Advertisement

ފޮތް ވިއްކާ ޒުވާން އަންހެން ކުއްޖާ

21 Jun 2024 | 11:37
ފޮތް ވިއްކާ ޒުވާން އަންހެންކުއްޖާ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އަންހެން ކުއްޖަކު އޭނާގެ ބައްޕަގެ ފޮތް ވިއްކާ ފިހާރައިގައި ފޮތް ވިއްކަން ހުއްޓައި އޭނާގެ ސިއްރު ލޯބިވެރިޔާ އެ ތަނަށް އައެވެ. އެ ވަގުތު އަންހެން ކުއްޖާގެ ބައްޕަ ވެސް މާ ދުރު ނޫން ހިސާބެއްގައި ހުއްޓެވެ.

ދެން، އޭނަގެ ލޯބިވެރިޔާއާ މުޚާތަބުކޮށް އަންހެން ކުއްޖާ ބުންޏެވެ. "އިނބަ ތިޔަ އައީ އިނގިރޭސި ޓޮމް ޕެއިންސްގެ "ބައްޕަ ގޭގައި އުޅުއްވައިހެއްޔެވެ؟" މި ފޮތް ބަލައިހެއްޔެވެ؟

ޖަވާބުގައި ލޯބިވެރިޔާ ބުންޏެވެ. "ނޫނެކެވެ. އަހަރެން ބޭނުން ވަނީ އިނގިރޭސި އެހެން ލިޔުންތެރިޔެއްގެ އެހެން ފޮތެކެވެ. ހަނދާންވާ ގޮތުގައި އެ ފޮތުގެ ނަމަކީ "ކަލާއާ ބައްދަލު ވާނީ ކޮންތާކުން ހެއްޔެވެ؟"

އަންހެން ކުއްޖާ ބުންޏެވެ: "އަހަރުމެން އަތަކު ތިޔަ ފޮތެއް ނެތެވެ. ނަމަވެސް، ތިޔަ ފޮތުގެ މައުޟޫއާ ވަރަށް ގުޅޭ އެހެން ފޮތެއް އެބަ އޮތެވެ. ނަމަކީ "އަނބު ގަހުގެ ހިޔަލުގެ ދަށުގައި" މިއެވެ. މުއައްލިފަކީ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖޯން ސްމިތު އެވެ.

ދެން ފިރިހެން ކުއްޖާ ބުންޏެވެ. "އެންމެ ރަނގަޅެވެ. މިތާ ކައިރީ ހުރި ފިހާރައަކުން އެހެން އެއްޗެއް ގަނެލައިގެން އަންނާނަމެވެ. އަންނަމުން އިނބައާ ގުޅައިލާނަމެވެ. ދިހަ ވަރަކަށް މިނިޓު ފަހުން އަހަރެންގެ ކޯލު ލިބޭނެކަމަށް ހީކޮށްލާށެވެ.

ދެން، އަންހެން ކުއްޖާ ބުންޏެވެ. "އެއްވެސް މައްސަލައެއް ނެތެވެ. އިނބައަށް އެހެން ފޮތެއް ވެސް ދައްކައިލާން ހިތަށް އަރައެވެ. އެއީ ވެސް އެމެރިކާގެ ލިޔުންތެރިއެއްގެ ފޮތެވެ. ނަމަކީ "އަބަދުވެސް ވަފާތެރިކަން މަތީ އަހަރެން ހުންނާނަމެވެ!"

މި ވާހަކަތައް ދައްކާ އަޑު، އަންހެން ކުއްޖާގެ ބައްޕައަށް، އިވުނެވެ. ދެން، އެ ދެ ކުދިންގެ ގާތަށް ޖެހިލައިފައި އަންހެން ކުއްޖާއާ މުޚާތަބުކޮށް ބައްޕަ ބުންޏެވެ. ފޮތް ގަންނާން އައި ކުއްޖާއަށް ކަމުދާ އެހެން ފޮތެއް ވެސް އެހެރަ ހަރުގެ އެންމެ މަތީގައި އޮންނާނެއެވެ. އެ ފޮތުގެ ނަމަކީ މިއެވެ. "އަހަރެން އެހާ ގަބެއް ނޫނެވެ. ތިޔަ ކިޔާ އެއްޗެއް އަހަންނަށް ވެސް ވިސްނެއެވެ."

ދެން، ދަރިފުޅު ގާތު އަދިވެސް ބައްޕަ ބުންޏެވެ. ދަރިފުޅަށް ކަމުދާ ފޮތެއް ވެސް، ހަމަ އެ ހަރުގައި، އެ ފޮތް ކައިރީގައި އޮންނާނެއެވެ. އެ ފޮތަށް ކިޔަނީ "ދެން މީގެ ފަހުން ފިހާރައަށް ނައިސް ގޭގައި މަޑުކޮށްލާށެވެ!"

____________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް