Advertisement

ކަރުނައިގެ އަސަރު (20)

29 Jun 2024 | 06:05
ކަރުނައިގެ އަސަރު (20)

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ޖޫން 22ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

       ______________________________________________________

        އަހަންނަކީ ބޭވަފާތެރިއަކީމުއެވެ. މީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ވެއްޓުނީ އެހެންވެގެންނެވެ.

               ފަހަރެއްގައި ތިބާ ހޯދަމުން ދިޔައީ ބޭވަފާތެރި މީހަކުކަމުގައި ވެދާނެއެވެ.

       ______________________________________________________

ޢާމިރު ދިޔައީ ރާޖާ ސްޓްރީޓް މަގުންނެވެ. އެމަގުން ދަނިކޮށް ނިޝޫ ފެނިގެން ކުއްލިއަކަށް ސިއްސައިގެން ގޮސް އޭނާއަށް ހުއްޓެވިއްޖެއެވެ.

ނިޝޫ ހުދުކުލައިގެ ކާރަކުން ފައިބައިގެން ޝޮޕިންގ ސެންޓަރަށް އޭރު ވަންނަނީއެވެ. އޭނާ ހުރީ އެކަންޏެވެ.

ޢާމިރުގެ ތުންފަތުގައި އާދަޔާ ޚިލާފު ހިނިތުންވުމެއް ހިނގައިގަތެވެ.

ޢާމިރު، އޭނާގެ މަގު ބަދަލު ކޮށްލިއެވެ. އަދި ޝޮޕިންގ ސެންޓަރާ ދިމާއަށް ހިނގަންފެށިއެވެ.

އޭރު ނިޝޫ ސާޅީއަށް ބަލަމުންދިޔައެވެ.

ޢާމިރު ވަރަށް މަޑުމަޑުން ނިޝޫ ކައިރީގައި ހުއްޓުނެވެ. އެވަގުތު ފިހާރައިގައި ހުރި މީހާ ސުވާލުކޮށްލިއެވެ.

"ކޯޗެއްތޯ ހޯއްދަވަނީ ------"

"ދެތިން ހަތަރު ޓީ-ޝާޓެއް ދައްކާލަބަލަ-------!"

ޢާމިރު ބުންޏެވެ.

"ސައިޒަކީ ކޮބައިތޯ؟"

ފިހާރައިގެ ހުރި މީހާ ބުންޏެވެ.

"ހޫނ ------ ސައިޒު ދޯ؟ ------- ޢާމިރު، ނިޝޫއަށް ބަލައިލަމުން ބޮޑާވެލިއެވެ. ފިހާރައިގެ މީހާ، ޢާމިރަށް ބޭނުންވާތަކެތި ނަގަން ހިނގައްޖެއެވެ.

"މީގެ ކުލައެއް ނުދާނެހެއްޔެވެ؟" ނިޝޫ، ފިހާރައިގެ ހުރި މީހާއާ މުޚާޠަބުކުރިއެވެ.

"ކުލައެއް ނުދާނެއެވެ. ------" އެމީހާ ބުންޏެވެ.

"ޖަރީގެ ވައްތަރުގެ ސާޅީ ވެސް ބަލައިލާން ދައްކައިލަބަލަ ------!"

ނިޝޫ ދެވަނަ އޯޑަރުދިނެވެ.

އަދި  ------ ފިހާރައިގެ މީހާ ޙަރަކާތްތެރިވަމުންދިޔައީ މެޝިނެއްފަދައިންނެވެ.

ޢާމިރު ބުނި ސައިޒުގެ ޓީ-ޝާޓުގެ ތަފާތު ކުލަތަކުގެ ޓީ-ޝާޓްތައް ގެނެސް ޢާމިރުގެ ކުރިމަތީގައި ބެހެއްޓިއެވެ.

"ހޫނ ------ ތަންކޮޅެއް އަލި ކުލަތައް ގެނެސްދީބަލަ! ----- މިވައްތަރުގެ އަނދިރި ކުލަތައް ރީތިވާނީ ކުޑަކުދީންނަށެވެ. -------"

ޢާމިރު ބާރަށް ބުންޏެވެ.

އަދި އެކަންވީވެސް އެގޮތަށެވެ.------

ނިޝޫއަށް ޢާމިރު ބަލައިލުމާއެކު ސިއްސައިގެ ގޮސް އޭނާވެސް ޢާމިރަށް ބަލައިލިއެވެ.

ޢާމިރު ބަލައިލުމުން އޭނާ ހީނލިއެވެ.

"މިއީ ރަނގަޅު އިއްތިފާޤެކެވެ. ------"

އޭނާ ހިނިތުންވެލަމުން ބުންޏެވެ.

"ނިޝޫ ސާޅީ ހޯދަނީ ހެއްޔެވެ؟"

"އާނ ----- ޖަރީގެ ވައްތަރު ސާޅީ އެހައި ހިތްހަމައެއް ނުޖެހެއެވެ. ------" ނިޝޫ އަޚްލާޤީގޮތުން ހިނިތުންވެލިއެވެ.

"އަހަރެން އެހީތެރިވެދެން ހެއްޔެވެ؟"

ޢާމިރު ބުންޏެވެ.

"އެހީތެރިވެދެނީ ޢާމިރުހެއްޔެވެ------؟"

ނިޝޫ ކުޑަކޮށް ބިރުގަތެވެ.

އެހެންނަމަވެސް ނިޝޫގެ ޙައިރާންކަން ޢާމިރަށް ނޯޓިސްވުމާއެކު ފިހާރައިގެ މީހާއަށް ބުންޏެވެ.

"އަދި އިތުރު ސާޅީ ގެންނާށެވެ. ------ މަޑު ކްރީމު ކުލައިގެ ވައްތަރުތައް ބޮޑަށް ރަނގަޅުވާނެއެވެ."

"ލައްބަ ސާހިބު -------!"

ފިހާރައިގެ މީހާ މުޒާހަރާ ކުރާފަދައިން ޙަރަކާތްތެރިވިއެވެ.

"ނިޝޫ އެކަނި ހުރުމުން ޙައިރާންވެއްޖެއެވެ. ނިޝޫއާއެކު އެއްވެސް މީހަކު ނާދޭހެއްޔެވެ؟"

ޢާމިރު މަޑު މަޑުން ބުންޏެވެ.

"ދައްތަގެ ޠަބީޢަތު އެހައި ރަނގަޅެއްނޫނެވެ. ----- މަންމަ ހުރީ ތައްޔާރު ނުވެއެވެ. އެހެންނޫނަސް ސާޅީ ބޭނުންވަނީ އަހަންނަށެވެ. ------- ދެން އެ މީހުންނަށް އުނދަގޫ ކުރުމުގެ ބޭނުމެއްވެސްނެތެއްނު -----------"

"ރަނގަޅު ވާހަކައެއް -------- ލަންޑަނުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް ބެލެވެއެވެ."

"ގިނަ ދުވަހެއް ނޫނެވެ .------- އުފަންވީއްސުރެ އުޅެނީ ލަންޑަނުގައެވެ. ----- ޤައުމަށް އައި މިއީ ފުރަތަމަ ފަހަރެވެ." ނިޝޫ ބުންޏެވެ.

"ތިޔަހައި މޮޅު އަންހެންކުއްޖަކު އެ ހައި ކުރިއަރާފައިވާ ޤައުމެއްގައި އުޅެމުންވެސް ތިމާގެ ޤައުމިއްޔަތު ހިފަހައްޓާތީ އަހަރެން މި ހުރީ ހަމަ ޙައިރާންވެފައެވެ." ޢާމިރު ބުންޏެވެ.

ނިޝޫ ހަމައެކަނި ހިނިތުންވެލިއެވެ.

ދެމީހުން ފިހާރައިގެ މީހާ ގެނައި އެއްޗެއްސަށް ބަލާން ފެށިއެވެ. ފިހާރައިގެ ހުރި މީހާ އައީ ހައެއްކަ ސާޅީ ހިފައިގެންނެވެ.

ޢާމިރު، ނިޝޫއަށް އެހީތެރިވަމުންދިޔައެވެ.

އެންމެ ފަހުން އެތަނުން ސާޅީއެއް ނަގައިފައި ބުންޏެވެ.

"މި ސާޅި ރީތިވާނެހެން ހީވެއެވެ."

ނިޝޫ ބުންޏެވެ. ---------

"މީގެ ކުރީން މިހަކަހަލަ ބާޒާރު ކުރީންހެއްޔެވެ؟"

ނިޝޫގެ ބުނުމުގައި ފޮރުވިފައިވަނީ ކޮންއެއްޗެއްކަމެއް ނޭނގެއެވެ. ހަމައެކަނި ޢާމިރު ހިނިތުންވެލިއެވެ.

ފިހާރައިގެ މީހާއަށް ސާޅީ ޕެކްކުރާން އިޝާރާތް ކުރިއެވެ. އޭގެ އިތުރުން، އިތުރު ދެ ސާޅީއެއް ވަރު ވެސް އޭނާ ނެގިއެވެ. އެ ދެ ސާޅީ ވެސް ޕެކުކުރާން އިޝާރަތް ކުރިއެވެ.

ބިލު އަދާކުރުމަށް ފަހު ދެ މީހުން ބޭރަށް އަތުވެއްޖެއެވެ. އެ ވަގުތު ނިޝޫ ބުންޏެވެ.

"ޢާމިރު ޓީ-ޝާޓެއް ނުގަންނާންހެއްޔެވެ؟" ނިޝޫ ސުވާލުކުރިއެވެ.

"މިހެން އުޅޭއިރު ގަނެވިލާދެނެއެވެ. ------- އަދި --------- " ޢާމިރު ޖުމްލަ ފުރިހަމަނުކޮށް ދޫކޮށްލިއެވެ.

"ބުނެބަލަ!  ------ ބުނާން އުޅެފައި ނުބުނެ ހުއްޓާލީ ކީއްވެހެއްޔެވެ؟" ނިޝޫ ހިތްހަމަނުޖެހިގެން ބުންޏެވެ.

"އެއީ އަހަރެންގެ ވަރަށް އާދަޔާ ޚިލާފު އެދުމެކެވެ. އެ ވާހަކަ އަހަރެން ބުނެގެން އެ ކަން ނުވެއްޖެ ނަމަ، އަހަރެން ވަރަށް ދެރަވާނެއެވެ." ޢާމިރު ބުންޏެވެ.

"ނިޝޫ، ޢާމިރާދިމާއަށް ބަލައިލީ އެ ކަހަލަ ވާހަކައެއް ނުބުނާށޭ ބުނާ ކަހަލަ ގޮތެއްގައެވެ.

އެހެންނަމަވެސް  ނިޝޫއަށް ބުނާން ޖެހުނެވެ. "ނޫނޭ ---- އަހަރެން އެއްވެސް އެއްޗެއް ހީއެއްނުކުރާނަމެވެ. -------- އެކަމަކު އެ ވާހަކަ ވާންވާނީ، އެ މީހެއްގެ އަޚްލާޤުގެ ހައްދުތައް ހުރަސް ނުކުރާގޮތަކަށް ބުނާ ވާހަކައަކަށެވެ."

"އަހަންނާ އެކު ސައިތައްޓެއް ބޯލާން ދާން ބުނެވިދާނެހެއްޔެވެ؟" ޢާމިރު މަޑުމައިތިރިކަމާއެކު ބުންޏެވެ.

"ތިޔައީ އެ ކަހަލަ ވާހަކައެއް ނޫނެއްނު ------ އެކަމަކު ސައިތައްޓެއް ބޮއިލުމުގެ ބޭނުންތެރިކަން އިޙުސާސްކުރެވުނީ ކީއްވެހެއްޔެވެ؟" ނިޝޫ ބުންޏެވެ.

"އެ ދުވަހުން ފެށިން މި އަދާ ހަމައަށް ވެސް ލަދުގަނެއެވެ." ޢާމިރު ބުންޏެވެ.

"ކޮން ދުވަހަކުން ފެށިގެން؟" ނިޝޫގެ ބުނުމުގައި ވަނީ ޙައިރާންކަމެވެ.

"އޮފީހަށް އައި ދުވަހުން ފެށިގެންނެވެ. -------- ޙަޤީޤަތުގައި އަހަރެން ފޮރުވައިފައިވާ ބައެއް ޚިޔާލުތައް ވެސް އެބަހުއްޓެވެ."

"އަޚުލާޤީ ގޮތުން ގޮނޑިއެއް ހުށަހެޅޭނެ މީހެއް ވެސް ނޫނެވެ. އަދި އެފަދަ ކަމަކަށް އެދިފައެއް ވެސް ނުވާނެއެވެ. ނިޝޫމެން ޒިޔާރަތްކުރިނަމަވެސް އަހަންނަށް ހަމަޖެހުމުގެ ނަސީބެއް ނުލިބެއެވެ. ކޮންމެ ހިނދުކޮޅަކީވެސް ނުބައި ޚިޔާލެއް އަތުވެދާނެ ހިނދުކޮޅެކެވެ. އަހަންނާ މެދު ނިޝޫ ވިސްނުން ހުރީ ކިހިނެއްހެއްޔެވެ؟" ޢާމިރު ބުންޏެވެ.

ޙަޤީޤަތުގައި އޭނާ ލަދުގަންނަކަން އޭނާގެ މިސިފައިން ފާޅުވެގެންދިޔައެވެ.

ނިޝޫ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އަދި ބުންޏެވެ. "އަހަރެން ޢާމިރު ދެކެ ރުޅިއެއް ނާދެއެވެ. ------- ކޮންމެ ގޮތެއް ވެސް އިންސާނުންނަކީ ހަމަ އިންސާނުންނެވެ. މަލާއިކަތުންނެއް ނޫނެވެ. ----------- އަހަންނަށް ހަރުކަށި ބަސްތަކުން މުޚާޠަބުކުރެވިފައިވާ ނަމަ، މަޢާފަށް އެދެމެވެ."

"ތިޔައީ ނިޝޫގެ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އެހެންކަމުން އަހަރެންގެ އަމިއްލަ ނަފުސު އިތުރަށް ލަދުގެންފިއެވެ." ޢާމިރު ބުންޏެވެ.

"ދަމާ ހިނގާށެވެ! މިހިސާބުން އެ ކަން އެ ނިމުނީއެވެ. ------- އަހަރެން ހިތުގައި އެއްވެސް އެއްޗެއްނެތެވެ." ނިޝޫ ހިނިތުންވެލިއެވެ.

"ދެން ސައި ---------------" ޢާމިރުގެ ބުނުމުގައި ސުވާލު އުފެދުނެވެ.

"ސައި ބުއިން މުހިންމުހެއްޔެވެ؟" ނިޝޫ ސުވާލުކޮށްލިއެވެ.

"މި ނިކަމެތި މީހާގެ ބަލި ހިތަށް ޓަކައެވެ. --------- ނިޝޫގެ ޝަޚުޞިއްޔަތުގެ ސަބަބުން އަހަންނަށް ވަރަށް އަސަރުކޮށްފިއެވެ." ޢާމިރު ބުންޏެވެ.

"އެހެންވީއިރު ހިނގާށެވެ! ޢާމިރުގެ ހިތްހަމަޖައްސައިދިނުމަށް ޓަކައި އަހަރެން ސައިތައްޓެއް ބައިލާނަމެވެ. އެކަމަކު މިއީ ސައި ބޯ ވަގުތެއް ވެސް ނޫނެވެ." ނިޝޫ ބުނެލިއެވެ.

"އެއްވެސް ރަނގަޅު ކަމެއްކުރާކަށް ވަކި ވަގުތެއް ނޯވެއެވެ. ---------" ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.

ނިޝޫ ހީނލިއެވެ. އަދި ބުންޏެވެ. "މިތާނގެ ހޮޓާތަކަށް އަހަރެން އަހުލުވެރިއެއްނޫނެވެ.------ އަހަންނަށް މަގު ދައްކައިދޭށެވެ."

"ރަނގަޅު ---------!" ޢާމިރު ހިނިތުންވެލިއެވެ.

ކާރުގެ ފަހަތުގައި ނިޝޫ ގަތް އެއްޗެހި ބަހައްޓައިފައި ފިހާރައިގެ މީހާ ހިނގައްޖެއެވެ. ނިޝޫ ކާރުގެ ކުރިއަށް އެރިއެވެ. ޢާމިރު އެރީ ކާރުގެ  ފަހަތަށެވެ.

"ހަމަ ސީދާ ތެދަށް ގޮސް ހުރަސްކުރާތަނުން ކަނާތް ފަރާތަށް އަޅާށެވެ. ----- އެތާނގެ ކޯނަރުގައި ޝައިޒާނު ކިޔާ ހޮޓަލެއް ހުންނާނެއެވެ. --------" ޢާމިރު މަޑު މަޑުން ބުންޏެވެ.

ނިޝޫ ކާރުދުއްވައިލިއެވެ.

ދެން ކުޑައިރުކޮޅެއްގެ ފަހުން އެ ޝައިޒާނަށް ހޮޓަލާ ހަމައަށް ދެވިއްޖެއެވެ.

"ޢާމިރު  --------"

ކާރުން ފައިބައިގެން ހޮޓަލް ތެރޭގައި ވަކީން ގޮޅިއެއްގެ ގޮތަށް ހުރިތާނގައިވާ ރީތި ކެބިނެއްގައި ހުރި މޭޒެއްގެ ކައިރިއަށް ހިނގައްޖެއެވެ.

"އިށީންނާށެވެ." ޢާމިރު ބުންޏެވެ.

"ހަމައެކަނި ސައި ------ އިތުރު އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ." ނިޝޫ އެހެން ބުނަމުން އިށީނދެއްޖެއެވެ.

"އެންމެ ރަނގަޅު -------!" ޢާމިރު ބޯ ހަލުވައިލަމުން އަދަބުވެރިކަމާއެކު ބުންޏެވެ.

ކުޑައިރުކޮޅެއްގެ ފަހުން ވެއިޓަރު އައުމުން ޢާމިރު ސަޔަށް އޯޑަރު ދިނެވެ.

ވެއިޓަރު ދިޔުމުން ޢާމިރު ބުންޏެވެ.

ނިޝޫގެ ދައްތަގެ ޠަބީޢަތު މާބޮޑަށް ގޯހީ ހެއްޔެވެ؟" ޢާމިރު ސުވާލުކުރިއެވެ.

"އާނ ------" ނިޝޫ ވަރަށް ސީރިއަސްކަމާއެކު ބުންޏެވެ.

"ހުން އައީހެއްޔެވެ؟"

"އެހެން ހީވަނީ ------" ނިޝޫގެ ވާހަކަ ބޯމަތީން ދުއްވާލިއެވެ.

"ޚުދު އޭނާއަށްވެސް އެއްވެސް ކަމެއްނޭނގޭއިރު އެހެންމީހަކަށް ބުނެދޭން އެނގޭނީ ކިހިނަކުންހެއްޔެވެ؟"

ޢާމިރު މަޢުޞޫމިއްޔަތު ކަމާއެކު ނިޝޫއަށް ބަލައިލިއެވެ. ނިޝޫވެސް ޢާމިރަށް ބަލައިލިއެވެ.

އެއަށް ފަހު އިސްޖަހައިލިއެވެ.-------

ފަހަރެއްގައި ކޮންމެވެސް ކަމެއް ހަނދާންވިކަހަލައެވެ.

ޢާމިރަށް ނިޝޫ ބަލައިލުމުން އޭނާއަށްވީ ކީއްކަމެއްވެސް ބުނާން ނޭނގެއެވެ. އެހެންކަމުން ދުރަށް ބަލާން އޭނާއަށް މަޖުބޫރެވެ.

"ވާހަކައެއް ބުނާންހެއްޔެވެ؟" ޢާމިރު ބުންޏެވެ.

"އަދިވެސް ބުނާނެ ވާހަކަ އެބަހުރިހެއްޔެވެ؟" ނިޝޫ މަޑު މަޑުން ބުންޏެވެ.

"ދާކަށް ނުބުނަމެއްނޫންހެއްޔެވެ؟" އާމިރު ބުންޏެވެ.

ނިޝޫ މި ފަހަރު ބިރުގެންފައިވާ ގޮތެއްގައި ޢާމިރަށް ބަލައިލިއެވެ.

އެހެންނަމަވެސް ޢާމިރަށް އެ ގޮތަށް ބެލުމުން އޭނާ ކައިރިއަށް އަންނަނީ ރުޅިއައެވެ.

އޭނާއަށް ކަރަންޓް ޝޮކެއް ޖެހުނުކަހަލައެވެ.

މިއީ އޭނާއަށް އިހުސާސް ކުރެވުނު ގޮތެވެ.

މީހެއްގެ ހަށިގަނޑުގައި ނަމެއް ނެތް އަޑު އެހުމެއް ހިނގަމުންދާކަހަލައެވެ.

ނިޝޫ ކައިރީގައި ވާހަކައެއް ބުނާންހޭ ކިޔައިފައި ޢާމިރު ބުންޏެވެ.

ނިޝޫ އަވަސް އަވަހަށް އިސްޖަހައިލިއެވެ.

އޭނާގެ ހަށިގަނޑުގައި އުފެދެމުން އަންނަ ތުރުތުރު އެޅުމަށް އޭނާ ވަރަށް މަސައްކަތުން ކޮންޓްރޯލު ކުރިއެވެ.

އެ ވަގުތު ވެއިޓަރު ސައިތަބައް ހިފައިގެން އަތުވެއްޖެއެވެ.

ޢާމިރު ސައިތަށި ތައްޔާރުކުރުމަށް ފަހު، ހަމަހިމޭންކަމާ އެކު، ސައިތަށި ނިޝޫއަށް ދިނެވެ.

ސައިތަށީގައި ހިފާން ނިޝޫ އަތް ދިއްކޮށްލިއިރު އޭނާގެ އަތް ތުރުތުރު އަޅަމުންދިޔައެވެ.

ޢާމިރު ހުއްޓުމެއްނެތި ނިޝޫއަށް ބަލަމުން ދިޔައެވެ. އެ ކަން ނިޝޫއަށް އިހުސާސްކުރެވުނެވެ.

އަދި ޢާމިރުގެ ބެލުމުން އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް އުފެދެމުންދާކަމަށް ވެސް އޭނާއަށް އިހުސާސްކުރެވުނެވެ.

ސައިތަށީގެ ދެބައިކުޅަ އެއްބައި ބުއިމަށް ފަހު، އޭނާ ކޮޅަށް ތެދުވެއްޖެއެވެ.

އަދި އެއާ ޚިލާފަށް ޢާމިރު ތެދުވާކަށް ނޫޅެއެވެ.

ނިޝޫ އަދި އެއް ފަހަރު ޢާމިރަށް ބަލައިލިއެވެ. ------ އަދި ވަރަށް އަވަހަށް ކެބިންއިން ބޭރަށް ނުކުމެއްޖެއެވެ.

ޢާމިރުގެ ތުންފަތުގައި ހިނިތުންވުމެއް ނަށަމުން ދިޔައީ އޭނާގެ ރޭވުން ވަރުގަދަކަން އޭނާއަށް ވިސްނުނު ފަދައިންނެވެ.

ރޭވުން -----------

ޝިކާރަވެރިއެއްގެ މަޅީގައި ޖެއްސުމަށް ރޭވި ރޭވުމެވެ.

ބަދަލު ހިފުމުގެ ވާ ފަށެވެ. ------- ވެއްޓިފައިވާ މީހުން ތިބީ އެ ނުބައިކަމުގެ ވާފަށުން ރަނގަޅަށް ބާރަށް ބަނދެވިފައެވެ.

                     ------------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް