Advertisement

ނަސީބު

30 Jun 2024 | 00:46
ރައްޖެތެރެގައި ބޭއްވި މިޔުޒިކް ޝޯއެއް(ފޮޓޯ: މޯލްޑިވްސް މެގަޒީން)

އަސްމާ އަބޫބަކުރު

ނަސީބު ފަހިވަނީ ހިތްވަރުގަދަ މީހުންނަށޭ ބުނާއަޑު ނޫރާ އަހައެވެ. ވަގުތާއި ހާލަތު އެއްބައިވަނީ ވެސް ނަސީބު އަތުގައި ހިފާ މީހުންނަށެވެ. ނޫރާގެ ވިސްނުން ހުންނަނީ ނަސީބާ ގުޅުވައިފައެވެ. ރަނގަޅު ވަގުތެއްގައި ރަނގަޅު ބައިވެރިއެއް ލިބުމަކީ ހަޔާތް ބާއްޖަވެރިކުރާނެ ހެޔޮ ފާލެކެވެ.  

ބޮޑުޢީދުގެ ފޯރި އެންމެ ގަދަވީ ޢީދުގެ ތިންވަނަ ދުވަހެވެ. އެއީ މަޝްހޫރު ގިނަ ގުރޫޕުތަކެއް އެކުވެގެން ޝޯ ދިނުމަށް ހަމަޖެހިފައިވާތީއެވެ. ރަށުގެ ކުދި/ބޮޑު އެންމެން ދުލު ކުރީގައި އޮތީ ޢީދުގެ ސްޓޭޖު ޝޯގެ ވާހަކައެވެ. އެކަމަކު ނޫރާމެންގެ ގުރޫޕުގައި ދެކެވެނީ ރަށަށް އަރާ ޒުވާން ފިރިހެން ކުދީންގެ ވާހަކައެވެ. އެ ގުރޫޕު ޝޯ ބަލާން ދަނީ ނަމުގައެވެ. ދުރުގައި ތިބެގެން ގާޑިޔާތަކުން ތަފާތު ވައްތަރުގެ އެއްޗެހި ގަނެގެން ކެއުމާއި މަޖާކުރުމުގައި ނޫރާމެންގެ ވަގުތު ހޭދަކުރެއެވެ.

މީހުންގެ ލޮލުގައި އަޅައިގަންނަ ގޮތަށް އެ ގުރޫޕު ތިބެނީ ތަންކޮޅެއް އަލިގަދަ ހިސާބެއްގައެވެ. ގުރޭޑް ދިހައެއް ނިންމުމާ އެކު، ގިނަ ކުދީން ތިބެނީ ހަޔާތުގެ ބައިވެރީން ހޯދައިގެންނެވެ.

"މި ފަހަރުވާނެ ނޫރާއަށް މީހަކު ހޯދައިދޭން. މިހެން ތިއްބައި ޢީދު ނިމިދާނެ" ޒަހުވާ ވާހަކަ ދެއްކީ ރީހާއާއެވެ.

"އަހަރެމެން ތަނަކަށް ދާން ރޭވިއަސް ނޫރާ އެކަނިވޭ އެބަ. އެކަމަކު ނޫރާއަށް ކަމަކުނުދާނެ އަހަރެމެން ދައްކާ މީހަކު." ރީހާގެ ޚިޔާލަށް ޒަހުވާ ވެސް އެބަސްވިއެވެ. ނޫރާއަށް ކަމުދާ މީހަކު މި ދުނިޔޭގައި ނުވެޔޭ ކިޔައިގެން ރީހާއާއި ޒަހުވާ ކިތަންމެ ފަހަރަކު ދިމާވެސްކުރެއެވެ.

ނޫރާގެ ލޮލުގައި އަޅައިގަތީ ރަށުކުއްޖެއް ނޫނެވެ. ޢީދު ޝޯ ބަލާން ރަށަށް ޒިޔާރަތްކުރި މެހެމާނެކެވެ. ނަމަކީ ރާފިލެވެ. އެކުވެރިއަކަށް ވެސް ނޭނގޭހާ ސިއްރުން ރާފިލާ ނޫރާ ބައްދަލުކުރިއެވެ. ގަޑި ކަނޑައެޅީ ނޫރާއެވެ. ފަތިސްގަޑިއަށް ވުމުން އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުވެ، ނޫރާގެ ގޭގެ ޖޯލިފަތިންނާއި ރަށުގެ ހިތްގައިމު އަތިރިމަތީން ވެސް ބައްދަލުކުރިއެވެ. އުދަރެހުގެ ރަންކުލައިން ފެވެމުން އިރުއަރާ މަންޒަރު ނޫރާ ބެލީ ރާފިލްގެ ލޮލުންނެވެ. ރާފިލްގެ ކުރު ދަތުރު ނިމުމާ އެކު ނޫރާގެ ހެޔޮދުޢާ ހިފައިގެން ރާފިލް ފުރާން ތައްޔާރުވެއްޖެއެވެ. ރާފިލްގެ ފޮނިބަސްތައް އުންމީދުގެ ގުޅިއެއްގައި ނޫރާ ވެސް ފޮރުވައިފިއެވެ.   

އީދު ނިމިއްޖެއެވެ. ދަނޑީގެ އަޑާއި މިޔުޒިކުގެ އަޑު މަޑުވެއްޖެއެވެ. ރަށުތެރެ ހަމަހިމޭން ވެއްޖެއެވެ. އެ ބަޔެއްގެ މަސައްކަތަށް އެބަޔަކު އެނބުރި ހިނގައްޖެއެވެ. ބައެއް ހިތްތައް ރޮއްވައިފައެވެ. ބައެއް ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ނޫރާގެ ހިތަށް އުފާވެރިކަން ލިބުނީ ކޮލެޖުން ލިބުނު މެއިލަކުންނެވެ. ނަރުސްކަމަށް އެޕުލައި ކޮށްފައިވާތީ ކޯހަށް ހޮވުނުކަމަށް އަންގައިފައިވާ މެއިލެކެވެ. ނޫރާ އެ ޚަބަރާއިގެން އެކުވެރީންނާ ބައްދަލުކުރިއެވެ. ނޫރާ މާލެދާން ފުރުސަތު ލިބުނީއެވެ.

"މަންމާ! މާލެ ގޮސް މަންމައާ ވަކީން އަހަރެން ކިހިނެއް އުޅޭނީ؟" ނޫރާގެ ކަންބޮޑުވުމަކީ ހަމައެކަނި މައިންބަފައިންނާ ވަކިވާން ޖެހުމެވެ. ރަށުގައި މަންމަމެން ގާތު ހުރެގެން އެހައި ލޯބިން އުޅެފައި މާލެދާން ނޫރާ ބިރުގަނެއެވެ. އެކަމަކު ވެސް ކިޔަވައިގެން އައިސް ރަށަށް ޚިދުމަތްކުރުމަކީ ނޫރާގެ ޢަޒުމެކެވެ.

"ދަރިފުޅު ކީއްވެ ކަންބޮޑުވާންވީ. ބޮޑުދައިތަ ގާތަށް މި ފޮނުވަނީ. އެއީ ހަމަ ދެވަނަ މަންމަ. ބޮޑުދައިތަ ނުލާހިކު އުފާވާނެ ނޫރާ ދިޔައިމަ." މަންމަގެ ވާހަކަތަކުން ނޫރާގެ ކަންބޮޑުވުން ފިލައިފިއެވެ. ނޫރާގެ ހިތަށް އުފާވެރިކަން ލިބެނީ މާލެ ގޮސް ރާފިލާ ބައްދަލު ކުރެވޭނެތީއެވެ. ކޯސް ފެށޭން ހަފުތާއެއްހައި ދުވަސް ކުރީން ނޫރާ މާލެ ދިޔައެވެ. އާ މައުލަކަށް ހޭނޭން ވަގުތު ހޭދަވާނެތީ، ނޫރާގެ މަންމަގެ އެދުމުގެ މަތީންނާ އެކުއެވެ.

ނޫރާގެ ބޮޑުދައިތަ އަކީ މަންމަ ބުނިހެން ރަނެއް މަލެއް ފަދަ މީހެކެވެ. ބޮޑުދައިތަގެ ދެ ކުދީން ތިބި އިރު، ދެ ކުދީން ވެސްވީ ރާއްޖޭން ބޭރަށް ޑޮކްޓަރުކަން ކިޔަވާން ގޮހެވެ. ބޮޑުދައިތަގެ ފިރިމީހާއަކީ މާލޭ މީހެކެވެ. ގެ ބަހައިގެން ލިބުނު ބައި ހަތަރު ބުރިއަށް ނަގައިފައި  ތިންބުރި ހުރީ ކުއްޔަށް ދީފައެވެ. ބޮޑުދައިތަމެން ދިރިއުޅެނީ އެންމެ ތިރީގައެވެ. ތިން ކޮޓަރި ހުރުމުން އެއްވެސް ދަތިކަމެއް ނެތި އެ މީހުންނަށް އުޅެވެއެވެ. މަސައްކަތެއް ނުކޮށްވެސް ތަނަވަސް ދިރިއުޅުމެއް އުޅެވޭހައި ފައިސާ ލިބެއެވެ.

ބޮޑުދައިތައަކީ ވެސް ކުރީން ނަރުހެކެވެ. މިހާރު ހުރީ ރިޓަޔަރ ކޮށްފައެވެ. ނޫރާއަށް އެއްވެސް ދަތިކަމެއް އެގެއަކު ނެތެވެ. ބޮޑުދައިތަގެ ޚިޔާލު އެންމެ ޒުވާން ކުދީންގެ ޚިޔާލާ އެއް ގޮތެވެ.

"ނޫރާގެ ހެދުންތައް އެބަޖެހޭ ބަދަލުކޮށްލަން. ތިޔަ ޢުމުރުގެ ކުދީން ލާ ކަހަލަ ޒަމާނީ ހެދުންތަކަށް. މި ޒަމާނުގައި ޕާކިސްތާނު ހެދުން ތި ޢުމުރުގައި ލައެއް ނޫޅޭ." ބޮޑުދައިތަ ބޭނުމީ ނޫރާގެ ފެޝަން ބަދަލުކޮށްލުމެވެ.

"ބޮޑުދައިތާ. އަހަރެން މީ ރާއްޖެތެރޭގެ ކުޅަނދު މަދު ކުދީންނޭ. އަހަރެމެން ތިބޭނީ އެ ގޮތަށްނު." ނޫރާ އެހެން ބުނުމާއެކު ބޮޑުދައިތަ ހިނިގަނޑެއް ޖަހާލިއެވެ.

"މިހާރަކު ތިޔަ ކުޅަނދު މަދޭ ރާއްޖެތެރެއޭ ކިޔާކަށް ނުޖެހޭނެ. އެއްމެން ވެސް މީ ރާއްޖޭގެ މީހުންނެއްނު." ނޫރާ ހުރީ ބޮޑުދައިތަ އެ ބުނާ ޒަމާނަށް ނުފެތޭ ހެދުމުގައެވެ. ކޮލެޖުގެ އެންރޯލްމަންޓް އޮތް ދުވަހު ވެސް ނޫރާ ހުރީ އޭނާގެ ގޮތުގައެވެ. ކޮލެޖަށް ގޮސް އެންރޯލްމަންޓް ކަންތައް ނިމިގެން ގެއަށް އައުމުގެ ކުރީން ނޫރާ ގުޅީ ރާފިލަށެވެ.

"އަހަރެން މިހުރީ މާލޭގައި." ނޫރާއާ ރާފިލް ޗެޓް ކުރިއަސް މާލެ އަންނަ ވާހަކަ ރާފިލް ގާތަކު ނޫރާއެއް ނުބުނެއެވެ. ރާފިލްގެ އަޑު އިވުމުން އެއަޑުގައި ހުރި ހާސްކަމެއް ނޫރާއަކަށް ފާހަގައެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް ނޫރާ ހުރީ އުފާވެފައެވެ. ނޫރާގެ ނަސީބު ރަނގަޅު ކަމުންނެވެ. ރާފިލުގެ ރީތިކަމުގެ ދަންތުރައިގައި ޖެހި ހިތް ހަލާކުވެފައެވެ. ރާފިލަކީ މާލޭގެ މުއްސަނދި ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެންދަރިއެވެ. އުޅެ ބޮޑުވީ ޝާހީ ގޮތުގައެވެ.

ރާފިލް ބުނި ތަނަށް ނޫރާ ދިޔައީ ޓެކްސީއެއްގައެވެ. މާލޭގެ އެކި ތަންތަން އަދި ނޫރާއަކަށް ދަސްވެފައެއް ނެތެވެ. ހިތުގައި ފޮނިމީރު ހީލިކެރުވުމެއް އުފެދިފައިވަނީ ބައްދަލުވާން އެންމެ އެދޭ ފަރާތާ ބައްދަލުވާތީއެވެ. ޓެކްސީގައި އިނދެގެން ވެސް ނޫރާ ވިސްނަމުން ދިޔައީ އެ ދެ މީހުންގެ ކުރިމަގަށެވެ. ރާފިލް ދީފައިވާ ފޮނި އުންމީދުތަކަކުންނެވެ. ނޫރާ ޓެކްސީން ފޭބިއިރު ރާފިލު ހުރީ ފުރަގަސް ދީގެން މީހަކާ ފޯނުން ވާހަކަ ދައްކާށެވެ. ނޫރާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ރާފިލް އެނބުރިލުމާއެކު ނޫރާ ފެނުމުން ދިޔައީ ސިއްސައިގެންނެވެ. ފޯނު ކަނޑައިލިއިރު ވެސް ހުރީ ގަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށެވެ.

"ނޫރާ." ހިނގާ އިށީންނަށް. ރާފިލުގެ ފަހަތުން ނޫރާ ވެސް ގޮސް ގޮނޑީގައި އިށީނެވެ. ހިތުގައި ހުރި އެތައް އުދާހެއް ބޭރުކުރުމުގައި ދެތިން މިނިޓު ވޭތުވެއްޖެއެވެ. ރާފިލްގެ ވާހަކައިން އޭނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމުގައި ބުންޏެވެ. ރާފިލްގެ ހަރުކަށި ބަސްތަކުން ނޫރާ މުޅިން ދެރަކޮށްލައިފިއެވެ.

"ތިހާ ކަޓުކޮށް ހެދުންއަޅާ، ޒަމާނަށް ނުފެތޭ މީހުނެއް އަހަރެމެންގެ ފެމެލީއަކަށް ކަމަކު ނުދާނެ. ތިޔަ ހުރީ ރާއްޖެތެރޭގެ ކަޓު ގޮތްގަނޑު."  ރާފިލްގެ ވާހަކަތައް އަޑުއިވުމުން ނޫރާގެ ހިތަށް ތަދުވެއްޖެއެވެ. ދުވަހަކު ވެސް ނޫރާއާ ދިމާއަށް މީހަކު ނުބުނާ ކަހަލަ ވާހަކަތަކެއް މިއަދު އެ އިއްވީ ނޫރާގެ ހިތުގެ ވިންދުކަމުގައި ދެކިގެން އެ މީހެއްގެ ފަހަތުން އައިސް ބައްދަލުކުރި ރާފިލެވެ. ނޫރާގެ ލޮލުން ކަރުނަ އަންނާން ފަށައިފިއެވެ. "އަހަރެން މާލެ އައީ ދެ މަގުސަދެއްގައި. ނަރުސްކަން ކިޔެވުމާއި ރާފިލާ ބައްދަލުވެވޭނެތީ. ކީއްވެ ރާފިލް ކުރީން ނުބުނީ؟" ކަރުނަތައް ފޮހެމުން ނޫރާ ވާހަކަދެއްކިއެވެ. ނޫރާގެ ވާހަކައިން ރާފިލްގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އެހެންނަމަވެސް ރާފިލްގެ ސަބަބުން ނޫރާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ރާފިލް ނޫރާގެ ރަށުގައި ހުރެ ދެއްކި ހުރިހާ ވާހަކަތަކަކީ ހިލައިގައި އެޅި ރޮނގެއް ފަދައެވެ. ނޫރާގެ ނަސީބު އަތުގައެއް ނުހިފިއެވެ.

ގެއަށް ދެވުމާއެކު ނޫރާގޮސް އެނދަން ވެއްޓި ރޯން އޮތް ތަން ބޮޑުދައިތައަށް ފެނިއްޖެއެވެ. އެ ކަމާ ބޮޑުދައިތަ އެތައް ސުވާލެއް ކުރުމުން ނޫރާގެ ޖަވާބަކަށްވީ ބޮޑުދައިތަގެ ވާހަކަ ރަނގަޅުކަމެވެ.

"އަހަރެން މީ ވަރަށް ނާތަހުޒީބު މީހެކޭ ރާފިލު ބުނީ. މިއަދު އަހަރެން އޭނައާ ބައްދަލުކޮށްފައި މިއައީ."

"ނޫރާގެ މަގުސަދަކަށް ވާންވީ ކިޔެވުން. ކިޔަވައި މޮޅުވެގެން ރަށަށް ޚިދުމަތްކުރުން. ތިޔަ ކަހަލަ ކިތަންމެ ރާފިލެއް ހަޔާތަށް އަންނާނެ. އަދި ނޫރާގެ ބައިވެރިޔާ ހުންނާނެ. ރާފިލް މަތީން ހަނދާންނައްތައިލާ." ނޫރާ ބޮޑުދައިތަ ދެއްކި ވާހަކަތައް އަޑުއެހިއެވެ. ރާފިލްގެ ހަނދާން ނައްތާލެވޭތޯ މަސައްކަތް ފެށިއެވެ. މާލޭގައި ދުވަސްތައް ހޭދަކުރާން ފެށުމުން މަޑުމަޑުން ފެޝަނަށް ވެސް ބަދަލު އަންނަން ފަށައިފިއެވެ. ކޯހުގައި ކިޔެވީ ރަނގަޅު ނަތީޖާއެއް ލިބޭތޯއެވެ.

ނޫރާ ހެދި ކޯހުން އެންމެ ރަނގަޅު ދަރިވަރަކަށް ނޫރާ ހޮވުނެވެ. ޚަބަރުތަކުންނާ ނޫސްތަކުގެ ފަލަ ސުރުޚީގައި އޮތީ ނޫރާގެ ނަމެވެ. ރާފިލަށް ނޫރާގެ ނަން ފެނުމާއެކު ގުރެޖުއޭޓްވެފައިވާ ފޮޓޯ ފެނުނެވެ. ރާފިލްގެ ހިތަށް އުނދަގޫވާން ފެށިއެވެ. ނޫރާ ފަދަ ރީތި ހިތް ހެޔޮ ބައިވެރިއަކު ދޫކޮށްލުން އެއީ އޭރު ބޮޑުކަމަކަށް ނުވިއެވެ.

ބޮޑުދައިތައާ އެކު ޕާޓީއަކަށް ނޫރާ ދިޔައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުން ގިނަ ޕާޓީއެކެވެ. އެ ޕާޓީގެ ތެރެއިން ގިނަ ބަޔަކަށް ނޫރާ ފާހަގަވީ ހަމައެކަނި ރީތި ކަމަކުންނޫނެވެ. ޕާޓީތަކުގެ މިޔުޒިކުގެ އަޑަކީ ނޫރާއަށް މާ ކަމުދާ އަޑަކަށް ނުވެއެވެ. ބޮލަށް އުނދަގޫވެފައި ނޫރާ ހުރީ ގެއަށް ދާން ލަސްވެފައެވެ. ބޮޑުދައިތަގެ ގިނަ އެކުވެރީންނާ ދިމާވާތީ ލަސްވަނީއެވެ. ދެންމެ ވެސް ގެއަށް ދާން ނިކުންނާށް އުޅެނިކޮށް ބޮޑުދައިތަގެ އަތުގައި ބަޔަކު ހިފުމުން އެމީހުންނާ ވާހަކަދައްކަން ހުއްޓުނީއެވެ. ތަންކޮޅެއް ދުރުގައި ނޫރާ ހުރީ ބޮޑުދައިތަގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ނޫރާގެ ކުރިމައްޗަށް އައިސް ހުއްޓުނީ ރާފިލެވެ.

"ނޫރާ" ރާފިލް ގޮވައިލުމާއެކު ނޫރާ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ.

"އަހަރެން ބޭނުން ނޫރާއާ ވާހަކަ ދައްކައިލާން." ނޫރާ އަނގައިން ވެސް ނުބުނެ އެ ތަނުން ދުރަށް ދިއުމަށް ހިނގައިގަތެވެ. ރާފިލް ވަގުތުން ނޫރާގެ އަތުގައި ހިފަހައްޓައިފިއެވެ. މިއަދު ރާފިލު ބޭނުންވަނީ ނޫރާއެވެ. އެހާ ފެޝަންވެފައި ނޫރާގެ ސްޓައިލް ބަދަލުކޮށްލުމުން ރާފިލްގެ ލޯ ނޫރާގެ މޫނުން ކައްސާލައިގެން ނުދެއެވެ. ރާފިލަށް ނޫރާ ޕާޓީން ފެނިގެން ގަބޫލުނުކުރެވިގެން ބަލާން ހުންނަތާ ވެސް އިރުކޮޅެއް ވެއްޖެއެވެ.

"އަތުން ދޫކޮށްލާ." ރާފިލް ނޫރާގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ.

"މި އަތުގައި ހިފީ ދެން ދުވަހަކު ވެސް ދޫކޮށްލާ ގޮތަކަށް ނޫން." ރާފިލް އެހެން ބުނުމާއެކު ޖަހާފައިވާ މިޔުޒިކު ހުއްޓުނެވެ. އެ ވަގުތަކީ އަތްތިލައެއްގެ ބާރު އަޑުން މުޅިތަން ގުގުމައިގެން ދިޔަ ވަގުތެވެ. އެންމެން އެކީ ބަލައިލީ އަޑު އައި ދިމާއަށެވެ. ރާފިލަށް ވީ ތަދުން ނޫރާގެ އަތުން ދޫކޮށްލައިފިއެވެ. ނޫރާ ރާފިލްގެ ކޯތާފަތްމަތީ ޖެހިލެއް ބާރުކަމުން އެންމެންގެ ސަމާލުކަން ހުރީ އެ ދިމާއަށެވެ.

"މީ ރާއްޖެތެރޭގެ ކަޓު މީހުން. އަދި ވެސް މިއީ އެ ކަޓު ނޫރާ. އަހަރެންގެ ހަޔާތަކަށް ތިޔަފަދަ ޝާހީ މީހަކު ނާންނާނެ." ނޫރާ އެހެން ބުނުމާއެކު އެތަނުން ނިކުމެއްޖެއެވެ. (ނިމުނީ)    

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް