Advertisement

ޔަހޫދީންނަކީ ދޮގުހަދައި އޮޅުވައިލާ ބަޔެއްކަން ކީރިތި ޤުރުއާނުން ސާފުކޮށް ފެންނާން އެބަ އޮތެވެ.

20 Oct 2023 | 22:19
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ކީރިތި ޤުރުއާނުގައި ޔަހޫދީންނާ ބެހޭ ވަރަށް ގިނަ ވާހަކަތައް އައިސްފައި ވެއެވެ. މިސާލަކަށް ބަޤަރާ ސޫރަތުގައި، ސާޅީސްވަނަ އާޔަތުން ފެށިގެން، ދެން އޮތް، ގާތް ގަނޑަކަށް، އަށްޑިހަ އާޔަތުގައި، ޔަހޫދީންގެ ދީނީ ތާރީޚުގެ ބައެއް ވާހަކަތައް ނަންގަނެވިފައި ވެއެވެ.

ބަޤަރާ ސޫރަތުގައި ޔަހޫދީންގެ ވާހަކަ ގެންނެވުމުގެ މައިގަނޑު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ ބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫޢުކަމުގައިވާ ހިދާޔަތު ނުވަތަ އިލާހީ ތެދުމަގާ ބެހޭކަމެކެވެ. ޔަހޫދީންގެ ދީނީ ތާރީޚަކީ، އިލާހީ ހިދާޔަތުގެ ތާރީޚަށް ބަލައިލާ އިރު، އެންމެ ތަފުސީލުކޮށް ފެންނާން އޮތް ވާހަކައެވެ. އެހެންވެ، އެ ވާހަކަތަކުން ބަޔެއް ނަންގަނެވިފައި ވަނީ، މުސްލިމުން އެ ތާރީޚުން އިބުރަތް ލިބިގަތުމަށް ޓަކައެވެ. އަދި، ޔަހޫދީން ހެދި ގޯސްތައް މުސްލިމުން ތަކުރާރުނުކުރުމަށް ޓަކައެވެ. އުންމަތަކަށް އިލާހީ ހިދާޔަތު ދެވެނީ ފަހަރެއްގައި ވެސް އެ އުންމަތަކީ މާތްﷲ ހަޟުރަތުގައި ޚާއްސަ ބަޔަކަށްވާތީއެއް ނޫނެވެ. އެހެން މީހުންނަށް އޮތް ހެޔޮ ކަމުގެ މިސާލަކަށްވުމަށް ޓަކައެވެ.

މީގެ އިތުރަށް، ބަޤަރާ ސޫރަތުގައި ޔަހޫދީންގެ ވާހަކަ ނަންގަނެވިފައިވާ ދެވަނަ ސަބަބަކީ ކީރިތި ޤުރުއާނުގެ ހިދާޔަތުގެ މަގަށް މަދީނާގެ ޔަހޫދީންނަށް ދައުވަތުދިނުމެވެ. ސަލާމާތް ސަލަވާލެއްވި އިތުރު ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި މަދީނާގައި އިސްލާމީ ފުރަތަމަ ދައުލަތް ބިނާކުރެއްވުމާ ވިދިގެން، ޔަހޫދީންނަށް ވިސްނުނީ އެމީހުންގެ މަގާމު، ޚާއްސަ ގޮތެއްގައި، މަދީނާގައި އޮތް އެމީހުންގެ އިގުތިސާދީ ބާރު ގެއްލިގެން ހިނގައިދާނޭކަމެވެ. އަދި، މި ހީކުރެވުނު ހީކުރުމުގެ ސަބަބުން، މަދީނާގައި ޔަހޫދީންގެ ހިތުގައި ނަފުރަތާއި ދެކޮޅުވެރިކަން އުފެދުނެވެ. މި ކަމުގެ ހައްލެއްގެ ގޮތުގައި މަދީނާގެ ޔަހޫދީންނަށް، ބަޤަރާ ސޫރަތުގައި އިސްލާމް ދީން ގަބޫލުކުރާން ދައުވަތު ދެވިފައިވެއެވެ. އިސްލާމް ދީން ގަބޫލުކުރުމުން، އެ މީހުންގެ އަފުރާދުންގެ އަތުގައި އޮތް އިގުތިސާދީ ބާރަށް އެއްވެސް ބުރުލެއް ނާރާނެތީއެވެ.

ކޮންމެއަކަސް މި ތާގައި ބަލައިލާން ގަސްތުކުރަނީ ޔަހޫދީންނާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އޮތް އެހެން އާޔަތަކަށެވެ. އެއީ ނިސާއު ސޫރަތުގެ ސާޅީސް ހަވަނަ އާޔަތެވެ. مِنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ މި އާޔަތެވެ. މާނައަކީ 'ބަސްބަސް، އެބަހީ، ތައުރާތުގައި ނަންގަނެވިފައިވާ ބަސްބަސް، ލަފުޒުލަފުޒު، އޭގެ މަގާމުން، މާނައަކީ، އެ ބޭނުން ކުރެވިފައިވާ ހަގީގީ މާނައިން، ދުރުކޮށް ބަދަލުކޮށްލާ ބަޔަކު ޔަހޫދީންގެ ތެރޭގައި ވެއެވެ.

މި އާޔަތުގެ ޖުމްލަ މާނައަކީ ކޮބައިތޯއެވެ؟ ތައުރާތުގައި ނަންގަނެވިފައިވާ ވާހަކަތައް، ޔަހޫދީންގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތީން، ބަދަލުކޮށްލައި އޮޅުވައިލާ ވާހަކައެވެ. މި އޮޅުވައިލުމުގެ ހަގީގަތް އަދު ވެސް ފެންނަމުން ދެއެވެ. ތިރީގައި ބަޔާން ކުރެވިފައިވާ މިސާލުތަކަށް ބަލައިލުމުން މި ކަން ސާފުކޮށް ފެންނާނެއެވެ.

މި އޮޅުވައިލުމުގެ ވާހަކަ މި ވަގުތު ލިޔާން ޖެހުނީ ކީއްވެތޯއެވެ؟ އެންމެ ފަހުން، އޮކްޓޯބަރު 17ގައި، އެހެން ގޮތަކަށް ދަންނަވާނަމަ، މިދިޔަ އަންގާރަ ދުވަހު، އިޒުރޭލުން ހަމަލަދީ، ޣައްޒާގެ އަރަބި އަލްއަހުލީ ހޮސްޕިޓަލް ގޮއްވައިލައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމު މަދަނީން ޝަހީދުކޮށްލުމަށް ފަހު، އެ ކަމަކީ ހަމާސްގެ ހަނގުރާމަވެރީން ކުރި ކަމެކޭ އިޒުރޭލުން ބުނެ އޮޅުވައިލާން މަސައްކަތް ކުރަމުންދާތީއެވެ.

މިއީ ފަލަސްތީނުގެ މައުސޫމު މަދަނީ ރައްޔިތުންނާ ދެކޮޅަށް، ބޮޑެތިބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގުމަށް ފަހު، އިޒުރޭލުން އާންމު ގޮތެއްގައި ކަންތައް ކުރާ ގޮތެވެ. އެ ފަދަ ޖަރީމާތަކަކީ ފަލަސްތީނުގެ ކޮންމެ ވެސް ބަޔަކު ކުރި ކަމެކޭ ބުނެ، އެ ކަމުން ރެކިގަންނާން އުޅުމެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ނަޒަރު އެ ފަދަ ޖަރީމާތަކާ ދިމާއަށް ހުއްޓިފައި އޮންނަ ވަގުތެއްގައި، އޮޅުވައިލުމުގެ ގޮތުން، އެ ކަން ކުރީ އެހެން ބަޔެއް ކަމުގައި ބުނުމެވެ. ދެން، ޚަބަރުތައް ފަތުރާ ހުޅަނގުގެ ގިނަ ވަސީލަތްތަކުން، އިޒުރޭލު ބުނާ ގޮތަށް އެ ވާހަކަތައް ގެނެސްދެނީއެވެ. މިހެން ކަންތައް ކުރުމުން، އިޒުރޭލު އަރައިގަންނަ ބޮޑެތި ޖަރީމާތަކުން ރެކިގަތުމުގެ މަގު ހުޅަނގުގެ މީޑިއާގެ ވަސީލަތްތަކުން ވެސް ފަހި ކޮށްދެއެވެ. މި ވާހަކަ އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރީން މި ފަދަ އެހެން ދެތިން މިސާލެއް ލިޔެލާނަމެވެ.

އެންމެ ފުރަތަމަ، ދެ ހާސްވަނަ އަހަރު، ފަލަސްތީނުގެ ބާރަ އަހަރުގެ މުހައްމަދު އައްދުއްރާ ޝަހީދުކޮށްލެވުނު ހާދިސާގެ މަތީން ހަނދާން ކޮށްލަމާތޯއެވެ! އިޒުރޭލު ސިފައިންގެ ބަޑީގެ ހަމަލާތަކުން ސަލާމަތްވުމަށް ޓަކައި މުޙައްމަދު އޭނަގެ ބައްޕަގެ ފުރަގަހުގައި ބޮނދައި އޮވެ، ރޯ މަންޒަރު ފެނުނެވެ. ދެން، ފެނުނީ މުޙައްމަދަށް އަމާޒުކޮށް އިޒުރޭލުގެ ސިފައިންގެ މީހަކު ބަޑިޖެހި ތަނެވެ. އަދި، ކުޑަކުޑަ މުޙައްމަދު ޝަހީދުވި ތަނެވެ. މި ހާދިސާ ހިނގީ އެންމެންނަށް ފެންނަ ގޮތެއްގައި އެ މަންޒަރު ވީޑިޔޯ ކުރެވެމުން ވެސް ދަނިކޮށެވެ. ނަމަވެސް، މި ޖަރީމާ ހިންގުމަށް ފަހު، މި ވާނީ ފަލަސްތީނު މީހެއްގެ ބަނޑީގެ އުންޑަ މުޙައްމަދަށް އަމާޒުވެގެން ހިނގި ހާދިސާއެއް ކަމުގައޭ އިޒުރޭލުން ބުންޏެވެ. ނަމަވެސް، ފަހުން، އެންމެންގެ ނަޒަރު އެކަމާ ދުރަށް ދާހާ ދުވަސް ވުމުން، އެކަމާ އިޒުރޭލުން ވެސް އެއްބަސްވާން މަޖުބޫރުވިއެވެ.

މުޅި ދުނިޔޭގެ ނަޒަރު، އެ ކަމުގެ މައްޗަށް ހުއްޓުނު މި ފަދަ ދެވަނަ ހާދިސާއަކީ 2003ގައި އެމެރިކާގެ މުވާތިނެއް ކަމުގައިވާ ރޭޝަލް ކޯރީގެ ފުރާނަ ދުއްވައިލި ހާދިސާއެވެ. ރޭޝަލް ކޯރީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރި އެމެރިކާގެ ޒުވާން ތާލިބާއެކެވެ. ފަލަސްތީނުގެ މީހެއްގެ ގެ، އިޒުރޭލުގެ ބުލްޑޯޒަރެއް އައިސް ތަޅައިލުމުގެ މަސައްކަތް ހުއްޓުވޭތޯ އެ ގޭ ކުރިމަތީ ރޭޝަލް ހުއްޓިގެން ހުއްޓެވެ. ދެން، އެ ބުލްޑޯޒަރު އައިސް ރޭޝަލް ގައިގައި ޖައްސައި އޭނަގެ ދުވަސް ދުއްވައިލިއެވެ. މި ހާދިސާއާ ވިދިގެން އިޒުރޭލުން ބުނީ އެ ކަން ކުރީ ރޭޝަލް އަމިއްލައަށް ކަމެވެ. އާދޭހެވެ! ބުލްޑޯޒަރު ދުއްވާން އިން މީހާއަށް ރޭޝަލް ނުފެނުނީކަމަށެވެ. އެހެންވެ، ބުލްޑޯޒަރުގެ ކުރިމައްޗަށް ރޭޝަލް އަރައި ހުރުމަކީ އޭނާގެ ކުށެއް ކަމުގައެވެ.

މި ފަދަ އަނެއް ހާދިސާއަކީ މި ދިޔަ އަހަރު މޭމަހުގައި އިޒުރޭލުގެ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ޝީރީން އަބޫ އަގްލާއެވެ. ޝީރީނަކީ އަލްޖަޒީރާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަލަސްތީނުގެ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެކެވެ. ޝީރީނުގެ ގަޔަށް ބަޑިޖެހުމަށް ފަހު، އިޒުރޭލުން ބުނީ އެ ކަން ކުރީ ފަލަސްތީނު މީހެއްކަމެވެ. ނަމަވެސް ފަހުން އިޒުރޭލުން އެކަމާ އެއްބަސްވާން މަޖުބޫރުވިއެވެ. ނަމަވެސް، އެކަމުގެ މަސްއޫލިއްޔަތު އުފުލާކަށް އިޒުރޭލަކުން ބޭނުމެއް ނުވިއެވެ.

މި ފަދަ ހާދިސާތަކަކީ އަބަދުމެ ތަކުރާރުވަމުންދާ ކަންކަމެވެ. އިޒުރޭލުން ފަލަސްތީނު މީހެއްގެ ފުރާނަ ދުއްވައިލައިފައި، އެ ކަން ތަބުރީރުކުރެއެވެ. އެ މީހަކީ ޓެރަރިސްޓެކޭ ބުނެއެވެ. ނޫނީ އެ މީހަކު އުޅުނީ އެފަދަ އަމަލެއް ހިންގާށޭ ބުނެއެވެ. ފަލަސްތީނުގެ ތަންތަނަށް - މިސްކިތްތަކާއި މަދަރުސާތަކާއި ހޮސްޕިޓާތަކާއި އަމިއްލަ މީސްމީހުންގެ ގެދޮރަށް - ހަމަލާދީ ހަލާކުކޮށް ފުނޑުފުނޑުކޮށްލުމަށް ފަހު، އެ ތަންތަނުގައި 'ޓެރަރިސްޓުން' ފިލައި ތިބީއްޔޭ ބުނެ އެ މީހުންގެ އެ ޖަރީމާ ތަބުރީރުކުރެއެވެ.

ޣައްޒާގެ އަރަބި އަލްއަހުލީ ހޮސްޕިޓަލަށް ބޮންއަޅައި ގޮއްވައިލުމުގެ ހާދިސާއަކީ މި ސިލްސިލާގެ ތެރެއިން އެންމެ ފަހުގެ އެއް ހާދިސާއެވެ. މި ކަން ކޮށްފައި، އިޒުރޭލުގެ އިސް މީހަކު ޓުވީޓެއް ކުރިކަމުގައި އަލްޖަޒީރާ ޚަބަރުދިނެވެ. އެ ޓުވީޓުގައި އޮތީ 'ހޮސްޕިޓަލުގައި މިހާރު ބޭސް ނެތެއް ނޫންހެއްޔެވެ؟ އެހެންވީމާ ހޮސްޕިޓާ 'އިއުތެނޭޒުކޮށް'، މަރައިލުން، އެންމެ ރަނގަޅު ނޫންހެއްޔެވެ؟' މިފަދަ އިބާރާތެކެވެ. އަލްޖަޒީރާ ރިޕޯޓުކުރި ގޮތުގައި މި ޓުވީޓު ފަހުން ފޮހެލެވުނެވެ. ނަމަވެސް، މިއިން އެނގެނީ މިކަމަކީ އިޒުރޭލުން ހިންގި ބޮޑު ލާއިންސާނީ ޖަރީމާއެއްކަމެވެ.

ދެން، މިހާރު ހުޅަނގުގެ މީޑިއާތަކުގައި ޣައްޒާގެ އަލްއަހުލީ ހޮސްޕިޓާ ގޮއްވައިލި ވާހަކަ ރިޕޯޓުކުރާ އިރު، ފަލަސްތީނުގެ މީހުން ބުނަނީ މިހެންނޭ، އިޒުރޭލުން ބުނަނީ މިހެންނޭ ބުނެ، އެ ހިންގި ބޮޑު ޖަރީމާގެ ބޮޑު ކުށް، ކަމަކަށް ނެހެދުމުގެ މަސައްކަތް ކުރެވެއެވެ. މި ކަމަށް ބާރު ދިނުމުގެ ގޮތުން، އެމެރިކާގެ ރައީސް ބައިޑަން ވެސް މިހާރު ބުނަމުން އެ ގެންދަނީ ޣައްޒާގެ ހޮސްޕިޓާ ގޮއްވާލީ ހަމާސްގެ މީހުންކަމަށެވެ!

އާދޭހެވެ! މަތީގައި ދެންނެވުނު، ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ "مِّنَ الَّذِينَ هَادُواْ يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيًّا بِأَلْسِنَتِهِمْ وَطَعْنًا فِي الدِّينِ وَلَوْ أَنَّهُمْ قَالُواْ سَمِعْنَا وَأَطَعْنَا وَاسْمَعْ وَانظُرْنَا لَكَانَ خَيْرًا لَّهُمْ وَأَقْوَمَ وَلَكِن لَّعَنَهُمُ اللّهُ بِكُفْرِهِمْ فَلاَ يُؤْمِنُونَ إِلاَّ قَلِيلاً" ("ބަސްތައް ހުންނާންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާ މީހުން ޔަހޫދީންގެ ތެރެއިންވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭ މީހެއްގެ ގޮތުގައި އައްސަވާށޭ، އަދި، ތިމަންމެންނަށް ބައްލަވާށޭ، އެއުރެން ބުނެތެވެ. (އެއުރެން އެ ފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވައިލުމުގެ ގޮތުންނެވެ. އަދި، ދީނާ މެދުގައި ނިކަމެތި ބަސްބުނުމުގެ ގޮތުންނެވެ. ތިމަންމެން އަހައިފީމުއޭ، އަދި، ކިޔަމަން ވެއްޖައީމުއޭ، އަދި، އައްސަވާށޭ، އަދި، ތިމަންމެންނަށްޓަކައި ލަސްކޮށްލައްވައި އިންތިޒާރުކުރައްވާށޭ (މިހެން) އެއުރެން ބުނި ނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ސީދާކަން ވެސް މާ ބޮޑުވީހެވެ. އެހެނެއްކަމަކު، އެއުރެން ކާފިރުވުމުގެ ސަބަބުން اللَّه، އެއުރެންނަށް ލަޢުނަތްލެއްވިއެވެ. ފަހެ، (އޭގެތެރެއިން) މަދު ބަޔަކު މެނުވީ އީމާނެއް ނުވެތެވެ.") މި އާޔަތް އިޝާރަތްކުރާ ފަދައިން، ޔަހޫދީންނަކީ ކަންކަމުގެ ހަގީގަތް އޮޅުވައިލާން މަސައްކަތްކުރާ ބަޔެކެވެ. މި ހަގީގަތަށް އިޝާރަތަކުރާ ދިވެހި މުހާވިރާ ބަހެއް ވެސް އޮވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހި ބަހުގައި 'ޔަހޫއްޖެއް ހެދުމަކީ' މަކަރު ހެދުމެވެ. އޮޅުވައިލުމެވެ. އެހެންވެ، އެ މީހުންނާއި އެމީހުންނަށް ތަބާވާ މީހުން ފަތުރާ ޚަބަރުތަކާ މެދު، އަބަދު ވެސް، ސަމާލުވާން ޖެހެއެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް