Advertisement

ޢަރަފާތު ދުވަސް

25 Jun 2024 | 00:01
ޢަރަފާތު ދުވަހު ޢަރަފާތު ފަރުބަދައާއި ޢަރަފާތު ބިން 2024 (ފޮޓޯ: ހޮލިޑޭސް ކަލަންޑަރ. ކޮމް)

ޑރ. މޫސާ އަންވަރު ޙަސަން 

ޙައްޖު މަހުގެ ނުވަނަ ދުވަހު، އިރު ދޯދިތަކާ އެކު، ޙައްޖާޖީން ދާން ދަތުރު ފަށަނީ ޙައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މުހިންމު ރުކުންކަމުގައިވާ ޢަރަފާތަށް ދިއުމަށެވެ. ޢަރަފާތު ދުވަހަކީ އެކަލާނގެ ޝަރަފުވެރިކުރައްވައިފައިވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޢަރަފާތު ދުވަހުގެ މާތްކަމާއި މަތިވެރިކަމާއި ބެހޭ ގޮތުން އިބުނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ޖާބިރުގެފާނު ރިވާކުރެއްވިކަމަށް ބަޔާންކުރައްވައިފައި ވެއެވެ. (أَفْضَل الأَيَّام يَوْمِ عَرَفَةَ) މާނައީ: "ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ޢަރަފާތު ދުވަހެވެ." އަދި ވެސް އެހެން ޙަދީޘެއްގައި އިބުނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ޖާބިރުގެފާނުރިވާ ކުރެއްވިކަމަށް ބަޔާންކުރައްވައިފައިވެއެވެ. (مَا مِنْ يَوْمٍ أَفْضَلُ عِنْدَ اللَّهِ مِنْ يَوْمِ عَرَفَةَ، يَنْزِلُ اللَّهُ تَعَالَى إلَى سَمَاءِ الدُّنْيَا فَيُبَاهِي بِأَهْلِ الْأَرْضِ أَهْلَ السَّمَاء) މާނައީ: "މާތް الله ގެ ޙަޟްރަތުގައި ޢަރަފާތު ދުވަހަށް ވުރެ ވަކީން މާތް ދުވަހެއް ނުވެއެވެ. އެކަލާނގެ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވައެވެ. އަދި ބިމުގެ އަހުލުވެރީންނާއި މެދު އުޑުގެ އަހުލުވެރީންގެ ތެރޭގައި ފަޚުރުވެރިވެ ވޮޑިގަންނަވައެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. (إنَّ اللَّهَ يُبَاهِي بِأَهْلِ عَرَفَةَ مَلَائِكَتَهُ، فَيَقُولُ: يَا مَلَائِكَتِي، اُنْظُرُوا إلَى عِبَادِي، قَدْ أَتَوْنِي شُعْثا غُبْرا ضَاحِينَ) މާނައީ: "ހަމަކަށަވަރުން، މާތްރަސްކަލާނގެ ޢަރަފާތުގެ އަހުލުވެރީންނާ މެދު ފަޚުރުވެރިވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ވަޙީކުރައްވާނެތެއެވެ. އޭ ތިމަންރަސްކަލާނގެ މަލާއިކަތުންނޭވެ! ތިޔަ މަލާއިކަތުން ތިމަންރަސްކަލާނގެ އަޅުތަކުންނަށް ނިކަންބަލާށެވެ. އެ މީހުން އައިސް އެ ތިބީ ވީދި ހިރަފުހުން ތަތްތެޅިފައިވާ ހެދުންތަކާ އެކުގައެވެ."   

ޢަރަފާތު ދުވަހަކީ ދީން ފުރިހަމަކުރައްވައި، ނިޢުމަތްތައް ފުރިހަމަކުރެއްވި ދުވަހެވެ. އަލްއިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ސަނަދުން ރިވާކުރައްވައިފައި ވެއެވެ. ޔަހޫދީންގެ ބަޔަކު ޢުމަރުގެފާނަށް ދެންނެވިއެވެ. ތިޔަބައި މީހުންގެ މައްޗަށް ބާވައިލެއްވި އާޔަތެއް ތިޔަބައި މީހުން ކިޔަވަމުއެވެ. ތިމަންމެން ޔަހޫދީންގެ މައްޗަށް އެ އާޔަތް ބާވައިލެއްވި ނަމަ، އެ އާޔަތް ބާވައިލެއްވި ދުވަހަކީ ޢީދު ދުވަހެއްކަމުގައި ތިމަންމެން ހެދީމުހެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އެ އާޔަތް ބާވައިލެއްވި ދުވަހާއި، ބާވައިލެއްވި ތަންނާއި، އެ އާޔަތް ބާވައިލެއްވި ދުވަހު ކީރިތި ރަސޫލާ ހުންނެވި ތަން ވެސް ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެ އާޔަތް ބާވައިލެއްވީ ޢަރަފާތު ދުވަހުއެވެ. މާތް الله ގަންދީ ބުނަމެވެ. އޭރު ތިމަންމެން ތިބީ ޢަރަފާތުގައެވެ. އެއީ ހުކުރު ދުވަސްކަމާ މެދު، ތިމަންކަލޭގެފާނަށް ޝައްކުވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينا" (سورة المائدة 3) މާނައީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دينއެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." 

މި ދުވަހުގެ ކުރީން އިސްލާދީނުގައި ފަރުޟުކުރައްވައިފައިވާ ޙައްޖެއް މުސްލިމުން ނުކުރެއެވެ. އިސްލާމްދީނުގައި ފަރުޟު ކުރައްވައިފައިވާ  ގޮތަށް ޙައްޖުގެ އަޅުކަން އަދާކުރުމުން ދީން ފުރިހަމަވެގެން ދިޔައެވެ. ދީން ފުރިހަމަ ވެގެން ދިޔައީ އިސްލާމްދީނުގެ ރުކުނެއް ފުރިހަމަ ވެގެން ދިއުމުންނެވެ. إبراهيم عليه السلام އެކުލަވައިލައްވައިފައިވާ ޤަވާޢިދާ އެއްގޮތަށް ޙައްޖުގެ އަޅުކަން ފުރިހަމަގެން ދިޔައީ މުސްލިމުން މި އަޅުކަން އެއްވެސް ބަޔެއްގެ އަޅުކަމާއި މަސްހުނިނުކޮށް ކުރުމުންނެވެ. ނިޢުމަތް ފުރިހަމަވެގެން ދިޔައީ ފާފަފުއްސެވުމުގެ ތެރެއިންނެވެ. ފާފަފުއްސެވުމާ ނުލައި، ނިޢުމަތެއް ފުރިހަމައެއް ނުވާނެއެވެ. އެ ކަން ބަޔާންކުރައްވައި އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. "لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ"  (سورة الفتح 2)  މާނައީ:" އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެ ދިޔަ ކަންތަކުގެ ފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށް ޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށް ޓަކައެވެ." 

އެއީ ޢީދު ދުވަހެވެ. އަބީ އުމާމާ ކީރިތި ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ރިވާކުރައްވައިފައި ވެއެވެ. "يَوْم عَرَفَة وَيَوْم النَّحْر وَأَيَّام التَشْرِيق عِيْدُنَا أَهْلُ الإِسْلَام وَهِي أَيَّام أَكْلُ وَشُرْب" (رواه أبو داود). މާނައީ: "ޢަރަފާތު ދުވަހާއި، ނަޙުރުގެ ދުވަހާއި ތަޝްރީޤުގެ ދުވަސްތަކީ އިސްލާމް ދީނުގެ އަހުލުވެރީންގެ ޢީދުގެ ދުވަސްތަކެވެ. އެއީ ކެއުމާއި ބުއިމުގެ ދުވަހެވެ." 

ޢަރަފާތު ދުވަހުގެ ރޯދަ އަކީ ދެ އަހަރު ދުވަހު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلمގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައި ވެއެވެ. " صِيَامُ يَوْمِ عَرَفَةَ، إِنِّي أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ" މާނައީ: "ޢަރަފާތު ދުވަހުގެ ރޯދައިގެ ސަބަބުން އޭގެ ކުރީ އަހަރާއި ފަހު އަހަރު ކުރެވިފައިވާ (ކުދި ފާފަތަކުގެ) ކައްފާރާއެއް ކަމުގައި ވެގެންދާނެކަމަށް ތިމަންކަލޭގެފާނު ހީފުޅުކުރައްވަމެވެ."  

އެ ދުވަހަކީ ފާފަ ފުއްސަވައި ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. أم المؤمنين السيدة عائشة رضى الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. "مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدا مِنْ النَّارِ مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمْ الْمَلَائِكَةَ فَيَقُولُ: مَا أَرَادَ هَؤُلَاءِ" މާނައީ: "އަޅުތަކުން އެންމެ ގިނައިން ނަރަކައިން މުއްތިކުރައްވާ ދުވަހަކީ ޢަރަފާތު ދުވަހެވެ. އަދި އެކަލާނގެ ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި މަލާއިކަތުންގެ މައްޗަށް ފަޚުރުވެރިވެވޮޑިގެން ވަޙީކުރައްވާނެއެވެ. އެ ބައިމީހުން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟" މި ކަމާ ބެހޭ ގޮތުން ابن عبد البر ވިދާޅުވެފައިވެއެވެ. އެއިން ދަލީލުކޮށްދެނީ ފާފަ ފުއްސައިދެއްވުމެވެ. އެއީ ކުށްކުރާ އަދި ފާފަތަކަށް އަރައިގަންނަ ބަޔަކު ތައުބާވެ ފާފަ ފުއްސެވުމަށް ފަހުގައި ނޫނީ އެކަލާނގެ އެ ބަޔެއްގެ މައްޗަށް ފަޚުރުވެރިވެވޮޑިއެއް ނުގަންނަވާނެއެވެ. 

ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެވެ. ސުނަނުގެ ޢިލްމުވެރީން ރިވާކުރައްވައިފައިވެއެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި ދުޢާއަކީ (لَا إِلَهَ إِلَّا الله وَحْدَهُ لَا شَرِيْكَ لَهُ، لَه الْمُلْك، وَلَه الْحَمْد، وَهُو عَلَى كُلّ شَيْءٍ قَدِيْر) ޢިލްމުގެ އަހުލުވެރީން ވިދާޅުވާ ގޮތުގައި ތަކުބީރުގެ ޢިބާރާތަކީ ތަނަވަސްވެގެންވާ ޢިބާރާތްތަކެކެވެ. އެހެންކަމުން އެދެވިގެންވަނީ ޢަރަފާތު ދުވަހު ވީހައި ގިނައިން ތަކުބީރުކިޔުމެވެ.   

ޢަރަފާތު ދުވަހު ޢަރަފާތުގައި ތިބޭ މީހުން އިޚުލާޞްތެރިކަމާ އެކު، ވީހައި ގިނަ ވަގުތު ދުޢާކުރުމުގައި ހޭދަކުރާން ވާނެއެވެ. މި ގޮތުން ކީރިތި ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ވާރިދުވެފައިވާ ދުޢާތައްކުރުމަކީ އެދެވިގެންވާ ކަމެކެވެ. ކުރީން އިޝާރާތްކުރި ގޮތަށް ކީރިތި ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. الموطأ ގައި طلحة بن عبيد الله بن كريز ކީރިތި ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. "އެންމެ ހެޔޮ ދުޢާ އަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ."  

________________________________________________ 

އެޑިޓަރުގެ ނޯޓް
ޑރ. މޫސާ އަންވަރު ޙަސަނަނީ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވައިފައިވާ މަޝްހޫރު ދީނީ ޢީލްމުވެރިއެކެވެ. ދާޢީއެކެވެ. ވާޢިޡެކެވެ. އޭނާވަނީ ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސްމަޖައްލާގައި ލިޔުއްވުމުގެ އިތުރަށް ދީނީ ރޮނގުން މީސްތަކުން ހޭލުންތެރިކުރެއްވުމަށް ޓަކައި މީސްމީޑިއާގައި ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް