Advertisement

މުހިންމު ފިޔަވަޅެއް: މިއަހަރު މިނިވަންދުވަހު ފުޅަނދުބުރާއި ހަވާއެރުވުން ފަދަ ކަންކަމެއް ނޯންނާނެ.

28 Jun 2024 | 00:02
ރައީސް ޑރ. މުޙަންމދު މުޢިއްޒު (ކ) އާއި އިުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު އަލްފާޟިލް މުޙަންމަދު ސަޢީދު (ވ) ސަލާމްކުރައްވަނީ. (ފޮޓޯ: ރައީސް އޮފީހުގެ ވެބްސައިޓުން ނަގައިފައި)

އަބާ މުޙަންމަދު

ދިވެހި ދައުލަތަށް ލިބޭ މިންވަރަށް ވުރެ ކުރާ ޚަރަދުތައް އިތުރުވާ ގޮތަށް ދިވެހިރާއްޖޭގެ ބަޖެޓު ހަމަޖައްސަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ދަރަނިތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ކަން ފޫބެއްދުމަށް ޓަކައި އާމްދަނީ ހޯދާނެ މަގުތަކެއް މި ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރު ވަނީ ނުހޯދިފައެވެ. އެހެންކަމުން މި ކަން ފޫބެއްދުމަށް ޓަކައި އެތައް ބިލިޔަސް ދިވެހިރުފިޔާ "ޗާޕުކޮށް" ޤައުމުގެ އިޤުތިސާދުގެ ތެރެއަށް އެ "ކަރުދާސްތައް" ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ވަނީ އިތުރުކޮށްފައެވެ. މި ކަމުގެ ސަބަބުން ބޭރު ފައިސާގެ އަގު ވަނީ ހީނުކުރާ ފަދަ މިންވަރަކަށް އުފުލިފައެވެ.

އަދި ވަކި ގައުމަކުން ސުމާރެއް ނެތްވަރަށް މަތީ އިންޓަރެސްތް ރޭޓުގައި ދަރަނީގެ މައްޗަށް ދަރަނި ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ. މި ކަންކަމާ ދެކޮޅަށް ދުނިޔޭގެ މާލީ އިދާރާތަކުން މަޝްވަރާއެއް ދިނަސް އޭރުގެ މާލީ ވަޒީރު ވިދާޅުވެފައިވަނީ ބޭރުގެ ފަރާތްތަކުން ދައްކާ ވާހަކަ އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާނޭކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތް އިފްލާސްވުމާ ހިސާބުގައި އޮއްވައި ޑޮކްޓަރ މުޙަންމަދު ދިވެހިރާއްޖޭގެ ޒަޢާމަތާ ޙަވާލުވެވަޑައިގަތެވެ. އެ މަނިކުފާނު ދިވެހި ޤަމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތީ މި ކަންކަން މިހެން އޮތްކަން އެނގިވަޑައިގެން ޤައުމު ސަލާމަތްކުރާން ކޮންމެވެސް ބަޔަކު އިޚުލާސްތެރި މަސައްކަތްތަކެއް ކުރާންޖެހޭކަމަށް ދެކެވަޑައިގެންނެވެ.

މިހާރު ދިވެހި ދައުލަތުން މި ވަނީ ގައުމުގެ އިގުތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާން ނިންމަވައިފައެވެ. އެއީ ދައުލަތަށް އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަހުން ދުވަހަށް ދައުލަތުން ކުރައްވާ (ރިކަރެންޓް) ޚަރަދު ކުޑަކުރެއްވުމުގެ ސިޔާސަތެވެ.

ހުކުރުވިލޭރޭ 21:40ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އެކުސް (ކުރީގެ ޓުވިޓާރ)ގައި ކުރެއްވި ޕޯސްޓަކީ އެ ޕޯސްޓްކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފަންސަވީހަކަށް ހާސް މީހުން ބެލި ޕޯސްޓަކަށް ވިއެވެ. އަދި ފަސް ސަތޭހައެއްހައި މީހުން އެ ޕޯސްޓާ ގަބޫލުކަން ހާމަކުރިއެވެ. (ލައިކު ދިނެވެ.) މި ކަމުން އެނގެނީ ދިވެހި ސަރުކާރުން މި އަޅުއްވާ ޚަރަދުކުޜަކުރެއްވުމގެ ސިޔާސަތަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ރުހޭކަމެވެ.

އެ ޕޯސްޓުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ "ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް" އަޅުއްވާން ނިންމަވައިފައިވާ ކަމަށާއި، މީގެ ތެރޭގައި "ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ"ކަމަށެވެ. މީގެ ތެރޭގައި، "ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ"ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މި އަހަރުގެ މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވައި، ޚަރަދުތައް" އެތައް ގުނައަކަށް ކުޑަކުރައްވާން ކަމާ ބެހޭ އިދާރަތަކަށް މިހާރު އަންގަވައިފައި ވާނޭކަމަށް ވެސް ވިދާޅުވެފައިވެއެވެ. "މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި" އަޅުއްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޤައުމީ ނަޒަރަކުން ބަލާ އިރު، ސަރުކާރުން މި އެޅުއްވި އަދި އޅުއްވާން މި ނިންމެވި ފިޔަވަޅުތަކަކީ މި ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އެދޭ ކޮންމެ މީހަކު ޝުކުރުވެރިކަމާއެކު ބަލައިގަންނާނޭ މުހިންމު ފިޔަވޅުތަކެއްކަން ޔަގީނެވެ.

މި ޚަރަދުތައް ކުޑަކުރެއްވުމުގެ އިތުރަށް މިނިވަން މުއައްސަސާތައް މަދުކުރުރައްވައި އެ ފަދަ މުއައްސަސާތަކުގެ މެންބަރުގެ ޢަދަދު މަދުކުރެއްވުން އެއީ މުހިންމު ކަމެއްކަމަށް ވާނޭކަމަށް "ފަރަގު" ދެކެވެއެވެ. ކުޑަކުދީންގެ ޙައްގުތަކަށް މަސައްކަތްކުރާ އެތައް މުއައްސަސާއަކާއި މީޑިއާއާ ބެހޭ އެތައް މުއައްސަސާއެއް ހުރުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 50އަށް ވުރެ އިތުރު ނުވާނޭ ގޮތަކަށް އިންތިޒާމުކުރާން އެބަޖެހެއެވެ. ރަށްރަށުގެ ކައުންސިލްތަކަށް ވެސް ކަތީބަކާއި ކުޑަކަތީބަކު އިންތިޚާބުކުރައްވައި އިތުރު މެންބަރުންނަކީ ހަމައެކަނި ޖަލްސާތަކަށް އެ ލަވަންސް ދެއްވާ މެންބަރުންގެ ގޮތުގައި ހަމަޖެއްސެވުން ފެނެއެވެ. އިލެކްޝަންނސް ކޮމިޝަނެއް އޮތުމުގެ ބަދަލުގައި ކޮމިޝަނަރ ޖެނެރަލް އޮފް އިލެކްޝަންސްއެއް ހުރެފައި ކޮންމެ އިންތިޚާބެއްގައި ވެސް މިހާރެކޭ ވެސް އެއް ފަދައިން "އިންތިޚާބާ ބެހޭ ގައުމީ ކޮމިޓީ"އެއް އުފައްދަވައި އެ ކޮމިޓީގެ މަޝްވަރާގެ މަތީން އިންތިޚާބުތައް ބާއްވާ ގޮތަށް ހަމަޖެއްސިދާނެއެވެ.

އާދޭހެވެ! ދައުލަތުގެ ޚަރަދުކުޑަކުރެވޭނެ ތަފާތު ގޮތްތައް ހުންނާނެއެވެ. އެ ވިސްނުންފުޅުގައި ރައީސް ފުރަތަމަ އަޅުއްވާން އެ ނިންމެވި ފިޔަވަޅަކީ މުހިންމު ފިޔަވަޅެއްކަމަށް ގަބޫލުކުރާންޖެހެއެވެ. އަދި އިތުރު ރިސޯޓުތައް ހުޅުވުން އަވަސްކުރައްވައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ހަލުވިކުރައްވާން ސަރުކާރުންކުރައްވާ މަސައްކަތްޕުޅަކީ ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓަކައި ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށް ވާނޭކަން ކަށަވަރެވެ. ހަމައެފަދައިން "ޚާއްޞަ އިގުތިސާދީ ސަރަހައްދު"ގެ މަޝްރޫޢުތައް އަވަސްކުރައްވައި ކަނޑު ބޯޓުފަހަރަށް ޚިދުމަތްދިނުމާއި ރާއްޖޭގައި ސިނާއީ މަސައްކަތްތައް އިތުރުކުރެއްވުމަކީ ވެސް އިގުތިސާދު ފުޅާކުރެއްވުމަށް ޓަކައި މުހިންމު މަސައްކަތްތަކަކަށް ވާނޭކަމަށް "ފަރަގު"ގެ އިގުތިސާދީ މާހިރުން ވެސް ގަބޫލުކުރެއެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވާން ސަރުކާރުން މި އެޅުއްވި ފިޔަވަޅުތަކަށް ޓަކައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ. ދިވެހި ގައުމަށް އަބަދު ވެސް ހެޔޮ ގޮތް އިރާދަކުރައްވާށިއެވެ! ދިވެހި ގައުމުގެ ވެރީންނަށް ހެޔޮ ވިސްނުންފުޅާއި ކާމިޔާބީ މިންވަރުކުރައްވާށިއެވެ!

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް