Advertisement

ސިޔަރަތެއްގެ ވަށަރޮނގެއް

29 Jun 2024 | 13:40
ޑރ. މުޙަންމަދު ޙަމީދުﷲ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތިރީގައި އެ ވަނީ ވިހިވަނަ ގަރުނުގައި އުފެދުނު ވަރުގަދަ އިސްލާމީ އިލްމީ ޝަޚްސިއްޔަތުގެ ތެރެއިން ޝަޚްސިއްޔަތެއް ކަމުގައިވާ ޑޮކްޓަރ މުޙަންމަދު ޙަމީދުﷲ ޙައިދަރުއާބާދީގެ ސިޔަރަތުގެ ވަށަރޮނގެކެވެ. ޑޮކްޓަރ މުޙަންމަދު ޙަމީދުﷲ އުފަންވެވަޑައިގަތީ އިންޑިޔާގެ ޙައިދަރުއާބާދުގައި 1908ވަނަ އަހަރުގައެވެ. ޢިލްމުވެރި ޢާއިލާއެއްގެ ތެރެއަށެވެ. އޭނާގެ ބައްޕައާއި ކާފައަކީ ވެސް އެ ދުވަސްވަރު ފާހަގަކޮށްލެވުނު އިސްލާމީ ޢިލްމުވެރީންނެވެ. އޭނާގެ ބައްޕަ މުފުތީ އަބޫ މުޙަންމަދު ޚާލީލުﷲ އަކީ ފިގުހު އިލްމުވެރިއެކެވެ. އޭނާގެ ކާފަ މުޙަންމަދު ސިބްޣަތުﷲއަކީ ކީރިތި ގުރުއާނުގެ ތަފުސީރެއް ލިޔުއްވި އިލްމުވެރިއެކެވެ. އަދި އޭނާގެ މުނިކާފަ މުޙަންމަދު ޣައުޘުއަކީ ވެސް އިލްމީ ތިރީސް ފޮތް ލިޔުއްވި އިސްލާމީ އިލްމުވެރިއެކެވެ. ޑޮކްޓަރު މުޙަންމަދު ޙަމީދުﷲ އަވަހާރަވީ، އުމުރުފުޅުން 94 އަހަރުގައި 2002ވަނަ އަހަރު، އެމެރިކާގެ ފުލޮރިޑާގައެވެ.

ތިރީގައި އެ ވަނީ ވިހިވަނަ ގަރުނުގައި އުފެދުނު ވަރުގަދަ އިސްލާމީ އިލްމީ ޝަޚްސިއްޔަތުގެ ތެރެއިން ޝަޚްސިއްޔަތެއް ކަމުގައިވާ ޑޮކްޓަރ މުޙަންމަދު ޙަމީދުﷲ ޙައިދަރުއާބާދީގެ ސިޔަރަތުގެ ވަށަރޮނގެކެވެ. ޑޮކްޓަރ މުޙަންމަދު ޙަމީދުﷲ އުފަންވެވަޑައިގަތީ އިންޑިޔާގެ ޙައިދަރުއާބާދުގައި 1908ވަނަ އަހަރުގައެވެ. ޢިލްމުވެރި ޢާއިލާއެއްގެ ތެރެއަށެވެ. އޭނާގެ ބައްޕައާއި ކާފައަކީ ވެސް އެ ދުވަސްވަރު ފާހަގަކޮށްލެވުނު އިސްލާމީ ޢިލްމުވެރީންނެވެ. އޭނާގެ ބައްޕަ މުފުތީ އަބޫ މުޙަންމަދު ޚަލީލުﷲއަކީ ފިގުހު އިލްމުވެރިއެކެވެ. އޭނާގެ ކާފަ މުޙަންމަދު ސިބްޣަތުﷲއަކީ ކީރިތި ގުރުއާނުގެ ތަފުސީރެއް ލިޔުއްވި އިލްމުވެރިއެކެވެ. އަދި އޭނާގެ މުނިކާފަ މުޙަންމަދު ޣައުޘުއަކީ ވެސް އިލްމީ ތިރީސް ފޮތް ލިޔުއްވި އިސްލާމީ އިލްމުވެރިއެކެވެ. ޑޮކްޓަރު މުޙަންމަދު ޙަމީދުﷲ އަވަހާރަވީ، އުމުރުފުޅުން 94 އަހަރުގައި 2002ވަނަ އަހަރު، އެމެރިކާގެ ފުލޮރިޑާގައެވެ.

 ޑޮކްޓަރ މުޙަންމަދު ޙަމީދުﷲ ފުރަތަމަ ތައުލީމު ހާސިލުކުރެއްވީ އިންޑިޔާގެ ހައިދަރުއާބާދުގައެވެ. ފުރަތަމަ ޑިގުރީއާއި މާސްޓާރސް ނެންގެވީ އުސްމާނިއްޔާ ޔުނިވަސިޓީއިންނެވެ. ދެން އެއަށް ފަހު، އޭނާ ދެ ޕީ.އެޗް.ޑީ. ނެންގެވިއެވެ. ފުރަތަމަ ޕީ.އެޗް.ޑީ. ނެންގެވީ ޖަރުމަނުވިލާތުގެ ބޮން ޔުނިވަސިޓީއިންނެވެ. ދެވަނަ ޕީ.އެޗް.ޑީ. ނެންގެވީ ފަރަންސޭސިވިލާތުގެ މަޝްހޫރު ސޯރބޯން ޔުނިވަސިޓީއިންނެވެ. ޑޮކްޓަރ ޙަމީދުﷲ ކިޔަވައިވިދާޅުވުމަށް ފަހު، ކިޔަވައި ދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ދުވަސްކޮޅަކު ބޮންޔުނިވަރސިޓީގައި ކިޔަވައި ދެއްވުމަށް ފަހު، 1936 ފެށިގެން 1946ގެ ނިޔަލަށް އުސްމާނިއްޔާ ޔުނިވަރސިޓީގައި ކިޔަވައިދެއްވިއެވެ. އެއަށް ފަހު، 1948އިން ފެށިގެން، އޭނާ ތުރުކީވިލާތުގައި ކިޔަވައިދެއްވާން ހޭދަކުރެއްވި މަދު އަހަރުކޮޅެއް ފިޔަވައި އޭނާގެ އިލްމީ ހަޔާތް އޭނާ ވޭތުކޮށްލެއްވީ ފަރަންސޭސިވިލާތުގެ އިލްމީ ދިރާސާތުތައްކުރުމުގެ ގައުމީ މަރުކަޒުގައެވެ. ދެން ރިޓަޔަރކުރެއްވުމަށް ފަހު، 1996ގައި އެމެރިކާގެ ފުލޮރިޑާގެ ޖެކްސަންވިލްއަށް، އޭނާގެ އަޚެއްގެ ކާފަދަރިކަނބަލެއްގެ އަރިހަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. މި ފަނާވަނިވި ދުނިޔެ ދޫކުރެއްވުމަށް ދާންދެން، އޭނާގެ ހަޔާތު ބާކީ ދުވަސްތައް އޭނާ ހޭދަކޮށްލެއްވީ ޖެކްސަންވިލްގައެވެ.

ޑރ. މުޙަންމަދު ޙަމީދުﷲ ގެ އުފަން ތާރީޚާއި އަވަހާރަވި ތާރީޚު<br>

ޑޮކްޓަރ ޙަމީދުﷲ ފާހަގަކޮށްލެވިފައިވަނީ 'ޕޮލިގްލޮޓެއްގެ' ގޮތުގައެވެ. އާދެ، އެތައްއެތައް ބަހެއް ދެނެވަޑައިގެން ހުންނެވި ބޭކަލެއްގެ ގޮތުގައެވެ. އޭނާ 22 ބަސް ދަސްފުޅުކުރެއްވިއެވެ. އޭގެ ތެރޭގައި އަރަބި، އުރުދޫ، ފާރިސީ، އިނގިރޭސި، ފަރަންސޭސި، ޖަރުމަނު، އިޓަލިއަން، ގުރީކު، ރަޝިޔަން ބަސް ހިމެނެއެވެ. އޭނާގެ އުމުރުފުޅުން 84ގައި ތައި ބަސްދަސްކުރައްވާން ފެއްޓެވިއެވެ. އޭނާގެ އިލްމީ މަސައްކަތްތަކުގެ ތެރޭގައި އޭނާ ލިޔުއްވައި ޝާއިޢުކުރެއްވި އިލްމީ ފޮތްތަކާއި ކަރުދާސްތައް ހިމެނެއެވެ. ފޮތްތަކުގެ އަދަދު ސަތޭކައަށް ވުރެ ގިނައެވެ. އަދި ހާހެއްހައި އިލްމީ ކަރުދާސް އޭނާ ޝާއިކުރެއްވިއެވެ. އޭނާގެ އިލްމީ އާ ހޯދުންތައް ގުޅެނީ ކީރިތި ރަސޫލާގެ ސިޔަރަތާއި ހަދީސް އިލްމާއެވެ. ކުރީން ނުފެނި ހުރި ބައެއް ލިޔުންތައް ހޯއްދަވައި ތަހުގީގުކުރައްވައި ޝާއިއުކުރެއްވިއެވެ. މި ގޮތުން އެންމެ އިހުގެ ހަދީސް ލިޔުމެއްކަމުގައިވި ސަހީފަތު އިބްނު ހައްމާމު ހިމެނެއެވެ. އަދި، އެންމެ އިހުގެ ބައެއް ވަސީގާތައް ވެސް ހޯއްދަވައި ތަހުގީގުކުރައްވައި ޝާއިއުކުރެއްވިއެވެ. މީގެ ތެރޭގައި އޭނާ ތަހުގީގުކުރެއްވި ކީރިތި ރަސޫލާގެ އެންމެ އިހުގެ ސިޔަރަތު ކަމުގައިވާ ސިޔަރަތު އިބްނު ހިޝާމު ހިމެނެއެވެ. ކީރިތި ރަސޫލާގެ ސިޔަރަތު އެކިއެކި ބަސްބަހުން ލިޔުއްވައި ޝާއިއުކުރެއްވިއެވެ. މީގެ އިތުރަށް އޭނާގެ އެންމެ ފާހަގަކޮށްލެވޭ އިލްމީ މަސައްކަތަކީ ފަރަންސޭސި ބަހަށް އޭނާ ތަރުޖަމާ ކުރެއްވި ކީރިތި ގުރުއާނުގެ މާނައިގެ ތަރުޖަމާއެވެ. މި ތަރުޖަމާއަކީ ފަރަންސޭސި ވިލާތާއި އަދި ފަރަންސޭސި ބަހުން ވާހަކަދައްކާ އެފުރިކާގެ ގައުމުތަކުގައި އެންމެ ގިނައިން ބޭނުންކުރެވޭ ކީރިތި ގުރުއާނުގެ ތަރުޖަމާތަކުގެ ތެރޭގައި ހިމެނޭ ތަރުޖަމާއެކެވެ.

ޑޮކްޓަރ ޙަމީދުއްﷲގެ އިލްމީ ޚިދުމަތް ފާހަގަކޮށް އާލަމީ ދެ އިނާމެއް އޭނާއަށް އެރުވުނެވެ. ފުރަތަމަ އިނާމަކީ 1985ގައި ޕާކިސްތާނުގައި ދެވޭ އެންމެ މަތީ މަދަނީ އިނާމުކަމުގައިވާ ހިލާލޭ އިމްތިޔާޒް މި އިނާމެވެ. އެއާ އެކުގައި އެރުވުނު ފައިސާގެ އިނާމު މުޅީން ހަދިޔާކުރެއްވީ އިލްމީ ދިރާސާތު ކުރާ ޕާކިސްތާނުގެ މަރުކަޒަކަށެވެ. ދެވަނަ އިނާމަކީ ފައިސަލް އެވޯޑެވެ. ނަމަވެސް، އޭނާ އެ އެވޯޑު ގަބޫލުފުޅެއްނުކުރެއްވިއެވެ. އޭނާގެ ދީން ފަސާދަވެދާނެކަމަށާއި ތިމަން ކުރައްވާ މަސައްކަތެއް ކުރައްވަނީ މާތްގެ ވަޖުހުފުޅަށްޓަކައިކަމާއި އަދި، އެ ކަމަށް ދުނިޔަވީ ފައިދާއެއް ނަގައިފި ނަމަ، އާޚިރަތުގައި ތިމަންނާއަށް ލިބެން އޮންނާނީ ކޮން ކަމެއްތޯ ވިދާޅުވިއެވެ.

އާދޭހެވެ! ޑޮކްޓަރު މުޙަންމަދު ޙަމީދުاللهއަކީ އިހުގެ، ތަވާޟުއުވެރި، ވަރަށް ވެސް ހިތްޕުޅު ތިރި، މުސްލިމު ނަމޫނާ އިލްމުވެރީންގެ މަތީން ހަނދާންކޮށްދޭ ވަރުގަދަ އިލްމީ ޝަޚުސިއްޔަތެކެވެ. އޭނާގެ އަތް މަތީ އެތައް ހާސް ބައެއް އިސްލާމް ދީން ގަބޫލުކުރި ދާއީއެއް ވެސް މެއެވެ. މިފަދަ ނަމޫނާ އިލްމީ ޚިދުމަތްތެރި އިލްމުވެރީންގެ ސިޔަރަތްތައް ބަލައި ކިޔައި އެފަދަ ސިޔަރަތްތަކުން އިލްހާމު ލިބިގަނެ، އެ ބޭބޭކަލުން ކުރެއްވި ފަދަ ޚިދުމަތްތަކުގެ ކުޑަ މިންވަރެއް ވެސް މުޖުތަމައަށް ކޮށްދެވޭތޯ މަސައްކަތްކުރުން މުހިންމެވެ.

މާތްﷲ ޑޮކްޓަރު މުޙަންމަދު ޙަމީދުﷲ އަށް ހެޔޮ ރަހުމަތްލައްވައި ފުރިހަމަ ހެޔޮ ޖަޒާދެއްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ!

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް