އިސްލާމީ އުންމަތް: އައިޑެންޓިޓީއާއި ސިފަތައް
ޑރ. މޫސާ އަންވަރު ޙަސަން
ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުގައި ސިފަކުރައްވާފައިވާ ފަދައިން އިސްލާމީ އުންމަތަކީ މެދު މިނުގެ އުންމަތެކެވެ. ((وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُواْ شُهَدَاء عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا (سورة البقرة: ١٤٣) މާނައީ:"އަދި ހަމަ އެފަދައިން، މެދުމިން أمّة އެއްކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކުކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކުކަމުގައި رسولއާ ވެވަޑައިގަތުމަށް ޓަކައެވެ."))
އިސްލާމީ އުންމަތަކީ ޢަޤީދާއާއި ސަމާވީ ރިސާލަތެކެވެ. ވަކި ޖިންސަކަށް ވަކި ބަޔަކަށް ވަކި ޤައުމިއްޔަތަށް ވަކި ދަރިކޮޅަކަށް ނިސްބަތްވާ އުންމަތެއް ނޫނެވެ. އިރުމައްޗަށް ހުޅަގަށް، ދެކުނަށް އުތުރަށް، ނުވަތަ ވަކި ބަހަކަށް ވަކި ދުލަކަށް ނިސްބަތްވާ އުންމަތެއް ނޫނެވެ.
އެހެން ނަމަވެސް އެއީ ޢާލަމީ އުންމަތެކެވެ. އެ އުންމަތަކީ ތަފާތު ދަރިކޮޅުތަކާއި، ޤައުމިއްޔަތުތަކާއި ދޫތަކާއި ކުލަތައް، އެއް ޢަޤީދާއަކަށް، އެއްޝަރިޢަތަކަށް، އެއް އަގުތަކަކަށް އެއް ޤިބުލައަކަށް އެ އުންމަތުގެ ދަރިން ޖަމަޢަކޮށްފައިވާ އުންމަތެކެވެ.
"އިސްލާމް"ވަނީ މި އުންމަތުގައި ޢަރަބިންނާއި، ޢަޖަމީންނާއި ދޮން މީހުންނާއި ކަޅު މީހުންނާއި، އިރުމަތީގެ މީހުންނާއި ހުޅަނގުގެ މީހުންނާއި އެފުރިކާ މީހުންނާއި ޔޫރަޕުގެ މީހުންނާއި އޭޝިޔާގެ މީހުންނާއި އެމެރިކާ މީހުންނާއި އޮސްޓްރޭލިޔާގެ މީހުން، މި ކަލިމައިގެ މައްޗަށް ޖަމަޢަކޮށްފައެވެ. އިންސާނީ ތަފާތު ކުރުންތަކުގައި ހިމެނޭ ހުރިހާ ފަރަގެއް ވަނީ ނައްތައިލައިފައެވެ. އެއީ އުންޞުރީ ގޮތުންނާއި ކުލައިގެ ގޮތުންނާއި ބަހުގެ ގޮތުންނާއި ދަރަޖައިގެ ގޮތުންނާއި ނިސްބަތްވާ ނިސްބަތްވުމުގެ ގޮތުންނެވެ. އިޢުލާންކޮށްފައިވަނީ އިސްލާމީ އުންމަތަކީ އެއް އުންމަތްކަމެވެ. އުޚުއްވަތްތެރިކަމުގެ ގޮތުން އެންމެން ވަނީ ވަރަށް ފުން ގުޅުމަކުން ގުޅި ލައިމެހިފައެވެ. އެ ކަމުގެ އަސާސަކީ، އެއް ރައްބަކަށް އީމާންވުމެވެ. އެއް ފޮތަށް އީމާންވުމެވެ. އެއް ރަސޫލަކަށް އެއް މަންހަޖަކަށް ތަބަޢަވުމެވެ. އެ ޝާމިލުކޮށް އިތުރަށް ވަރުގަދަކޮށްދެއެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތް ކުރައްވާފައިފާ ފަދައިންނެވެ. ((وَأَنَّ هَـذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلاَ تَتَّبِعُواْ السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ذَلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ (سورة الأنعام: ١٥٣) މާނައީ:" އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبعވާށެވެ! (އެ ނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މި ކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."))
އިސްލާމްދީން މުސްލިމަކު ދީނަށް ކުރާ ލޯތްބާއި އިޙްތިރާމާ ފުށު ނައަރާނަމަ، އޭނާގެ ޤައުމު ދެކެ އަދި ވަޠަން ދެކެ ލޯބިވުމީ، މައްސަލައެއް ކަމުގައި ނުދެކެއެވެ. އެއީ އިސްލަމީ އުންމަތުގެ އެއްބައިވަންތަ ކަމާއި، ޚިލާފު ކަމެއް ނޫނެވެ. އިންސާނިއްޔަތުގެ ހުރިހާ ދާއިރާއަކަށް އިސްލާމް ދީން ވަނީ ހުޅުވިއެވެ. އެއީ ޤައުމިއްޔަތާއި ވަޠަނިއްޔަތާއި ނަސްލުތަކަށެވެ. އިސްލާމީ ޝަރީޢަތާއި ޚިލާފު، އަދި ފާފައިގެ އުނގަށް އިންސާނާ ވެއްޓިނުގަންނަމަ، ކުރިން މިއިޝާރަތް ކުރި ކަންކަމަށް ގޮވާލުން އެއީ މައްސަލައެއް ކަމުގައި ނުދެކެއެވެ.
މި އުންމަތް ތައުސީސު ކުރެއްވީ ކީރިތި ރަސޫލާ محمد صلى الله عليه وسلم އެވެ. އެއީ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ސިފަ ކުރައްވާފައިވާ ފަދައިންނެވެ. ((كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ (سورة آل عمران: ١١٠) މާނައީ:" މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ.")) އެ އުންމަތަކީ އަމިއްލަ ޒާތުގައި ނުކުތް އުންމަތެއް ނޫނެވެ. އެއީ މީސްތަކުންނަށް ފައިދާކުރަނިވި ގޮތުގައި ނެރެވުނު އުންމަތެކެވެ. ހިދާޔަތާއި އުފާވެރިކަން ހޯދައި ދިނުމަށް ނެރެވުނު އުންމަތެކެވެ. އެކަލާނގެ ސިފަ ކުރައްވާފައިވާ ފަދައިން އެ އުންމަތް ޚިޔާރު ކުރައްވާފައިވަނީ ((تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ (سورة آل عمران: ١١٠) މާނައީ:" (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ.))
އެއީ ޢާލަމީ އަދި އިންސާނީ ވައްތަ ރައްބާނީ ރިސާލަތުގެ އުންމަތެކެވެ. އެކަން ބިނާ ވެގެންވަނީ ދެކަމެއްގެ މައްޗަށެވެ.
ފުރަތަމަ: ހަމައެކަނި އެކަލާނގެއަށް އީމާންވުމެވެ. މިކަމުގައި ތިން ޢަނާޞިރެއް އެކުލެވިގެން ވެއެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ރައްބެއްކަމުގައި ނުބެލުމެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކީ އެހީތެރިއެއްކަމުގައި ނުބެލުމެވެ. އަދި އެކަލާނގެ ޙުކުމްފުޅު ފިޔަވައި އެހެން ޙުކުމެއް ބަލައިނުގަތުމެވެ. އިސްލާމީ ހުރިހާ މަޛުހަބެއް ވެސް ތައުޙީދުގެ އަސާސުކަމުގައި ބަލައިފައިވަނި މި ތިންކަމެވެ.
ދެވަނައީ: އިސްލާމީ ދަޢުވަތުގައި މީސްތަކުންނަށް ހެޔޮކަންކަމަށް ދަޢުވަތުދިނުމާއި އެންމެ މަތިވެރި ނަމޫނާ ހިމެނެއެވެ. ކީރިތި ޤުރްއާނުގައި އެ ކަން ބަޔާން ކުރައްވައިފައިވަނީ (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ) ނަމުގައެވެ. المعروف މި ކަލިމައަކީ ޖާމިޢު ކަލިމައެކެވެ. ޢަޤީދާއާއި ޙައްޤުގެ ހުރިހައި މާނައެއް ކަލިމައިގައި އެކުލެވެއެވެ. ބުނާ ބަހުގައި ތެދުވެރިވުން ހިމެނެއެވެ. އަދި ފަހި ވިސްނުން ހިމެނެއެވެ. ޢަމަލުތަކުގައި ހެޔޮކަން ހިމެނެއެވެ. ހެޔޮ ގޮތުގައި ތަޞައްރަފުކުރުން ހިމެނެއެވެ. އަދި المنكر މިއީ އިދިކޮޅެވެ. ބާޠިލު ޤަބޫލުކުރުންތަކުގެ މާނަ މިކަލިމާގައި އެކުލެވެއެވެ. ބުނާ ބަހުގައި ދޮގުހެދުމާއި، ރައުޔުތަކުގައި ހުރި ގޯސްކަމާއި، ނުބައި ޢަމަލުތައްކުރުމާއި ސުލޫކު ބަދަލުކޮށްލުން ހިމެނެއެވެ.
އުންމަތަށް މި ވަޒީފާގެ ބޭނުންވަނީ ޖެހިފައެވެ. އެއީ ކަސިޔާރުވެފައިވުން ސީދާކުރުމަށެވެ. ދިރިއުޅުމުގެ ޙަޔާތުގައި ފާސިދުވެފައިވާ ކަންކަން އިޞްލާޙުކުރުމަށެވެ. އެއީ އަންނަނިވި އާޔަތުގައި އިޝާރަތްކުރައްވައިފައިވާ ފަދައިންނެވެ. ((وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ (سورة آل عمران: ١٠٤) މާނައީ:"ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."))
އިސްލާމީ އުންމަތުގެ ތާރީޚުގައި އުނދަގޫތަކާއި ފިތުނަތަކާއި ހަނގުރާމަތަކާ ކުރިމަތިވެފައި ވެއެވެ. އިރުމަތީ ފަރާތުން مَغُولންގެ ފަރާތުން، ޔޫރަޕިއަނުންނާއި ފަރަންޖީން (ޞަލީބީން)ގެ ފަރާތުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން އިސްލާމީ އުންމަތް ވުޖޫދުގައި ވުމާ މެދު ބިރު އުފެދޭ ވަރަށް ކަންކަން ގޮސްފައިވެއެވެ. އެހެންނަމަވެސް އެކަލާނގެ އޯގާވަންތަކަމުން (عماد الدين ، نور الدين، صلاح الدين، قطز) ފަދަ ބޭބޭފުޅުންގެ މަސައްކަތްޕުޅުން އެ ފަދަ ޙަމަލާތަކުން ސަލާމަތްވެފައިވެއެވެ. މަރުން ސަލާމަތްވެއެވެ. ބައިބައިވެފައިވާ ކަންކަން އެއްކުރިއެވެ. ކުޅަދާނަކަމާއި ޙަޔަވިއްޔަތު އިޢާދަކުރިއެވެ. ދެކޮޅު ހަނގުރާމަވެރީން ފައްސައިލިއެވެ. ދިރުން ގެނެސްދިނެވެ. ނުވަތަ ދިރުން އިޢާދަކޮށްދިނެވެ.
މިއަދު އިސްލާމީ އުންމަތަށް މި ވަނީ އާ ވައްތަރެއްގެ ހަނގުރާމައަކާ ކުރިމަތިލާން ޖެހިފައެވެ. އެ މީހުން ބޭނުންވަނީ އިސްލާމީ އުންމަތުގެ ދަރީން މެދުވެރިކޮށް އެތެރެއިން ކަންކަން ބަދަލުކުރުމަށެވެ. އިސްލާމީ ޝަޚްޞިއްޔަތު ބަދަލުކުރާށެވެ. ޢަޤީދާ ބަދަލުކުރާށެވެ. ދިރިއުޅުމާއި ދީނާ މެދު ދެކޭ ގޮތް ބަދަލުކުރުމަށެވެ. އަދި ހަމަ އެފަދައިން ފަރުދުންނާއި މުޖުތަމައެވެ. ޚާލިޤާއި މަޚުލޫޤުންނެވެ. ދުނިޔެ އާއި އާޚިރަތެވެ. އިންސާނުންނާއި މި ދުނިޔެއެވެ.
މި އާ ޠާޣޫތާ މި އުންމަތާ ކުރިމަތިލެވެނީ شيطانއަށް كافرވެ، اللَّهއަށް إيمانވެ ނެތިދިޔުމެއް އެ ބަޔަކަށް ނުވާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިގެންނެވެ. އިސްލާމީ ޢަޤީދާއާ ބެހޭ ގޮތުން عمرابن الخطاب رضى الله عنه ވިދާޅުވެފައިވެއެވެ. "އިސްލާމްދީނުގެ ސަބަބުން މާތް الله އަހަރެމެން ޢިއްޒަތްތެރި ކުރެއްވިއެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކުން ޢިއްޒަތްތެރިކަން ހޯދާން މަސައްކަތްކުރިކަމުގައި ވިޔަސް އެކަލާނގެ އެބަޔަކު ނިކަމެތި ކުރައްވާނެތެވެ."[1]
އިމާމު ދާރުލްހިޖުރަތި مالك ابن أنس رحمه الله ގެ ބަސްފުޅަށް އިޢުތިމާދު ކުރާނަމައެވެ. މިއުންމަތުގެ ކުރި އިޞްލާޙުވީ ގޮތަށް ނޫނީ، ފަސް އިޞްލާޙެއް ނުވާނެއެވެ. އުންމަތުގެ ކުރި އިޞްލާޙުވީ މާތް اللهގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ ސަބަބުންނެވެ. އެއީ އަހަރެމެންގެ ޝިޢާރަކީ وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعًا وَلاَ تَفَرَّقُواْ (سورة آل عمران: ١٠٣) (މާނައީ:"ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!) މިއީކަމަށް ހަދަމާ ހިނގާށެވެ."
____________________________________
ޙަވާލާ:
[1] رواه ابن أبي شيبة في المصنف كتاب التاريخ (33846) والطبراني في الكبير (23/124)