ޗައިނާ-ޔޫރޭޝިއާ އެކްސްޕޯ މި މަހު 26އިން 30އަށް ޗައިނާގައި. ރާއްޖެއިން ބައިވެރިވާނެ.
އަބާ މުޙަންމަދު
އެނގިވަޑައިގަންނަވާނޭ ފަދައިން ޗައިނާއަކީ މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގުތިސާދެވެ. އަސްކަރީ ގޮތުންނާއި ފަންނިއްޔާތުގެ ގޮތުން ވެސް އެ މީހުންނަށް ގޮންޖަހާން ދުނިޔޭގެ ގައުމުތައް ޖެހިލުންވެއެވެ. މިނިވަން ވިޔަފާރީގެ ތެރެއަސް ޗައިނާ ވަނީއްސުރެ، ދުނިޔޭގެ ގައުމުތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދު ރަނގަޅުކޮށްގެން އެ އިގުތިސާދުގެ ތެރެއިން ވިޔަފާރިތައް ފުޅާކުރުމަކީ ޗައިނާގެ މުހިންމު އިސްތިރާޖެކެވެ. މި ސިޔާސަތުގެ ދަށުން ތަންކޮޅެއް އާދައިގެ ގޮތެއްގައި 1992އިން ފެށިގެން އޫރޫމްޗީ ފޮރިން އިކޮނޮމިކް ރިލޭޝަންސް އެންޑް ޓްރޭޑް ފެއަރ"ގެ ނަމުގައި ވިޔަފާރި މައުރަޒެއް ޗައިނާގެ އޫރޫމްޗީ (Urumqi)ގައި ބާއްވާން ފެށިއެވެ.
ކޮންމެ އަހަރަކު މި މަޢުރަޒު ބާއްވަމުން އައިސް 2010ގައި މި މަޢުރަޒު އިތުރަށް ތަރައްގީކޮށް މއީ މި ސަރަހައްދުގެ އެންމެ މުހިންމު ވިޔަފާރީގެ މަންސަކަމުގައި ހަދާން ޗައިނާ ސަރުކާރުން ގަސްތުކުރިއެވެ. މި ވިޔަފާރި ފުޅާކުރީ ހަމައެކަނި މެދުތެރޭ އަދި ދެކުނު އޭޝިއާއަށް އެކަންޏެއް ނޫނެވެ. މުޅި އޭޝިއާއަށާއި ވިލާތަށެވެ. މި ގޮތުގެ މަތީން މި މަޢުރަޒު ފުޅާކޮށް 2011 ސެޕްޓެންބަރު ފުރަތަމަ ދުވަހު ޗައިނާގެ ޝިންޖިއާން އޮއިގާ މިނިވަން ސަރަހައްދުގެ އޫރުމްޗީގައި ބޭއްވިއެވެ. އެ އަހަރުން ފެށިގެން މިހާތަނަށް މީގެ ހަތް އެކްސްޕޯއެއް (ނުވަތަ މި އެކްސްޕޯގެ ހަތް ދަންފަޅިއެއް) ވަނީ ބޭއްވިފައެވެ. މި އަހަރު އަށްވަނަ އެކްސްޕޯ ބާއްވާން މިހާރު ވަނީ ތައްޔާރުވެފައެވެ. މި އަހަރުގެ އެކްސްޕޯ ދެމިގެންދާނީ މި މަހު 26 އިން 30ގެ ނިޔަލަށެވެ.
މި އަހަރުގެ ޗައިނާ-ޔޫރޯޝިއާ އެކްސްޕޯގައި ޗައިނާއާއި ދުނިޔޭގެ ހާހެއް ހައި ވިޔަފާރިއާއި ޖަމުއިއްޔާތަކަކުން ބައިވެރިވާނެއެވެ. ދިވެހިރާއްޖެއިން ވެސް މި އެކްސްޕޯގައި ވަފުދެއް ބައިވެރިވާނެއެވެ. މި ވަފުދުގެ އިސްވެރިއެއްގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ޗައިނާއަށް ފުރައިވަޑައިގެންފައެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ، ދައުލަތުގެ ވަޒީރު (މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކްއެފެއަރޒް) ޑރ. މުހައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ. ޗައިނާ-ޔުރޭޝިއާ އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ސިންޖިއަންގ އޮއިގާގެ މިނިވަން ސަރަހައްދުގައެވެ. (ޗައިނާގައި މިނިވަން ސަރަހައްދޭ ކިޔަނީ ޚާރިޖީ އަދި ސަލާމަތީ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ މިނިވަންކަން ދީފައިވާ ބޮޑެތި އިސްޓޭޓްތަކަށެވެ.)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި ދައުލަތުގެ ވަޒީރު (ސްޓޭޓް މިނިސްޓަރ) ޑރ. މުޙަންމަދު ޝުޖާޢު ޢަބްދުލްޙަކީމް (ބިއްދޮށު ސޯފާގައި)އާއި، އަރިހުގައި ވަޑައިގަތް ވުޒާރާގެ އިސް ދެ ވެރީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި (ފޮޓޯ: އކބވގެ ފޭސްބުކު ސަފުހާއިން)
މި އަހަރުގެ އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފުދުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި އިސްލާމީކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރަކު ބައިވެރިވެވަޑައިގަތުމަކީ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދިދާނެ ކަމެކެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ މި އެކްސްޕޯގެ މައިގަނޑު އެއް ބޭނުމަކީ ސަގާފީ ގޮތުން ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހިކުރުމެވެ. މި އެކްސްޕޯގައި އިޝްތިހާރުކުރާ ވިޔަފާރިތަކުގެ ތެރޭގައި ސަގާފީ ފަތުރުވެރިކަމުގެ ވިޔަފާރި ވެސް ހިމެނެއެވެ. ސަގާފީ ފަތުރުވެރިކަމަކީ މި ރާއްޖެއަށް މިހާރު ވަރަށް މުހިންމު ދާއިރާއެކެވެ. ދިވެހިރާއްޖޭގެ ސަގާފަތަކީ ދިވެހި އިސްލާމީ ސަގާފަތެވެ. އިސްލާމް ދީނާ ފުށުއަރާ އެއްވެސް ކަމެއް ސަގާފަތުގެ ގޮތުގައި މި ރާއްޖޭގައި ތަރައްގީކުރެވިގެން ނުވާނެއެވެ. އެހެންކަމުން މި އެކްސްޕޯގެ ތެރެއިން ދިވެހިރާއްޖޭގެ ދިވެހި އިސްލާމީ ތަޞައްވުރު ދުނިޔެއަށް ހާމަކުރުމަކީ ވެސް މުހިންމު ކަމެކެވެ. އަދި އިސްލާމްދީނަކީ ސަމާޙަތާއި އަމާންކަމާއި އެކުވެރިކަމާއި ސުލްޙައަށް ލޯބިކުރާ ދީނެއްކަން ދުނިޔެއަށް ހާމަކުރުމަކީ ވެސް މުހިންމުކަމެކެވެ.
ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާއަކީ ވެސް އިސްލާމް ދީނެވެ. ދިވެހީންގެ މުޅި ދިރިއުޅުން ބިނާވެފައި ވަނީ އިސްލާމް ދީނުގެ މައްޗަށެވެ. އިޖުތިމާޢީ އިގުތިސާދީ ހުރިހައި ގުޅުންތަކެއް ބިނާވެފައިވަނީ އަދި ވާން ޖެހޭނީ މި އަސާސްގެ މަތީގައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޞުލްޙަވެރި އިސްލާމީ ތަޞައްވުރު އިގުތިޞާދީ ދާއިރާގެ ތެރެއިން ވެސް ދުނިޔެއަށް ހާމަކުރުމަކީ މުހިންމު ކަމެކެވެ. "ފަރަގު" ދެކޭ ގޮތުގައި މި އެކްސްޕޯގައި އެ ދެ ބޭފުޅުން ބައިވެރިކުރައްވާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވީ މި މާތް މަގުސަދުގައިކަމަށް ވުމަކީ ވަރަށް ކައިރިކަމެކެވެ. މި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި، މި މަހު 28ގެ ނިއަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލި ސަޢީދު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި ޗައިނާގެ މުހިންމު މިސްކިތްތަކަށާއި އިސްލާމީ މުއައްސަތާތަކަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް "ފަރަގު މީޑީއާ"އަށް މަޢުލޫމާތު ލިބިފައިވެއެވެ.