އެހާރާއި މިހާރުގެ ސަގާފަތްތަކުގެ ތެރެއިން ކަދުރު (2)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
(2024 ޖޫން 19ގައި ޝާއިޢުކުރި ޢަދަދާ ގުޅޭ)
ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (ފައޮ) ގެ 2022ގެ ތަފާސްހިސާބުތައް ބުނާ ގޮތުގައި ދުނިޔޭގައި ކަދުރު އުފައްދާ މައި ގައުމުތަކަކީ:-
·މިޞްރު: 1.73 މިލިއަން ޓަން
·ސުޢޫދީ ޢަރަބިއްޔާ: 1.6 މިލިއަން ޓަން
·ޖަޒާއިރު: 1.24 މިލިއަން ޓަން
·އީރާން: އެއް މލިއަން ޓަން
·ޕާކިސްތާން: 732935 ޓަން
·ޢިރާޤު: 715293 ޓަން
·ސޫދާން: 442667 ޓަން
·އިމާރާތު(UAE) : 397328 ޓަން
·ޢުމާން: 376980 ޓަން
·ތޫނިސް: 369000 ޓަން
·ލީބިޔާ: 187870 ޓަން
·ޗައިނާ: 161120 ޓަން
·މަޣުރިބު: 137393 ޓަން
·ކުވައިތު: 103111 ޓަން4:21
ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ބުނާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ކަދުރު އެތެރެކުރާ ގައުމުތަކަކީ :-
·ޔޫރަޕުގެ އިއްތިޙާދުގެ ގައުމުތައް : 306.5 މިލިއަން ޑޮލަރު
·އިންޑިޔާ : 230.75 މިލިއަން ޑޮލަރު
·މަޣުރިބު : 210.9 މިލިއަން ޑޮލަރު
·ފަރަންސޭސިވިލާތް : 96.1 މިލިއަން ޑޮލަރު.
·އެމެރިކާ : 86.4 މިލިއަން ޑޮލަރު
·އިނގިރޭސިވިލާތް : 71.87 މިލިއަން ޑޮލަރު
·ޖަރުމަނު : 70 މިލިއަން ޑޮލަރު
·ތުރްކިޔޭ : 63.3 މިލިއަން ޑޮލަރު
·ހޮލެންޑް : 63 މިލިއަން ޑޮލަރު
·މެލޭޝިޔާ : 60.9 މިލިއަން ޑޮލަރު
·ކެނެޑާ : 56.9 މިލިއަން ޑޮލަރު
ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ޝާއިޢުކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި:
·ކަދުރުގެ ދަނޑުވެރިކަމަށް ޓަކައި ދުނިޔޭގެ ބިމުން 1.09 މިލިއަން ހެކްޓަރުގެ ބިން ބޭނުންކުރެވެއެވެ.
·ދުނިޔޭގައި އަހަރަކު 8.5 މިލިއަން ޓަނަށް ވުރެ ގިނަ ކަދުރު ހެއްދެއެވެ.
·ދުނިޔޭގައި ހެއްދޭ ކަދުރުގެ ތެރޭގައި ފަސް ހާހަކަށް ތަފާތު ބާވަތުގެ ކަދުރު ވެއެވެ. އަރަބި ކަރައިގައި ތަފާތު 400 ބާވަތުގެ ކަދުރު ހުރެއެވެ. ޢިރާޤުގައި 600 ބާވަތް ހުރެއެވެ.
·އެންމެ ގިނައިން ކަދުރު ހެއްދެނީ އޭޝިޔާ ބަރޫދުގައެވެ. އޭޝިޔާގައި ހައްދާ ކަދުރުގެ މިންވަރަކީ ދުނިޔޭގެ ނިސްބަތުން %55.8 (ފަންސާސް ފަހެއް ޕޮއިންޓް އަށެއް އިންސައްތަ)އެވެ. ދެވަނައަށް އެންމެ ގިނައިން ކަދުރު ހެއްދެނީ އެފުރިކާ ބަރޫދުގައެވެ. އެއީ ދުނިޔޭގެ އުފެއްދުމުގެ %43.4 (ތެޔާޅީސް ޕޮއިންޓް ހަތަރެއް އިންސައްތަ)އެވެ.
·ދުނިޔޭގައި އެންމެ ގިނައިން ކަދުރު ހެއްދެނީ ޢަރަބި ދުނިޔޭގައެވެ. އެއީ މުޅި ދުނިޔޭގެ އުފެއްދުމުގެ %77 (ސަތުހަތްތަރި އިންސައްތަ)އެވެ. ޢަރަބި ދުނިޔޭގައި 160 މިލިޔަން ކަދުރު ރުއް ހުރިކަމަށް ތަފާސްހިސާބުތައް ބުނެއެވެ.
މާތް ﷲ ރުއްސުންލެއްވި ސައްޔިދާ ޢާއިޝަތުގެފާނު އަރިހުން އިމާމު މުސްލިމު ރިވާކުރެއްވިއެވެ. ((لاَ يَجُوعُ أَهْلُ بَيْتٍ عِنْدَهُمُ التَّمْرُ - رواه مسلم في صحيحه في كتاب الأشربة حديث رقم 2811 - މާނައީ : އެ ގެއެއްގައި ކަދުރު ހުރި ގެއެއްގެ އަހުލުވެރިން ބަނޑުހައެއް ނުވާނެތެވެ.))
މި ކަމާ ބެހޭގޮތުން އޮތް ދެވަނަ ޙަދީސަކީ ވެސް މާތް ﷲ ރުއްސުންލެއްވި ސައްޔިދާ ޢާއިޝަތުގެފާނު އަރިހުން އިމާމު މުސްލިމު ރިވާކުރެއްވި ޙަދީސެކެވެ. އެ ޙަދީސުގެ ނައްޞުގައި ވަނީ ((يَا عَائِشَةُ بَيْتٌ لاَ تَمْرَ فِيهِ جِيَاعٌ أَهْلُهُ يَا عَائِشَةُ بَيْتٌ لاَ تَمْرَ فِيهِ جِيَاعٌ أَهْلُهُ أَوْ جَاعَ أَهْلُهُ. قَالَهَا مَرَّتَيْنِ أَوْ ثَلاَثًا - رواه مسلم في صحيحه في كتاب الأشربة حديث رقم 3812- މާނައީ : އޭ ޢާއިޝަތުގެފާނެވެ! އެ ގެއެއްގައި ކަދުރު ނެތްނަމަ އެ ގޭގެ އަހުލުވެރިން ބަނޑުހައިވެދާނެތެވެ. މި ފަދައިން ދެ ފަހަރު ނުވަތަ ތިން ފަހަރު ޙަދީސް ކުރެއްވިއެވެ.))
ތަމްރަކީ ކަދުރު ރުކުގައި ކަދުރު ނުކުމެ އެ ކަދުރު ދޮންވެ ފައްކާވުމުން ކިޔާ ނަމެކެވެ. ރައްކައުކޮށްފައި ދިގު މުއްދަތަކަށް ބެހެއްޓޭނީ ތަމްރެވެ. ރޯ ކަދުރާއި ގަބުޅި ކަދުރާއި ކާށި ކަދުރު ދިގު މުއްދަތަކަށް ނުބެހެއްޓޭނެއެވެ. ތަމްރަށް ވާނީ ކަދުރު ހިކި ހަރުވުމުންނެވެ. ކީރިތި ޤުރްއާނުގައި ކަދުރާއި ކަދުރު ރުކުގެ ވާހަކަ 20 ފަހަރު އައިސްފައި ވެއެވެ.
ކަދުރަކީ ރުކުގެ ޢާއިލާގެ ގަހެކެވެ. އެ ޢައިލާގެ ތެރޭގައި ދިވެހިރުކާއި ފެންފޯއްރުކާއި، ފަންކާރުކާއި ތެޔޮރުއް ހިމެނެއެވެ.
ކަދުރަކީ ކާނާގެ ގޮތުން ވަރަށް މުއްސަނދި މޭވާއެކެވެ. ވަރަށް ޤަދީމީ ޒަމާނުއްސުރެ އިންސާނާ ކާނާއެއްގެ ގޮތުގައި ގެންދަނީ ކަދުރު ބޭނުންކުރަމުންނެވެ. ކަދުރުގައި ހިމެނޭ ބައެއް ފައިދާތަކަށް އިޝާރަތްކުރައްވައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَمِنْ ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِي ذَلِكَ لَآيَةً لِقَوْمٍ يَعْقِلُونَ - النحل : 67 - މާނައީ : އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުން ކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ.))
ކަދުރުގައި ހަކުރާއި، ކާބޯހައިޑްރޭޓާއި، ޕްރޮޓީނާއި ސަރުބިއާއި މުހިންމު ވިޓަމިންތައް ހުރެއެވެ. ކެމިކަލް ތަޙުލީލުތައް ބުނާ ގޮތުގައި ހިކި ކަދުރުގައި 70.6 % ކާބޯހައިޑްރޭޓާއި، 2.5 % ސަރުބީއާއި ، 1.32 % މަޢުދަނީ ލޮނު ހުރެއެވެ. މި ލޮނުގެ ތެރޭގައި ކެލްސިއަމާއި، ފޮސްފޭޓާއި، ދަގަނޑާއި، ޕޮޓޭސިއަމާއި، މެގްނީސިޔަމާއި، މެންގެނީޒާއި، ކޯބަލްޓާއި، ޒިންކު ހިމެނެއެވެ. މީގެ އިތުރަށް ވިޓަމިން އޭއާއި ވިޓަމިން ބީ1އާއި، ވިޓަމިން ބީ2އާއި، ވިޓަމިން ސީއާއި، ޕްރޮޓީނާއި، ހަކުރު ހިމެނެއެވެ.
·ކަދުރަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކުގެ ހަތާތަކަށް މުހިންމު ކާނާއެކެވެ. އަދި އެއީ ހަށިގަނޑުން ވިހަ ބޭރުކޮށްދޭ އެއްޗެކެވެ. އެއީ ފިތުގެ ބަލިތަކަށާއި ގުރުދާގެ ބަލިތަކަށް ފައިދާ ހުރި ބޭހެކެވެ. އެއީ ބަނޑުހިކުން މަނާކުރާ، ލުއިފަސޭހަ ޖުއްލާބެކެވެ. އެއީ ބަވާސީރު ބައްޔަށާއި ލޭ މައްޗަށް ދިޔުމަށާއި، އިވުން ރަނގަޅުކޮށްދިނުމަށް ލިބިގެންވާ ފަރުވާއެކެވެ. އެއީ ރަޙިމުގެ ޙަރަކާތްތައް ވަރުގަދަކޮށްދޭ މޭވާއެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ މަރްޔަމުގެފާނު ޢީސާގެފާނާއިގެން ރައްކައުވި ހިނދު ވަޙީކުރައްވައިފައި ވެއެވެ. ((وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَـٰقِطْ عَلَيْكِ رُطَبًا جَنِيًّا فَكُلِى وَٱشْرَبِى وَقَرِّى عَيْنًا فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا - مريم : 25- 26 - މާނައީ: އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ. ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސް މީހަކު ކަމަނާއަށް ފެނިވަޑައިގެންފި ނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ."
މިހެންވެ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ވަޞިއްޔަތްޕުޅަކީ ((أَطْعِمُوْا نِسَاءَكُمْ فِي نِفَاسِهِنَّ التَمْرَ ، فَإنَّهُ مَنْ كَانَ طَعَامُهَا فِي نِفَاسِهَا التَمْرَ خَرَجَ وَلِيْدُهَا حَلِيْمًاً، فَإنَّهُ كَانَ طَعَامُ مَرْيَمَ حَيْثُ وَلَدَتْ ، وَلَوْ عَلِمَ طَعَاماً خَيْراً مِنْ التَمْرِ لَأَطْعَمَهَا إيَّاهُ - رواه الترمذي في سننه في كتاب الزكاة حديث رقم 597 - މާނައީ: އެ ކަނބަލުންގެ ނިފާސްކަމުގެ ތެރޭގައި ތިޔަބައިމީހުންގެ އަނބީންނަށް ކަދުރު ކާންދޭށޭވެ! ފަހެ ހަމަކަށަވަރުން އެ އަންހެނެއްގެ ނިފާސްކަމުގެ ތެރޭގައި އޭނާގެ ކެއުމަކަށް ކަދުރު ހެދި އަންހެނާގެ ދަރިފުޅު ވިހާނީ ޙިލްމުވެރިކަމާއެކުގައެވެ. ފަހެ ހަމަކަށަވަރުން އެއީ މަރްޔަމުގެފާނު ރައްކައުވިއިރު އެ ކަމަނާގެ ކާނާއެވެ. އެއަށް ވުރެ، ރަނގަޅު ކާނާއެއް އޮތް ނަމަ، އެކަލާނގެ އެ ކާނާއެއް އެ ކަމަނާއަށް ދެއްވާނެތެވެ.))
ރޯދަ ވީއްލާއިރު ކާން ވީ ކޮން އެއްޗެއްކަން ބަޔާންކޮށްދެއްވަމުން ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذَا أَفْطَرَ أَحَدُكُمْ فَلْيُفْطِرْ عَلَى تَمْرٍ، فَإِنْ لَمْ يَجِدْ فَعَلَى مَاءٍ فَإِنَّ الْمَاءَ طَهُورٌ - أخرجه الترمذي (٦٥٨)، والنسائي في ((السنن الكبرى)) (٣٣١٦)، وأحمد (١٦٢٢٨) - މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ރޯދަވީއްލާ ނަމަ، ފަހެ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ! ކަދުރު ނުލިބުނު ނަމަ، ފެނުން ރޯދަ ވީއްލާހުށިކަމެވެ! ހަމަކަށަވަރުން ފެނަކީ ޠަހޫރު އެއްޗެކެވެ.))
ކަދުރުކޮޅަކުން ރޯދަ ވީއްލުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ، ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބެއެވެ. އިސްވެ ދިޔަ ބަސްފުޅުތަކުން އެނގިފައިވާ ޢިލްމީ ޙަޤީޤަތްތަކާ ހަމައަށް އިންސާނާއަށް އާދެވުނީ ރަސޫލާ ﷺގެ ފަނަރަ ސައްތަ އަހަރު ފަހުންނެވެ.
(ނިމުނީ)