Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (10)

01 Jul 2024 | 14:05
ރަސޫލާގެ ނަންފުޅު

އަޙްމަދު ފަޔާޟް ޙަސަން

(2024 ޖޫން 24 އާ ގުޅޭ)

ރަސޫލުﷲ އާ މެދު އަޅުގަނޑުމެން ކަންކުރާންވީ ގޮތް:

އަޅުގަނޑުމެން މިއަދު ރަސޫލުﷲ ﷺއާ މެދު ކަންކުރުމުގެ ކުރީން ބަލާން ޖެހެނީ ﷲ އެކަލޭގެފާނާމެދު ކަންކުރެއްވި ގޮތަށެވެ. މިހާރު އަޅުގަނޑުމެންނަށް ކަށަވަރުވެފައި އޮންނާނީ ﷲގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މަޤާމާއި ދަރަޖައާއި މަތިވެރިކަމާއި މާތްކަމެވެ. ދެން އަޅުގަނޑުމެން ބަލާން ޖެހެނީ އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން އެ ކަލޭގެފާނާމެދު ކަންކުރެއްވި ގޮތަށެވެ. އެ ބޭކަލުން އެ ކަލޭގެފާނަށް ތަބާވެ ކިޔަމަންތެރިވީ ސުވާލަކާ ނުލައެވެ. އެ ބޭކަލުންގެ ފަލްސަފާއަކީ ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމުއެވެ. އެ ބޭކަލުން މި ދުނިޔެއިން އެންމެ ބޮޑަށް އިހުތިރާމްކުރެއްވީ އެކަލޭގެފާނަށެވެ. ހަމަ އެގޮތަށް އެބޭކަލުން މި ދުނިޔެއިން އެންމެ ބޮޑަށް ލޯބިކުރެއްވީ ވެސް އެކަލޭގެފާނަށެވެ. މި ދެންނެވި ބޭކަލުންގެ ކިޔަމަންތެރި އިޚުލާސްތެރި އަމަލުތަކާ މެދު، ރުހިވޮޑިގަންނަވާކަން ﷲ ތަކުރާރުކުރައްވައި އެންގެވިއެވެ.

ﷲ، އެހެން އެއްވެސް އިންސާނަކަށް ނުވަތަ ރަސޫލު ބޭކަލަކަށް ނުދެއްވާ ޢިއްޒަތާއި މަތިވެރިކަން ރަސޫލުﷲ ﷺއަށް ދެއްވިއެވެ. އެއަށް ފަހު އެންމެ ރަނގަޅު ނަމޫނާއަކީ ނުވަތަ މިސާލަކީ އެކަލޭގެފާނުކަން އެންގެވިއެވެ. އަދި ހުރިހާ ކަމެއްގައި އެކަލޭގެފާނުގެ ނަމޫނާގައި ހިފުމަށް އަމުރުކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ސަލާމާއި ސަލަވާތް ލެއްވުމަށް އަމުރުކުރެއްވިއެވެ. އެއްވެސް ކަމެއްގައި އެކަލޭގެފާނަށް އުރެދުމަކީ ފާފައެކެވެ. އެހެންކަމުން އެކަލޭގެފާނާމެދު ކަންކުރާންވީ ގޮތް މި އޮތީ ސާފުކޮށެވެ.

އެހެންވެ އަދުގެ މުސްލިމުން ބަލައިލާން ޖެހެނީ ރަސޫލުﷲ ﷺގެ އާލުންނާއި އަސްޙާބުން އެކަލޭގެފާނާ މެދު ކަންތައް ކުރެއްވި ގޮތަށެވެ. ރަސޫލުﷲ ﷺގެ ޞަޙާބީން އެކަލޭގެފާނަށް މާތްކޮށް ހިތްތެވީ ﷲ އެންގެވި މަގުންނެވެ. ވިސްނައިލައްވާށެވެ! އުމުރުފުޅުން ސާޅީސް އަހަރުފުޅު ވަންދެން ރަސޫލުﷲ ﷺއަކީ މައްކާގެ ރައްޔިތެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ އަޚު ބޭކަލެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ ރަހުމަތްތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ފިރިކަލެކެވެ. އެކަލޭގެފާނަކީ ބަފައިކަލެކެވެ. އެކަލޭގެފާނަކީ އަވަށްޓެރި ބޭކަލެކެވެ. މިއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރީން ރަސޫލުﷲ ﷺގެ ހަޔާތްޕުޅުގައި ގުޅުންތައް ހުރި ގޮތެވެ. އެހެންވެ އެހެން އިންސާނެކޭ އެއް ގޮތަށް އެކަލޭގެފާނާ ތިމާގެކަމާއި ރަހުމަތްތެރިކަމުގެ ގޮތުން ވަރަށް ގާތް މީހުން އުޅުނެވެ.

އެކަމަކު އެކަލޭގެފާނަށް ރަސޫލުކަން ލިބިވަޑައިގަތުމާ އެކު، ހުރިހައި ކަމެއް ބަދަލުވިއެވެ. ހުރިހައި ކަމެއް ބަދަލުކުރުވީ އެބޭކަލުންނަށް ލިބިވަޑައިގަތް އީމާންކަމެވެ. އެއަށް ފަހު، އެ ބޭކަލުންނަށް ދެން މުޅީން ވެސް ފެނިވަޑައިގަތީ ﷲގެ ރަސޫލާ ﷺއެވެ. މިސާލަކަށް އެކަލޭގެފާނުގެ އެންމެގާތް އެކުވެރިޔާ އަބޫބަކުރުގެފާނު އެންމެ ފަހަރަކު ވެސް ތިމަންކަލޭގެފާނުގެ މިތުރު ނުވަތަ އެކުވެރިޔާ މިހެން ވިދާޅެއްނުވެއެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވީ ﷲ ގެ ރަސޫލާ ﷺ މިހެންނެވެ. ރަސޫލުﷲގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވާހަކަފުޅުދައްކަވާ އިރު، ތިމަންކަމަނާގެ ބައްޕާފުޅު ވިދާޅުވިއެކޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ރަސޫލުﷲ (ﷲގެ ރަސޫލާ) ﷺ ވިދާޅުވީ މި ފަދައިންނެވެ. ޢާއިޝަތުގެފާނު އެންމެ ފަހަރަކު ވެސް ތިމަންކަމަނާގެ ފިރިކަލުންނެކޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ﷲގެ ރަސޫލާ ﷺ ވިދާޅުވިއެވެ. މިހެންނެވެ. އެކަލޭގެފާނުގެ އެންމެ އަރިސް ކޮންމެ ބޭކަލަކަށާއި ބޭކަނބަލަކަށް އެންމެ ފުރަތަމަ ފެނިވަޑައިގަތީ ﷲ ގެ ރަސޫލާއެވެ. އެއަށް ފަހު، ފިރިކަލުންނެވެ. ނުވަތަ އެއަށްފަހު ބަފައިކަލުންނެވެ. ނުވަތަ އެއަށްފަހު އެންމެގާތް މިތުރުކަލޭގެފާނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް އިހުތިރާމްކުރާން ޖެހެނީ މި ގޮތަށެވެ.

އެންމެ ފުރިހަމަ މާނައިގައި ރަސޫލުﷲ ﷺއަށް މާތްކޮށްހިތުމަށް ޓަކައި އެންމެ ފުރަތަމަ ކުރާން ޖެހޭ ކަމަކީ އެކަލޭގެފާނާ މެދު، ތިމާ ދެކޭ ގޮތް ނުވަތަ ތިމާއަށް އެކަލޭގެފާނު ފެންނަ ގޮތް ރަނގަޅުކުރުމެވެ. ޒަމާނީ ބަހުރުވައިން ނަމަ، ތިމާގެ ޕަސެޕްޝަނާއި އެޓިޓިއުޑް ރަނގަޅުކުރުމެވެ. މި ކަން ކުރެވޭނީ ތިމާ މިހާރު ބަނދެވިފައިހުރި ފިކުރުން ނިކުމެ އުނގެނި ދަސްކޮށްގެންނެވެ. ތިމާ ދައްކާ ވާހަކައާއި ކުރާ ކަން ހީއަށް ބިނާނުކޮށް ހަގީގަތް ހޯދައިގެންނެވެ. ރަސޫލުﷲ ﷺއަކީ ކޮބައިކަން އެނގި އެކަލޭގެފާނާމެދު ތިމާ ދެކޭ ގޮތް މުޅީން ރަނގަޅުކުރެވޭނީ ކީރިތި ޤުރްއާނުން އެކަލޭގެފާނު ދަސްކޮށްގެންނެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ ސިޔަރަތުން އެކަލޭގެފާނު އުނގެނިގެންނެވެ. މި ކަމުގައި ވެސް އަޅުގަނޑުމެން ބަލާން ޖެހެނީ އެކަލޭގެފާނު ޞަހާބީން ކަން ކުރެއްވި ގޮތަށެވެ. އެހެންވެ އެކަލޭގެފާނުގެ ސިޔަރަތު ކިޔައި ސިޔަރަތު އަޑުއަހައި ދަސްކުރުމަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާންވީ ކަންތަކެވެ. އަޅުގަނޑުމެންގެ މީޑިއާތަކުގައި ކޮންމެ ދުވަހަކު ވެސް ހިމަނާން ޖެހޭ އެއް ވާހަކައަކީ އެކަލޭގެފާނުގެ ވާހަކައެވެ.

ރަސޫލުﷲ ﷺގެ ޞަޙާބީން އެކަލޭގެފާނުގެ ސުންނަތުގައި ބާރަށް ހިއްޕެވިއެވެ. ﷲއަށް އީމާންވުމަށް ފަހު، އެބޭކަލުން އީމާންވީ އެކަލޭގެފާނަށެވެ. ﷲއަށް ކިޔަމަންވުމަށް ފަހު، އެބޭކަލުން ކިޔަމަންވީ އެކަލޭގެފާނަށެވެ. ޞަޙާބީން އެންމެބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި އިންސާނަކީ އެކަލޭގެފާނެވެ. ޞަޙާބީން އެންމެ ބޮޑަށް ކުރެއްވި މަސައްކަތްޕުޅަކީ ރަސޫލުﷲ ﷺގެ ސުންނަތް އާލާކޮށް ދިރުވުމެވެ. އެބޭކަލުން އެކަލޭގެފާނު ދެއްކެވި ނަމޫނާގައި ސާބިތުވެ ދިރިއުޅުމުގެ ބިންގާއަޅުއްވައި އެބިންގަލުގެ މަތީގައި ދިރިއުޅުން އާރާސްތުކުރެއްވިއެވެ. ކޮންމެ ކަމެއްގައި ވެސް އެ ބޭކަލުން ބެއްލެވީ ކީރިތި ޤުރްއާނަށާއި އެކަލޭގެފާނުގެ ސުންނަތަށެވެ. ނަތީޖާއަކަށްވީ އެ ބޭކަލުންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަމާއި އަދުލުވެރިކަމާއި ބާއްޖަވެރިކަން އޮތުމެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށްހިތުމުގެ ގޮތުން ކުރާން ޖެހޭ ފުރަތަމަ ކަމަކީ އެކަލޭގެފާނަށް އިހުތިރާމް ކުޑަވާނެ ކޮންމެ ކަމަކުން ދުރުހެލިވުމެވެ. ނުވަތަ އެކަލޭގެފާނަށް ކުޑައިމީސްވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމެވެ. އެ ގޮތުން އެއްވެސް ސިފައެއްގައި އެކަލޭގެފާނަށް ކަމޭނުހިތާ ބަޔަކާ އެކީގައި އަޅުގަނޑުމެން އުޅެގެންނެއް ނުވާނެއެވެ. އެކަލޭގެފާނުގެ މަގާމާއި ދަރަޖައަށް އުނިކަން އަތުވެދާނޭ ކަންކަން ކުރާ މީހުންނާ އެކީ އުޅުމެއް ވެސް ނުވެއެވެ. ހަމަ އެ ގޮތަށް އެކަލޭގެފާނުގެ ސުންނަތުގެ ހުރުމަތްކަނޑާ މީހުންނާ އެކީ، އަޅުގަނޑުމެން ބައިވެރިވެގެންނެއް ނުވާނެއެވެ. އަޅުގަނޑުމެން ބައިވެރިވެ ވާގިވެރިވާން ޖެހޭނީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދި ކަމޭހިތާ މީހުންނަށެވެ.

ރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢެއްގައި ރަސޫލުﷲ ﷺއަށް ފުރައްސާރަކޮށް އިހުތިރާމްކުޑަކޮށްފި ނަމަ، އެ ކަން ކުށްވެރިކޮށް އެ ކަމާ ދެކޮޅަށް އަޑުއުފުލާން ޖެހެއެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެ ކަން ގެނެސް އެ ކަމުގައި އަވަސް ފިޔަވަޅު އަޅުއްވާން ސަރުކާރަށް އިލްތިމާސްކުރާން ޖެހެއެވެ. ސަރުކާރުން ޤާނޫނާއި ޝަރީޢަތް މެދުވެރިކޮށް އެ މީހަކަށް ޙައްޤު އަދަބުދޭން ޖެހެއެވެ. ޣައިރުމުސްލިމުން މި ބާވަތުގެ އަމަލުތައް ހިންގުމުން އެ ކަން ކުށްވެރިކޮށް އެ ކަމާ ދެކޮޅަށް ސުލްހަވެރިކަމާ އެކު، އަޑު އުފުލާން ޖެހެއެވެ. އަޅުގަނޑުމެން އެ މީހުންނަށް ދޭ ރައްދުގައި ދައްކާން ޖެހެނީ އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި މާތް ނަމޫނާއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުން ދައްކާން ޖެހެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. މި ގޮތަށް ރައްދުދިނުމުން އެކަލޭގެފާނަށް ފުރައްސާރަކުރި މީހާ އިސްލާހުވެ އިސްލާމް ދީނަށް ވަނުމުގެ ފުރުސަތު ތަނަވަސްވެއެވެ. (އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ..

Advertisement

ކޮމެންޓް
ފާތުން
ވަރަށް އަގުހުރި މައުލޫމާތުކޮޅެއް. ފަޔާޟްގެ ހުށަހެޅުއްވުން ވަރަށް ސާދާ. ވަރަށް ޞަރީޙާ
01 Jul 2024