Advertisement

ދުނިޔެއަށް ވަމުން މި ދަނީ ކިހިނެއް؟ ތިންވަނަ ބޮޑުހަނގުރާމަ؟؟

27 Jun 2024 | 00:57
ރޫސީވިލާތުން ފަޒާގައި ގާއިމުކޮށްފައިވާ ނިޔުކުލިޔަރ ހަތިޔާރު: މި ހަތިޔާރުން ދޭ ޙަމަލާއެއް މަތަކުރުމުގެ ގާބިލުކަމެއް އެއްވެސް ގައުމަކަށް އަދި ލިބިފައެއް ނެތެވެ. މިއީ އަޑަށް ވުރެ ނުވަ ގުނަ ބާރު މިނުގައި ދަތުރުކުރާ ހަތިޔާރެކެވެ.

އިސްމާޢީލް މުބާރަކު

ޔޫކްރޭނުގެ ބިއްދޮށުގައި ފޮރުވިގެން އޮވެ، ޔޫރަޕާއި އެމެރިކާއިން ގެންދަނީ ރޫސީވިލާތާ ހަނގުރާމަކުރަމުންނެވެ. އިއްޔެއާ ހަމަޔަށް ހަނގުރާމަ ހިނގަމުން ދިޔައީ ދުނިޔޭގެ މާލީ ބާޒާރުގައެވެ. ނަމަވެސް އިއްޔެ ނޫން އިހަށް ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން، އެމެރިކާއިން ޔުކްރޭނަށް ދޭ ހަތިޔާރުން ރަޝިޔާގެ ތެރެއަށް ޙަމަލާދޭން ހުއްދަދިނުމާ އެކު، ރަޝިޔާއިން ވަނީ އެ މީހުން ތިންވަނަ ބޮޑު ހަނގުރާމައަށް ވާން ޖެހޭ ހުރިހައި ތައްޔާރީއެއް ވެފައިވާކަމަށް ބުނެފައެވެ. އަދި ޔޫރަޕުން ދޭ ހަތިޔާރު ބޭނުންކޮށްގެން ޔުކްރޭނުން ރަޝިޔާއަށް ޙަމަލާދީފި ނަމަ، އެ ޙަމަލާދިން ހަތިޔާރު އުފެއްދި ޤައުމަކަށް ރައްދުދޭނެ ހުރިހައި ރޭވުމަކާއި ޙަމަލާދޭނެ ތަންތަން ކަނޑައަޅައި ނިންމައިފައި ވާކަމަށް ބުނެފައެވެ.

މި އޮޕަރޭޝަނަށް "އޮޕަރޭޝަން އަންތިންކެބްލް" (ޚިޔާލަށްވެސް ނުގެނެވޭ އޮޕަރޭޝަން)އޭ ކިޔައި ނަންދީފައި ވެއެވެ. އިނގިރޭސި ވިލާތުގެ ނިއުކްލިއަރ ހަތިޔާރު ހުރި ހުރިހައި ތަނެއް އެއް ދުވަހުން ގޮއްވައިލާނެކަމަށް ރަޝިޔާއިން ބުނެއެވެ. އަދި ފަރަންސޭސި ވިލާތުގެ ނިއުކްލިއަރ ހަތިޔާރު ހުރި ހުރިހައި ތަނެއް ގޮއްވާލާނެކަމަށް ވެސް ރަޝިޔާއިން ބުނެއެވެ.

އިންޓަނެޓުން އެއް ބައްރު އަނެއް ބައްރަށް  މުވާސަލާތީ ޚިދުމަތްދޭން ދުނިޔޭގެ ކަނޑުގެ އަޑީގައި އަޅައިފައިވާ ސަބްމެރީން ކޭބަލްތަކާއި ޖައްވުގައިވާ މުވާސަލާތާއި ނިއަމިކަމުގެ ޚިދުމަތްދޭ ސެޓަލައިޓްތައް ހަނގުރާމަ ފެށޭތާ  މަދު ވަގުތުކޮޅެއްގެ ތެރޭގައި ގޮއްވައިލާނެ ތަމްރީނުތައް ރަޝިޔާއިން މިހާރުވަނީ ހަދައިފައެވެ.

ނިއުކްލިއަރ ހަކަތައިން  ބާރު ލިބިގެން އެތައް  ޒަމާނެއް ވަންދެން ޖައްވުގައި ސެޓެލައިޓެއްހެން ބޭންދޭ ޖައްވީ ހަތިޔާރެއް ރަޝިޔާއިން ވަނީ މީގެ ދެތިން މަހެއް ކުރީން ޖައްވަށް ފޮނުވައި ޓެސްޓުވެސްކޮށްފައެވެ. ބޭނުންވެއްޖެ ހިނދެއްގައި ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް މި ހަތިޔާރުން ޙަމަލާ ދެވޭނެއެވެ.  އަދި  މި ހަތިޔާރުން ސަލާމަތްވުމުގެ ޤާބިލްކަން ލިބިގެންވާ އެއްވެސް ޤައުމެއް މިވަގުތަކު ދުނިޔޭގައެއް ނެތެވެ. ސަބަބަކީ މި ހަތިޔާރުގެ ދުވެލީގެ ބާރުމިން، އަޑަށް ވުރެ ނުވަ ގުނަ ބާރުވުމެވެ. އެހެންކަމުން މި ހަތިޔާރު މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެންމެ ފަހުގެ ރާޑަރުތަކަށް އަރާ އިރު، އެ ތަނެއް އޮންނާނީ އަނދައި އަޅިއަށް ވެފައެވެ. މި ކަމުގެ ސަބަބުން އެމެރިކާއިން ވަނީ މި ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މި ކަމާ ވިދިގެން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފައެވެ .

ދުނިޔޭގެ ބާޒާރުގައި  ރަނާއި ތެލަށް މިވަނީ ކިހިނެއް؟

އެމެރިކާއިންނާއި ޔޫރަޕުން އެތައް ޒަމާނެއް ވަންދެން ބަހަނާ އެއްގެ ގޮތުގައި "އިސްލާމިކް އެކްސްޓްރިމިޒްމް" މި ނަން ބޭނުން ކޮށްގެން އެ މީހުންގެ ފައިމަގު ހަނގުރާމަވެރީން (foot soldiers)ކަމަށްވާ  އައިސިސްއާއި އަލްޤައިދާ ފަދަ އެކި ނަންނަން ކިޔާ އެމެރިކާގެ ކޮކްޓޭލް އާމީ ލަޝްކަރު ބޭނުންކޮށްގެން އެފުރިކާއާއި ސީރިޔާއާއި މެދުއިރުމަތީގެ ބިންތަކުން އެތައް ޓަނެއްގެ ރަނާއި ތެޔޮ ވަގަށްނަގަމުން ގެންދެއެވެ. މި ކަން ރަސްމީކޮށް މި މީހުން ފެށީ  އެމެރިކާގެ ޓްވިން ޓަވަރު މި މީހުންގެ ކޮކްޓޭލް އާމީން ލައްވައި ގޮއްވައިލުމަށްފަހުގައެވެ. "މައްސަލަ އުފައްދައިފައި އޭގެ ޙައްލު ވިއްކުން" މި ނަޒަރިއްޔާތުގެ ދަށުން  މުސްލިމުންގެ ބިންތަކަށް އެ މީހުން އަރާން ފެށިއެވެ. އެފްރިކާ ބައްރުގައި އެއް ފައިސާއެއް ހަދާން ލީބިޔާގައި ކާނަލް މުޢައްމަރުލްޤައްޛާފީ ޖަމާކޮށްފައިހުރި ފަސް ސަތޭކަ ޓަނުގެ ރަން، މި މީހުން ވަގަށްނެގިއެވެ.  ސީރިޔާގެ ރައްޔިތުންނަށް ބަދަލުގެ ގޮތުގައި މި މީހުން ދިނީ މި މީހުންގެ ކޮކްޓެއިލް އާމީ މެދުވެރިކޮށް ރަސޫލާގެ ސުންނަތުގެ ނަމުގައި މި މީހުން ހަދައިފައި އޮތް އެއްޗެކެވެ. ރަންކޮޅު ކަޓުވައިލީ ޔޫރަޕާއި އެމެރިކާއިންނެވެ .

މިހާރު ވެސް ސީރިޔާގެ އުތުރުގެ ބިންތަކުގައި ހުރި ތެޔޮވަޅުތައް އައިސިސްގެ ޙަމަލާތަކުން ދިފާޢުކުރުމުގެ ބަހަނާގައި ހުރީ އެމެރިކާގެ ބެލުމުގެ ދަށުގައެވެ. އަދިވެސް އެތަންތަން ފޯރިމަރައި ބަލަހައްޓަމުން ގެންދަނީ އެމެރިކާ ސިފައިންނެވެ. މި ތަންތަނުން އެތައް ހާސް ފީފާއެއްގެ ތެޔޮ އެމެރިކާއިން ކޮންމެ ދުވަހަކު ވަގަށް ބޭރުކުރަމުން ގެންދެއެވެ. ރަޝިޔާއާއި  ތެޔޮ އުފައްދާ އޯޕެކްގެ އެހެން ޤައުމުތަކުން މެދުނުކެނޑި ތެލުގެ އަގު ވެއްޓުނަ ނުދޭން، ތެޔޮ އުފައްދާ މިންވަރު ދައްކުރަމުން ގެންދެއެވެ. އެންމެ ފަހުން ބޭއްވި އޯޕެކް ބައްދަލުވުމުގައި ވެސް ފާސްކުރީ އުފައްދާ މިންވަރު އިތުރުނުކޮށް އުނިކުރުމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި  ތެލުގެ އަގަށް އެއްވެސް ބަދަލެއްނާދެއެވެ. ހީކުރި ގޮތާ ޚިލާފަށް އެ ދުވަހު އަގު އިތުރަށް ވެއްޓުނީއެވެ. ވަމުން މިދާ ގޮތަކީ، ޢިރާޤާއި ސީރިޔާ ފަދަ ޢަރަބިންގެ ބިންތަކުން ކޮންމެ ދުވަހަކު އެމެރިކާއިން ވަގަށް ބޭރުކުރާ ތެޔޮ ގެންދަނީ ހެޔޮ އަގުގައި ދުނިޔޭގެ ބާޒާރުގައި ދައުރުވަމުންނެވެ. އެހެންވެ އޯޕެކުން ތެޔޮ އުފެއްދުން މަދުކުރިޔަސް  ތެލުގެ "ޑިމާންޑް" އިތުރެއް ނުވެއެވެ.

އަނެއްކޮޅުން އޯޕެކް ޤައުމުތަކާއި ބްރިކްސްގެ ޤައުމުތަކުން (ބްރެޒިލް، ރޫސީވިލާތް، އިންޑިއާ، ޗައިނާ، ދެކުނުއެފުރިކާ، އީރާން، މިޞްރު، އިތިއޯޕިއާ، އެކުވެރި ޢަރަބް އިމާރާތު މި ގައުމުތަކުން) މީގެ ރައްދުގައި އެމެރިކާއަށް ދޭ އިޤްތިޞާދީ ޙަމަލާއަކީ ޑޮލަރުން ކުރެވޭ މުޢާމަލާތު މަދުކޮށް ގިނަ ޢަދަދަކަށް ރަން ގަނެ  ރިޒާވްގައި ޑޮލަރުގެ ބަދަލުގައި މަރުކަޒީ ބޭންކުތަކުގައި ރަން ޚަޒާނާ ކޮށްފައި ބެހެއްޓުމެވެ. ކުރީން އެމެރިކާގެ އިގުތިސާދު ވަރުގަދަވެފައި އޮތް ސަބަބަކީ  އެމެރިކާއިން ވިއްކާ ބޮންޑުގެ ޑިމާންޑު އުފުލިފައި އޮތުމެވެ. އެހެނީ ޑޮލަރަކީ ރަނަށް ވުރެ، އިތުބާރު ބޮޑު އެއްޗަކަށް އޭރު ވެފައި ވީތީއެވެ.

އެ ޒަމާނުގައި އެ ކަން އެ ގޮތަށްވީ ސުޢޫދީ ޢަރަބިއްޔާއިން ތެޔޮ ވިއްކާނީ ހަމައެކަނި ޑޮލަރުންކަމަށް ނިންމުމާ ގުޅިގެންނެވެ. އެހެނަސް އެއީ މާޒީއެވެ. ނިދައިފައި ތިބި ޢަރަބިން މިއަދު ރަޝިޔާއިން ހޭލައްވައިލައިއިފިއެވެ. ނަތީޖާއެއްގެ ގޮތުން މިހާރުގެ ސުޢޫދީ ސަރުކާރުން  ޑޮލަރުން ނޫނަސް އެހެން ޤައުމުތަކުގެ ފައިސާއަށް ވެސް ތެޔޮ ވިއްކާނެކަމަށް ބުނުމުން އެމެރިކާގެ ޓްރެޝަރީއިން ބޮންޑު ގަތުމުގެ ބަދަލުގައި ޤައުމުތަކުން ރިޒާވްގައި ބަހައްޓާން ރަން ގަންނާން ފެށުމުން ރަނުގެ އަގު، ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑަށް އުފުލެމުން އެބަ ދެއެވެ .

ޙަޤީޤަތަކީ ދުނިޔޭގައި އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން އެމެރިކާ ބަލިނުވެ އޮތީ ޢަރަބީންގެ ސަބަބުންކަން މިއަދު މި ދަނީ ހާމަވަމުންނެވެ. ޢަރަބީން ނޫނީ، ތެލާއި ރަން އެމެރިކާޔަށް ދީފައި، ޔަހޫދީންނާއި އެމެރިކާގެ އަތުން ރަސޫލާގެ ސުންނަތުގެ ނަމުގައި، އެމެރިކާގެ ޔަހޫދީން ކޮށައި މަށައި ފިތުނަ އުފެދޭ ގޮތަށް ބައްޓަންކޮށްފައި އޮތް އެއްޗެއް ގަންނަ ބަޔަކު މި ދުނިޔޭގައެއް ނެތެވެ.

ދީނީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން  ފަހު ޒަމާނުގައި ރަނުގެ ފަރުބަދައެއް ފާޅުވާނޭކަމަށާއި އޭގައި އަތްނުލުމަށް ރަސޫލާ (ﷺ) އަމުރުކުރެއްވިކަން އެނގިވަޑައިގަންނަވާނެއެވެ. ސަޙީޙް ބުޚާރީއިން މި ޙަދީޘް ފެނިވަޑައިގަންނަވާނެއެވެ.

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: يوشك الفرات أن يَحِسر عن جبل من ذهب فمن حضره فلا يأخذ

ޕެޓްރޯލް އެއީ ރަނެއް ނޫނޭ ބުނުމުގެ ޖާގައެއް ނެތެވެ.  ތެޔޮ، ބިމުން ނަގާއިރު ހުންނަނީ ކަޅުކޮށެވެ. އެއަށް. "ބްލެކް ގޯލްޑް" (ކަޅު ރަން) މިހެން ކިޔައެވެ .

އަފްޣާނިސްތާނާއި ޕާކިސްތާނުން މާތް ރަސޫލާ (ﷺ)ގެ ސުންނަތުގެ ނަމުގައި ނުކުމެގެން މި އުޅެނީ އެމެރިކާގެ "ސީއައިއޭ"އިން ސޮވިއެޓް ޔުނިއަން ބަލިކުރާން 1970ގެ އަހަރުތަކުގައި ސުޢޫދީ ޢަރަބިއްޔާއާ ގުޅިގެން  އުފައްދާފަ އޮތް ފިތުނަވެރި މަންހަޖެކެވެ.

ރަނުގެ ފަރުބަދަ ފާޅުވެގެން ކަޅު ރަން ފަރުބަދައިން ހަކަތަ ލިބިގެން ޙިޖާޒްކަރަ، މި ޒަމާނުގެ ސުޢޫދީ ޢަރަބިއްޔާއަށް ބަދަލުވެގެން ދިޔަ ގޮތް އެނގިވަޑައިގަންނަވަނީ ތިޔައިގެ ތެރޭން ކިތައް ބޭފުޅުންނަށްބާވައެވެ!؟ ޝައިތާނާގެ ދަޅު ފާޅުވަނީ ޙިޖާޒުކަރައިގެ ނަޖިދުންކަމަށް ރަސޫލާ (ﷺ) ޙަދީޘްކުރެއްވި  ޙަދީޘް އެނގިވަޑައިގަންނަވަނީ ކިތައް ބޭފުޅުންނަށް ބާވައެވެ!

صحيح، حديث .. قال رسول الله صلى الله عليه وسلم  اللهم بارك لنا في شامنا ويمننا قالوا: وفي نجدنا، فأعادها مرات، ثم قال: هناك قرن الشيطان (رواه البخاري (1037) ومسلم (2905) ،)

އިސްރާއީލިއްޔަ ޙަދީޘް ހުންނަކަން އެނގިވަޑައިގަންނަވަނީ ތިޔައިގެ ތެރޭން ކިތައް ބޭފުޅުންނަށްތޯއެވެ؟ އޭގެ ޙުކުމާއި ތަފުޞީލަށް ދިޔުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. އިލްމުވެރީން އެ ބައި ކުރިއަށް ގެންދަވާނެއެވެ. އަޅުގަނޑު ހަމައެކަނި މި ފާހަގަކޮށްލީ ޔަހޫދީންގެ ނުފޫޒު އަޅުގަނޑުމެންގެ ދީނީ މަޞްދަރުތަކުގެ ތެރެއަށް ވަދެފައި އޮތްކަމެވެ.

އެހެންކަމުން އަސްލު މައުޟޫޢަށް ދިޔުމުގެ ކުރީން މައުޟޫޢާ ކުޑަކޮށް ފެއަށް ޖެހިލާނަމެވެ.  ކޮންމެއަކަސް  މާތް ރަސޫލާ (ﷺ) މައްކާގެ ބިމުން ފައުޅުކުރައްވައި  ﷲގެ ރިސާލަތު އިއްވަވަން ފެއްޓެވުމުން އެކަލޭގެފާނަށް އެންމެ ފުރަތަމަ އީމާންވި މައްކާގެ މުސްލިމުން އެންމެ ފުރަތަމަ ހިޖްރަކުރި ޤައުމަކީ އީސްޓަން އޮތޮޑޮކްސް ކްރިސްޓިއަން މަޒުހަބަށް އޭރު މީހުން އުޅެމުން ދިޔަ ބަޔަކު އުޅުނު ޙަބުޝްކަރައަށެވެ. އެއީ މިހާރުގެ އިތިއޯޕިޔާއާއި އެރިޓްރިޔާ ސަރަޙައްދެވެ. އެޤައުމުގެ ރަސްކަލަކަށް ހުންނެވީ ނަޖާޝީއެވެ. މައްކާގެ މުޝްރިކުންގެ އަނިޔާތަކުން މުސްލިމުންނަށް ކެތްނުވެގެން  އެ ރަށަށް ހިޖުރަޔަށް ދިއުމަށް ރަސޫލާ () އަމުރުކުރެއްވީއެވެ. ނަޖާޝީއަކީ  ނަޞާރާދީނުގެ  ރަސްކަލެއްކަން  ރަސޫލާއަށް އެނގިވަޑައިގަނެއެވެ. އެހެނަސް ސަލާމަތް ޞަލަވާތް ލެއްވި ރަސޫލާ (ﷺ)އަށް އީމާންވީ މީހުންނަށް އެ ރަސްގެފާނު ޙިމާޔަތްދެއްވިއެވެ. ވީއިރު ފާހަގަކުރާން ޖެހޭ ނުކުތާއެއް އެބަ އޮތެވެ.

ކީރިތި ޤުރްއާނުގައި  ﷲ މިފަދައިން އަންގަވާފައިވެއެވެ.  (محَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ)  ﷲގެ ރަސޫލާ މުޙައްމަދުގެފާނާއި އެކަލޭގެފާނާ އެކުގައި ވާ މީހުންނަކީ ﷲގެ އެއްކައުވަންތަކަމަށް އުރެދޭ މީހުންގެ މައްޗަށް ގަދަފަދަ، އެމީހުންގެ މެދުގައި އެކަކު އަނެކަކަށް އޯގާތެރި ބަޔެކެވެ.

ނަޖާޝީއަކީ އިސްލާމްދީނަށް ޝަހާދަތްކިޔައި އިސްލާމްވެގެން ހުރި މުސްލިމެއް ނޫން ނަމަ ވެސް މުޙައްމަދުގެފާނާައި އެކުގައިވާ  މީހުންނަށް ޙިމާޔަތް ދެއްވުމުން އެ އާޔަތުގައި ވަޙީކުރައްވައިފައިވާ "އެމީހުންގެ މެދުގައި އެކަކު އަނެކަކަށް އޯގާތެރި ބަޔެކޭ" އެ އޮތް ބަސްފުޅުން ނަޖާޝީއަކީ މުޙައްމަދުގެފާނާ (ﷺ) އެކުގައި ވާ ބޭކަލެއްކަމަށް ދޭހައެއްނުވޭތޯއެވެ؟ އަދި ނަޖާޝީ އަވަހާރަވީ ދުވަހު ޣައިބުގައި ނަޖާޝީގެ މައްޗަށް މާތް ރަސޫލާ (ﷺ) ކަށުނަމާދުކުރެއްވިއެވެ. ނަޖާޝީގެ މައްޗަށް މާތް ރަސޫލާ (ﷺ) ކަށުނަމާދުނުކުރައްވާކަމަށް ފަތުވާދެއްވާ އެއްވެސް ޢިލްމުވެރިއަކު އެބަހުރިތޯއެވެ؟ ނަޖާޝީގެ އީމާންކަމާއި ކާފާރުކަން ދެނެވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަޅުގަނޑު މި ދެންނެވީ ކަން ހިނގި ގޮތެވެ.

މި ހިސާބުން އަސްލު މައުޟޫޢަށް އެނބުރި ދަމާތޯއެވެ!؟ މިއަދު ނަޞާރާ ދީނުގެ އީސްޓަން އޮތޮޑޮކްސް މަޒްހަބުގެ އެންމެ ބޮޑު ރާހިބުން ތިބީ ރަޝިޔާގައެވެ. ފަލަސްތީނާއި ޔަމަނުގެ ޙޫޘީންނާއި ޙިޒްބުﷲއާއި ޙަމާސްއަށް އަލިފުދާލު މަޖިލީހުގައި އެންމެ ބޮޑަށް ޙިމާޔަތް ދެނީ ރޫސީވިލާތުންނެވެ. މިއަދު އިސްލާމްދީނާއި މުސްލިމުންގެ ޢަޤީދާއަށް އެންމެ ބޮޑަށް އިޙުތިރާމްކޮށް އެންމެ ބޮޑު ޙިމާޔަތް ދޭ ބަޔަކީ ރޫސީންނެވެ.

އިސްލާމް ދީނާއި މުޙައްމަދުގެފާނު (ﷺ)އަށް ފުރައްސާރަކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް ބުނާން ކެރުނު ނަޞާރާ ޤައުމެއްގެ ހަމައެކަނި ލީޑަރަކީ ރޫސީވިލާތުގެ ރައީސް ވްލަޑިމީރް ޕޫޓިނެވެ. ދެބަސްވާން އަޅުގަނޑު އެއްބަހެވެ. ނިތްކުރިމަތީގައި ކާފިރު މިހެން ލިޔެފައި ހުއްޓައި ފެނުމުން ނޫނީ ދައްޖާލު ފާޅުވީކަމަށް ޤަބޫލުނުކުރާން އެތައް ބަޔަކު އެބަ ތިއްބެވެ. ބިން ފަޅައިފައި ބިމުދާއްބަ އެރީމާ ނޫނީ ދާއްބަ ފާޅުވެއްޖެކަން ޤަބޫލުނުކުރާން އެތައް ބަޔަކު އެބަ ތިއްބެވެ.

ޔޫރަޕުގެ ލާދީނިއްޔަތު ގޮސް ރަޝިޔާގެ ދަގަނޑު ފާރުގައި ޖެހި މަތަވެއްޖެއެވެ. ވިއްސާރަ ދުނީގެ އިންޤިލާބު (ނުވަތަ ރެއިންބޯ ރިވޮލިއުޝަން)އަކަށް ރަޝިޔާގެ ތެރެއަކަށް ނުވަދެވުނެވެ. އެއް ޖިންސުން ކައިވެނިކުރުމާއި އުފަންވީ ޖިންސު، ބޭނުން ޖިންސަކަށް ބަދަލުނުކުރެވޭނެކަމަށް ޕޫޓިން ވިދާޅުވިއެވެ. އާދަމުގެދަރީން އުފެދުނީ އަންހެނަކާއި ފިރިހެނެއްގެ ފުށުންކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި އެ ޙަޤީޤަތް ދުވަހަކު ވެސް ބަދަލުނުވާނެކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ.

ވުމާއެކު ދެބަޔަށް ބެހި، ޙައްޤާއި ބާތިލު ފެންނަމުން މި ދާ ދުނިޔޭގައި އަޅުގަނޑުމެން މި ތިބީ ކޮން ފަރާތެއްގައިކަން، މި ހަތަރު އަނގޮޅި ކަންމައްޗަށް ހުއްޓި ބަލައިލުން މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެކެވެ. އެ ބޭފުޅަކު ޤަބޫލުފުޅުކުރައްވާ ގޮތަކަށް ޤަބޫލުފުޅުކުރައްވާން ވީއެވެ. އަޅުގަނޑަށް އޮތީ މި ކަންކަން ތިޔަ ބޭފުޅުންނަށް އެންގުމާއި އިއްވުމެވެ.

_________________________________

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަންޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް
ރަޝީދު
ވަރަށް އަގުހުރި މުހިއްމު މައުލޫމާތުތަކެއް އެގިގެންހިގައްޖެ.
27 Jun 2024
ރަޝީދު
ވަރަށް އަގުހުރި މުހިއްމު މައުލޫމާތުތަކެއް އެގިގެންހިގައްޖެ.
27 Jun 2024
އިސްހާގު
މި ފަދަ ގެއްލިފައިވާ ޢިލްމީ ބޭފުޅުންގެ ލިޔުންތައް "ފަރަގު" މެދުވެރިގެން ގެންދެއްވާ ކަމަށްޓަކައި ފަރަގު ނޫހުގެ މެނޭޖްމެންޓަށް ވެސް ޝުކުރުދަންނަވަން.
27 Jun 2024
އިސަހާގު
ވަރަށް ޢިލްމީ އަދި ކްރިޓިކަލް ވިސްނުމުގެ ލިޔުމެއް. ދިރާސީ މަސައްކަތެއްވެސް މެ. ލިޔުންތެރިޔާއަށް މާތް ﷲ ބަރަކާތްލައްވާށި!
27 Jun 2024
މަރިޔަނބު
ވަރަށް މޮޅު ލިޔުމެއް. އިސްމާޢީލް މުބާރަކަށް ސެލިޔުޓު ކުރަން. މި ބާވަތުގެ އެހެން ލިޔުންތަކަށް އިންތިޒާރު ވެސް ކުރަން.
28 Jun 2024
ޙަސަން ނަޒީރު
ސާބަހޭ މުބާރަކު! ތިޔައީ ލިޔުންތެރީންނަކީ އަސްލު. ޕްލީޒް ކީޕް އިޓް.
28 Jun 2024