Advertisement

ރަނގަޅު އެކުވެރިއަކު މުހިންމު

28 Jun 2024 | 06:30
ރަނގަޅު އެކުވެރީން މުހިންމު

އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ

އިންސާނާ މި ޙަޔާތުގައި ހޭދަކުރާ ދުވަސްކޮޅުގައި ތަފާތު ޙާލަތްތަކާއި އަޑިގުޑަންތަކާ ކުރިމަތިވާނެއެވެ. އޭނާއަށް މި ޙާލަތްތަކުގައި ތެދުވެރި އެކުވެރިއަކަށް، ނަސޭހަތްތެރި މިތުރަކަށް، ބޭނުންވާނެއެވެ. އޭނާގެ އުފަލުގައި ބައިވެރިވުމަށް ޓަކައެވެ. އޭނާގެ ހިތާމައިގައި ކަރުނަތައް ފުހެލައިދިނުމަށް ޓަކައެވެ. އޭނާގެ މާޔޫސްކަމުގައި އުންމީދު އައުކޮށްދިނުމަށް ޓަކައެވެ. އޭނާގެ އަނދިރިކަމުގައި އަލިވޮށެއް ދިއްލައިލައިދިނުމަށް ޓަކައެވެ. މާތްﷲ އިންސާނާ ހައްދަވައިފައިވަނީ އެކުވެރިއަކު ނެތި ނޫޅެވޭ ގޮތަށެވެ. އެކަނިވެރިވުމުން އޭނާ ފޫހިވާ ގޮތަށެވެ.

ރަޙުމަތްތެރިކަމުގެ ނުވަތަ އެކުވެރިކަމުގެ މާނައަކީ ހުރިހައި ވަގުތެއްގައި އޭނާއާ އެކު އުޅޭ ވާހަކައެއް ނޫނެވެ. ދުރުގައި ވިޔަސް ކައިރީގައި ވިޔަސް ގުޅުން ބޭއްވުމެވެ. ޙާލަތު ބަދަލުވިޔަސް މި ގުޅުން ދެމެހެއްޓުމެވެ. ތަން ބަދަލު ވިޔަސް މި ގުޅުން ކެނޑިގެންނެއް ނުދާނެއެވެ. ހަރުބަހެއްގައި ބުނަނީ "ތިބާގެ ރަޙުމަތްތެރިޔަކީ ތިބާގެ ބަސް ތެދުކުރާމީހާއެވެ. ތިބާ އޭނާ ތެދުވެރިއަކަށް ހަދާމީހާއެއް  ނޫނެވެ." ބުނެވޭ ގޮތުގައި ޙަޤީޤީ ރަޙުމަތްތެރިކަމަކީ ނުވަތަ އެކުވެރިކަމަކީ ލޮލާއި އަތާ ދެމެދުގައިވާ ގުޅުމާ އެއް ފަދަ ގުޅުމެއް އޮންނަ ކަމެކެވެ. ލޮލުން އަންނަ ކަރުނަ ފުހެދޭނީ އަތުންނެވެ. އަތަށް ވޭނެއް ލިބިއްޖެ ނަމަ ލޮލުން ކަރުނަ އަންނާނެތެވެ.

އެހެނަސް އެކުވެރީންނާއި ރަޙުމަތްތެރީން ހޯދުމުގައި ބަލާން ޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. ނުބައި މީހުންނާއި އުރެދުންތެރީން އެކުވެރީންކަމުގައި ބަލައިގެންނެއް ނުވާނެއެވެ. ނުބައި އެކުވެރީން ޤިޔާމަތްދުވަހުން އެކަކު އަނެކަކާ ރުޅިހަދާނެއެވެ. އެކަކު އަނެކަކު ކުށްވެރިކޮށް މަސްއޫލިއްޔަތުން ރެކޭން އުޅޭނެއެވެ. އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا * يَا وَيْلَتَا لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا * لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلْإِنْسَانِ خَذُولًا[1] - އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފި ނަމަ، ކިހައި ރަނގަޅުވީސްހެއްޔެވެ! ހަމަކަށަވަރުން، ތިމަންނާއާ ހަމަޔަށް އެ قرآن އައުމަށް ފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطانއާ ވެއެވެ.))

އުރެދުންތެރި އެކުވެރިޔާގެ ކިބައިގައި އެއްވެސް ހެޔޮ ކަމެއްނެތެވެ. އޭނާގެ އެކުވެރިކަމަކީ ފިތުނައެކެވެ. ﷲ ސުބްޙާނަހޫ ވަ ތާޢާލާ ވަޙީކުރެއްވިއެވެ. ((الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ[2] - އެކުވެރީން އެ ދުވަހުން އެއް ބަޔަކު އަނެއް ބަޔަކަށް ވާހުށީ دشمنން ކަމުގައެވެ. تقوى ވެރީން މެނުވީއެވެ.)) މި ބަސްފުޅުން އެނގެނީ ޙަޤީޤީ އެކުވެރިކަން އޮންނާނީ ތަޤްވާވެރި މުއުމިނުންނާ އެކުގައިކަމެވެ. އެހެނީ މުއުމިނުން އެކަކު އަނެކަކުދެކެ ލޯބިވާނީ ﷲއަށް ޓަކައެވެ. ނަބިއްޔާ صلى الله عليه وسلم އެކަމަށް ހިތްވަރުދެއްވައި ޙަދީސްކުރެއްވިއެވެ. ((لَا تُصَاحِبْ إِلَّا مُؤْمِنًا وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ [3] - މުއުމިނަކާ އެކުގައި މެނުވީ ތިބާ ރަޙުމަތްތެރިނުވާށެވެ! އަދި ތިބާގެ ކާތަކެތި ތަޤްވާވެރިއަކަށް މެނުވީ ކާންނުދޭށޭވެ!)) މި ބަސްފުޅުގައި ކައު ރަސޫލާ صلى الله عليه وسلم މުއުމިނުންނަށް މި އަންގަވަނީ ތަޤްވާވެރީންނާ އެކުގައި އުޅުމަށެވެ. އެ މީހުން އެކުވެރީންކަމުގައި ހެދުމަށެވެ. ނުބައި މީހުންނާ އެކު ރަޙުމަތްތެރިކަން ޤާއިމުނުކުރުމަށެވެ. އެ މީހުންނާ އެކު ކޮފީއަށް ނުދިޔުމަށެވެ. އެ މީހުންގެ ދަޢުވަތުތަކަށް އިޖާބަނުދިނުމަށެވެ. ރަޙުމަތްތެރީންގެ އަސަރު ފޯރާނެތީއެވެ. އަހިވަކާ ޖެހި އަހިވައް ފާވާނެތީއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ[4] - މީހާ ވާހުށީ އޭނާގެ އެކުވެރިޔާގެ ދީން މަތީގައެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު ރަޙުމަތްތެރިއަކު ހޯދާ އިރު، އެއީ ކާކުތޯ ރަނގަޅަށް ބަލާހުށިކަމެވެ!))  

ތެދުވެރި އެކުވެރިކަން އޮންނާން ޖެހޭނީ ﷲގެ ވަޖުހުފުޅަށް ޓަކައެވެ. މިއީ ﷲގެ ޙަޟުރަތާ ކުއްތަންވުމަށް ޓަކައި މީހަކަށް ކުރެވޭން އޮތް އެންމެ މާތް އެންމެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ﷲގެ ވަޖްހުފުޅަށް ޓަކައި މީހަކު އޭނާގެ އަޚާ ދެކެ ލޯބިވެއްޖެ ނަމަ، ﷲ ތަޢާލާ ވެސް އޭނާ ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. ﷲގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާ އަވިގަދަ ދުވަހު މާތްﷲ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި ﷲގެ ވަޖުހުފުޅަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވި ދެމީހުން ވެއެވެ. އެ ދެ މީހުން ރަޙުމަތްތެރިކަން ކަނޑައި ވަކިވެގެންދަނީ ވެސް ހަމަ އެކަލާނގެ ވަޖުހުފުޅަށް ޓަކައެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((سَبْعَةٌ يُظِلُّهُمُ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ[5] - ﷲގެ ހިޔާވަހިކަންނޫން ހިޔާވަހިކަމެއް ނެތް ދުވަހުގައި ﷲ ހަތް ބަޔަކަށް ހިޔާވަހިކަން ދެއްވާނެއެވެ.)) މީގެ ތެރެއިން އެއް ބަޔަކީ ((وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ - ﷲގެ ވަޖްހުފުޅަށް ޓަކައި އެކަކު އަނެކަކުދެކެ ލޯބިވެ އެކުގައި އުޅުނު ދެ މީހުންނާއި ވަކިވެގެން ދިޔަ ދެ މީހުންނެވެ.))  

ﷲގެ ވަޖްހުފުޅަށް ޓަކައި ކަންކުރާ  މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާ ކަން ބަޔާންކޮށްދެއްވަމުން ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( قَالَ اللَّهُ عَزَّ وَجَلَّ: وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَالْمُتَزَاوِرِينَ فِيَّ، وَالْمُتَبَاذِلِينَ فِيَّ، وَالْمُتَجَالِسِينَ فِيَّ [6]- اللَّهُ عَزَّ وَجَلَّ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ވަޖުހުފުޅަށް ޓަކައި އެކަކު އަނެކަކުދެކެ ލޯނބިވާ މީހުންނާއި އެކަކު އަނެކަކަށް ޒިޔާރަތްކުރާ މީހުންނާއި އެކަކު އަނެކަކަށް ހެޔޮފޯރުވާ މީހުންނާއި މަޖިލިސްކުރާ މީހުންނަށް ތިމަންރަސްކަލާނގެ ލޯބިފުޅު ޙައްޤުވެގެން ވެއެވެ.))   

ތަޤްވާވެރީން އެކުވެރީންކަމުގައި ހަދާށެވެ! ހަމަކަށަވަރުން އެއީ ފާގަތިކަމުގެ ވަގުތުގައި ޒީނަތެކެވެ. ބަލާވެރިކަމުގެ ވަގުތުގައި ހަތިޔާރެކެވެ. އެއީ ކަންބޮޑުވުންތަކާއި ހާސްވުންތައް ނައްތައިލުމަށް ޓަކައި ލިބިގެންވާ ހެޔޮ މަދަދުގާރެކެވެ. ބައެއް ޞާލިޙުން އެ ބޭކަލުންގެ ބޭފުޅުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވިއެވެ. "ދަރިފުޅާއޭވެ! ތިބާ އިންސާނަކު އެކުވެރިއެއްކަމަށް ހަދާން ބޭނުން ނަމަ، ތިބާ އޭނާއަށް ޚިދުމަތްކޮށްދިނުމުން ތިބާ ރައްކައުތެރިކޮށްދޭނެ މީހަކާ ރަޙުމަތްތެރިވާށެވެ! ތިބާ އޭނާއާ ރަޙުމަތްތެރިވެއްޖެ ނަމަ، އޭނާ ތިބާ ޒީނަތްތެރިކޮށްދޭނެތެވެ. ތިބާ އޭނާއަށް ހެޔޮކަމުގެ އަތް ދިއްކޮށްލުމުން ތިބާއަށް ހެޔޮކަމުގެ އަތްދިއްކޮށްލާ މީހަކާ ތިބާ އެކުވެރިވާށެވެ! ތިބާގެ ކިބައިން ހެޔޮކަމެއް ފެނިއްޖެ ނަމަ އެ ކަމެއް ބަލައިގަންނާނެތެވެ. ތިބާގެ ކިބައިން ނުބައިކަމެއް ފެނިއްޖެ ނަމަ އެ ކަމަށް ހުރަސްއަޅާނެތެވެ."

ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވިއެވެ. "ދަރިފުޅާއޭވެ! އޭނާގެ ދުލުގެ މައްޗަށް ބާރުނުފޯރުވޭ މީހާ ދެރަވާނެތެވެ. ކަންދެއްކުން ގިނަކުރާ މީހާއަށް މަލާމާތް ލިބޭނެތެވެ. ނުބައި އަޚްލާޤުގެ ވެރިއަކާ އެކު، އުޅޭ މީހާއަށް ސަލާމަތްތެރިކަމެއް ނުލިބޭނެތެވެ. ހެޔޮލަފާ މީހަކާ އެކު އުޅޭ މީހާއަށް ޣަނީމާތައް ލިބޭނެތެވެ."

ކައު ރަސޫލާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((إِنَّمَا مَثَلُ الْجَلِيسِ الصَّالِحِ وَالْجَلِيسِ السَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ؛ فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً [7]-  ހަމަކަށަވަރުން ރަނގަޅު އެކުވެރިޔާއާއި ނުބައި އެކުވެރިޔާގެ މިސާލީ ކަސްތޫރިވެރިޔަކާއި ގިރުނބާ ދަމާ މީހާގެ މިސާލެވެ. ފަހެ ކަސްތޫރިވެރިޔާ ތިބާއަށް އެއިން އެތިކޮޅެއް ހަދިޔާކޮށްފާނެތެވެ. ނުވަތަ ތިބާއަށް އޭނާގެ އަތުން އެއިން އެތިކޮޅެއް ގަންނާން ލިބިދާނެތެވެ. ނުވަތަ ތިބާއަށް އޭނާގެ ކިބައިން މީރު ވަސް ލިބިދާނެތެވެ. ގިރުނބާ ދަމާ މީހާ ތިބާގެ ލިބާސް އަންދައިލައިފާނެތެވެ. ނުވަތަ އޭނާގެ ކިބައިން ނުބައި ވަސް ލިބިދާނެތެވެ.))

_____________________________

މަރުޖިޢުތައް:

[1]  - الْفُرْقَانِ: 27-29

[2]  -الزُّخْرُفِ: 67

[3]  - أخرجه أبو داود (٤٨٣٢)، والترمذي (٢٣٩٥)، وأخرجه أحمد (١١٣٣٧) 

[4]  -  أخرجه أبو داود (٤٨٣٣ )، والترمذي(٢٣٧٨ )،وأحمد (٨٣٩٨ )

[5]  - أخرجه البخاري (٦٦٠)، ومسلم (١٠٣١)

[6]  - أخرجه أحمد (٢٢٠٣٠)، ومالك في ((الموطأ)) (٢/٩٥٣)  والطبراني (٢٠/٨٠) (١٥٠)

[7]  - أخرجه البخاري (٢١٠١)، ومسلم (٢٦٢٨)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ފާޠިމަތު ލިޔުޝާ
މި މަޒުމޫނު އޮތް ގޮތަށް ޚުޠުބާއަކަށް ލައިދެއްވާން އިސްލާމީ ވުޒާރާއަށް އިލްތިމާސްކުރަން. ވަރަށް ރަނަގޅު ހެޔޮ ނަސޭހަތެއް. ވައުޒެއް. އުސްތާޒު ރަޝީދު މޫސާއަށް ޝުކުރިއްޔާ!
28 Jun 2024