އާމްދަނީ އިތުރުކުރައްވައި ޚަރަދުކުޑަކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކަށް ރިޢާޔަތްކުރައްވައިގެން ގާނޫނުތައް ހެއްދެވުން މުހިންމު
އަބާ މުޙަންމަދު
އަހަރުގެ ކޮންމެ ކާލެއް ނިމޭތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފުސީލު އާންމުކުރާން ޖެހޭ ގޮތަށް ލާޒިމުކޮށް، ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، އެ ބިލު ގާނޫނަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު މި ބިލު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައިކަމަށް ޚަބަރު ލިބިފައިވެއެވެ. މި ބިލު ގާނޫނަކަށް ހެއްދެވުމުގެ މަގުސަދެއްކަމަށް ބަޔާންކުރައްފައިވަނީ ދައުލަތުން ދަރަނިނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި ލޯކަލް ކައުންސިލުތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމާއި ދައުލަތުގެ ދަރަންޏާ ބެހޭ މަޢުލޫމާތު ހާމަކުރުމެވެ.
މިގެ އިތުރަށް ދަރަނިނަގައި ބަލަހައްޓައި މެނޭޖުކުރަނީ ގައުމުގެ އިގުތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އިގުތިސާދީ ފުދުންތެރިކަމާއި ފިސްކަލް އަދި މާލީ ނިޒާމު، ދިގު މުއްދަކަށް ދެމެހެއްޓޭނެ ގޮތް ކަށަވަރުކުރާންކަމަށް މަގުސަދުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފުސީލު ހާމަކުރާން ވާނެކަމަށް ވެސް ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި، ބަޔާންކޮށްފައިވެއެވެ. ބިލުގައި ވާ ގޮތުން ކޮންމެ ކާލެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ދަރަނީގެ ތޫރައެއް ޝާއިއުކުރާން ވާނެކަމަށާއި، ސަރުކާރުގެ ދަރަނީގެ ބާކީ ހުރި މިންވަރާއި އޭގައި އެކުލެވޭ ފައިސާގެ ބާވަތާއި، ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ހިރާސްތަކާއި، ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީއާ އެއްގޮތަށް ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު އެ ތޫރައިގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ މި ޤާނޫނަށް ޢަމަލުކުރާން ފެށުމާ އެކު، ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށް ޓަކައި ވަޒީރު ކުރައްވާން ޖެހޭ ކަންކަން ކުރުމަށާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމަށް ޓަކައި، މެނޭޖުމަންޓް އޮފީހެއް ޤާއިމްކުރާން ލާޒިމްކުރުމެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ އޮފީސް ޤާއިމްކުރާން ވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނަށް އަމަލުކުރާން ފެށުމުގެ ކުރީން ހިންގަމުން އައި ފިނޭންސް މިނިސްޓްރީގެ "ޑެޓް މެނޭޖުމަންޓް ޑިޕާޓްމަންޓް"ގެ އެންމެހައި ޤާނޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދާތައް ޑެޓް މެނޭޖުމަންޓް އޮފީހުގެ ދަށަށް ބަދަލުވާނެކަމަށް ވެސް ބިލުގައިވެއެވެ. މި ކަންކަމަކީ ވަރަށް މުހިންމުކަންކަންކަން ފާހަގަކޮށް ތަހުނިޔާ ދަންނަވަމެވެ. އޭރުން ދައުލަތުގެ ދަރަންޏާއި އަރަންޏާ ބެހޭ ގޮތުން އަހަރަކު ހަތަރު ފަހަރު ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެތާއެވެ. މީގެ އިތުރަށް ދަރަނި ނުވަތަ ޑެޓް މެނޭޖުމަންޓާ ގުޅޭ އަހަރީ ރިޕޯޓެއް އެކުލަވައިލައި އެ ރިޕޯޓު، ވިދިގެން އަންނަ އަހަރުގެ ފުރަތަމަ ކާލު ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މިނިސްޓްރީއިން ޢާންމުކޮށް ޝައިއުކުރާން ވާނެކަމަށް ވެސް ބިލުގައި ވާތީ، މިއީ ވެސް ރަނގަޅު ފިޔަވަޅެއްކަމަށް ގަބޫލުކުރެއެވެ. އަދި ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އަދާކޮށް ނުނިމިވާ އެންމެހައި ލޯނުތަކާއި ޚާއްޞަކޮށް ދައްކާން ޖެހި ނުދެއްކި، މުއްދަތު ފަހަނަޅައިފައިވާ ލޯނުތަކާއި، އެ ފަދަ ލޯނުތަކުގެ މަޢުލޫމާތާއި، ދައުލަތް ޒިންމާވާ ގޮތަށް އަމިއްލަ މީހުން، ނަގައިފައިވާލޯނުތަކުގެ މަޢުލޫމާތު ވެސް ހާމަކުރާން ލާޒިމުކުރެއެވެ.
މި ބިލުން މި އުފެދޭ ގާނޫނުގައި
ބަޔާންކުރާ އޮފީހަކީ ދައުލަތަށް އިތުރު ބުރައެއް އުފުއްލާން ނުޖެހި މިހާރު ވެސް ހުރި
ވަސީލަތްތަކާއި ތިބި މުވައްޒިފުންނާ އެކު، އުފައްދާ އޮފީހެއްކަމަށް ވެއްޖެ ނަމަ، ކިތަންމެ ހައި
ވެސް ރަނގަޅެވެ. އެހެން ނޫންނަމަ، އަނެއްކާ ވެސް އިތުރު ޚަރަދެކެވެ.ދައުލަތަށް އިތުރު ބުރައެކެވެ.
ވީމާ، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިގުތިސާދީ ސިޔާސަތަށާއި އަދި ވަކީން ޚާއްސަކޮށް އާމްދަނީ އިތުރުކުރައްވައި ޚަރަދުކުޑަކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކަށް ރިޢާޔަތްކުރައްވައިގެން މި ބިލު ގާނޫނަކަށް ހައްދަވާނެކަމަށް "ފަރަގު މީޑިއާ" އުންމީދުކުރެއެވެ.
__________________________________
ދެ ލަފުޒެއްގެ މާނަ:
ކާލު ނ. ހަތަރުބައިކުޅަ އެއްބައި.
ތޫރަ ނ. އާންމުންނަށް އަންގާންޖެހޭ މުހިންމު މައުލޫމާތެއް ފެތުރުމަށް ޓަކައި ރަސްމީ ފަރާތަކުން ނެރޭ ނުވަތަ އާންމުކުރާ ކުރު ލިޔުމެއް.