Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (9)

24 Jun 2024 | 13:55
ރަސޫލާގެ ނަންފުޅު

އަޙްމަދު ފަޔާޟް ޙަސަން

(2024 ޖޫން 17ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަޅުގަނޑުމެންނަށް ރަސޫލު ﷲ ﷺ މުހިންމުވާ ސަބަބު

ރަސޫލުﷲ ﷺއަކީ ނަބީކަން ޚަތިމްކުރެއްވި އެންމެ ފަހުގެ ނަބީކަލޭގެފާނެވެ. އެހެންކަމުން ﷲ އެކަލޭގެފާނު ފޮނުއްވައިފައި ވަނީ މުޅީން ޢާލަމްތަކަށެވެ. ޢާލަމްތަކުގައިވާ އެންމެހައި މަޚުލޫޤުންނަށް އެކަލޭގެފާނަކީ ޤިޔާމަތަށް ދާދެން އެ މީހުންގެ ރަސޫލާއެވެ. އެހެންވެ ރަސޫލުﷲ ﷺ ގެނެސްދެއްވި ރިސާލަތަކީ އެންމެ ފަހުގެ ރިސާލަތެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބިންގަލަކީ އެކަލޭގެފާނުގެ ކުރީން ވެސް ﷲ ދެއްކެވި ތެދުމަގެވެ. ﷲ ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުން އެކަލޭގެފާނު ތެދުކުރެއްވިއެވެ. އަދި ކުރީން ބާވައިލެއްވި ހުރިހައި ފޮތްތަކެއް ވެސް އެކަލޭގެފާނު ތެދުކުރެއްވިއެވެ. ﷲ، އެކަލޭގެފާނު ފޮނުއްވީ ނަބީކަމާއި ރަސޫލުކަން ޚަތިމްކުރައްވައި އެންމެ ފަހުގެ ފޮތުގައި ސިއްކަޖެއްސެވުމަށެވެ. އެ ގޮތުން އެކަލޭގެފާނު ވެވަޑައިގަތީ އުންމަތުގެ ނަމޫނާއަށެވެ. ނަތީޖާއަކީ ﷲއަށް އީމާންވާ ކޮންމެ މީހަކަށް އެންމެ މުހިންމު ބޭކަލަކަށް ރަސޫލުﷲ ﷺ ވާން ޖެހުމެވެ.

އިސްލާމް ދީނަކީ ފަލްސަފާއެއް ނޫނެވެ. ހަމަ އެ ގޮތަށް އިސްލާމް ދީނަކީ އަޅުކަމެއް ވެސް ނޫނެވެ. އެކަމަކު ﷲ ބާވައިލެއްވި މި ދީނަކީ ދިރިއުޅުމުގެ ފުރިހަމަ އުސޫލެކެވެ. އެހެންކަމުން އެ ކަމަކަށް އިސްލާމް ދީން ނުވަންނަ އެއްވެސް ކަމެއް އިންސާނެއްގެ ދިރިއުޅުމުގައި ނުވެއެވެ. ކެއުމާއި ބުއިމާއި ނިދުމާއި އުނުފޭރާންލުމާއި ފާޚާނާކުރުމުގައި ވެސް އަމަލުކުރާން ޖެހޭ ސާފު ހަމަތަކެއް އިސްލާމް ދީނުގައިވެއެވެ. މީހުންނާއި މުއާމަލާތުކުރުމާއި ގުޅުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ އުސޫލުތައް ދީނުގައިވެއެވެ. ތިމާގެ އަމިއްލަ ޒާތީ ހަޔާތާއި ތިގެ އިޖުތިމާޢީ ހަޔާތާއި ތިމާގެ ވަޒީފާގެ ހަޔާތުގެ ހުރިހައިކަމެއް ބަހައްޓަންޖެހޭގޮތް ދީނުގައިވެއެވެ. އެންމެ ކުދި ކަންކަމުން ފެށިގެން ބޮޑެތި ހުރިހައި ކަމަކާވެސް ދީން ގުޅިލާމެހެއެވެ. މިކަން އަޅުގަނޑުމެންނަށް ދިރިއުޅުއްވުމުގައި ދެއްކެވި ބޭކަލަކީ ރަސޫލުﷲ ﷺއެވެ.

އިސްލާމް ދީން ބިނާކުރެވިފައިވާ އިރުޝާދު ފޮތް ނުވަތަ އިންސްޓްރަކްޝަން މެނުއަލްއަކީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާން އަންގާ ގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބެހެއްޓެވީ ރަސޫލުﷲ ﷺއެވެ. މިދެންނެވި މެނުއަލް މުސްލިމުންނަށް ބަޔާންކޮށްދެއްވައި އުނގަންނައިދެއްވި މުދައްރިސަކީ ރަސޫލުﷲ ﷺއެވެ. އިސްލާމް ދީން ބަހާއި ޢަމަލުން ދެއްކެވި ނަމޫނާއަކީ އެކަލޭގެފާނުއެވެ. އެހެންކަމުން އިސްލާމްވެ އިސްލާމް ދީނާ އެއްގޮތަށް އުޅުމަށްޓަކައި ފުރަތަމަ ދެނެގަންނަންޖެހެނީ އެކަލޭގެފާނު އުޅުއްވިގޮތެވެ. އެކަލޭގެފާނު ދެއްކެވި ވާހަކަފުޅާއި އެވާހަކަފުޅު ދެއްކެވިގޮތާއި ރާގެވެ. އެކަލޭގެފާނު އެންގެވި ގޮތަށް އަދި އެކަލޭގެފާނު އުޅުއްވި ގޮތަށް އުޅެގެން މެނުވީ ދެދުނިޔޭގެ ބާއްޖަވެރިކަމެއް ނުވެއެވެ. މިދެންނެވި ސަބަބަށްޓަކައި އެކަލޭގެފާނު މުސްލިމުންނަށް މުހިންމުވެއެވެ.

ރަސޫލުﷲ ސުވަރުގެ ވަޑައިގަތުމާއެކު ސަޙާބީންގެ މަންހަޖުގައި އެންމެ އަސާސީ މާއްދާއަކަށްވީ އެކަލޭގެފާނުގެ ސިޔަރަތެވެ. އެކަލޭގެފާނު އުޅުއްވި ގޮތާއި އެކަލޭގެފާނުގެ ސުންނަތަކީ އެބޭކަލުން ކިޔަވައިދެއްވި މަޖުބޫރު މާއްދާއެވެ. ސަބަބަކީ ގިޔާމަތަށް ދާދެން އެކަލޭގެފާނަށްވުރެ މުހިންމު މީހަކު މުސްލިމުންނަށް ނެތުމެވެ. އަދި ބަހާއި އަމަލުން އެކަން ކުރުމަށްޓަކައި އެންމެ މަޖުބޫރު މާއްދާއަކަށް އެކަލޭގެފާނާއި އެކަލޭގެފާނުގެ ސިޔަރަތުވުމެވެ. އެކަލޭގެފާނަށްފަހު އެންމެ ކާމިޔާބު ޖީލަކަށް އެކަލޭގެފާނުގެ ސަހާބީން ވާންޖެހުނު މައިގަނޑު ސަބަބަކީ އެބޭކަލުންނަށް އެންމެ މުހިންމު މީހަކަށް އެކަލޭގެފާނުވުމެވެ. އެމީހުން އެންމެ ކަމޭހިތި ބޭކަލަކަށް އެކަލޭގެފާނު ވުމެވެ. އަދި އެމީހުން އެންމެ ލޯބިވި ބޭކަލަކަށްވެސް އެކަލޭގެފާނުވުމެވެ.

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ޚުލްޤުހެޔޮ ބޭކަލަކީ ރަސޫލުﷲ ﷺއެވެ. އަޚުލާޤާއި ސުލޫކުގައި އެކަލޭގެފާނަކީ އެންމެ މާތް ނަމޫނާއެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނެވެ. އެގޮތުން ޤަލަމް ސޫރަތުގެ ހަތަރުވަނަ އާޔަތަކީ އެކަމުގެ މިސާލެކެވެ. ޞަޙީ މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައިފައިވާފަދައިން ރަސޫލުﷲ ﷺގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާނަކީ ﷲގެ ޙައްޤު ބަސްފުޅުކަމާއި އެކަލެގެފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަން އަންގައިދެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމުގައި ކެތްތެރިކަމާއި ހިތްތިރިކަމުގައި އެވަރުގެ ބޭކަލެއް މިދުނިޔެ ނުދެކެއެވެ. ޚުދު އެކަލޭގެފާނުގެ ޢަދުއްވުންވެސް އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު ޝައްކެއްނުއުފައްދައެވެ. އެހެންކަމުން ރަސޫލުﷲ ﷺގެ މުހިންމުކަން އިންސާނުންގެ މެދުގައި ފަނޑުވާނެ އެއްވެސް ގޮތެއްނެތެވެ.

ރަސޫލުﷲ ﷺއަކީ އެންމެ ފުރިހަމަ ނަމޫނާއެވެ. ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި އެންމެ ހެޔޮ އަދި ރަނގަޅު މިސާލަކީ އެކަލޭގެފާނެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނުގެ އަޙުޒާބު ސޫރަތުގެ 21 ވަނަ އާޔަތެވެ. އެކަލޭގެފާނުގެ ރިވެތި ނަމޫނާއިން ނަމޫނާ ލިބިގަތް ކޮންމެ މީހަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކޮށްފި މީހެކެވެ. އެހެންކަމުން ތިމާގެ ހަޔާތް ބާއްޖަވެރިކޮށް ސުވަރުގޭގެ ނިޢުމަތް ހާސިލުކުރުމަށްއޮތް ހަމައެކަނި މަގަކީ ރަސޫލު ﷲ ﷺ ނަމޫނާއަކަށް ބަލައިގެން އެކަލޭގެފާނު ހިންގެވި މަގުން ހިނގުމެވެ. މިސަބަބަށްޓަކައި ދުނިޔެ އޮތްހާ ދުވަހަކު އެކަލޭގެފާނުގެ މުހިންމުކަމަށް ކުޑަވެސް ފަނޑުކަމެއްނާންނާނެއެވެ.

ރަސޫލުﷲ ﷺއަކީ މުއައްސަސާއެއް ނުވަތަ އިންސްޓިޓިއުޝަނެކެވެ. އިސްލާމް ދީނުގެ ޝަރަޙަ ނުވަތަ ހުރިހައި ތަފުސީލެއްވަނީ އެކަލޭގެފާނުގެ ސުންނަތުގައެވެ. އިސްލާމް ދީނުގެ އާދަކާދައާއި ސަގާފަތްވަނީ އެކަލޭގެފާނުގެ ސުންނަތުގައެވެ. މުސްލިމުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަދި ކަންކުރަންޖެހޭގޮތާއި ކަންނުކުރަންނުޖެހޭގޮތް އެކަލޭގެފާނުގެ ސުންނަތުން އެނގެއެވެ. ނަތީޖާއަކީ މުސްލިމުން އުނގެނެންޖެހޭ މުހިންމު ޢިލްމަކަށް އެކަލޭގެފާނުގެ ސުންނަތްވުމެވެ. ސުންނަތުގައި ނުހިފުމަކީ ފާފަވެރިވާ ކަމެކެވެ. ބައެއް ހާލަތުގައި ސުންނަތަށް އިންކާރުކޮށްފި މީހަކު ކުފުރުވެއެވެ. ނަތީޖާއަކީ މުސްލިމުންގެ މެދުގައި އެކަލޭގެފާނުގެ މުހިންމުކަން ދުވަހަކުވެސް ކުޑަނުވުމެވެ.

އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެކެވެ. އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަށްޓަކައި ރަސޫލުﷲ ﷺ ދެއްކެވި ނަމޫނާގައި ހިފަންޖެހެއެވެ. ނުވަތަ ރުކުންތައް ފުރިހަމަކުރުމަށްޓަކައި އެކަލޭގެފާނުގެ ސުންނަތުގައި ފުރިހަމައަށް ހިފަންޖެހެއެވެ. އެހެންނޫނީ ނަމާދުކުރާނެގޮތެއް ނޭގޭނެއެވެ. ޒަކާތްދެވޭނީވެސް އެކަލޭގެފާނުގެ އިރުޝާދަށް ތަބާވެގެންނެވެ. ހަމައެގޮތަށް ﷲ ރުހިވޮޑިގަންނަވާގޮތަށް ރޯދަ ހިފުން އޮތީވެސް އެކަލޭގެފާނު ގެންނެވިގޮތުގައި ހިފައިގެންނެވެ. ޙައްޖާއި ޢުމުރާގެ އެންމެހައި ކަންކަން އަޅުގަނޑުމެންނަށް އުނގަންނައިދެއްވީވެސް އެކަލޭގެފާނެވެ. އެހެންކަމުން ﷲ އަމުރުކުރެއްވިގޮތަށް އަދި އެކަލާނގެ ރުއްސަވާގޮތަށް ދީނުގެ ރުކުންތައް ފުރިހަމަކުރެވޭނީ ރަސޫލު ﷲ ﷺއަށް ފުރިހަމައަށް ތަބާވެ ކިޔަމަންވެގެންނެވެ. ކަންމިހެންހުރިއިރު އެކަލޭގެފާނުގެ މުހިންމުކަން ނުހަނުބޮޑެވެ.

އަދުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު މިއީ ރަސޫލުންނާއި ނަބިއްޔުންނާއި ބާވައިލެއްވި ފޮތްތަކުގެ ހުރުމަތް އެންމެ ކުޑަކުރެވުނު ދުވަސްވަރެވެ. އެންމެން ރެޔާދުވާލު ބިޒީވެގެން އުޅެނީ އެމީހުން އުފައްދައިގެން އުޅޭ ދުނިޔެއެއްގައެވެ. އެމީހުންގެ ބިޒީ ތާވަލުގައި ރޫހީ ކަންކަމަށް ޖާގައެއްނުވެއެވެ. ނަތީޖާއަކަށްވީ މުސްލިމުންވެސް ދުނިޔޭގެ އަވާގައި ޖެހި ދުނިޔެވީ ކަންކަމުގައި ބިޒީވެ  ރޫޙީ ކަންކަމަށް ޣާފިލުވުމެވެ. މި ދެންނެވި ޣާފިލުކަމުގެ ސަބަބުން އެމީހުންގެ ހަޔާތުގެ ހީރޯގެ މަގާމް ފުރަނީ ރަސޫލުﷲ ﷺއެއް ނޫނެވެ. ނަތީޖާއަކީ ރަސޫލުﷲ ﷺއަށް ޢިއްޒަތްދީ އެކަލޭގެފާނަށް ކަމޭނުހިތެވުމެވެ. އެކަލޭގެފާނު ދިފާއުކޮށް އެކަލޭގެފާނު ކުރިއަރުވަން މަސައްކަތްނުކުރެވުމެވެ.

އަދުގެ މުސްލިމުން ހާލަތަށް ބަލާއިރު އުންމަތް އޮތީ ނުހަނު ދަށުގައެވެ. އިސްލާމީ އުންމަތް އޮތީ އާރެއްބާރެއް ނެތް ނިކަމެތި މާސިންގާ ބއިގަނޑެއްގެ ގޮތުގައެވެ. މިހާލަތަށް އުންމަތް ވެއްޓުނު މައިގަނޑު ސަބަބަކީ އުންމަތުގެ ނަބިއްޔާ ﷺއަށް މުހިންމުކަން ނުދެވުމެވެ. އެކަލޭގެފާނަށް މުހިންމުކަން ދެވުނުނަމަ އަޅުގަނޑުމެން އެންމެ ލޯބިވާ އިންސާނަކަށްވީހީ އެކަލޭގެފާނުއެވެ. އަޅުގަނޑުމެން އެންމެ ލޯބިވާ މީހާގެ މަގާމުގައި އެކަލޭގެފާނު ހުންނެވި ނަމަ އަޅުގަނޑުމެންގެ ހަޔާތްބައްޓަންކުރެވުނީހީ އެކަލޭގެފާނު އެންގެވިގޮތަށެވެ. އާދެ އެހެންނަމަ އަޅުގަނޑުމެން އުޅޭނީ އެކަލޭގެފާނުގެ ސުންނަތާ އެއްގޮތަށެވެ. މިހާރުވެސް އަޅުގަނޑުމެން އެންމެ ލޯބިވާ މީހަކަށް އަދި އެންމެ ކަމޭހިތާ މީހާކަށް އެކަލޭގެފާނު ވުމާއެކު އުންމަތުގެ ހާލަތު މުޅީން ބަދަލުވާނެއެވެ. އެހެންކަމުން އުންމަތުގެ ހާލު ބަދަލުކުރުމަށްޓަކައިވެސް އެކަލޭގެފާނު އަޅުގަނޑުމެންނަށް މުހިންމުވެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ..

Advertisement

ކޮމެންޓް