Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (1)

01 Jul 2024 | 00:01
އިޚުލާޞްތެރިކަމުގެ ވާސައެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނާ ހައްދަވައިފައިވަނީ އޭނާގެ ޠަބީޢަތުގައި ހެޔޮ ކަމަށާއި ނުބައި ކަމަށް ލެނބުމުގެ އިޚުތިޔާރު ދެއްވައިފައެވެ. އޭނާއަށް ދެއްވައިފައިވާ ހިތުގެ ސަބަބުން ނުވަތަ ވިސްނުމުގެ ސަބަބުން އޭނާ، ހެވާއި ނުބައި ވަކިކޮށް ދެނެގަނެއެވެ. ﷲ ދެއްވާ ހިދާޔަތުގެ ސަބަބުން ހިތް ސާފުވެއްޖެ ނަމަ، އޭނާ ހެޔޮ މަގަށް ސީދާވެގަނެއެވެ. އޭރުން އޭނާގެ ގުނަވަންތައް ﷲގެ ޙަޟުރަތާ ކުއްތަންކުރުވަނިވި ޢަމަލުތައް ކުރާނެތެވެ. ﷲގެ ހިދާޔަތު ނުލިބުނު މީހާގެ ހިތް އަނދިރިކަމުގެ ތެރެއަށް ޣަރަޤުވެ ހެޔޮ މަގުން ކަސިޔާރުވެ މަގު ގެއްލިގެންދާނެތެވެ.

އިސްލާމްދީން އިންސާނާގެ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން އެހެން އެއްވެސް ގުނަވަނަކަށް ދީފައިނުވާ އިސްކަމަކާއި އަހައްމިއްޔަތެއް އޭނާގެ ހިތަށް ދީފައިވެއެވެ. މި ކުޑަކުޑަ މަސްކޮޅަކީ އީމާންކަމުގެ ގޮވައްޗެވެ. އިޚުލާޞްތެރިކަމުގެ ވާސައެވެ. ތެދުވެރިކަމުގެ ވަށަލައެވެ. ހިތަކީ އީމާންކަމުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ބިރުގަތުމާއި، ހާސްވުމާއި، އެދުމާއި، ވަކީލުކުރުމާއި، ތައުބާވުމާއި،  ތެދުވެރިކަމާއި، ލޯތްބާއި،  ކުލުނާއި،  އަޅައިލުމުގެ ހާއްޔެވެ.

އިންސާނާ ކުރާ ޢަމަލުތައް ގަބޫލުކުރެއްވުމާއި މަތިވެރިވުން އޮތީ ހިތުގައި އެއަށް ދީފައިވާ މަޤާމުގެ މަތީގައެވެ. ހިތުގެ އަޑީން ކުރާ ކަންތަކާއި ތިލަފަށުން ކުރާ ކަންތައް ތަފާތުވާނެއެވެ. އީމާންކަމެއް ނެތް ހިތަކުން ކުރާ އެއްވެސް ޢަމަލަކުން އޭނާއަށް ފައިދާއެއް ނުކުރާނެތެވެ. ކުރާ ޢަމަލުތައް ވަކިކޮށްދެނީ ވެސް ހިތެވެ. ސުންނަތް ނަމާދަކާއި ފަރުޟު ނަމާދެއް ތަފާތު ވަނީ ހިތުގެ ނިޔަތުންނެވެ. ހިނެއުމެއް ފަރުޟަކަށް ނުވަތަ  ސުންނަތަކަށް ވަނީ މި ހިތުން ގަބޫލުކުރާ ގަބޫލުކުރުމަކުންނެވެ. މިހެންވެ ކައު ރަސޫލާ e ޙަދީސް ކުރެއްވިއެވެ. ((أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلاَ وَهِيَ الْقَلْبُ[1] - އަޅެ ދަންނައެވެ! ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެ ނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެތެވެ. މި މަސްކޮޅު ނުރަނގަޅުވެއްޖެ ނަމަ، މުޅި ހަށޑިގަނޑު ނުރަނގަޅުވެދެތެވެ. އަޅެ ދަންނައެވެ! އެއީ ހިތެވެ.)) 

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ((ހިތަކީ ރަސްގެފާނެވެ. ރަސްގެފާނު ރަނގަޅުވެއްޖެނަމަ އޭނާގެ ސިފައިން ރަނގަޅުވެދެތެވެ. ރަސްގެފާނު ނުބައިވެއްޖެނަމަ އޭނާގެ ސިފައިން ނުބައިވެދެތެވެ.))

މާތް ﷲ ރަޙުމަތްލެއްވި އިބްނު ރަޖަބު ވިދާޅުވާ ގޮތުގައި ތަގުވާވެރިކަމާއި ކާފަރުކަން އޮންނާނީ ހިތުގައެވެ. ހިތް ރަނގަޅުވެ ތަގުވާވެރިވެއްޖެ ނަމަ، ގުނަވަންތައް ރަނގަޅުވާނެތެވެ. ހިތް ނުރަނގަޅުވެއްޖެ ނަމަ، ގުނަވަންތައް ވެސް ނުރަނގަޅުވެދާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( الإيمانُ في القلبِ التقوى ها هُنا التقوى ها هُنا[2] - އީމާންކަން އޮތީ  ހިތުގައެވެ. ތަގުވާވެރިކަން އޮތީ މި ތާނގައެވެ. ތަގުވާވެރިކަން އޮތީ މި ތާނގައެވެ. މި ފަދައިން  ޙަދީސްކުރައްވާ މޭފުޅަށް އިޝާރަތްކުރެއްވިއެވެ.)) ނަބިއްޔާ صلى الله عليه وسلمގެ އެހެން ބަސްފުޅެއްގައިވެއެވެ. (( لا يَسْتَقِيمُ إِيمانُ عبدٍ حتى يَسْتَقِيمَ قلبُهُ، ولا يَسْتَقِيمُ قلبُهُ حتى يَسْتَقِيمَ  لسانُهُ[3]- އަޅެއްގެ ހިތް ތެދުމަގަށް ސީދާވެއްޖައުމަށް ދާންދެން އޭނާގެ އީމާންކަން ތެދުމަގަށް ސީދާވެގެން ނުދެތެވެ. އަދި އޭނާގެ ދޫ ތެދުމަގަށް ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ތެދުމަގަށް ސީދާވެގެން ނުދެތެވެ.))

ޤުރްއާނުގައި ނަންގަނެވިގެންވާ މިންވަރު:

ކީރިތި ޤުރްއާނުގައި "قلب" (ހިތް) މި ލަފުޒު މުފްރަދުކޮށްނާއި ޖަމްޢުކޮށް  132 ފަހަރު ވާރިދުވެފައިވެއެވެ. އަދި " فؤاد "  މި ލަފުޒު ތަފާތު ގޮތްގޮތަށް 18 ފަހަރު އައިސްފައިވެއެވެ. އަދި " صدر" (މޭ) މި ލަފުޒު ހިތުގެ މާނައިގައި 44 ފަހަރު އައިސްފައި ވެއެވެ.

ހިތަށް "ޤަލްބު" ´ކިޔުނީ  ފުރޮޅޭލެއް އަވަސްކަމުންނެވެ. އުއްމުލްމުއުމިނީން އުއްމު ސަލަމާއަށް ދެންނެވުނެވެ." ކަމަނާގެ އަރިހުގައި ނަބިއްޔާ އުޅުއްވާ ވަގުތު އެންމެ ގިނައިން ކުރައްވައި އުޅުއްވީ ކޮން ދުޢާފުޅެއްތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އެންމެ ގިނައިން ކުރައްވައި އުޅުއްވި ދުޢާފުޅަކީ ((يا مقلِّبَ القلوبِ ثبِّت قلبي على دينِكَ  إِذْ هَدَيْتَنا[4]ހިތްތައް އަތްއަތަށް ފުރޮޅުއްވާ ރަސްކަލާކޮ! މި އަޅާއަށް ހިދާޔަތުދެއްވެމަށް ފަހު، މި އަޅާގެ ހިތް އިބަރަސްކަލާނގެ ދީންމަތީގައި ސާބިތުކޮށްދެއްވާނދޭވެ!)) އެ ކަމަނާ ވިދާޅުވިއެވެ. "ފަހެ އަހުރެން ދެންނެވީމެވެ. ކަލޭގެފާނު يا مقلِّبَ القلوبِ ثبِّت قَلبي على دينِكَ މި ދުޢާފުޅު ތިޔަ ހައި ގިނައިން ތިޔަ ކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އޭ އުއްމު ސަލަމާއޭވެ! ﷲގެ ޔަދުޤުދްރަތްފުޅުގެ ދަށުގައި އޭނާގެ ހިތް ނުވާ އާދަމުގެ ދަރިއަކު ނުވެއެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކު ޙައްޤު މަގުގައި ސާބިތުކުރައްވައިފާނެތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި މީހަކު ޙައްޤުމަގުން އެއްކިބާކުރައްވައިފާނެތެވެ." އެ ހިނދު މުޢާޛުގެފާނު މި އާޔަތް ވިދާޅުވިއެވެ. (( رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا[5] - އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! ))

އެހެންކަމުން ކޮންމެ މުސްލިމަކު ވެސް އޭނާގެ ހިތަށް ރައްކައުތެރިވާން ޖެހޭނެއެވެ. އުރެދުމުގެ ޖައްވުން ބޭރުގައި އުޅުމަށް ޓަކައެވެ. ކުށްފާފަތަކުގެ ރޯގާތަކާއި ބަލިތަކުން ސަލާމަތްވެވޭތޯއެވެ. ތެދުމަގުން އެއްފަރާތްކޮށްފާނެ ކުނިކޮޅުތަކުން ހިތް ސާފުކޮށްގެންނެވެ.

ޤަލްބަށް "فؤاد" ކިޔުނީ އަނދައިތީއެވެ. فؤاد އާއި أفئدة (ފުއާދުގެ ގިނަ ގޮތް) އައިސްފައިވަނީ މައްކީ ސޫރަތްތަކުގައެވެ. އެނދުމާއި ހަލަބޮލިކަމާއި ހާސްކަމާއި ކަންބޮޑުވުމުގެ މަފްހޫމުގެ ތެރޭގައެވެ. މިސާލަކަށް  އަލްޤަޞަޞް ސޫރަތުގައި  ވަޙީކުރައްވައިފައި ވެއެވެ. ))وَأَصْبَحَ فُؤَادُ أُمِّ مُوسَى فَارِغًا إِنْ كَادَتْ لَتُبْدِي بِهِ [6] - އަދި موسى ގެފާނުގެ މައިކަމަނާގެ ހިތްޕުޅު (موسى ގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. )) އެކަމަނާގެ މުޅި ވިސްނުންފުޅު އޮތީ މޫސާގެފާނަށެވެ. އެކަލޭގެފާނަށް ވާނެގޮތަކާމެދު ކަންބޮޑުވުންމަތީގައެވެ. މި ކަމާވިދިގެން މާތް ﷲ ވަޙީކުރެއްވިއެވެ. (( لَوْلَا أَنْ رَبَطْنَا عَلَى قَلْبِهَا لِتَكُونَ مِنَ الْمُؤْمِنِينَ [7] - ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) مؤمن ންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށް ޓަކައެވެ.))

އަލްޢަންޢާމު ސޫރަތުގައި ވަޙީކުރެއްވިއެވެ. (( وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِي طُغْيَانِهِمْ يَعْمَهُونَ[8] - ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (حقގެ މަގުން) އެއްކިބާކުރައްވަމެވެ. އެއުރެން އެ آيةތަކަށް ފުރަތަމަ ފަހަރު ވެސް، إيمانނުވި ފަދައިން (إيمانއެއް ނުވާނެތެވެ.) އަދި ދެފުށުއެޅި ތިބޭ حال އެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާހުށީމެވެ.))  މާނައަކީ އެ ހިތްތަކަށް އެއްވެސް އެއްޗެއް ދޭހައެއް ނުވެއެވެ. އެއީ ގަބު ހިތްތަކެކެވެ. ވިސްނުންކޮށި ހިތްތަކެކެވެ.

އެހެން ބަސްފުޅެއްގައި ވެއެވެ. ((وَمَا أَدْرَاكَ مَا الْحُطَمَةُ نَارُ اللَّهِ الْمُوقَدَةُ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ [9]- އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (އެއީ) اللَّهގެ އަނދައަނދައި ހުންނަ ނަރަކަޔެވެ. އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.)) މާނައަކީ އެއީ ފިހެމުންދާ ހިތްތަކެކެވެ.  (ނުނިމޭ)

ބައެއް ލަފުޒުގެ މާނަ:

ވާސަ    ނ.   (1) އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި. (2) ދިރިއުޅޭ ވެށި. (3) ދިރިއުޅޭ ތަން.

ވަށަލަ   ނ.   ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ.

ހާލި    ނ.   (1) ފޮރުވިގެން ތިބެ ނުބައި ކަންތައްތަކެއް ހިންގާ ތަން. (2) ޖާގަ. (3) ދޫނިސޫފާސޫފި ބިސްއެޅުމާއި ވިހެއުމަށް ހަދާ ތަންމަތި.

މަރުޖިޢުތައް:

[1]  -  أخرجه البخاري (٥٢)، ومسلم (١٥٩٩ )

[2]  - أخرجه أحمد (١٢٤٠٤)، وابن أبي شيبة في ((المصنف)) (٣٠٩٥٥)، وأبو يعلى (٢٩٢٣)

[3]  - أخرجه أحمد (١٣٠٤٨)، وابن أبي الدنيا في ((الصمت)) (٩)، والقضاعي في ((مسند الشهاب)) (٨٨٧) 

[4]  - أخرجه الترمذي (٣٥٢٢) وأحمد (٢٦٦٧٩) 

[5]  -  آل عمران : 8

[6]  - القصص: 10

[7]  -  القصص: 10

[8]  - الأنعام: 110

[9]  -  الهمزة : 5-7

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ރިޟުވާނު
ކީރިތި ޤުރުއާނާ ކީރިތި ރަސޫލާގެ ބަސްފުޅުތަކުގެ އަލީގައި ލިޔުއްވާފައިވާ ޢިލްމީ ލިޔުއްވުމެއް
03 Jul 2024