ކަރުނައިގެ އަސަރު (19)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 ޖޫން 9ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
______________________________________
އަހަރެންގެ ލޯބީގެ ސަވާބަކީ ކޮބައިބާއޭ ހިތަށްއަރައެވެ.
ކަލާ ނުވާ ނަމަ، އަހަރެންނަށް ވާނެ ގޮތް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
______________________________________
ޚާން އަކުބަރުގެ ހަށިގަނޑުގައި ބޮމެއް ގޮވި ކަހަލައެވެ.
އޭނާ އާދަޔާ ޚިލާފު ބިރުވެރި ދެ ލޮލަކުން ކައުސަރަށް ބަލައިލިއެވެ. އަދި ރުޅިވެރިކަމުން އޭނާގެ މޫނު ރަތްވެގެން ދިޔައެވެ.
"ތިޔަ ދައްކަނީ ކޮންބޭކާރު ވާހަކައެއްތަ؟" ޚާން އަކުބަރު ހަޅޭއްލަވައިގަތެވެ.
"ތިބާއަށް މަޢުލޫމާތުދިނުމަކީ އަހަރެންގެ ފަރުޟެއްކަމަށް ދެކޭތީ ބުނެލީއެވެ." ކައުސަރު ބުންޏެވެ.
"ކައުސަރަށް ތިހުރިހައިކަމެއް އެނގުނީ ކިހިނެއްހެއްޔެވެ؟"
"އަޅުގަނޑު އަނދިރިއެއްނޫނެވެ. ------- އަދި އަހަރެންނަކީ އަންހެނެކެވެ. އެހެންނޫނަސް ރަޢުނާގެ މޫނު -----------"
"ޝަޓް-އަޕް -------" ޚާން އަކުބަރު ހަޅޭލަވައިގަތެވެ.
"މުޅި ވާހަކަ އަޑުއައްސަވައިފައި ކަށަވަރުކުރައްވާށެވެ. ------- އަޅުގަނޑަކީ ތިބާގެ އަންހެނުންނެވެ. އަޅުގަނޑަކީ ތިބާގެ ޢިއްޒަތާއި ޝަރަފުގައި ހަމަހަމަ ބައިވެރިއެކެވެ. ތިބާއަށް ހިތްދަތިކަމެއްލިބިއްޖެއްޔާ އެއީ އަޅުގަނޑަށް ވެސް ލިބޭ ހިތްދަތިކަމެކެވެ."
ކައުސަރު ބުންޏެވެ.
"ރަޢުނާއާ، ކައުސަރު ވާހަކަދައްކައިލީންހެއްޔެވެ؟"
"ނޫން --------" ކައުސަރު ބުންޏެވެ.
"ވާހަކަ ދައްކައިލަބަލާށެވެ. -------"
"އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ------- ޚާން ސާހިބު ވެސް ހިތްވަރުކުރައްވާށެވެ. ------ އެއީ ޒުވާން އަންހެންކުއްޖެކެވެ. ހަޅޭލަވައި އަޑުލައިގެން ރަނގަޅެއް ނުވާނެއެވެ. އަދި އޭރުން އިޙްތިރާމު ވެސް ގެއްލޭނީއެވެ." ކައުސަރު ލަފައެއްދިނެވެ.
"އަހަރެންގެ އަންހެނުން ކައުސަރު! ------ އަހަރެންނަށް ކައުސަރު ވެސް އަދި ރަޢުނާ ވެސް ބަޑިޖަހައި މަރައިލެވިދާނެއެވެ. ----- ޚާން އަކުބަރުގެ ޝަރަފާ ޢިއްޒަތަކީ އެހައި އަގު ދަށް އެއްޗެއްނޫނެވެ. އެހެންކަމުން ބަދުނާމުވާކަށް އަހަރެން ބޭނުމެއްނުވާނެއެވެ." ޚާން އަކުބަރު ރުޅިއައިސްގެ ހަޅޭލަވައިގަތެވެ.
"އަހަރެން މަރައިލާންވީ ކީއްވެހެއްޔެވެ؟ އެކަމުގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟"
"ކައުސަރަކީ އޭނާގެ މަންމައެވެ. ------"
"ތިބާގެ ދަރިފަސްކޮޅަށް މިޙާލަތު ދެނެގެނެވިފައިނުވާކަމީ އެއީ އަހަރެންގެ ބަދު ނަޞީބެވެ.
ކައުސަރު ބުންޏެވެ.
"އޯވހ -------- މިހައިރު ދެން ތިޔަ ވާހަކަ ހުއްޓައިލާށެވެ. ------- އަހަރެން އަމިއްލައަށް އޭނާއާ ވާހަކަދައްކާނަމެވެ. އަހަރެން އޭނާ މަރައިލާނަމެވެ. އަހަރެމެންގެ ޢިއްޒަތާ ޝަރަފު ވެއްޔާ މޮޑެލާން މަސައްކަތްކުރުމުންނެވެ. އޭނާ މިވަގުތު ކޮބައިހެއްޔެވެ؟" ޚާން އަކުބަރު ހަޅޭލަވައިގަތެވެ.
"އޭނާ، އޭނާގެ ކޮޓަރީގައެވެ. ------ އެކަމަކު --------" ކައުސަރު ބުންޏެވެ.
"ބުނޭ ------ ބުނޭ -------- ނުބުނާނެކަމެއްނެތެވެ. ------- އަވަހަށް ބުނޭ ------ އަހަރެންގެ ލޭ މިހިރަގެން ހޫނުވަނީއެވެ." ޚާން އަކުބަރު އަނެއްކާވެސް ހަޅޭލަވައިގަތެވެ.
"ތިޔަ ހުންނެވީ ވަރަށް ރުޅިދުރުވެފައެވެ. ------ މި ވަގުތު އޭނާގެ ކުރިމައްޗަށް ދުރުވުން ރަނގަޅެއްނޫނެވެ. އެއީ ޒުވާން އަންހެންދަރިފުޅެކެވެ. -------- ނުބައި ފިޔަވަޅެއް އަޅައިފިއްޔާއޯ --------؟" ކައުސަރު ވިސްނައިދެމުން ބުންޏެވެ.
"ގެޓް އައުޓް ----------"
ޚާން އަކުބަރު ހުރީ ރުޅިއައިސްގެން ފަޅައިގެންދާ ވަރު ވެފައެވެ. -------- އޭނާ ޠޫފާނެއްފަދައިން ކޮޓަރީން ނުކުމެއްޖެއެވެ.
ރަޢުނާގެ ކޮޓަރިއާ ހަމައަށް އޭނާ ދިޔުމަށް ހޭދަވީ މަދު ސިކުންތު ކޮޅެކެވެ.
ރަޢުނާގެ ބަދު ނަޞީބާ މެދު އޭނާއަށް ވިސްނެނީ ކީއްވެގެންކަމެއް ނޭނގެއެވެ. ބައްޕަ ކޮޓަރިއަށް ވަންނަ ތަން ފެނުމުން ރަޢުނާ ތެދުވިއެވެ.
"ރަޢުނާ --------!" ޚާން އަކުބަރު އެއްޗެއް ބުނުމަށްޓަކައި ތުންފަތް ޙަރަކާތް ކުރުމަށް މަސައްކަތްކުރިނަމަވެސް އޭނާގެ އަނގަ ބަންދުވިއެވެ.
އޭނާ ރަޢުނާއަށް ބަލާން ހުރީ ނަފުރަތުގެ ދެލޮލުންނެވެ.
"ބައްޕަ -------- އިށީންނަވާ ------!"
ރަޢުނާ ސޯފާ ގޮނޑިން ތެދުވެ ކޮޅަށް ހުރެ ބުންޏެވެ.
"އަހަންނަށް މި އިވެނީ ކޮން ވާހަކަތަކެއްހެއްޔެވެ؟" ޚާން އަކުބަރު ކަރުތެރޭން ހަޅޭއްލަވައިގަތެވެ.
ރަޢުނާއަށް ސިހުމެއް ލިބުނެވެ.
އެ ސިއްރު އެހައި އަވަހަށް ފަޅައިއަރައިފާނެކަމަށް އޭނާ އުންމީދެއްނުކުރެއެވެ.
އެކަމަކު އެ ހުރިހައި ކަމެއް ބައްޕައަށް އެނގިލެއްވީ ކިހިނެއްހެއްޔެވެ؟ --------
އަނެއްކާ ޢާމިރު ބުނީބާއެވެ؟ ------ ނޫނީ އެ ގޮތަށް އޭނާގެ ޒުވާން މަންމަ ވިސްނާންފެށީހެއްޔެވެ؟
"ރަޢުނާ އަހަރެންނަށް ޖަވާބު ނުދިނީ ކީއްވެ؟" ޚާން އަކުބަރު ބުންޏެވެ.
"ބައްޕައަށް އިވިލެއްވި އަޑަކީ ޞައްޙަ އަޑެކެވެ." ރަޢުނާ ތުންފަތުގައި ދަތް އަޅައިގެންހުރެ ބުންޏެވެ.
އެއަށް ފަހު، އަނެއް ފަރާތަށް މޫނު އަނބުރައިލަމުން އަނެއްކާ ވެސް ރަޢުނާ ބުންޏެވެ.
"ބައްޕަ އިށީންނަވާށެވެ. ------"
ޚާން އަކުބަރު ބުންޏެވެ. "ކީކޭ؟ ------ ތިބުނި އެއްޗެއްގެ މާނައަކީ ކޮބައި؟"
ޚާން އަކުބަރުގެ ސިކުނޑި އެނބުރެމުން ފެށިއެވެ.
އޭނާގެ ކަރުތެރެއިން އާދަޔާ ޚިލާފު ބިރުވެރި އަޑެއް ނުކުތެވެ.
ރަޢުނާ މޫނު ފޮރުވާލަމުން މަޑު މަޑުން ބުންޏެވެ.
"ތިޔަ ކުރެއްވި ސުވާލަކީ މަންއަކު އަންހެންދަރިފުޅާ ކުރާން ޖެހޭ ސުވާލެވެ. ------- ބައްޕައަކު ނޫނެވެ." ރަޢުނާ ބުންޏެވެ.
ޚާން އަކުބަރުގެ މުށި ހަށިގަނޑު ތުރުތުރުއަޅަމުންދިޔައެވެ.
އޭނާ އެއްޗެއް ބުނާންވެގެން ވިސްނައިލިއެވެ. ނަމަވެސް އޭނާގެ އެއްޗެއް ބުނާން އުޅެފައި ނުބުނެ އޭނާގެ ތުންފަތް ފިއްތައިލިއެވެ.
އޭނާ ރުޅިވެރިކަމާއި ނަފުރަތުގެ ދެލޮލުން ރަޢުނާއަށް ބަލަމުންދިޔައެވެ. ރަޢުނާ އޭރު ހުރީ އޭނާގެ ބައްޕައަށް ފުރަގަސްދީގެންކަމަށް ވާތީ، އޭނާގެ ބައްޕަ އެ ވަގުތު ހުރި ގޮތެއް އޭނާއަކަށް ނޭނގެއެވެ.
"ރަޢުނާ ---------!"
"މަޑުމަޑުން ވާހަކަދައްކަވާށެވެ. ------- އެހެން ނޫނީ ބައްޕަ އޮރިޔާންވެދާނެއެވެ." ރަޢުނާ ހަޅޭލަވައިގަތެވެ.
"ކީކޭތަ ތިކިޔަނީ --------؟ ޚާން އަކުބަރު ރުޅި ކޮންޓްރޯލު ވާގޮތެއް ނުވިއެވެ.
"ބައްޕައަކު އަންހެންދަރިފުޅަކާ ތިޔަ ކުރެއްވިފަދަ ސުވާލެއް ކުރެއްވުމުގެ އަޚްލާޤީ ހިތްވަރެއް ބައްޕަގެ ކިބައިގައެއް ނެތެވެ."
"މަޑުމައިތިރިކަމާ އެކު ވާހަކަ ދެއްކެވުމަށް އަޅުގަނޑު ނަންގަތީމެއް ނޫންތޯއެވެ؟ ------ އަޅުގަނޑު އެ ވާހަކަ ބުނާންޖެހޭ ވަގުތެއް އަދި ނާދެއެވެ." ރަޢުނާ ބުންޏެވެ.
"އެ ޢަމަލު ހިންގި އަނިޔާވެރިޔާގެ ނާން ބުނެބަލާށެވެ." ގުގުރިއެއްޖަހައިފަދައިން ހަޅޭލަވައިގަންނަމުން ޚާން އަކުބަރު ބުންޏެވެ.
"އަހަރެންގެ އަނގަ މިހައިރުވަނީ ބަންދުކޮށްފައެވެ. --------" ރަޢުނާ އަޑުގައިވަނީ ހިތްވަރާއި ގަދަފަދަކަމެވެ.
"އަހަރެމެން އެކަން ޙައްލުކުރާނަމެވެ." ޚާން އަކުބަރު ބުންޏެވެ.
"އަޅުގަނޑު ބައްޕަގެ އެހީތެރިކަމަކަށް ނޭދެމެވެ. އަދި ބައްޕަގެ އަތުގައިވެސް ނުހިފަހައްޓަމެވެ." ރަޢުނާގެ އަޑުގައި ވަނީ އެހިތްވަރާ އެ ގަދަފަދަކަމެވެ.
"ރަޢުނާ ----------!" ޚާން އަކުބަރު އަނެއްކާ ވެސް ހަޅޭލަވައިގަތެވެ.
"މިހާރު މިތަނުން ދުރުވުމަށް އަޅުގަނޑު އާދޭސް ކުރަމެވެ.----------" ރަޢުނާ އަނެއްކާވެސް ބުންޏެވެ.
"އޭނާގެ ނާން ބުނެބަލާށެވެ. -----!" ޚާން އަކުބަރު އަނެއްކާވެސް ރުޅިވެރިކަމާއެކު ސުވާލު ކުރިއެވެ.
"އަނެއްކާވެސް ---------" ރަޢުނާ ހުރީ ވަރަށް ހަމަޖެހިފައެވެ.
ޚާން އަކުބަރު އޭނާގެ ދަރިފުޅަށް ބަލާން ހުރީ މަލާމާތުގެ ގޮތަކަށެވެ.
ދެން ހިތާމަވެރި ގޮތެއްގައި އޭނާ އަވަހަށް ކޮޓަރީން ބޭރަށް ނުކުތުމަށް ޓަކައި ހިނގައިގަތެވެ.
ކައުސަރު ބޭރުގައި ހުރެގެން އެ ދެބަފައިންގެ ވަރަށް ގިނަ ވާހަކަ އަޑުއެހިއެވެ. އޭނާ އެއް ފަރާތަކަށް އަވަހަށް ނުޖެހުނު ނަމަ، ޚާން އަކުބަރު އޭނާގައިގައި އަޅައިގަންނާނެކަން ޔަޤީނެވެ.
ކައުސަރާ ދިމާއަށް ބަލައި ވެސް ނުލައި ޚާން އަކުބަރު ކޮޓަރީން ނުކުމެގެން އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ކައުސަރު އޭރު ވެސް ހުރީ އޭނާގެ ފަހަތުގައި ވިއްދައިފައެވެ.
ދެ މީހުން -------- އެ ގޮތުގައި ކޮޓަރިއަށް ވަދެއްޖެއެވެ.
ކޮޓަރިއަށް ވަނުމާއެކު ޚާން އަކުބަރު ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
"އެ ބަދުނަޞީބު އަދި ނުލަފާ ފިރިހެނާގެ ނަން ހޯދައިބަލާށެވެ. ------- ރަޢުނާ އެއްވެސް އެއްޗެއް ނުބުންޏެވެ." ޚާން އަކުބަރު ބުންޏެވެ.
"އަޅުގަނޑު ކުރީން ނަންގަތީމެއްނޫންތޯއެވެ؟ ------ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު މުޢާމަލާތްކުރާށެވެ.------" ކައުސަރު އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
"ބޭކާރު ވާހަކަ ނުދައްކާ އެ ޢަމަލު ހިންގި މީހެއްގެ ނަން ރަޢުނާ ކުރެން އަހައި އޮޅުންފިލުވައިގެން އަންނާށެވެ. އެއްވެސް މީހަކަށް އަހަރެމެންގެ ޝަރަފާއި ޢިއްޒަތާ ކުޅުމުގެ ޙައްޤެއް ނޯންނާނެއެވެ."
"އޭނާއަށް އެ ކެހި ދީފައި ވަނީ ކާކުހެއްޔެވެ؟---------" ޚާން އަކުބަރު ވަރަށް ބާރަށް ހަޅޭލަވައިގަންނަކަހަލަ ގޮތެއްގައި ބުންޏެވެ.
"ކޮންމެވެސް ވަގުތަކުން ލޯތްބާ އެކު، ރަޢުނާއާ ވާހަކަދައްކައިގެން އެއީ ކާކުތޯ އޮޅުންފިލުވާން އަހަރެން މަސައްކަތްކުރާނަމެވެ. އެކަމަކު އޭނާ އެއްވެސް އެއްޗެއް ނުބުނުމަކީ އެކަށީގެންވާ ކަމެކެވެ." ކައުސަރު ބުންޏެވެ.
ޚާން އަކުބަރު ރުޅިވެރިކަމުގެ އަލިފާނުން ރޯވެފައިވާ ބެލުމަކުން ކައުސަރަށް ބަލައިލިއެވެ.
ކައުސަރު އަވަސް އަވަހަށް އަނެއްކާވެސް ބުންޏެވެ.
"ޒުވާން އަންހެން ދަރިފުޅެއްގެ މައްސަލައެވެ. -------- އެއްވެސް ހަރުކަށި ފިޔަވަޅެއް އަޅާކަށް ބޭނުމެއްނޫނެވެ. ------ އަހަރެން ބޭނުންވަނީ ވިހަލީ ހަރުފަ މަރުވިނަމަވެސް ވާފަށް ކަނޑައިގެން ނުދިއުމަށެވެ."
"ކައުސަރު ތިޔަ ބުނާ އެއްޗެއް ސާފުކޮށް ބުނެބަލަ--------!"
"މިވަގުތު ތިބާގެ އަމިއްލަ ނަފުސު ކޮންޓްރޯލުކުރާށެވެ. ------ އަހަރެން އެކަން ޙައްލުކުރާނަމެވެ."
"ކޮންކަމެއް ޙައްލުކުރާންހެއްޔެވެ؟ -------" ޚާން އަކުބަރު ހަޅޭލަވައިގަތެވެ.
"މިއީ އަންހެނުންގެ މުޢާމަލާތެއްކަން އަހަރެން ތިބާއަށް ވިސްނައިދޭނީ ކިހިނަކުންހެއްޔެވެ؟" ކައުސަރު ބުންޏެވެ.
"ދޭ ------!! މިތަނުން ދާށެވެ! ------ ހަމަ މިހާރު މި ތަނުން ދާން އުޅޭށެވެ. -------- ކޮޓަރީން ވެސް ނުކުމެގެންދާށެވެ. ------ އަހަރެންގެ ސިކުނޑި މިއޮއް ފަޅައިގެންދަނީއެވެ." ޚާން އަކުބަރު ބޯ ހޫރައިލަމުން ބުންޏެވެ.
ދެން ކައުސަރު ކޮޓަރީން ބޭރަށް ނުކުމެއްޖެއެވެ.
----------------------------------------------------
(އަދި ނުނިމޭ)