވެރިއެކެވެ. އޭނާއާ ދެކޮޅަށް ކޮށްފައިވާ ދަޢުވާގައި ހިމެނޭ 34 ތުހުމަތުގައި އޭނާ ކުށްވެރިވާކަމަށް ޖޫރީން ވަނީ ނިންމައިފައެވެ. މި ކަމާ ބެހޭ ގޮތުން މި މަހު 11 ވަނަ ދުވަހު ޓްރަމްޕްގެ މައްޗަށް ނިއުޔޯކުގެ ކޯޓުގައި ނިޔާ އިއްވާނެތެވެ. ޖަލަށް ލިޔަސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެތެވެ.
________________________
މުހިންމަތު ނ. މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި ރާވައި ހިންގާން ކަނޑައަޅާ މައިގަނޑު ހަރަކާތް.
ރިވެލި ނ. (1) އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ޖެހޭ ސަތަހައެއްގެ ސަބަބުން މިސްރާބު ބަދަލުވެ އައި ކޮޅަށް އެނބުރި ދިއުމުން ފެންނަ ހިޔަނި ނުވަތަ ރާޅު ނުވަތަ އިވޭ އަޑު. (2) ކަނޑުގެ ބާނިތަކަށް އަލީގެ ސަބަބުން އެޅިފައި ހުންނަ ދަޅަ. (3) ގޭގެ ދޮރުން ބޭރަށް ނުކުމެފައި ހުންނަ އަލި. (4) ހިޔަނި.
ބިރާސްވުން މ. ކަންބޮޑުވެ ބިރުގަތުން (ރަދީފުގައި މާނައެއް ނެތް)