Advertisement

ޙައްޖު ކޯޕަރޭޝަނުން ދިވެހީންނަށް ޙައްޖު - ރަނގަޅު ނިންމުމެއް

26 Jun 2024 | 06:37
ޙައްޖުވެރީން މާލެ ގެނައުމަށް ޓަކައި ސައުދީ އަރަބިއްޔާއިން މާލެއަށް މިއަހަރު ކުރި ދަތުރުގައި ރާއްޖެ އައި ބައެއް ދިވެހީން

އަބާ މުޙަންމަދު

ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މައްކާއަށް ދާން ބޭނުންވާ އެންމެންނަށް ޚިދުމަތްދޭން ދިވެހިރާއްޖޭގެ ޙައްޖުކޯޕަރޭޝަނުން ޙަވާލުވި ޙަވާލުވުމަކީ ވަރަށް ބޮޑު ނިޢުމަތެވެ. ޙައްޖުގެ ހުރިހައި ކޯޓާއެއް ޙައްޖުކޯޕަރޭޝަނަށް ދެއްވާން ސަރުކާރުން ނިންމެވީ ވަރަށް މުހިންމު މަގުސަދެއްގައެވެ. އަމިއްލަ ކުންފުނިތަކުން މީހުން ޙައްޖައް ގެންދިޔުމުގެ ނަމުގައި ފައިސާ އަތުލައި ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަތަކެއް މާޒީގައި ވަނީ ފެންމަތިވެފައެވެ. އެ ފަދަ މީހުންނަށް ލިބުނު ހިތަދްތިކަމަށް އެހީތެރިވެދެއްވުމުގެ ގޮތުން އެ އެންމެން ޙައްޖައް ފޮނުއްވުމުގެ ބުރަ އުފުއްލާންޖެހުނީ ދިވެހި ދައުލަތަށެވެ. އެހެންކަމުން މި ކަންކަމަށް ރިޢާޔަތްކުރައްވައި ޙައްޖުގެ ހުރިހައި ކޯޓާއެއް ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އެކަނި ދޫކުރައްވާން ނިންމެވި ނިންމެވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ. އެ ކަމަށް ޓަކައި ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް ޝުކުރު ދަންނަވަމެވެ.

މީގެ ދެ އަހަރެއްހައި ދުވަސްކުރީން ޙައްޖަށް ފައިސާ ދެއްކުމަށް ފަހު، މި އަހަރު ޙައްޖަށް ދިޔަ މީހަކު އަޅުގަނޑު ގާތު ބުނި ގޮތުގައި މީގެ އަހަރުތަކެއް ކުރީން އޭނާ ޙައްޖަށް ދާން ގަސްތުކޮށް ފައިސާ ދެއްކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށެވެ. އަމިއްލަ ކުންފުންޏަކަށް ފައިސާ ދައްކައިގެން މާ އަވަހަށް ދެވުނީސް ނޫންހޭ އަޅުގަނޑު ބުނުމުން އޭނާ ބުނީ ތިމަންނަ އެހެން ބަޔަކާ އެކީ ޙައްޖަށް ދާން ބޭނުންނުވާކަމަށެވެ. ސަބަބެއްކަމަށް އޭނާ ބުނީ ހަމައެކަނި އިތުބާރެވެ. އެ މީހުން ދޭ ޚިދުމަތުގެ ފެންވަރު ތިމަންނާއަށް ނޭނގުނަސް ސަރުކާރުގެ ކުންފުންޏަކަށް ފައިސާ ދައްކައިގެން އެ ފައިސާކޮޅު ނުގެއްލޭނެކަން ތިމަންނާއަށް ޔަގީނެވެ. މީގެ ކުރީން އަމިއްލަ އެކި ޖަމާޢާތްތަކަށް ފައިސާ ދައްކައިގެން ފައިސާކޮޅު ގެއްލިފައިވާ ކިތަންމެ މައްސަލައެއް އޭނާ ފާހަގަކުރިއެވެ.

މީގެ ދެ އަހަރެއްގެ ކުރީން ޙައްޖަށް ދިޔަ އެހެން ޙައްޖުވެރިއަކު ކިޔައިދން ގޮތުގައި ސަރުކާރުން ވަކި އަގެއް ކަނޑައަޅުއްވައިފައި ވިޔަސް، އެކި ނަންނަމުގައި ފައިސާ ނަމަގަމުން ގޮސް ތިމަންނައަށް ޙައްޖަށް ދެވުނީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެހެންވީމާ، އެ ކަން ސަރުކާރުން ކުރާ ގޮތަށް ހަމަޖައްސާން އެބަ ޖެހެޔޭ އޭރު ވެސް ތިމަންނަ ހިތަށް އެރިކަމަށް އޭނާ ބުންޏެވެ. މި ފަހަރު ޙައްޖަށް ދިޔަ އެންމެން ވެސް ޙައްޖަށް ގެންދިޔައީ ސަރުކާރުގެ ޙައްޖު ކުންފުނިކަމަށްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންކަމަށް ވީތީ އުފާކުރާ ވާހަކަ ވެސް އޭނާ ބުންޏެވެ. އޭނާގެ އުންމީދެއް ޙާޞިލުވީތީއެވެ.

އަޅުގަނޑު ވާހަކަދައްކައިލި އެހެން މީހަކު ކިޔައިދިން ގޮތުގައި އޭނާ ޢުމުރާއަށް ވެސް އަމިއްލަ ކުންފުނޏެއްގެ ޙަވާލުގައި ދާކަށް ޚިޔާލެއް ވެސް ނުކުރަމެވެ. ސަބަބަކީ ސަރުކާރުން ކަމަކާ ޙަވާލުވެއްޖެ ނަމަ، އެ ކަމުގެ އިތުބާރު ބޮޑުވާނެތީއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު މި ދިޔަ ހޯމަ ދުވަހު ރާއްޖެ އަތުވެއްޖެކަމަށް ޚަބަރު ލިބިފައިވެއެވެ. ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ މީހުން އެނބުރި އަންނާން ހަމަހިޖެހިފައިވަނީ ހަތަރު ދަތުރެއްގައި ކަމަށްވާތީ، ފުރަތަމަ ދަތުރުގައި މިދިޔަ ހޯމަ ދުވަހު އައީ 296 ޙައްޖުވެރީންނެވެ. ޙައްޖުވެރީން ގޮވައިގެން ރާއްޖެ އަންނާން ކުރާ ދެވަނަ ދަތުރު އޮންނާނީ އަންނަ ހުކުރު ދުވަހުކަމަށް ވެސް އެނގިފައިވެއެވެ. ތިންވަނަ ދަތުރު ބާއްވާން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު ފުރަތަމަ ދުވަހުއެވެ. މި ތިން ދަތުރަށް ފަހު، ދެން ބާކީ ތިބި އެންމެން ގޮވައިގެން ކުރާ އެންމެ ފަހު ދަތުރު އޮތްކަމަށް މަޢުލޫމާތު ލިބިފައިވަނީ ޖުލައި 4 ވާ ބުރާސްފަތި ދުވަހުއެވެ. މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ޖުމުލަ 1150 މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސުޢޫދީ ޢަރަބިއްޔާއަށް ދިޔައެވެ. އޭގެ ތެރެއިން 1149 މީހަކު ޙައްޖުގެ އަޅުކަން ވަނީ ފުރިހަމަކޮށްފައެވެ. އެކަކު މައްކާގައި ނިޔާވީއެވެ. މި އަހަރުގެ ޙައްޖުގެ އިންތިޒާމްތައް ކުރެވިފައިވަނީ ކުރީ އަހަރުތަކަށް ވުރެ މާ ފުރިހަމައަށްކަމަށާއި، އެ ގޮތަށް އެ އިންތިޒާމުތައް ހަމަޖައްސާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތެއް ދެއްވިކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރީން ވަނީ ވިދާޅުވެފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރި ބައެއް ޙައްޖާޖީން ދީފައިވާ، ވީޑިއޯ ބަސްދީގަތުންތަކަށް ބަލާ އިރު ވެސް އެ ކޯޕަރޭޝަންގެ ޚިދުމަތްތަކާ މެދު، ޙައްޖާޖީން ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. ކުރިއަށް އޮތް ތަނުގައި ޙައްޖުގެ އިންތިޒާމުތައް އިތުރަށް ރަނގަޅުކުރައްވައި، ތަރައްގީކުރައްވާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެކި ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް