ދުޝްމަން
އަސްމާ އަބޫބަކުރު
އަހަންނަށް ނުފެންނަ އެތައް ދުޝްމަނުންގެ މައްޗަށް ޖިހާދު އިޢުލާންކުރީމެވެ. ކިބުރުވެރިވުމާއި، ބޮޑާކަމާއި، އަމިއްލަ އެދުން ބޮޑުވުން، ޝަހުވަތްތެރިކަމާއި، ރުޅިވެރިކަމާއި ދޮގުހެދުމާއި މަކަރުހެދުމާއި، ބަދުބަސްބުނުން ފަދަ އެތައް ކަމެކެވެ. އަހަރެންގެ ދުޝްމަނުން ބަލިކުރެވޭނީ އެ ފަދަ ހުރިހާ ކަމަކުން އެއްކިބާ ވެގެން ހުރެކަމަށް އަހަރެންގެ ހިތަށްއަރައެވެ. ހަޔާތެއް ނިމިގެންދާ އިރު، ބައެއް ފަހަރު ބިންހެލުންތަކާއި ތޫފާންތަކާ ވެސް ކުރިމަތިވެއެވެ. އަނެއްބައި ފަހަރު ސުނާމީ ފަދަ ކަންކަމާ ވެސް ކުރިމަތިލާން ޖެހެއެވެ. އެކަމަކު އަހަރެންގެ ނަޒަރުގައި ކެތްކުރާން އެންމެ އުނދަގޫ ކަމަކީ ހަޔާތުގެ ބައިވެރިޔާ ބޭވަފާތެރިކަމެވެ.
އަހަރެންގެ ނަމަކީ ހަނާއެވެ. ޒިނޭ ފަދަ ލަފުޒު އަހަރެންގެ ލޯބިވެރިޔާ އަޝްރަފު ބޭނުންކުރީ ވަފާތެރިކަމުގެ ނަމުގައެވެ. އޭނާއަށް ވަފާތެރިވާ ނަމަ، ހަދާން ޖެހޭ ގޮތުގެ ވާހަކައިން ފިލާވަޅުނަގައިދެއެވެ. އަހަރެން ފާޅުގައި އެ ކަންކަމަށް ނޫނެކޭ ބުނަމެވެ. އަޝްރަފު ވަޒީފާ އަދާކުރަމުން ދަނީ މާލެއާ ކައިރި ރިޒޯޓެއްގައެވެ. މަދުވެގެން ހަފުތާއަކު އެއް ފަހަރު އާދެވޭހާ ކައިރީގައި އޮންނަ ރިޒޯޓެކެވެ. އަހަރެންގެ އާއިލާގައި ތިބެނީ އަހަރެންގެ އިތުރުން ކޮއްކޮއެކެވެ. އެއީ ހިމްނާއެވެ. ކިޔަވަމުން ދަނީ ގްރޭޑް އެގާރައިގައެވެ. އަތާ އެއް ވަރަށް އޭނާގެ އަނގަ ވެސް ގަދަވާނެއެވެ. މަންމަ ހިތްހަމަނުޖެހޭ ކިތަންމެ ފަހަރަކު މަންމަ ހަމަ މަގަށް އަޅުވާނީ ކޮއްކޮގެ މަޖާ ވާހަކައަކުންނެވެ. ބައެއް ފަހަރު މަންމަ ހެއްވައިލާން ނަށައި ވެސް ހަދާނެއެވެ. ރަނގަޅަށް ބުނާ ނަމަ މަންމަގެ ދެ ދަރީންގެ މިސާލަކީ އަނގަގަދަ މިތުރާއި އަނގަމަޑު މިތުރުގެ މިސާލެވެ.
ބައެއް ދުވަސްދުވަހު އަޝްރަފު ރިޒޯޓުން އަންނަމުން އަންނަ ވާހަކަ ބުނާން ގުޅާނެއެވެ. އަހަރެމެން ބައްދަލުވުންތައް ބޭއްވީ މާލޭގެ ޕާކުތަކުގައެވެ. މީހުންނަށް ހާމައަށް ފެންނާން ހުންނަ ދިމާގައި ތިބޭން އަހަރެން ބާރުއަޅަމެވެ.
"ހަނާ ކީއްވެ އަހަރެން އެތައް ފަހަރަކު ބުނީމާ ވެސް އެއްބަސްނުވަނީ ގެސްޓުހައުސްއަކަށް ދާން؟ އަހަރެމެންނަށް އަމާންކަމާއެކު ވާހަކަދައްކައިލާން ވެސް ފުރުސަތު ލިބޭނީ އޭރުން."
"މި ތަނުގައި ނުދެއްކޭ ވަރުގެ ވާހަކައެއް އަހަރެމެންގެ މެދުގައި އޮވެގެން ނުވާނެ." އަހަރެން އަޝްރަފާ ދިމާއަށް ބަލައިލަމުން ބުނީމެވެ.
"މި ޒަމާނުގައި ހާދަ ކަޓު ގޮތަކަށް ތިޔަ އުޅެނީ. އަހަރެން ވެސް ބޭނުންވާނެ ހަނާއާ ގާތްވެލާން ވެސް. ހަފުތާއަކު އެއް ފަހަރު މި އާދެވެނީ. އަހަރެންގެ ހިތަށް ތަދުކުރާންތަ ހަނާ ތިޔަ އުޅެނީ" އާދެވޭ ކޮންމެ ފަހަރަކު އަޝްރަފުގެ އެ ކަހަލަ ޝަކުވާއަކާ އަހަންނާ ކުރިމަތިވެއެވެ. އެހެންނަމަވެސް އެ ހުރިހާ ކަމަކަށް އަހަރެން ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. ލޯބިވާތީ ވަކިވާކަށް ނޭދެމެވެ. ވަރަށް އަވަހަށް އަހަރެމެން މި އުޅެނީ ދެ މީހުން އެކަކަށް ވާން ނޫންހޭ ވެސް އަހަރެން ބުނަމެވެ.
ގިނަ ބައްދަލުވުންތަކަށް ޖާގަނުދީ އަހަރެން ބޭނުންވީ ކައިވެނިކުރާށެވެ. އެ ކަމާ އަޝްރަފު މާބޮޑަށް ގަޔާވީ ހެނެއް ހިޔެއްނުވެއެވެ. އޯގާތެރިކަމާއި އަޅައިލުން ދެވޭނީ ކައިވެނީގެ މާތްގުޅުމުން ގުޅިގެންކަމުގައި އަހަރެން ބުނީމެވެ. އަހަރެން ދޫކޮށްލާކަށް އަޝްރަފުގެ ހިތެއް ވެސް އެއްބަހެއް ނުވާނެއެވެ. އަހަންނަކީ ކިޔަވައިގެން ހުރި ވަޒީފާއެއްގައި އުޅޭ އަންހެނެކެވެ. އާއިލާއެއް ބަލަހައްޓާ މީހެކެވެ. އެކަހަލަ އަންހެނުން މި ޒަމާނުގައި ނުލިބޭނެކަން ވެސް އަޝްރަފަށް އެނގެއެވެ. އެންމެ ފަހުން އަހަންނާ އަޝްރަފުގެ ކައިވެނިކުރެވިއްޖެއެވެ. ދިރިއުޅެން ހަމަޖެއްސީ އަހަރެމެންގެ އެޕާޓްމެންޓެވެ. އަހަރެންގެ އާއިލާއާ އެކު ފަސޭހައިން އުޅެވޭނެކަމުގައި އަޝްރަފު ވެސް އެއްބަސްވިއެވެ.
ކައިވެނިކުރިތާ ކުރީކޮޅު އަޝްރަފު މާލެ އަންނަނީ އަހަރެން ގާތު ބުނުމަށް ފަހުއެވެ. އެ ގަޑިއަށް އަހަރެން ހުންނަނީ އަބަދު ވެސް ތައްޔާރުވެގެންނެވެ. ދެ ދުވަހަކަށް އައި ނަމަ ވެސް ދެ މީހުން އެކުގައި ރޭގަނޑު ބޭރުން ކަމެވެ. އެހެން ވަގުތުތަކުގައި ގޭގައި އާއިލާއާ އެކު ކާން ހަނދާންކޮށްދެމެވެ.
"މީ ދޮންތަބެއަށް މަންމަ ކެއްކި އެއްޗެއް." މެންދުރު ކެއުމުގެ ވަގުތުގައި ހިމްނާ ތަށި ކައިރިކޮށްދެމުން ބުނެލިއެވެ. އަޝްރަފަށް މީރު އެއްޗެހި މަންމަ އާދަވެ ކައްކާނެއެވެ. ހިމްނާ ވެސް އިސްކޫލު ވަގުތު ނޫނިއްޔާ އުޅޭނީ ކޮންމެ ވެސް ކެއުންގަނޑެއް ތައްޔާރުކުރުމުގައެވެ. ޚާއްޞަކޮށް އަޝްރަފަށް މީރު އެއްޗެހި ކެއްކުމުގައި ހިމްނާ ފޯރި ހުރެއެވެ.
"ހަލޯ. ހާދަ ނުވަގުތެއްގަ ތިޔަ ގުޅީ." އަޝްރަފު އާންމުކޮށް ގުޅާނީ ހަވީރު ނޫނީ ރޭގަނޑެވެ.
"އާނ! އެނގޭ އޮފީސް ގަޑިކަން ވެސް. ބޮލުގައި ރިއްސާވަރުން މިއަދު މާލެދާން ވެގެން." އަޝްރަފު އެހެން ބުނުމުން އަހަރެން ހިމްނާއަށް ގުޅުމަށް ފަހު، މި ގަޑީގައި ދެވޭން ނެތްކަމުގައި ބުނީމެވެ. ދޮންތަބެއަށް ކާންހަދައިދެއްޗޭ ވެސް ބުނީމެވެ.
"ދޮންތަ ކަންބޮޑު ނުވޭ. ދޮންތަބޭ ބޭނުން އެއްޗެއް ލިބޭނެ." ހިމްނާ އެހެން ބުނުމުން އަހަރެން ނިންމާން ހުރި މަސައްކަތްތައް އަވަހަށް ނިންމައިފައި ގެއަށް އަންނާން މަސައްކަތްކުރީމެވެ. އެހެންނަމަވެސް އެ ދުވަހު ގެއަށް އާދެވުނީ ހަވީރު ފަހެއް ޖަހަނިކޮށެވެ. ގެއަށް ދިޔަ މަގުމަތީގައި ޓެކްސީގައި އިނދެ އަޝްރަފަށް ގުޅިއިރު ފޯނެއް ނުނަގައެވެ. ގެއަށް އައިސް ވަނުމުން އެނގުނީ އަޝަރްފު އޮތީ ނިދައިފައިކަމެވެ.
އިތުރަށް އަހަރެން ވިސްނާން މަޖުބޫރުކުރުވީ ކައިވެންޏަށް މިވީ ހައެއްކަ މަސް ދުވަހުގެ ތެރޭގައި އަޝްރަފަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވިގެންނެވެ. މިހާރަކަށް އައިސް މާލެ އަންނަމުން އަހަންނަށް އަޝްރަފު ނުވެސް ގުޅައެވެ. ޝަކުވާއަށް ނުކޮށް ވޭތޯ މަސައްކަތްކުރަމެވެ. އަހަރެން އަހައިލާ އިރަށް އަޝްރަފު ދެނީ މާމޮޅު ޖަވާބެކެވެ.
"ހަނާ އަށް ސަޕްރައިޒް ދޭންވެގެން. ކިހާ އުފާވެރި މި ހެން އައިމަ." އަޝްރަފު ބުންޏެވެ.
"މިރޭގެ ޕްލޭނަކީ ކޮބާ؟" އާދަވެ ބޭރަށް ކާންދާތީ މިރޭ ދަނީ ކޮންތާކަށްތޯ އަހައިލީމެވެ.
"ގޭގަ ކައްކާ އެއްޗެހި މާ މީރު. އެހެންވީމަ ބޭރަށް ދާނެ ކަމެއްނެތްތާ." ކުރީން އަހަރެމެން ބޭރަށްދަނީ ގޭގައި ނުކައްކާތީއެއް ނޫނެވެ. ދެ މީހުންގެ އެކީގައި ވަގުތު ހޭދަކުރުމުގެ ގޮތުންނެވެ. އޭރު ވެސް މިހާރު ވެސް މަންމަ ކައްކާ ގޮތަށް ކައްކާނެއެވެ. އަހަރެމެން ބޭރަށް ކާން ދިޔަސް މަންމަ ވަކިއެއްޗެއް ވެސް ނުބުނާނެއެވެ.
ހުކުރު ދުވަހު ހެނދުނު އާންމުކޮށް ކައްކާނީ އަހަންނާ ހިމްނާއެވެ. އެ ދުވަހަކީ މަންމައަށް ޗުއްޓީ ދުވަހެވެ. މަންމަ އެ ދުވަހު އަންނާނީ އަހަރެމެން ގޮވީމައެވެ. އަހަރެން ބަދިގެއަށް ވަނުމާއެކު ހިމްނާ ކައްކާނެ އެއްޗެހީގެ ލިސްޓު ކިޔައިފިއެވެ.
"ތިޔ ހުރިހާ އެއްޗެހި ކައްކާނީ ދޮންތަބޭ އަންނަ ދުވަހަކުން. މިއަދު ހިނގާ ބިރިޔާނީ ކައްކަން."
"މިއަދު ހަމަ ދޮންތަބޭ އަތުވެދާނެއެއްނު." އަހަރެން މައުޟޫ ބަދަލުކޮށްލާން އެ ވަގުތު މަސައްކަތް ކުރީމެވެ.
"ހިމްނާ ބުނީމެއްނު ރަނގަޅު ބިޓެއް ފެނިއްޖޭ. ކޮބައިތަ އޭނާ؟" އަހަރެން ބޭނުންވީ ހިމްނާ ރައްޓެހިވެގެން އުޅޭ ކުއްޖާގެ މަޢުލޫމާތު ހޯދާށެވެ. ހިމްނާ ބޭނުންވާ ކަހަލަ މީހަކު ފެނުނުއިރު އެނާގެ ސިފަތައް ކިޔައިދިނެވެ. އަހަންނަށް ހީވަނީ އަޝްރަފު ސިފަކޮށްދިން ހެނެވެ. އެ ކަމާ ވިސްނާން އިންދައި ގެއަށް ވަދެގެން އެ އައީ އަޝްރަފެވެ. ހިމްނާ ބުނިގޮތަށެވެ. އަހަންނަށް އަހަރެންގެ ފިރިމީހާ އަންނަކަމެއް ނޭނގެއެވެ.
އެކަމާ ޚިޔާލު ބަދަލުކޮށްލަން އަހަރެން ގުޅީ އަހަރެންމެން ގެއަށް އަންނަ އެކުވެރި ސާނީއަށެވެ. ސާނީ ނުފެންނަތާ ދުވަސްތަކެއް ވުމާއެކު ބައްދަލުކޮށްލާން އެދުނީމެވެ. ސާނީ އަކީ ވެސް އަބަދު ބިޒީ ވެގެން އުޅޭ މީހެކެވެ. ނަރުހަކަށް ވާތީއާ އެކު ޑިއުޓީކޮށްފައި އައިސް އޭނާގެ ކަމަކީ ނިދުމެވެ.
އެ ދުވަހު ސާނީއާ ދިމާވުމުން އަޝްރަފަށް އަންނަ ބަދަލުތަކުގެ ވާހަކަ ދެއްކީމެވެ. އަހަރެންގެ ހިތުގައި އެއްވެސް އެއްޗެއް ނުބާންވާން މަސައްކަތް ކުރިއަސް ހިމްނާ އުޅޭ ގޮތުންނާއި، އަޝްރަފު އުޅޭ ގޮތުގެ ވާހަކަ ކިޔައިދިނީމެވެ. އަޝްރަފު ގޭގައި އުޅެންޏާ ހިމްނާ ރީތިވެގެން ސެންޓުޖަހައިގެން ދެކޮޅަށް ހިނގުމާއި އަޝްރަފު އަންނަ ދުވަސް ދުވަހު މީރު އެއްޗެހި ކައްކާ ވާހަކަ ވެސް ކިޔައިދިނީމެވެ. އަހަންނަށް ވުރެ އަވަހަށް އަޝްރަފު މާލެ އަންނަކަން ހިމްނާއަށް އެނގޭކަމުގައި ބުނީމެވެ. އެ ވާހަކަ ދެއްކުމުން ސާނީ ދިން ޚިޔާލާ އެއްގޮތަށް ކަންކުރުމަށް އަހަރެން ތައްޔާރުވީމެވެ.
މަންމައާ ވާހަކަ ދެއްކުމުން މަންމަގެ ޚިޔާލަކީ ހިމްނާއަށް ތަފާތު އަންނަނީ ކުއްޖަކާ ރައްޓެވެގެން އުޅޭތީ ކަމަށްވެދާނެ ކަމުގައި މަންމަ ބުންޏެވެ. އަދި މަންމައަށް ޝައްކުވާ ކަހަލަ ކަމެއް ނުފެންނަ ކަމުގައި ބުންޏެވެ. އަހަރެން އަޝްރަފަށް ގުޅައިފައި ދެ ދުވަހަކަށް އޮފީސް ދަތުރެއްގައި ރަށަކަށް ދާން ޖެހިއްޖެ ކަމުގައި ބުނީމެވެ. ގޭގައި ވެސް މަންމައާއި ހިމްނާ ގާތު އެ ވާހަކަ ބުނުމަށް ފަހު އަނެއް ދުވަހު ދަބަސް ހިފައިގެން ސާނީމެން ގެއަށް ދިޔައީއެވެ.
"އަހަރެމެންގެ ހީ ތެދަކަށް ވެއްޖެ ނަމަ، މިއަދު އަޝްރަފު އަންނާނެ." އެ ދުވަހު އިރުއޮއްސުނު އިރު އަހަރެމެންގެ ޖާސޫސު އިދާރާއިން ދިން މަޢުލޫމާތުން މާޔޫސް ވެއްޖެއެވެ. އެއްވެސް މީހަކު ގެއަކަށް ނާދެއެވެ. އަދި ހިމްނާ ވެސް ސްކޫލަށް ދާން ފިޔަވައި އިތުރަށް ބޭރަކަށް ނުނިކުމެއެވެ. އެރޭ ނުވައެއް ޖެހުމާއެކު އަހަރެމެން ޖާސޫސްކުރާން ބެހެއްޓި އަޒާން އައިސް ގެއަށް ވަނީ ވަރުގަދަ ޚަބަރަކައިގެންކަން އެނގެއެވެ. އޭނާގެ މޫނުމަތީން ކަންބޮޑުވުމުން އެކުލެވިފައިވެއެވެ.
މިރޭ އަށްގަޑި ސާޅީސް ހައި އިރު ހިމްނާ ބޭރަށް ނިކުމެ މިތާ ކަންމަތީ ހުރި ފިހާރައިން ގަތީ ކޮފީ ދަޅަކާއި އެކްސެލް ދަޅެއް. އޭގެ ފަނަރަ މިނިޓް ފަހުން އަޝްރަފު އައިސް ގެއަށް ވަދެއްޖެ." އެ ހިސާބުން އަޒާންގެ ބައި ނިމުނީއެވެ. ސާނީގެ ބައި ވެސް ނިމުނީއެވެ. ދެން އޮތީ އަހަރެންގެ މަސައްކަތެވެ.
އަޝްރަފު އާންމުކޮށް ބޯނީ އެކްސެލް ދަޅެވެ. އަހަރެން މަޑުމަޑުން ގެއަށް އައިސް ވަނީމެވެ. އަހަރެންގެ ކޮޓަރީގައި އަޝްރަފެއް ނެތެވެ. ހިމްނާގެ ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. އަހަރެން ގޮސް މަޑުމަޑުން އެ ދޮރުގެ ތަޅުގައި ހިފައިލީމެވެ. ކޮޓަރި ހުރީ ތަޅުނުލައެވެ. މަޑުމަޑުން ތަޅުގެ އަތްގަނޑުގައި ހިފައި ހުޅުވައިލި އިރު އެކަކު ވެސް ނެތެވެ. ރޭގަނޑު ނުވައެއް ޖަހާ އިރު، މަންމަ ނިދާނެއެވެ. މިހާރު ގަޑިން ނުވަގަޑި ބައިވަނީއެވެ. މި ގަޑިއަކީ ގޭތެރެ ވެސް ހަމަހިމޭން ގަޑިއެކެވެ. މަޑުމަޑުން އަހަރެން ޓެރަސްއާ ދިމާއަށް ދިޔައިމެވެ. އެ ތަނުގައި ހުންނާނީ ކާޕެޓް އަޅައި ރީތި ގަސް ހައްދައި އުނދޯލި އެލުވައިފައެވެ. ހިތްފަސޭހަ ގޮތަކަށް ހަދައިފައިވާ ޓެރަހަކީ ބައްޕަގެ ދުނިޔޭގައި ބައްޕަގެ ޚިޔާލަށް އަހަރެމެން ފަރުމާކުރި ތަނެކެވެ.
އޭރު އަހަރެން ހަށިގަނޑުން ތުރުތުރު އަޅާކަން އެނގެއެވެ. ޓެރަހަށް ދާން އޮންނަ ސިޑިން އަހަރެން ދިޔައީ ފައިވާން ބާލައިގެން ހުސްފައިގައެވެ. އުނދޯލީގައި އަޝްރަފާއި ހިމްނާ ގައިގޯޅިވެގެން ތިބިތަން އަހަރެން ދުށީމެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. އަޝްރަފަށް މީރު އެއްޗެހި ހިމްނާ ކައްކައިދޭން އުޅޭ ގޮތާއި، ދެ މާނަ އެކުލެވޭ ގޮތަށް ހިމްނާ ދައްކާ ވާހަކަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަރެންގެ ގައިން ވަރުދޫވާހެން ހީވާން ފެށުމާއެކު ހަޅޭއްލަވައި ގަނެވިއްޖެއެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.
ލޯހުޅުވުނު އިރު އޮތީ އެނދުގައެވެ. ކައިރީގައި އިނީ މަންމައެވެ. އެ ވަގުތު ހިމްނާ ވެސް އައިސް ކޮޓަރިއަށް ވަނެވެ. އަހަރެން އޭނާއާ ދިމާއަށް ނުބަލާންވެގެން އަނެއް ފަރާތަށް އެނބުރުނީމެވެ.
"ދޮންތާ! އަހަންނަށް މާފުކުރޭ." ހިމްނާ ވާހަކަދައްކާން ފެށިއެވެ. އަހަރެން އަތުގެ އިޝާރާތުން ހުއްޓައިލާން ބުނީމެވެ.
"ކިހިނެއްވީ؟" މަންމައަށް ގޭތެރޭގައި ހިނގި އެއްވެސް ކަމެއް އެނގޭހެނެއް ހިއެއް ނުވެއެވެ. އޭރު އަޝްރަފު ވެސް ކޮޓަރިއަށް އަތުވެއްޖެއެވެ.
"މަންމަ އަށް އެނގޭތަ؟ އަހަރެންގެ ދުޝްމަނަކީ ހިމްނާ. އޭނަގެ ހުރި ގޮތްކުޑަކަން ދެކިބަލަ. އަޝްރަފު ފަހަތުގައި އޭނާ އެ ދުވަނީ. އެހެން ފިރިހެނަކު ހޯދާކަން ނޭނގުނު. އަހަރެންގެ ދިރިއުޅުމަށް ވިހަލާން ނިކުތީ އެއްބަޑު އެއްބަފައި ކޮއްކޮ. އަޅެ. ހުތުރެއް ނޫންތަ؟" އަހަރެން ލޮލުން ކަރުނަ ފައިބާ ވަރުން ވާހަކަދައްކާން އުނދަގޫވިއެވެ.
"މިހިރަ ބޭވަފާތެރި ފިރިހެނާ މި ގެއިން ނިކުމޭ." މަންމަ ހުރީ ބުނާނެ އެއްޗެއް ނޭނގި އަނގަމަތީ އަތްއަޅައިގެންނެވެ. އަހަރެންގެ ދިރިއުޅުން ބަރުބާދުވެއްޖެޔޭ ބުނެ ރޮއިގަނެވުނެވެ. ޙަޔާތުގައި އެންމެ ރަނގަޅަށް އުޅެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވީއެވެ. (ނިމުނީ)