Advertisement

ދަރީން ތަރުބިއްޔަތުކުރުމުގައި ފަރުވާކުޑަކުރުމަކީ ނުރައްކާތެރިކަމެއް

23 Jun 2024 | 06:08
ދަރީން ތަރުބިއްޔަތުކުރުން.

ލިޔުނީ: އައްޝައިޚު ޝަފީޢު ޢަބްދުﷲ

ދަރީންނަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން އަޅުގަނޑުމެންނަށް ދެއްވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދަރީންގެ ނިޢުމަތަކީ އެއާ އެކު އެތައް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ.

ދަރީންނާ މެދު ކަންތައް ކުރާންވީ އެންމެ ރަނގަޅު ހެޔޮ ގޮތަކީ ކޮބައިކަން މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފައެވެ. އަދި ހަމައެހެންމެ، މާތް ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް ދެއްވި އިރުޝާދުތަކުގައި ހިފާން އަޅުގަނޑުމެންނަށް މާތް ﷲ ވަނީ އަމުރުކުރައްވައިފައެވެ.

ދަރީންނަކީ އުންމަތުގެ މުސްތަޤުބަލެވެ. އުންމަތުގެ ކުރިމަގު ބިނާވެގެންވަނީ އެ ދަރީން ތަރުބިއްޔަތުކުރެވޭ ގޮތެއްގެ މައްޗަށެވެ. އުންމަތަށް ނަޞްރު ލިބޭނީ ރަނގަޅު ޖީލެއް ބިނާކުރެވިގެންނެވެ.

ދަރީންނާ މެދު ފަރުވާތެރިވެ، ޤުރުއާނާއި ސުންނަތުގައިވާ ގޮތަށް، އެ ދަރީންނަށް ހެޔޮ ތަރުބިއްޔަތެއް ނުދެވިއްޖެ ނަމަ، އަދި އެ ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލުވެވިއްޖެ ނަމަ، އެ ކުދީންގެ ސުލޫކަށް ފޫނުބެއްދޭނެ ފަދަ ބޮޑު ގެއްލުމެއް ކުރިމަތިވުން އޮންނާނީ ދާދި ކައިރީގައެވެ. އެ ކުދީންގެ މުސްތަޤުބަލު ހަލާކުވުން އޮންނާނީ ދާދި ގާތުގައެވެ. އެހެންވެއްޖެ ނަމަ، ދަރީންނަކީ ގޯސް ސުލޫކެއްގެ މަތީގައި ބޮޑެތިވާ ކުދީންކަމުގައި ވެދެއެވެ. އެ ގޮތުގައި ދަރީން ބޮޑެތިވެއްޖެ ނަމަ، މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަ ކުދީންކަމުގައި އެ ކުދީން ވެގެން ހިނގައިދެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މައިންބަފައިން ނިކަމެތިކޮށް، އެ މީހުންގެ ޙުރުމަތް ކެނޑުމާއި، އެ މީހުންގެ ހިތުގައި ޖެއްސުމަކީ އެ ފަދަ ދަރީންނަށް މާބޮޑު ކަމަކަށެއް ނުވާނެއެވެ.

މީގެ އިތުރަށް، މުޅި މުޖުތަމަޢަށް ހުރި ގެއްލުމެއްކަމަށް އެ ފަދަ ކުދީން ވެދެއެވެ. އެ މީހުންނާ މެދު މުޅި މުޖުތަމަޢު ޝަކުވާކުރާ ބަޔަކުކަމުގައި އެ ކުދީން ވެދެއެވެ. މި ދެންނެވި ފަދަ ދަރިއަކު މުޖުތަމަޢަށް ދޫކޮށްލައިފި މައިންބަފައިންނަށް ވެސް ރައްދުވާނީ މަލާމާތާއި ބަދުދުޢާއެވެ. މިވެނިއެވަނި މީހަކީ އެއްވެސް ތަރުބިއްޔަތެއް ލިބިފައި ނެތް ޒުވާނެކޭ މީސްތަކުންގެ ދޫތަކުން ބުނެވި، އޭނާއަށާއި އޭނާގެ މައިންބަފައިންނަށް ބަދުބަސް ބުނެވި، ލަޢުނަތް ދެވޭ ހިސާބަށް ކަންތައް ހިނގައިދެއެވެ. އޭނާގެ މައިންބަފައިން އޭނާއާ މެދު އިހުމާލުވެފައިވާކަމަށް މީސްތަކުން ބުނާން ފަށާނެއެވެ. އެ ފަދަ ދަރިއަކު މުޖުތަމަޢަށް ދޫކޮށްލާ ބަޔަކަށް، ކައިވެނީގެ މަގުސަދަކީ ކޮބައިކަން އެނގޭކަމާ މެދު ވެސް މީސްތަކުން ސުވާލުކުރާނެއެވެ. ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާއަކީ ކިހައި ބޮޑު ޒިންމާއެއްކަން ވެސް އެ ބަޔަކަށް ނޭނގޭކަމަށް ދޫތަކުން ބުނާނެއެވެ.

ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލުވުމުގެ ސަބަބުން އިންސާނާ ނަރަކައަށް ދާން ޖެހިދާނެއެވެ. ދަރީންނާ މެދު އިހުމާލުވުމުގެ ނުބައިކަމުން ރައްކައުތެރިވެ ތިބޭން މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް އަމުރުކުރައްވައި އިންޒާރުކުރައްވައިފައެވެ. ތަޙްރީމު ސޫރަތުގެ ހަވަނަ އާޔަތުގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.]

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އަޅުގަނޑުމެންނަކީ ދަރީންގެ ތަރުބިއްޔަތުގައި ފަރުވާތެރި ބަޔަކު ކަމުގައި ލެއްވުމެވެ. وَآخِرُ دَعوانا ان الحمد لله!

އެޑިޓަރުގެ ނޯޓް
އައްޝައިޚު ޝަފީޢު ޢަބްދުﷲއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރަށް އެއީ ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސް މަޖައްލާތަކުގައި ލިޔުއްވަމުން ގެންދަވައެވެ.

Advertisement

ކޮމެންޓް
ابراهيم
أن ✓ وَآخِرُ دَعوانا (عن) الحمد لله!
24 Jun 2024