އެންމެންނަށް އެނގެއެވެ. ގިނަ މީހުން ގަބޫލުކުރެއެވެ. އެކަމަކު ނުހުއްޓުވެއެވެ. މި ވަނީ ކިހިނެއްހެއްޔެވެ؟
ޢަޒީޒު ޖަމާލު (މާވަށު އަޒީ)
އެއްވެސް ޝައްކެއް ނެތެވެ. އިސްރާއީލޭ ކިޔައިގެން އުޅޭ ޣައިރުޤާނޫނީ ދައުލަތަކީ ނިރުބަވެރި ޖަމާޢަތެއްކަން އެންމެންނަށް އެނގެއެވެ. އެ މީހުންގެ ނޭއްގާނިކަމާއި މަކަރުވެރިކަމާއި އެއީ އަނިޔާވެރި އިންސާނިއްޔަތުކަމެއް ނެތް ބަޔެއްކަން ދުނިޔޭގެ އެންމެންނަށް މިއަދު އެނގެއެވެ. މި ކަން ދުނިޔޭގެ ހުރިހައި މުސްލިމުންނާއި އިންސާފަށް ލޯބިކުރާ އިންސާނިއްޔަތުކަމެއް ހުރި ކޮންމެ މީހަކު މިއަދު ގަބޫލުކޮށްފިއެވެ.
މި ދިޔަ އަހަރު
އޮކްޓޫބަރުން ފެށިގެން ޣައްޒާގައި ހިނގަމުން ދާ އަނިޔާވެރި އަދި ލޭއޮހޮރުވަނިވި
ޙަމަލާތަކާ ބެހޭ ގޮތުން އެ ކަމުގައި ހިމެނޭ ދެ ފަރާތުން ހިންގާ އިންސާނިއްޔަތާ
ޚިލާފު ޢަމަލުތައް ބަލައި ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް އދ. މަޖިލީހުން
އެބަ ކުރެޔޯލައެވެ. އެ ކަމުގެ ހަގީގަތް ނޭގޭތީކީ ނޫނެވެ. އެމެރިކާއާއި އެމެރިކާގެ
ބައިވެރީނަކީ އިސްރާއީލަށް ކަނު ލޮލަކުން ބަލައި ހައްދެއް މިނެއް އިމެއް ނެތް ވަރަށް
އެހީތެރިވާ ގައުމަކަށްވާތީ އިސްރާއީލު ބަދުނާމުވާ ކޮންމެ ފަހަރަކު އެ ކަމުގެ
އިލްޒާމު އެހެން ބަޔެއްގެ ބޮލުގައި އަޅުވާން ބޭނުންވާ ބަޔަކަށް ވާތީއެވެ. އެންމެ ކުޑަމިނުން
އިސްރާއީލާ އެއް މިންވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް، ފަލަސްޠީނު ރައްޔިތުން، ޚާއްޞަކޮށް
ޙަމާސް ޖަމާޢަތް، ކުށްވެރިކުރާން ބޭނުންވާތީއެވެ. ނަމަވެސް ޣައްޒާއަށަ ގޮސް
މަންޒަރު ލޮލުން ދެކޭ ކޮންމެ މީހަކަށް އެނގި ސާބިތުވަނީ އިސްރާއީލަށް ތާއީދުކުރާ
ހުޅަނގުގެ މީޑީއާއިން ރިޕޯޓުކުރަނީ ހަގީގަތާ ޚިލާފު މަޢުލޫމާތުކަމެވެ. އެ ރަށުގައި
ހިންގަނީ ހަނގުރާމައެއް ނޫންކަމާއި އިސްރާއީލުން ހިންގަނީ ބޮޑުވެގެންވާ
ޖަރީމާއެއްކަމެވެ. ނަސްލުހޭދެއްކަމެވެ.
އދ.ގެ މިނިވަން ބައިނަލްއަގުވާމީ އިންކުއަރީ ކޮމިޝަނގެ މަންދޫބެއްކަމަށްވާ މރ. ކްރިސް ސިދޫތީ މި މަސައްކަތުގައި ޣައްޒާއަށް ދެވުމުން ވީ ޙައިރާނެއްގެ ބޮޑުކަމުން ބޭ އިޚުތިޔާރުގައި ނަމަވެސް އޭނާއަށް ބުނެވުނީ "އިސްރާއީލު ސިފައިންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކުށްވެރި [އެންމެ އަނިޔާވެރި] ސިފައިން"ކަމަށެވެ. ދާދި ފަހުން އިސްރާއީލުގެ އަނިޔާވެރި އަދި ނިރުބަވެރި ބޮޑުވަޒީރު ބުނި ބުނުމަކާ ޙަވާލާދީ ކްރިސްސިޔޫތީ ބުނެފައިވެއެވެ. "ޔަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުގެ ސިފައިންނަކީ އެންމެ އަޚުލާޤު ރަނގަޅު ސުލޫކީ ސިފައިންކަމަށެވެ. އަހަންނަކީ މީހުންގެ އަޚުލާޤީ ފެންވަރު ބަލައި ވަޒަންކުރުމުގެ ތަޖުރިބާއެއް އަދި އެ ކަމުގެ އިޚުތިޔާރެއް ލިބިފައިވާ މީހެއް ނޫނެވެ. ފަހަރެއްގައި ނަތަންޔާހޫއަށް އެ ތަޖުރިބާ އާއި އިޚުތިޔާރު އޮތީތޯއްޗެކެވެ. އަހަންނަކަށް ނެތެވެ." އޭނާ ބުނެފައިވެއެވެ. "ނަމަވެސް ހަނގުރާމައިގައި ހިންގާ އަނިޔާވެރި ޢަމަލުތަކާއި އެކިއެކި ޖަރީމާތައް ބަލައި ވަޒަންކުރުމުގެ ތަޖުރިބާއާއި މަޢުލޫމާތާއި އެ ކަމުގެ އިޚުތިޔާރު ވެސް މަށަށް ލިބިފައިވެއެވެ. އަހަންނަށް ވަޒަންކުރެވި ސާފުވީ އިސްރާއީލު ސިފައިންނަކީ މުޅި ދުނިޔޭން ވެސް އެންމެ އަނިޔާވެރި މުޖުރިމު ސިފައިންކަމެވެ."
އިތުރު ވާހަކައެއް
އަޑުއެހުމުގެ ބޭނުމެއް ނެތެއް ނޫންތޯއެވެ! މި ދެންނެވީ އދ.ގެ ޚާއްޞަ މަންދޫބެއްގެ
ބަހެވެ. ހަނގުރާމައިގެ ޙަލާތު ބަލައި ކުށްތައް ވަޒަންކުރުމަށް ޓަކައި ޢައްޔަންކުރެވިފައިވާ
ތަޖުރިބާކާރެއްގެ ބަހެވެ. އޭނާގެ ތަޖުރިބާއިން ހާމަވީ އިސްރާއީލު ސިފައިން
ފަލަސްތީނުގެ ރަށްތަކުގައި ހިންގަނީ ހަނގުރާމައެއް ނޫންކަމާއި އަނިޔާވެރި
ޖަރީމާއެއްކަމެވެ. އިންސާނިއްޔަތާ ޚިލާފު ޢުދުވާނެއްކަމެވެ.
ފަލަސްތީނުގެ ރައްޔިތުން ނެތިކޮށްލައި ފަލަސްތީނުގެ މުޤައްދަސް ބިންތައް ފޭރިގަތުމަށް ޓަކައި ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރިމަތީގައި މި ޖަރީމާތައް ހިންގާތާ އަށް މަސް ވެއްޖެއެވެ. އެ ކަން ހުއްޓުވޭނެ ބާރެއް ދުނިޔެއަކު ނެތެވެ. ސަބަބަކީ ކޮބައިތޯއެވެ؟
ސަބަބު ވަރަށް ސާފެވެ. ކުރުކޮށް ދަންނަވާ ނަމަ، އިސްރާއީލް ނުހުއްޓުވިގެން އުޅެނީ ދުނިޔޭގައި އިންސާފު ނެތިގެންނެވެ. ދުނިޔޭގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުގެ މުނާފިގުކަމުންނެވެ. އިޚުލާޞްތެރިކަން ނެތިގެންނެވެ. އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ނެތުނީމައެވެ. އެހެން ނޫން ނަމަ، އިސްރާއީލުގެ، މަރަށް ބިރުގަންނަ، ފިނޑި ސިފައިން އެއް ދުވަހުން ވެސް ހުއްޓުވިދާނެއެވެ. އެމެރިކާއިން އޮއްސަމުން ގެންދާ ހަނގުރާމަވެރި ހަތިޔާރުތަކާއި ފައިސާގެ އެހީއާ ނުލައި ހަފުތާއެއް ވަންދެން ވެސް އެ ޢުދުވާނު އިސްރާއީލަކަށް ނުދެމެހެއްޓޭނެއެވެ. އެހެންވީމާ މި ކަން ނުހުއްޓުވިގެން އުޅޭ މައިގަނޑު ސަބަބަކީ އެމެރިކާގެ އިންސާފެން ހަމައެއް ނެތުމެވެ.
_____________________________