Advertisement

އިންޑިޔާގެ މިނިވަންކަމުގެ ޒައީމުކަމުގައިވާ ގާނދީގެ ބަހަކާއި އިތުރުކޮށްލުމެއް

02 Jul 2024 | 00:05
މަހާތުމާ ގާނދީއާއި އޭނާގެ ފަލްސަފާއެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އިންޑިޔާގެ މިނިވަންކަމުގެ ޒައީމު، މަހާތުމާ ގާނދީ، ޖަލުގައި ވަނިކޮށް، އޭނާގެ ރަޙުމަތްތެރިއެއްކަމަށްވާ ޗާލީ އޭނާއަށް ޒިޔާރަތްކުރިއެވެ. ޗާލީއަކީ ނަސާރާ ދީނަށް ދައުވަތުދިނުމުގެ މަސައްކަތްކުރާ އިނގިރޭސިއެކެވެ.

ޗާލީ، ގާނދީއަށް ޒިޔާރަތްކޮށްފައި ގާނދީ ގާތު ބުންޏެވެ. "ކަލޭމެންގެ މިނިވަންކަމުގެ މަސައްކަތަށް އެހީވެދިނުމުގެ ގޮތުން އަހަންނަށް ކޮށްދެވޭނީ ކޮން މަސައްކަތެއްހެއްޔެވެ؟"

ޖަވާބުގައި ގާނދީ ބުންޏެވެ. "އަހަރުމެންނަށް އެއްވެސް ގޮތަކުން، އިނބަ އެހީވާން ބޭނުން ނަމަ، މިހާރު އިނބައަށް ލިބިފައި އޮތް މަސައްކަތުގެ ފުރުސަތާއިގެން ކުރިއަށް ދިޔުމަށްޓަކައި ފީޖީއަށް ދިޔުން ވާނީ އަހަރުމެންނަށް ޓަކައި އިނބަށް ކޮށްދެވޭނޭ އެންމެ ރަނގަޅު މަސައްކަތަށެވެ. އަހަރެން ޔަގީންކުރާން ޖެހެނީ އަދި އިންޑިޔާގެ މީހުން ވެސް ޔަގީންކުރާން ޖެހެނީ، އަހަރުމެންގެ މި މަސައްކަތަކީ – މިނިވަންކަން ހޯދުމުގެ މަސައްކަތަކީ – އަހަރުމެން އިންޑިޔާ މީހުން އަމިއްލައަށް، އަހަރުމެން އެކަނި ކުރެވޭނޭ މަސައްކަތެއްކަމެވެ."

ގާނދީގެ މި ބަސްކޮޅުގެ އަހަންމިއްޔަތަކީ ކޮބައިހެއްޔެވެ؟ އެއްވެސް ގައުމީ ކަމެއްގެ އަމަލީ މަސައްކަތްކުރާން ޖެހޭނީ އަމިއްލައަށްކަމެވެ. އެއްވެސް ގައުމީ ކަމެއްގެ އަމަލީ މަސައްކަތުގައި ބޭރު ބަޔަކު ޝާމިލުކޮށްފި ނަމަ، އެ ކަމެއް ކުރިއަށްދާންވީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދާނޭކަމެވެ.

އިސްތިއުމާރީ ބާރެއްގެ ދަށުން، ގައުމެއްގެ މިނިވަންކަން ހޯދުމުގެ އަމަލީ މަސައްކަތެވެ. ގައުމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތެވެ. ގައުމު ދިފާއުކުރުމުގެ އަމަލީ މަސައްކަތެވެ. މި ފަދަ ގައުމީ ކަންކަމުގެ އަމަލީ މަސައްކަތުގައި ބޭރުގެ މީހުން ބައިވެރިކޮށްފި ނަމަ، ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. ސަބަބަކީ ބޭރު މީހުން އެ ފަދަ މަސައްކަތުގައި ބައިވެރިވަނީ ކޮންމެ ވެސް އަމިއްލަ އެދުމެއް އޮތީމައެވެ. މިސާލަކަށް އިސްޕޭނުގެ އިސްތިއުމާރީ ބާރުގެ ދަށުން، ކިޔުބާ މިނިވަންކަން ހޯދުމަށް ޓަކައި ކުރި މަސައްކަތުގައި އެމެރިކާ އެހީވެދިނެވެ. ނަތީޖާއަކަށްވީ އެމެރިކާގެ ބާރުގެ ދަށަށް ކިޔުބާ ދިޔުމެވެ. ހަމަ އެހެންމެ، ހަގީގީ ތަރައްގީއެއްގެ މަސައްކަތް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވެނީ، ބޭރު ބަޔަކާ އެ ކަމުގެ އަމަލީ މަސައްކަތް ހަވާލުނުކޮށް، ތަނުގެ މީހުންގެ އަމިއްލަ އަމަލީ މަސައްކަތުންނެވެ.

ތަނުގެ އަމިއްލަ މީހުން މަސައްކަތް ނުކޮށް، އެ ކަން ބޭރު ބަޔަކާ ހަވާލު ކުރެވިއްޖެ ނަމަ، ތަނުގެ މުޖުތަމަޢީ އަގުތައް ގެއްލި، ތަނުގެ މިނިވަންކަމަށް ބުރޫއަރާ ގޮތް ވެއެވެ. ތަރައްގީގެ ނަމުގައި، ތަނުގެ މުޖުތަމަޢީ އަގުތަކާ މުޅީން ޚިލާފު، ފާހިޝް އަމަލުތަކަކީ އެންމެ ރަނގަޅު ކަންކަމުގައި ހަދައިލުމަށް ޓަކައި، މަޝްރޫއުތައް ވެސް ހިންގައިލާން މަގުފަހިވާ ގޮތް ވެސް ވެއެވެ. ދާދި ފަހުން، ގަތަރުން، މި ކަމާ ގުޅޭ މިސާލެއް ފެނުނެވެ. އެންމެނަށް ވެސް އެނގޭނޭ ފަދައިން، މި އަހަރުގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ބޭއްވެނީ ގަތަރުގައެވެ. ކުޅިވަރުގެ އެންމެ ބޮޑު މުނާސިބަތުކަމުގައި ހިމެނޭ މި މުބާރާތް ހިންގާ ފަރާތުން، ގަތަރުގެ ކަމާ ބެހޭ ފަރާތުގައި އެދުނީ މުބާރާތުގެ ތެރެއިން އެއްޖިންސުގެ ގުޅުން ހިންގުން އިޝްތިހާރުކޮށް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް، ގަތަރުގެ ކަމާ ބެހޭ ފަރާތުން މި ކަމާ އެއްބަހެއް ނުވެއެވެ. ގަތަރުގެ ކަމާ ބެހޭ ފަރާތުން އެކަމަށް ރައްދު ދެމެން ބުނީ 'މަހެއް ހައި ދުވަހުގެ ކުޅިވަރުގެ މުނާސަބަތަކަށް ޓަކައި އަހަރުމެންގެ މުޖުތަމައުގެ އަގުތައް ވިއްކައިލާކަށް އަހަރުމެން ބޭނުމެއް ނުވެއެވެ." އާދޭހެވެ! ގަތަރުގެ އަތްމަތީ ދުނިޔޭ މި ބޮޑު ފުޓުބޯޅަ ކާނިވަލް ބޭއްވުމުގެ އަމިއްލަ ކުޅަދާނަކަން ނެތިފައި، އެ ކަން ކުރުމުގެ އެހީ ބޭރުގެ ފަރާތްތަކުން ހޯދާން ޖެހުނު ނަމަ، ގަތަރުގެ މުޖުތަމަޢީ އަގުތައް އޮންނާނީ ވިއްކައިލާން ޖެހިފައެވެ.

ޝައްކެއް ނެތް ގޮތުގައި، ކޮންމެ ބަޔަކަށް ވެސް އެ ބަޔަކު ގަބޫލުކުރާ ގޮތްތަކަކާއި އެއާ ގުޅިފައި އޮންނަ އަގުތައް އެ ބަޔަކަށް އޮވެއެވެ. އޭގެ މާނައަކީ އެ ގޮތްތަކާއި އަގުތައް، އެ ގޮތްތަކާއި އަގުތައް ގަބޫލުނުކުރާ މުޖުތަމައުތަކުގެ ތެރެއަށް ފާކޮށް ފެތުރުމުގެ މިނިވަންކަން ލިބުމެއް ނޫނެވެ. ކީރިތި ގުރުއާނުގައި އޮންނަ ފަދައިންނެވެ. 'ލަކުމް ދީނުކުމް ވަލިޔަ ދީން' ކަލޭމެންނަށް ކަލޭމެންގެ ގޮތް ލިބިގެން ވެއެވެ. ހަމަ އަހަރެންނަށް ވެސް އަހަރެންގެ ގޮތް ލިބިގެން ވެއެވެ. މި ކަން ދެމެހެއްޓޭނި، މަތީގައި ގާނދީ ބުނެފައިވާ ގޮތުގެ މަތިން ކަންތައް ކުރެވިގެންނެވެ. ގައުމީ މަސައްކަތްތަކަށް، ބަޔެއްގެ ލަފާ ހޯދިކަމުގައި ވިޔަސް، އެ ކަމުގެ އަމަލީ ބައި އަދާކުރާން ޖެހެނީ އެ ގައުމެއްގެ މީހުންނެވެ. ނޫން ނަމަ، ތަނުގެ މިނިވަންކަމާއި ތަނުގެ މުޖުތަމަޢީ އަގުތައް ގެއްލޭން ދިމާވެއެވެ.

_________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
" ގޮޑިކޮއްކޮ " ސަރުކާރުތައް އުފެދި ޤަވްމުތަކުގެ އަމިއްލަވަންތަކަން ގެއްލުމުގެ އަޞްލު ސަބަބު ހާމަވާ ލިޔުއްވުމެއް.
03 Jul 2024