Advertisement

މިއީ ވެސް ކަންކަން ނިމިދާ ގޮތްގޮތެވެ.

25 Jun 2024 | 00:05
ޖޭމްސް ހަވާޑް މާޝަލް (ވ)އާއި ނިކޯލް ސްމިތު (ކ)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތިޔަ ފެނިވަޑައިގަންނަވާ ތަސްވީރުގައި އެ ވަނީ އެމެރިކާގެ ބިލިޔަނަރެއް ކަމުގައިވާ ޖޭމްސް ހަވާޑް މާޝަލާއި އޭނާގެ އެންމެ ފަހުގެ އަނބިމީހާ އެނާ ނިކޯލް ސްމިތެވެ. މި ދެ މީހުން ކައިވެނިކުރީ 1994ގައެވެ. އޭރު މާޝަލްގެ އުމުރަކީ 89 އަހަރެވެ. ނަމަވެސް، 26 އަހަރުގެ އެނާއަށް މާޝަލް ފެނުނީ 89 ބިލިޔަން ޑޮލަރުގެ މީހެއްގެ ގޮތުގައެވެ. ޝައްކެއް ނެތް ގޮތުގައި މާޝަލްއަކީ ބިލިޔަނެރެކެވެ. ކޮންމެ އަކަސް، މި ދެ މީހުންގެ ކައިވެނީގެ ތެރޭގައި އެނާ ކުރެން، އޭނާ މާޝަލްއާ ކައިވެނިކުރީ ކޮން ކަމެއް މާޝަލް ކިބައިން ފެނިގެންތޯ ސުއާލުކުރުމުން، އެނާ ބުނިކަމަށް ވެއެވެ. "އަހަންނަށް އޭނަގެ އަސާގަނޑާއި އޭނާގެ ދެ ލޯ ރީތިވެ، އެ އަސާގަނޑާއި އެ ދެ ލޯ ދެކެ ލޯބިވެވުނީއެވެ." އާޚިރުގައި ކަންތައް ދިމާވީ އެނާ އެދުނު ގޮތަށްކަމަށް ދެންނެވިދާނެއެވެ.

އެ ދެ މީހުންގެ ކައިވެންޏަށް ދޮޅު އަހަރު ވެސް ނުވަނީސް. 1995ގައި މާޝަލް މަރުވިއެވެ. ނަމަވެސް، އޭގެ އަގުކަމުގައި 8.6 ބިލިޔަން ޑޮލަރު ބެލެވުނު މާޝަލްގެ ތަރިކައިން އެންމެ ލާރިއެއް ވެސް އެނާއަކަށް ނުލިބެއެވެ. އޭނައަށް ލިބުނުކަމަށް ވަނީ އޭނާ ލޯބިވިކަމަށް ބުނި މާޝަލްގެ އަސާގަނޑެވެ. ފަހުން، މާޝަލްގެ ތަރިކައިން ބައެއް އެނާއަށް ލިބޭން ޖެހޭނެކަމަށް ބުނެ ދައުވާކުރިއެވެ. ނަމަވެސް އެ ކަން ކާމިޔާބުނުވެ ދިޔުމުން، އޭނާ ވެސް ޑުރަގުގެ މަސްތީ ހާލަތެއްގެ ސަބަބުން 2007ގައި މަރުވީއެވެ.

ބުނެވޭ ގޮތުގައި މާޝަލްގެ ތަރިކަ މުދާ ހޯދާން އުޅުމުގެ މައްސަލަ ބެލެވެނީ އަމިއްލައަށް މަރުވާން ޖެހުނު އެންމެ ހިތާމަވެރި މަޝްހޫރު ދެވަނަ މައްސަލަކަމުގައެވެ. މި ހިސާބަށް ވާހަކަ ދިޔުމުން، މި ފަދަ މައްސަލަތަކުގެ ތެރެއިން އެއްވަނައަށް އައި މައްސަލަ ނުދަންނަވައިފި ނަމަ، ކިޔުންތެރިން އަޅުގަނޑު ކުށްވެރިކޮށްފާނެއެވެ. ނަމަވެސް އެއްވަނައަށް އަންނަ މައްސަލަ ދެންނެވިޔަސް އެއީ ވެސް ހިތްޕުޅުހަމަނުޖެހުމުގެ ސަބަބަކަށް ވެދާނެއެވެ.

ކޮންމެ ގޮތެއް ވިޔަސް، އެއްވަނައަށް ދިޔަ މައްސަލަ ދަންނަވާން ޖެހެއެވެ. މި ފަދަ އަމިއްލަ މަރުވުމެއް މެދުވެރިކުރުވި އެންމެ މަޝްހޫރު މައްސަލަ ގުޅެނީ އަމިއްލަ ފަރުދަކު ދަންޖެހި މަރުވުމަކާއެއް ނޫނެވެ. ގައުމެއްގެ މަރާއެވެ. 2008ގައި ރާއްޖެއަށް ގެނެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީ މެދުވެރިކުރުވި ގައުމުގެ ދަންޖެހުމުގެ ހިތާމައާއެވެ. އެ ކަމުގެ ސަބަބުން، ނުމީހުން މީހުންނަށް ވިއެވެ. މުރައްކަބު ޖާހިލުން ބޮޑެތި އިލްމުވެރިންނަށް ވިއެވެ. ނާގާބިލު މީހުންނަށް ގައުމުގެ ހިންގުމުގެ އެންމެ އިސް ސަފުތަކުގައި ފައި ހަމަކޮށްލެވޭ ގޮތް ވިއެވެ. އަދި، ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވާ ކޮންމެ ޕާޓީއެއްގެ ނަޒަރުގައި ވެރިކަން ކުރާން އިންތިޚާބުވުމަކީ ގާނޫނީ ގޮތުން، ގައުމު ވެސް ވިއްކައިލައި ގައުމުގެ ހަރުމުދަލާއި ޚަޒާނާ އަމިއްލަ ބޭނުމުގައި ހުސްކޮށްލާން ލިބޭ ރަނުގެ ފުރުސަތެކެވެ. މިހެން ވުމުން، އެނާ ނިކޯލް ސްމިތު ވެސް ފައިސާގެ ދަހިވެތިކަމުގައި އަމިއްލައަށް މަރުވާން ދިމާވިހެން، ގިނަ ޕާޓީގެ ޑިމޮކުރަސީގެ ސަބަބުން ދިވެހިރާއްޖެއަށް ވެސް ހަމަ އެ ދަތުރު ޖެހުނީއެވެ.

___________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
މަރިޔަބު
އަޅޭ ހާދަ ރީތިރީތި ލޯބިލޯބި މަންޖެއެކޭދޯ، ފައިސާގެ ދަހިވެތިކަމުގައި ހަލާކުވެ އެ ދިޔައީ. ދެރަދޯ؟
26 Jun 2024