Advertisement

ފާށާރުންގެ ޚިދުމަތް ފުޅާކުރާން އެބަ ޖެހެއެވެ.

23 Jun 2024 | 15:17
ފާށާކޮށްގެން ފަސާދަކުއްޓުވާން އެބަ ޖެހެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މި އަދަކީ ދުނިޔޭގެ ފާށާރުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ފާށާކުރާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، އެ ފަރާތްތަކުން އެ އަދާކުރާ މަތިވެރި އަދި ޖެހިލުން ކުޑަ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ފާށާރުންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ ކޮންމެ އިދާރާއެއްގެ ވެސް ޒިންމާއެކެވެ. އަދި އެ ފަދައިން އެ މީހެއްގެ ހައްޤުތައް ކަށަވަރުނުވެއްޖެ ނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ދަށުން އުފެދިފައިވާ، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް (ފާށާރުން ޙިމާޔަތްކުރުމާ ބެހޭ ބަޔަށް) ހުށަހެޅުމުން އެ މައްސަލައެއް ބައްލަވާނެއެވެ.

ފާށާކުރުމަކީ ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުމެވެ. ފާށާރުންނަކީ މި ކަންކުރާ މީހުންނެވެ.

އާދޭހެވެ! ފަސާދައާއި ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ފާށާކުރުމަކީ މުހިންމު ކަމެއްކަން އެންމެންނަށް ވެސް އަންގައިދީ ހޭލުންތެރިކުރާން ޖެހެއެވެ. އަދި ފާށާރުންގެ މަޢުލޫމާތު ސިއްރުކުރެވޭނެކަމާއި އެ ފަރާތްތައް ރައްކާތެރިކުރެވޭނެކަން ވެސް އެނގުމަކީ މުހިންމު ކަމެކެވެ. ފަސާދައަށް މަގު ފަހިނުވާނެ ގޮތަށް ސަރުކާރު ހިންގަވާނެކަމަށާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށް ސަރުކާރުން ހާމަކުރައްވައެއެވެ. އެއްވެސް ފަރާތަކުން ފަސާދައިގެ އެއްވެސް ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ނަމަ، ޤާނޫނީ ފިޔަވަޅުއެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނޭކަމަށާއި އެ ކަމުގައި ޚިޔާލު ތަފާތުވުމެއް ނޯންނާނެކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ވީމާ ސަރުކާރުގެ ތެރޭގައި ފަސާދައިގެ ޢަމަލެއް ހިނގާކަން އެއްވެސް ރައްޔިތަކަށް ފާހަގަވެއްޖެ ނަމަ، ފާށާކުރާކަށް އަޅުގަނޑުމެން ޖެހިލުންވާނެ އެއްވެސް ސަބަބެއް ނެތެވެ. ފަސާދައާ ދެކޮޅަށް ޢާންމުން ހޭލުންތެރިކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް ޓަކައި އިލްމީ ފެންވަރެއްގައި ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި ތަރައްގީގެ ރޮނގުގައި އެއްވެސް ގައުމަކަށް ހަލުވި ފިޔަވަޅުތަކެއް އެޅޭނީ ފަސާދައިގެ ދޮރުތައް ބަންދުކޮށް ނުވަތަ ހަނިކޮށްގެންނެވެ. ބޭރު ފަރާތްތަކުގެ އިތުބާރު ލިބޭނީ ވެސް އޭރުންނެވެ. މި އަމާޒަށް ވާސިލުވާން ބޭނުން ނަމަ، ފަސާދައާ ދެކޮޅަށް ކޮންމެ މީހަކު ވެސް އެ މީހެއްގެ ފެންވަރުގައި މަސައްކަތްކުރާން ޖެހޭނެއެވެ. ދިވެހިރާއްޖޭގައި ފާށާކުރުމާ ބެހޭ ޤާނޫނެއް ނެތެވެ. ނަމަވެސް އެ މާނަ ދޭހަވާ ގޮތަށް "ވިޒްލް ބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު"ގެ ނަމުގައި ގާނޫނެއް އޮވެއެވެ. އެއީ ގާނޫނު ނަންބަރު 2019/16 (17 އޮކްޓޫބަރު 2019)އެވެ. މި ޤާނޫނު ބުނާ ގޮތުން އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ ޝަޚުޞްތަކަށާއި ދައުލަތާއި އަމިއްލަ މުވައްޒަފުންނަށް ވެސް ފާށާކުރެވެއެވެ. މި ޤާނޫނުގެ ދަށުން ފާށާކުރާ މީހުން ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވީ އިރު، މި ޤާނޫނުގައި ފާށާކުރެވޭނެ ގޮތްތައް ވެސް އަދި ޙާލަތްތައް ވެސް ބަޔާންކޮށްދީފައިވެއެވެ.

"ވިޒްލް ބްލޯ"ގެ ލަފުޒީ މާނައަކީ ކަށިގަނޑު ފުންމުމެވެ. އޭގެ އިޞްޠިލާޙީ މާނައަކީ "ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުމެވެ." މި މާނަ ދޭހަވާ މާ ކުރު، މާ ފަސޭހަ ދިވެހި ލަފުޒެއް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. ވިޒްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުގައި ބަހުސްގެ މަރުހަލާގައި، އެ ލަފުޒު ދިވެހިބަހުގެ ރަދީފުގައި އެބަ އޮތްކަމާއި ވިޒްލްބްލޯކުރުމަށް ވުރެ، "ފާށާކުރުން" މި ލަފުޒު ކިޔައިލާށާއި ލިޔާން ވެސް މާ ފަސޭހަކަމަށާއި އެ ލަފުޒު ހިމަނައިދެއްވުން އެދި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވެސް ރައްޔިތުންގެ މަޖިލީހުގައި ދަންނަވައި އާދޭސްކުރެއްވިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިވެހި ލަފުޒު ކަމު ނުދިޔައީއެވެ. އަދި ގިނަ މެންބަރުންނަށް ވެސް އެ ލަފުޒަށް ވުރެ، އިނގިރޭސި މަޖާޒީ ލަފުޒެއް މާ ރީތިވީއެވެ. ޤައުމިއްޔަތާ މެދު ވިސްނުންފުޅު ނެތީއެވެ.

މިއީ ޙައިރާންވާންވީ ކަމެކެވެ. ފަސް އަކުރުން އޮންނަ "ވިޒްލްބްލޯ"އަށް ވުރެ ދެ އަކުރުން އޮންނަ "ފާށާ" މި ލަފުޒު އެ ބޭފުޅުންނަށް ކަމުނުދިޔަ ހަމައެކަނި ސަބަބެއްކަމަށް ފެންނަނީ ދިވެހިބަހަށް ވުރެ، އިނގިރޭސިބަހަށް އިސްކަން ދެއްވުން ފިޔަވައި އެހެން ސަބަބެއް ނުވިސްނެއެވެ. "ފާށާ"އަށް ވުރެ، ކުރު އިނގިރޭސި ލަފުޒެއް އިޚުތިޔާރުކުރެއްވި ނަމަ، ކިޔައިލާން ފަސޭހައީއްޔޭ ދެންނެވިދާނެއެވެ. ނަމަވެސް މި ލަފުޒު ބޭނުންކުރުމުގައި އެހެން ދެންނެވޭކަށް ނެތެވެ.

ވީމާ، މި ގޮތަށް ދިވެހިބަހުގެ ލަފުޒުތައް ހުއްޓައި އިނގިރޭސި ލަފުޒު ލައްވައިގެން ހައްދަވައިފައި ހުރި ޤާނޫނުތައް ވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާ އާ ބިލުތަކުގައި ހިމަނުއްވައިގެން އިޞްލާޙުކުރައްވާނެ ނަމަ ހާދަހާ ރަނގަޅެވެ. ދިވެހިބަހާއި ޤައުމިއްޔަތަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައި، ދިވެހިބަހާ ބެހޭ ޚާއްޞަ ވުޒާރާއެއް ވެސް އުފައްދަވައިފައިވާތީ މި ވާހަކަ ދަންނަވައިލީއެވެ.

ދިވެހީންގެ ހިތްތަކުގައި ދިވެހިބަހަށް އޮތް ލޯބި އިތުރުކޮށް ދިވެހިބަސް ކުރިއެރުވުމުގައި ޤާނޫނު ހައްދަވާ މަޖިލީހުގެ މެންބަރުންނަށް ވަރަށް ޚާއްޞަ ދައުރެއް އަދާކުރެއްވިދާނެއެވެ. "ގެވެށި އަނިޔާ"އަކީ މި ގޮތުން ޤާނޫނުން ތަޢާރަފުވި ލަފުޒެކެވެ. "ޑޮމެސްޓިކް ވައިލެންސް"އަށް ވުރެ "ގެވެށި އަނިޔާ" މާ ރީތިވެސް މެއެވެ. އެހެންވީ އިރު، "ވިޒްލް ބްލޯ"އަށް ވުރެ "ފާށާ" ކިޔައިލާން ވެސް މާ ފަސޭހަވެފައި ލިޔެލާން ވެސް މާކުރު ވެފައި މާ ރީތިވެސް މެއެވެ. ވީމާ، ދުނިޔޭގެ ފާށާރުންގެ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި ސަރުކާރުގެ ސަމާލުކަމަށް ޓަކައި ހަމަ މި ވާހަކަ ދަންނަވައިލާ ހިތްވީއެވެ.

______________________________________

ބައެއް ލަފުޒުގެ މާނަ:

ފާށާ       ނ.   ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރާކުރުން ނުވަތަ ފާޅުކުރާކުރުން.

ފާށާކުރުން   މ.   ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުން.   

ފާށާރު     ނ.   ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރާ ނުވަތަ ފާޅުކުރާ މީހާ.

ފަސާދަ     ނ.  (1) ހުއްދަނޫން ގޮތެއްގައި ހޯދާ އަމިއްލަ މަންފާ. (2) ގަޑުބަޑު. (3) ބަޣާވާތް. (4) ފިތުނަ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް