Advertisement

އެމެރިކާއާއި އިނގިރޭސީން ޔަހޫދީންނާ އެއްބައިވުމަކީ މުސްލިމުން ހައިރާންވާންވީ ކަމެއް ނޫނެވެ.

19 Oct 2023 | 23:10
.

މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އެންމެ ބޮޑު ސަބަބަކީ ކީރިތިﷲ އަންގަވައިފައިވާ އެންގެވުންތައް ހަނދާން ނައްތައިލާ ކަމެވެ. ޔަހޫދީންގެ އަނިޔާވެރިކަން މުސްލިމުންގެ މައްޗަށް ހައްދުން ނެއްޓޭ ދަނޑިވަޅުތަކުގައި ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރެވެނީ ނަޞާރާއިންގެ ކިބައިންނެވެ. ނަޞާރާ ގައުމުތައް ކަމުގައިވާ އެމެރިކާނުންނާއި އިނގިރޭސީންގެ ކިބައިންނެވެ. މި އުންމީދުގައި އެ މީހުން ދައްކާ މަކަރުވެރި ވާހަކަތައް އަޑުއެހެނީއެވެ. މިހެން ތިއްބައި އެ މީހުން ޔަހޫދީންނާ ބައިވެރިވެގެން މުސްލިމުންނަށް ދޭ އަނިޔާތައް އިތުރުކުރުމުން އެ ކަމާ ޙައިރާންވެ އެ ވާހަކަ ދެއްކެނީއެވެ.

މި ދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން، އިސްރާއީލަށް ގޮސް ޔަހޫދީ ދައުލަތަށް ތާއީދުކޮށް އަބަދު ވެސް އެމެރިކާ އޮންނާނީ އިސްރާއީލާ އެކީގައިކަމަށް ވަނީ ބުނެފައެވެ. ޖޯ ބައިޑްންގެ ތިން ދަރީން ވެސް ކާވެނިކޮށްގެން އުޅެނީ ޔަހޫދީންނާކަމަށް ވުމުން އެ ޢާއިލާގެ މެންބަރުންގެ ހިތްތަކުގައި ޔަހޫދީންނަށް އޮންނަ ގަދަރު ސާބިތުވެއެވެ.

އަނެއްކޮޅުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ ބުރާސްފަތި ދުވަހު އިސްރާއީލަށް ދެ ދުވަހުގެ ޒިޔާރަތެއްކޮށްފައެވެ. މި ޒިޔާރަތުގެ ބޭނުމެއްކަމަށް ހާމަކޮށްފައިވަނީ އެ މީހުންގެ ތާއީދު އިސްރާއީލާ އެކު އޮތްކަން ހާމަކުރުމެވެ.

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާއެކު ރިޝީ ސުނަކް ބޭއްވި ބައްދަލުވުމުގައި އޭނާއާ މުޚާޠަބުކޮށް ބުނެފައިވަނީ "ޔަހޫނީންނަށް އަނދިރި ދުވަސްވަރުގައި" އެ މީހުންގެ ބޮޑުވަޒީރާއެކުގައިވުމީ ލިބޭ ފަޚުރެއްކަމުގައެވެ. އޭނާ އިތުރަށް ނަތަންޔާހޫއާ މުޚާޠަބުކޮށް ބުނެފައިވާ ގޮތުގައި "އެއްބައިވަންތަކަމާއެކު އަބަދުވެސް އަހަރެމެން ދެމި ތިބޭނީ އިނބައިމެންނާއެކުގައެވެ. އަހަރެމެން ދެމި މިތިބީ އިނބަގެ ރައްޔިތުންނާއެކުގައެވެ. އަދި އިނބަށް ކާމިޔާބު ލިބުން ވެސް އެދެމެވެ."

ރިޝީ ސުނަކްގެ މި ދަތުރުގައި އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް ވެސް ޒިޔާރަތްކުރާން ވަނީ ހަމަޖެހިފައެވެ. އެނގިފައިވާ ގޮތުގައި މީނާ ސައޫދީ ޢަރަބިއްޔާއަށް ވެސް ޒިޔާރަތްކޮށްފިއެވެ. އަދި ވަލީޢަހުދު މުޙަންމަދު ބިން ސަލްމާނާ ވެސް މިހާރު ވަނީ ބައްދަލުކޮށްފައެވެ. މި ފަދަ ނުބައި ނުލަފާ ނަޞާރާއިންނާ ބައްދަލުކޮށް އެ މީހުންގެ ކިބައިން ހެވެއް ލިބޭނޭކަމަށް އުންމީދުކުރުމުގެ ނަތީޖާ ފޮންޏެއް ނުވާނެއެވެ. އެ ކަމުގެ ނަތީޖާއަކީ ހިތި ނަތީޖާއެކެވެ. އެހެނީ މާތް ﷲ އަންގަވައިފައިވާ ގޮތުގައި މުސްލިމުންގެ ތެރެއިން އެއުރެން އެކުވެރީންކަމުގައި ބަލައިފި މީހަކީ އެ މީހުންގެ ތެރެއިންވާ މީހެކެވެ. އަދި މި ފަދަ ބަޔަކަށް (އެބަހީ އަނިޔާވެރީންނަށް) ﷲ ތެދުމަގެއް ނުދައްކަވާނެކަމަށް ވެސް އަންގަވައިފައިވެއެވެ. ވީމާ، މުސްލިމުންނަށް މޮޅު ގޮތް ހޯދާން ނަޞާރާއީންނާ ރައްޓެހިވުމުން އޮތީ ގެއްލުމެވެ. އެއްވެސް ފައިދާއެއް ނެތެވެ. މުސްލިމުންނަށް ކާމިޔާބު އޮތީ ﷲގެ މަގުގައި ހިފައި ކާފަރުންނާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ތެދުވެގެންނެވެ.

އެމެރިކާއާއި އިނގިރޭސީން ޔަހޫދީންނަށް އެހީތެރިވާތީ އަޅުގަނޑުމެން ހައިރާން ވާކަށް ނުޖެހެއެވެ. އެހެނީ އިނގިރޭސީންނަކީ ފަލަސްޠީނުގެ މުޤައްދަސް ބިމުގައި އިސްރާއީލޭ ކިޔާ ދައުލަތެއް އުފައްދައި ފަލަސްޠީނު ރައްޔިތުން ގަދަކަމުން ރަށުން ބޭރުކުރުމުގެ މަދަދުގާރުންނެވެ.އެކަމުގެ މުއައްސިސުންނެވެ. އެހީތެރީންނެވެ.

ހަނދާންކުރާން ޖެހެނީ ޔަހޫދީންނާއި ނަޞާރާއީންނަކީ އެއް ބަޔެއްގެ މައްޗަށް އަނެއް ބަޔަކު އެހީތެރިވާނޭ ބަޔެއްކަމާއި އެ މީހުންކުރެ އެއް ބަޔަކީ ވެސް މިތުރުންކަމުގައި މުސްލިމުން ބަލައިގެން ނުވާނެކަމަށް މާތްﷲ ވަނީ އަންގަވައި އަމުރުކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ۞ ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޔަހޫދީންނާއި ނަޞާރާއިން އެއީ އެކުވެރީންކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއް ބަޔަކީ އަނެއް ބަޔެއްގެ އެކުވެރީންނެވެ. ތިޔަބައި މީހުންގެ ތެރެއިން އެއުރެން އެކުވެރީންކަމުގައި ބަލައިފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަ ކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.") (سورة المائدة: ٥١)

ވީމާ، ﷲގެ މި މަތިވެރި އަމުރުފުޅުތަކާމެދު ވިސްނައި އެއާ އެއް ގޮތަށް ޢަމަލުކޮށްގެން ނޫނީ މުސްލިމުންނަށް ކާމިޔާބީއެއް ނެތެވެ. އެއީ ހަމަ އަނިޔާވެރި ކާފަރުންނެވެ.

_____________________________

(މި ލިޔުމުގައި ޖޯބައިޑްނާއި ނަތަންޔާހޫއާއި ސުނަކްގެ މުޚާޠަބުގައި މާތްބަސް ބޭނުން ނުކުރީ ހަމަ ގަސްތުގައެވެ. އެއީ މާތްކޮށް ވާހަކަދައްކާންޖެހޭވަރުގެ ބަޔެއްކަމަށް ޒަމީރު ގަބޫލުނުކުރީއެވެ. ކިޔުންތެރީންގެ އަރިހުން މާފަށް އެދެމެވެ.)

Advertisement

ކޮމެންޓް
މަރީ
އަހަރެމެން ވެސް ބޭނުންވަނީ ތިޔަ ގޮތް ޔަހޫދީންނަކީ އަހަރެމެން އިހުތިރާމްކުރާން ޖެހޭ ބަޔެއް ނޫން
21 Oct 2023