Advertisement

ފައިސާ އަޅާ ގަސް

27 Jun 2024 | 09:28
ފައިސާ އަޅާ ގަސް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހައިލިއެވެ. "ދުވަސްގަނޑެއް ކޮށްލައިފައި މާރިނު އަހަރުމެންގެއަށް މި އައީ އަނެއްކާ ކޮން ކަމެއް ލައިގަތީހެއްޔެވެ؟" ދެން އަލިފުޅުބޭ ބުންޏެވެ. "މާރިނަކީ ކުޑަ އިރުގެ އަހަރެންގެ ރައްޓެއްސެއް ނޫންހެއްޔެވެ؟ އެހެންވެ، ސަލާންގަލާންކޮށްލައި ހާލުއަހުވާލު ބަލައިލާން ރައްޓެހީން އަންނާނެނޫންހެއްޔެވެ؟"

ނުރުހުމުގެ ޗޮކެއް ކަނޑައިލައިފައި މަލާމާތުގެ ރާގެއްގައި ހައްވަ ދައިތަ ބުންޏެވެ. "ހާލުއަހުވާލު ބަލައިލާން ރައްޓެހީން އަންނަނީ ފަސް އަހަރުން އެއް އަހަރުހެއްޔެވެ؟ މި ދިޔަ އަހަރު، ތަގޭ ބަލިވެ، ދެންމެދެންމެ މަރުވެދާނެހެން ހީވެގެން އުޅުނު އިރު، އަދި ރަށު އެންމެން މި ގެއަށް ތަގޭ ހާލުބަލާން އައި އިރު މާރިނު ކޮބައިހެއްޔެވެ؟ މާރިނު އުޅުނީ ހަމަ ގަދަފަދަކޮށް ހެޔޮހާލުގައި ނޫންހެއްޔެވެ؟ ހަމަ ގައިމު ވެސް، އެ ގެއިން މި ގެއަށް އަންނާކަށް ފަސް މިނިޓަށް ވުރެ ގިނަ އިރެއް ނުވާނެއެވެ. ދެން، އެ ދުވަހު ނައިސްފައި މާރިނުގެ މިއަދުގެ ތިޔަ އައުމަކީ ރަހުމަތްތެރިކަމުގެ ޒިޔާރަތެއްކަމުގައި މަށަކުވާ ގަބޫލެއްނުކުރާނަމެވެ."

ހައްވަ ދައިތަގެ ވާހަކަ އަޑުއަހައިލައިފައި އަލިފުޅުބޭ ކުޑަކޮށް ވިސްނައިލިއެވެ. އަދި، އިތުރު އެއްޗެއް ބުނުމުގެ ކުރިން، މާޒިގެ ދުވަސްތަކުގެ މަތިން ހަނދާންކޮށްލިއެވެ. އަލިފުޅާއި މާރިނަކީ އެއް ދުވަސްވަރެއްގެ އެއް އުމުރެއްގެ ދެ މީހުންނެވެ. ކުޑައިރުގެ ދެ ރައްޓެހީންނެވެ. އިސްކޫލުގައި ވެސް އުޅުނީ ވަރަށް ގާތްކޮށެވެ. އުޅެ ބޮޑުވީ އެކުގައެވެ. ހަޔާތުގެ ކަންތައް ނިޔާކުރި ގޮތުން، އަލިފުޅުބޭ އުޅުނީ ރަށުގައި މަހަށްދާށެވެ. ރަށު އިސްކޫލު ނިންމައިފައި މާރިނު ދިޔައީ މާލެއަށް އިތުރަށް ކިޔަވާށެވެ. އަދި އެއަށް ފަހު، ބޭރަށް ވެސް ގޮސް ކިޔަވައިގެން، މޮޅުވެގެން، އަހަރުތަކެއްކޮށްފައި ރަށަށް އެނބުރިއައެވެ. އަދި، ރަށު އޮފީހުގައި މަސައްކަތް ކުރާން ފެށިއެވެ. އޭރު ރަށު ބޮޑު ކަތީބަކަށް ހުރީ މާރިނު މަންމަ ފަރާތު ތިމާގެ މީހެއްކަމަށް ވުމުން، ރަށު އޮފީހުން ރަނގަޅު ވަޒީފާއެއް ހޯދުމަކީ މާ އުނދަގޫކަމަކަށް މާރިނަކަށް ނުވިއެވެ. ދެން، އޮފީހުގައި މަސައްކަތްކުރަމުން އައިސް، ވަޒީފާގެ ކުރިއެރުން ލިބި، އެންމެ ފަހުން ރަށުގެ ކަތީބުކަން ވެސް ލިބުނެވެ. އަދި، އޮފީހުގައި ސާޅީހަކަށް އަހަރު މަސައްކަތްކުރުމަށް ފަހު، މުސްކުޅިވުމުން، އިސްތިއުފާދީ ވަޒީފާ ދޫކޮށްލީއެވެ.

ވަޒީފާއިން ވަކިވި އިރު، މިހާރު، ރަށު އެންމެން ވެސް ކިޔާ ގޮތުން ނަމަ، މާރިނުބޭ ހުރީ ވަރަށް ބޮޑު މަހުޖަނަކަށް ވެފައެވެ. މިލިޔަނުން މިލިޔަނުން ރުފިޔާއާއި ޑޮލަރާއި ފައުނު، މާރިނުބޭގެ ގޭގައި ބަހައްޓައިފައި ހުންނަ ތިޖޫރިއެއްގައި، ރައްކާކުރެވިފައި ހުރިކަމުގެ ވާހަކަ ރަށުތެރޭގައި އެންމެން ހެން ވެސް ދައްކައެވެ. އަލިފުޅުބޭ ވެސް މިހާރު ހަތްދިހައިގެ އަހަރުތަކަށް އެޅިފައި ހުރި އިރު، މަސްވެރިކަންދޫކޮށްލައިފައި ގޭގައި އަންހެނުންނާ އެކު އުމުރުގެ އަސުރުގެ ވަގުތުގެ ދުވަސްތައް ގުނަމުން ދަނީއެވެ. މުސްކުޅީންނަށް ސަރުކާރުންދޭ ފައިސާއާއި ދަރީންގެ ވެސް އެހީއާ އެކުގައެވެ. މާބޮޑު ތަނަވަސްކަމެއް ނެތް ނަމަވެސް، ސަލާންނުޖަހައި، ހިތް ހަމަޖެހިގެން އުޅެވޭ ވަރުވެއެވެ. މާރިނުބެއާއި އަލިފުޅުބެއަކީ ކުޑައިރުގެ ރައްޓެހީންކަމުގައި ވިޔަސް، ބޮޑުވެ، މީހުނާ އިނދެ ކުދީން ލިބި، ދިރިއުޅުމެއް ފެށިގެން ދިޔަ ދުވަސްވަރު، ދެމީހުންގެ ދާއިރާ ތަފާތުވުމުން އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ބޭއްވޭ ގޮތެއް ނުވިއެވެ. ރުޅިއަކުން ނޫނެވެ. ދެ މީހުންގެ މަސައްކަތުގެ ދާއިރާ ތަފާތުވެފައި، އަދި، ފަހުން، ދެމީހުންގެ އިޖުތިމާއީ ހާލަތާއި މުޖުތަމައީ މަގާމު ވެސް ތަފާތުވުމުންނެވެ. މަހުން ލަފައި ދޯނީން ފައިބައިގެން އަންނަ އިރު، އަތިރިމަތީން ފެންނަ ފަހަރެއްގައި ނިތްއަރުވައިލުމުގެ އިތުރުން މާބޮޑު ވާހަކައެއް އަލިފުޅުބޭ މާރިނަކާ ނުދައްކައެވެ. އަލިފުޅުބޭމެންގެ ގެއަކީ ވަރަށް ވެސް އާދައިގެ ގެއަކަށް ވުމުން އެ ގެއަކީ، މާރިނުމެން ފަދަ ރަށުގެ ވެރީންނާއި ފައިސާވެރީން އާންމުކޮށް ޒިޔާރަތްކޮށް އުޅޭން އެންމެ އެކަށީގެންވާ ގެއަކަށް ވެސް ނުވަނީއެވެ.

ކޮންމެއަކަސް ހައްވަދައިތަގެ ސުއާލާ މެދު، އަލިފުޅުބޭ ވިސްނައިލިއެވެ. އޭނާ އެބުނީ ދޮގެއް ނޫނެވެ. މި ގެއަކީ މާރިނު އެއް ގޮތަކަށް ވެސް އައިސް އުޅޭ ގެއެއް ނޫނެވެ. އަލިފުޅުބެ ހިތާހިތާ ބުންޏެވެ. އެހެންވެ، ހައްވައަށް ވެސް އެ ބުނި އެއްޗެއް ބުނެވިދާނެތާއެވެ؟ ދެން، ހައްވަދައިތައާ މުޚާތަބުކޮށް އަލިފުޅުބޭ ބުންޏެވެ. އާނއެކެވެ!  މިއަދު މާރިނު އައީކީ ކޮންމެހެން ހާލުއަހުވާލު ބަލައިލައި ސަލާންގަލާންކޮށްލާކަށް ނޫނެވެ. އޭނާ އައީ ރަށުގެ ހުރިހާ ގެއަކަށް އެނގޭން ޖެހޭ މުހިންމު ވާހަކައެއް އަންގައިދޭށެވެ. އިހަށް ދުވަހު ރަށުގެ ބޯހިމެނުން ކުރިއަށް ގެންދިޔަ އިރު، ރަށުގެ މުއްސަނދިކަމާއި ތަނަވަސްކަން ހުރީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން، ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަތުގައި ހުރީ ކިހާ ފައިސާއެއްކަން ބުނެދޭން ޖެހުނު ނޫންހެއްޔެވެ؟ އެހެންވެ، މާރިނު ވެސް އޭނާ އަތުގައި ހުރި ފައިސާގެ ވާހަކައާއި އެ ފައިސާ ގުނައި އަދަދުކޮށް، އެއަދަދު ބޯހިމެނުމުގެ ފޯމުގައި ލިޔުނެވެ. ވަރަށް ވެސް ތެދުވެރިކަމާއެކު، އޭނަގެ އަތުގައި، ފައިސާގެ ދެތިން ވައްތަރަކުން ސަތޭކަ މިލިޔަން ހުރި ވާހަކަ ލިޔުނެވެ. ރުފިޔާއިންނާއި ޑޮލަރުންނާއި އަދި ފައުނުން ވެސް ސަތޭކަ މިލިޔަން ހުރި ވާހަކަ އޭނާ ހާމަކުރިއެވެ. އަލިފުޅުބޭގެ ވާހަކަ އަޑުއަހައިފައި ހައްވަދައިތަ ބުންޏެވެ. ދެން މިގެއަށް އައިސް، ތަގޭ ގާތު އެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި އަލިފުޅު ބުންޏެވެ. އޭނާ އަންނާން ޖެހުނީ މިހެން ވެގެންނެވެ. އޭނާ އަތުގައި ހުރި ފައިސާގެ އަދަދުތައް ބޮޑުކަމުން، ބޯހިމެނުމުގައި މަސައްކަތް ކުރާ އޮފިޝަލުން ވިދާޅުވީ، ބޯހިމެނުމުގެ މައުލޫމާތުތައް އާންމުކުރުމުން، އެހާ ގިނަ ފައިސާ މާރިނު ހޯދި ގޮތަކާ ބެހޭ ގޮތުން، ރަށުގެ މީހުން ފާޑުފާޑުގެ ވާހަކަދައްކާން ފަށައިފާނެކަމެވެ. އެހެންވެ، ބޯހިމެނުމުގެ މައުލޫމާތުތައް އާންމުކުރުމުގެ ކުރީން، ރަށު އެންމެންގެ ބުއްދި ވެސް ގަބޫލުކުރާނޭ ފަދަ ގޮތެއްގައި، މާރިނު އެ ފައިސާ ހޯދީ ކިހިނެއްކަން ރަށުގެ ކޮންމެ ގެއަކަށް ގޮސް ކިޔައި ދިނުމަށް ބޯހިމެނުމުގެ މަސައްކަތްކުރި އޮފިޝަލުން މާރިނަށް ލަފާދިނެވެ. އެހެންވެ، މިގެއަށް ވެސް އައިސް އަހަންނަށް އެވާހަކަ ވަރަށް ރަނގަޅަށް ސާފުކޮށް ކިޔައިދިނީއެވެ. އަހަރެންގެ ބުއްދިގަބޫލުކުރާ ގޮތަކަށެވެ. މާރިނުބޭ އެގެއަށް އަންނަން ޖެހުނު ގޮތުގެ ހަގީގީ ސަބަބު، ހައްވައަށް އަލިފުޅުބޭ ކިޔައި ދިނެވެ.

"އެހެން ވެއްޖިއްޔާ މާރިނު އެ ފައިސާ ހޯދީ ކިހިނެއްހެއްޔެވެ؟ އަހަރެން ގާތު ވެސް އަޅެ ނިކަން ބުނެބަލާށެވެ. އޭރުން އަހަރުމެންގެ ފުތަކަށް ވެސް، ހަލާލު ގޮތުގައި ފަސޭހައިން ފައިސާ ހޯދައި މުއްސަނދިވެވިދާނޭ ގޮތް ކިޔައި ދެވޭނެ ނޫން ހެއްޔެވެ؟" ހައްވަދައިތަ އަލިފުޅުބޭ ގާތު ބުންޏެވެ.

ދެން އަލިފުޅުބޭ ބުންޏެވެ. "މާރިނުގެ ވާހަކައިގެ ޚުލާސާއަކީ އޭނާގެ ނަސީބު ރަނގަޅުވުމެވެ. އޮފީހުގައި މަސައްކަތްކުރަމުން، ލިބޭ މުސާރައިން ދެކޮޅުޖެއްސެނީ ހަމަ ކިރިޔާއޭ އޭނާ ބުންޏެވެ. އެހެންވެ، އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން ކޮންމެ ވެސް ކަމެއް ކުރުމުގެ ފިކުރުކުރި ވާހަކަ މާރިނު ބުންޏެވެ. ނަމަވެސް، އޮފީހުގައި މަސައްކަތްކޮށްފައި ދެން އިތުރު ކަމެއް ކުރާނޭ ވަގުތެއް ނޯންނަކަމަށް ވެސް މާރިނު ބުންޏެވެ. ދެން އެހެން އުޅެނިކޮށް އެއްރެއަކު މާރިނަށް ހުވަފެނެއް ފެނުނީއެވެ. އެ ހުވަފެނުގައި ފަގުޑިއެއް އަޅުއްވައިގެން ހުންނެވި ބޭކަލަކު އިރުޝާދުދެއްވީ ގޭގައި ފައިސާގެ ތިން ގަސް އިންދުމަށެވެ. ރުފިޔާ އަޅާ ގަހަކާއި ޑޮލަރުއަޅާ ގަހަކާއި ފައުނުއަޅާ ގަހެކެވެ. ދެން އެ ގޮތަށް އޭނާ ކަންތައްކުރިއެވެ. އަދި މި ތިން ގަސްވީ އަހަރު ދެކޮޅު ވިހާ މީހަކަށް ވުރެ ވެސް ރަނގަޅަށް ދުވާލު ދެކޮޅު މޭވާގަންނަ ތިން ގަހަށެވެ. ދެން، މާރިނު ކޮންމެ ދުވަހަކު ހެނދުނު ތެދުވެފައި ތިންގަހުން ފައިސާގެ މޭވާ ބިނދެއެވެ. ރުފިޔާއާއި ޑޮލަރާއި ފައުނެވެ. އަދި އޮފީސް ނިންމައިފައި އައިސް، ހަވީރުވެލުމުން، އަނެއްކާ ވެސް ތިން ގަހުން މޭވާ ބިންނަނީއެވެ. ހަމަ ރުފިޔާއާއި ޑޮލަރާއި ފައުނެވެ. އަހަންނަށް އެ ތަނުން ގަހެއްގެ ފޮޓޯއެއް ވެސް ދެއްކިއެވެ. ދެން، ސަރުކާރުގެ ވަޒީފާއިން އިސްތިއުފާދޭން ދެން، މި ގޮތަށް، ފައިސާގެ އެ ތިންގަހުން ފައިސާ ބިނދެ ފައިސާ އެއްކުރީއެވެ. އަދި، ގެއަށް ތިޖޫރިއެއް ގެނެސް ގަސްތަކުން ލިބުނު ހުރިހާ ފައިސާއެއް ރައްކާކޮށްފައި ބެހެއްޓީއެވެ. މާރިނު ކިޔައި ދިން ގޮތުގައި، ވަރަށް ވެސް އަޖައިބުކުރުވަނިވި ކަމެއް ދިމާވިއެވެ. އޮފީހުގެ ވަޒީފާދޫކޮށްލައިފައި އައި ދުވަހު، ތިން ގަސް ވެސް ހުރީ މިލައި މޯޅިވެފައެވެ. ފަތްތަކާ ގޮފިތައް ވެސް މުޅިން ހިކި، އަނަރޫފަވެފައެވެ. ދެން އެންމެ ފަހުން، ތިންގަސް ވެސް މަރުވީއެވެ. ނަމަވެސް، މާރިނު އުފާވެސްކުރިއެވެ. ސަބަބަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި، ފައިސާ ބިނދެ އެއްކުރެވުނީތީއެވެ. އަދި، އޭނާގެ ތިޖޫރީގައި ކޮންމެ ވައްތަރަކުން ސަތޭކަ މިލިޔަން ޖަމާކުރެވުނީތީއެވެ. ދެން، އަހަންނަށް ވެސް ވިސްނުނެވެ."

ހައްވަދައިތަ ގާތު އަލިފުޅުބޭ އަދި ވެސް ބުންޏެވެ. "މާރިނު މުއްސަނދިވީ ފައިސާގެ މި ގަސްތަކުން ލިބުނު ފައިސާގެ މޭވާއިންތާއެވެ. މާރިނު ކަންތައް އެ ކުރީ ރަނގަޅަށެވެ. މި ވާހަކަ ރަށު އެންމެނަށް ކިޔައިދިނުމުން މާރިނު މުއްސަނދިވީ ގޮތް އެންމެނަށް ވެސް ސާފުވާނެއެވެ. އަދި، މާރިނު މުއްސަނދިވުމުގައި އެއްވެސް ގޯހެއް ނެތްކަން ވެސް އެންމެން ގަބޫލުކުރާނެއެވެ. މި ކަމާ ބެހޭ ގޮތުން ހައްވަގެ ބަހަކީ ކޮބައިހެއްޔެވެ؟" އަލިފުޅުބޭ ހައްވަދައިތަ ކުރެން އަހާލިއެވެ. "މާރިނު އެ ކިޔައި ދިނީ ހަމަ ހަމަބުއްދި ގަބޫލުކުރާ ވާހަކައެކެވެ."

ހައްވަ ދައިތަ ބުންޏެވެ. "މޮޔައެއް ނޫނީ މި ފަދަ ހަމަޖެހޭ ވާހަކައަކަށް އިންކާރެއް ނުކުރާނެއެވެ. އަހަރެން އެންމެ އުފާކުރަނީ އަހަރުމެންގެ ރަށުގައި އަހަރުމެންގެ ތެރޭގައި މޮޔައިން ނޫޅޭތީއެވެ. އަހަރުމެން އެންމެންނަކީ ވެސް ހަމަ، ސަލާމަތުގެ ސިކުނޑިތަކެއް، ލިބިފައިވާ ބަޔަކަށް ވާތީއެވެ. އިއްޔެ އަހަރުމެންގެ ސިކުނޑިތަކަށް، ނުވަދިހަ މިލިޔަނަކީ ފަސް ސަތޭކަ މިލިޔަނަށް ވުރެ ބޮޑު އަދަދެއްކަން ވެސް ވިސްނުނެވެ. ކުރީ ދުވަހު، އަޅުވެތިކަމަކީ މިނިވަންކަންކަމުގައި ވެސް އަހަރުމެންނަށް ގަބޫލުކުރެވުނެވެ. ދެ ޕަންސެންޓުގެ އިންޓަރެސްޓު ދައްކާން ޖެހޭ ލޯނު ނެގުމުން އެ ދަރަނި ނުދެއްކި ދަރަނިވާން ޖެހޭ އިރު، ހަ ޕަސެންޓު ނޫނީ އަށް ޕަސެންޓުގެ އިންޓަރެސްޓުގެ ލޯނަކީ މާ ފަސޭހައިން ދައްކައިލެވޭ ލޯނެއްކަން ވެސް އަހަރުމެންނަށް ގަބޫލުކުރެވެއެވެ. އާނއެކެވެ! މި ކަންކަމީ ސާފު ސީދާ ތެދުކަމާ މެދު ކުޑަވެސް ޝައްކުކުރުމަކާ ނުލައި، އަހަރުމެންގެ ސިކުނޑިތައް މި ކަންކަން ބަލައިގަނެ ތެދުކުރެއެވެ. އެހެންވީމާ، ދުވާލު ދެ އިރަށް ފައިސާގަންނަ ގަސްގަސް ހެދޭނޭކަން ވެސް މިއަދު އަހަރުމެންނަށް ގަބޫލުކުރާން ދަތިވާނީ ކީއްވެހެއްޔެވެ؟ އަހަރުމެންގެ ސިކުނޑީގެ ތަނަވަސްކަމާއެވެ! އަހަރުމެންގެ ހަކީމުވެރި ވެރިޔާ އެ ވިދާޅުވީ ހަމަ ހައްގު ތެދުފުޅެކެވެ. އަހަރުމެން މި ތިބީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކާ ހަމަ އެއް ސަފުގައެވެ. އަހަރެން ބުނާނީ އަހަރުމެން މި ތިބީ އެ ފަދަ ގައުމުތަކުގެ މީހުންނަށް ވުރެ ވެސް އެއް ދަރަޖަ މަތީގައިކަމަށެވެ. އެ މީހުންނާ ޚިލާފަށް، އަހަރުމެންގެ ސިކުނޑިތަކަށް، އާދައިގެ އިންސާނުންގެ ހަމަ ބުއްދި ގަބޫލުނުކުރާނޭ ކަންކަން ގަބޫލުކުރުމުގެ ގާބިލުކަމާއި ތަނަވަސްކަން ލިބިފައެވެއެވެ. އެހެންވީމާ އަހަރުމެންނަކީ އާދައިގެ މީހުންނެއް ނޫނެވެ! އެއަށް ވުރެ މޮޅު ބަޔެކެވެ. މި ކަމުގެ ހުރިހައި މޮޅެއް ހައްގުވަނީ އަހަރުމެން ކައިއުޅޭ، ހުސްބުޅީގައި ގަންނަ މަސްކަމަށް ވެސް ވެދާނެއެވެ! ޝުކުރުގެ ކޮޅެއްވެސް ނެތެވެ!" ހައްވަދައިތަ ދެކޭ ގޮތް ބުނެ އޭނާ ވާހަކަކޮޅު ނިންމައިލިއެވެ.

_____________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް