Advertisement

މި ދުވަސްތަކުގައި ރޯދަހިފައިގެންނެއް ނުވާނެއެވެ.

21 Jun 2024 | 08:28
އުޟުޙިއްޔާ ކަތިލަނީ

ޢަޒީޒު ޖަމާލު

ރޯދައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޚާއްޞަކުރައްވައިފައިވާ ވަރަށް މުހިންމު އަޅުކަމެކެވެ. އެހެން އަޅުކަންތަކާ ޚިލާފަށް އިޚުލާޞްތެރިކަމާ ނުލައި އަދާ ނުކުރެވޭނެ އަޅުކަމެކެވެ. އެހެނީ ރޯދައޭ މި ކިޔަނީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ (ފަޖުރުން ފެށިގެން) އިރު އޮއްސިއްޖައުމަށް ދާނދެން އެ ކަމުގެ ގަސްތާ އެކު ވަކި ކަންތައްތަކެއް ދޫކޮށްލައިގެން ހުންނަ ހުރުމަށެވެ. އެއިން ކަމެއް ސިއްރުން ކުރިޔަސް އެހެންވީމާ އެއީ ރޯދައަކަށް ނުވާނެއެވެ. އެ އަޅުކަމެއް ﷲ ގަބޫލުކުރެއްވުމާއި ނުކުރެއްވުމުގެ ވާހަކައެއް ނޫނެވެ. ކަމަކުން ދުރުވެގެން ހުރުން އެއީ ރޯދަކަމަށް ވާނަމަ، އެއިން ކަމަކަށް އަރައިގެންފި ނަމަ، އެއީ ރޯދައަކަށް ނުވާނެތީއެވެ.

ނަމާދަކީ ނިޔަތަކާއެކު ދުލުންކިޔާ ކިޔުންތަކަކާއި ހަށިގަނޑުގެ ޙަރަކާތްތަކެއްގެ މައްޗަށް އެކުލެވޭ އަޅުކަމެކެވެ. އެހެންކަމުން އެ ކަންކަން ފުރިހަމަކޮށްފި ނަމަ، އެއީ ނަމާދެކެވެ. އަލްމުއުމިނޫން ސޫރަތުގައި މުއުމިނުން ކާމިޔާބުވެއްޖެކަމަށް އަންގަވައި، މުއުމިނުންގެ ފުރަތަމަ ސިފައެއްކަމަށް އެއީ ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުންކަމަށް އަންގަވައިފައިވަނީ މިހެންވެގެންނެވެ. ޚުޝޫޢަތްތެރިކަމާ ނުލައި އިޚުލާޞްތެރިކަމެއް ނެތި ކުރާ ނަމާދު ﷲ ޤަބޫލުފުޅު ނުކުރެއްވިޔަސް، ނަމާދުގެ ނިޔަތާއެކު ކިޔުންތަކާއި ޙަރަކާތްތައް ފުރިހަމަ ކޮށްފި ނަމަ ނަމާތަކަށް ވާނެއެވެ. އެ ނަމާދު ޤާބޫލުފުޅު ނުކުރެއްވިޔަސް އޭނާ އެ ކުރީ ނަމާދެއް ނޫނެކޭއެއް ނުބުނެވޭނެއެވެ. ނަމަވެސް ރޯދަ ތަފާތެވެ. ސިއްރުން އެއް ކެޔަސް ރޯދައަކަށް ނުވާނެތާއެވެ. ރޯދައަކަށް ވަނީ ކެއުމާއި ބުއިމާއި އަދިވެސް އެތައް އުފާތަކެއް ދޫކޮށްލައިގެން ހުންނަ ހުރުމަށެވެ.

އެހެންވީމާ ރޯދައަކީ ވަރަށް ޚާއްޞަ އަޅުކަމެކެވެ. ނަފުސާނީ ރޫޙާނީ އަދި ޖިސްމާނީ ވަރަށް ގިނަ ފައިދާތަކެއް އެ އަޅުކަމަކުން ލިބޭ އަޅުކަމެކެވެ. ވީމާ، އެ މީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ހަމަ ރޯދަ ހިފާންވީއެވެ. ރަމަޟާންމަހު ރޯދަ ހިފުމަކީ ފަރުޟެއްކަމަށް ވީމާ، އެ މަހުގެ ރޯދަތަކަށް އަޅުގަނޑުމެންގެ އިޚުތިޔާރެއް ނޯންނާނެއެވެ. އެއީ އަޅުގަނޑުމެންނަށް ލާޒިމު ކަމެކެވެ. އަމާނާތެވެ. ވާޖިބެކެވެ.

ރަމަޟާން މަސް ފިޔަވައި އެހެން މަސްމަހު ރޯދަ ހިފާންވީއެވެ. ޚާއްޞަކޮށް ކީރިތި ރަސޫލާ(ﷺ)ގެ ސުންނަތަށް ބަލައިގެން ވަކި ޚާއްޞަ ދުވަސްދުވަހު ރޯދަހިފުން މޮޅު އިތުރެވެ. މެދުފޮއި ރޯދައެވެ. ހޯމަ-ބުރާސްފަތީގެ ރޯދައެވެ. ޢާޝޫރާދުވަހުގެ ރޯދައެވެ. ޙައްޖުމަހު ފުރަތަމަ ނުވަދުވަހު ހިފާ ރޯދައެވެ. މި ނޫނަސް މި ފަދަ އެތައް ދުވަހެއްގައި ރޯދަ ހިފިދާނެއެވެ. އަދި ޚާއްޞަކޮށް ޝަޢުބާންމަހު ގިނަގިނައިން ރޯދަ ހިފުމަކީ މޮޅުއިތުރުވެގެންވާ ކަމެކެވެ.

މި ކަން އޮތީ މިހެންކަމަށް ވިޔަސް ރޯދަ ހިފައިގެން ނުވާނެ ދުވަސްތަކެއް އެބަ ހުއްޓެވެ. ރޯދަ ހިފުން ޙަރާމް ދުވަސްތަކެއް އެބަ ހުއްޓެވެ. މި ވާހަކަ ލިޔެލާން މި ގަސްތުކުރީ ތަޢުލީމީ ދައުރު ނިންމައި މުޖުތަމަޢުގެ ޒިންމާދާރު މަގާމުތަކުގައި އުޅުއްވާ ބައެއް ބޭފުޅުންނަށް މި ދުވަސްތައް އެނގިވަޑައިނުގަންނަވާކަން އަޅުގަނޑަށް އެނގުނީމާ، މި ފަދަ ކިތަންމެ އަޚުންނެއް ތިއްބަވާނެތާއޭ ހިތަށް އެރީމައެވެ. ވަޅުޢީދު ދުވަހުން ފެށިގެން އަނެއްކާ ރޯދަހިފާން ފަށާންވީއޭ ބޭފުޅަކު ވިދާޅުވީމާ، އެ ދުވަހު ރޯދަ ހިފުން ޙަރާމެއް ނޫންތޯ އަޅުގަނޑު ދެންނެވީމެވެ. ވިދާޅުވީ ރޯދަހިފުން އެ ދުވަހު ޙަރާމްވާންވީ ކީއްވެގެންހެއްޔެވެ؟ އަޅުގަނޑު އެ ވާހަކައިގެ ތަފުޞީލުތައް ދެންނެވީމާ، އޭނާއާއި އަދި އެހެން ބޭފުޅަކު ވިދާޅުވީ ހަގީގަތުގައި ވެސް މީގެ ކުރިއަކުން އެކަން އެނގިވަޑައިގެންފައި ނުވާ ވާހަކައެވެ.

މި ދެންނެވީ ވަރަށް ރަނގަޅަށް ބަރާބަރަށް ނާމާދުކުރައްވައި ދީނީ ހުރިހާ އަޅުކަމެއް އަދާކުރައްވައި އަދި އިތުރަށް ޞަދަޤާތްވެސްކުރައްވައި އުޅުއްވާ ތަޢުލީމީ ދެ ބޭފުޅެއްގެ ވާހަކައެވެ. އެހެންވީމާ އެ ނޫން ބޭފުޅުންނަށް މިކަން އެނގިވަޑައިގެންފައި ނެތުން ހަމަ އެކަށީގެންވޭ ނޫންތޯއެވެ!

އެހެންކަމުން މިވާހަކަ ލިޔެލާން ގަސްތުކުރީއެވެ. ބަސަރާއަށް ކަދުރުވިއްކާކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ބަސަރާއަށް ވެސް އެ ރަށުގައި ނެތް ކަދުރެއްވިއްޔާ ވިއްކޭނެތާއެވެ.

އާދޭހެވެ! ކަނޑައެޅިގެން ޤަޠުޢީކޮށް ރޯދަ ހިފުން ޙަރާމް ދުވަސްތަކެއް ހުރެއެވެ. އެއީ ފިޠުރު ޢީދު ދުވަހާއި އަޟުޙާ ޢީދުދުވަހާއި އައްޔާމުއްތަޝްރީޤު ތިންދުވަހެވެ. ޖުމުލަ ފަސް ދުވަހެވެ.

ފިޠުރު ޢީދު ދުވަހަކީ ޝައްވާލު މަހު ފުތަރަމަ ދުވަސްކަމާއި އަޟުޙާ ޢީދު ދުވަހަކީ ޙައްޖު ދުވަހާ ވިދިގެން އަންނަ ޙައްޖުމަހު 10ވަނަ ދުވަސްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އނގެއެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ނަޙްރުގެ ދުވަސް ނުވަތަ ކަތިލުމުގެ ދުވަހެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެއީ ޛުލްޙިއްޖާ މަހު އެގާރަ، ބާރަ، ތޭރަ މި ތިން ދުވަހެވެ.

މި ދުވަސްތަކަށް އައްޔާމުއްތަޝްރީޤޭ ކިޔުނީ ހަދުޔުގެ ގޮތުގައި ކަތިލާ ތަކެއްޗާއި އުޟްޙިޔާގެ ގޮތުގައި ކަތިލާ ތަކެތީގެ މަސް މި ދުވަސްތަކުގައި އަވީލާކަމަށް ޓަކައެވެ. މަސްތައް ކޮށައިފައި ހިއްކުމަށް ޓަކައި އަވީލަނީއެވެ. އަދި މި ދުވަހަށް އައްޔާމުއްތަޝްރީޤޭ ކިޔުނީ އެ ދުވަހުގައި ކަތިލާ ހަދުޔާއި އުޟުޙިޔާކަތިލަނީ އިރުގެ އަލިކަން ފާޅުވުމަށް ފަހުގައި (އިރު އެރުމަށްފަހުގައި)ކަމަށް ވާތީއޭ ވެސް ބުނެވެއެވެ. (والله أعلم) އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ ޙައްޖުވެރީން ޖަމުރާތަކަށް ހިލައުކާ ދުވަސްތަކެވެ. އެއީ ކުޑަޖަމުރާއާއި މެދު ޖަމުރާއާއި ބޮޑު ޖަމުރާއެވެ. ކޮންމެ ޖަމުރާއަކަށް ވެސް ހަތް ހިލަކޮޅު އުކައެވެ. ކޮންމެ ހިލަކޮޅެއް އެއްލުމާ އެކު، ތަކުބީރުކިޔުން ސުންނަތްވެގެންވެއެވެ. ކޮންމެ ދުވަހެއްގައި ވެސް ހިލައުކާނީ އިރު މެދުން ފިލުމަށްފަހުގައެވެ. މެންދުރުން އެނބުރީމައެވެ.

އަނެއް ކޮޅުން ޢަރަފާތު ދުވަހު (ޙައްޖު ދުވަހު) ރޯދަހިފުން، ޙައްޖުވެރީން ނޫން މީހުންނަށް، ސުންނަތްކަން ގަދަވެގެންވެއެވެ. ޢަރަފާތު ދުވަހަކީ ޛުލްޙިއްޖާމަހު ނުވަވަނަ ދުވަހެވެ. އަޟުޙާ ޢީދު ދުވަހަކީ ޛުލްޙިއްޔާ މަހު 10ވަނަ ދުވަހެވެ.

އެހެންވީމާ، ރޯދަހިފުން ޙަރާމް ދުވަސްތަކަކީ ޝައްވާލުމަހުގެ ފުރަތަމަ ދުވަހާއި (ފިޠުރު ޢީދު ދުވަސް) ޛުލްޙިއްޖާ މަހު 10ވަނަ ދުވަހާއި (އަޟުޙާ ޢީދު ދުވަސް) ޛުލްޙިއްޖާ މަހު އެގާރަ، ބާރަ، ތޭރަ (އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް) މި ފަސް ދުވަހެވެ.

ބައެއް ބޭފުޅުންނަށް އޮޅުންއަރަނީ ފިޠުރު ޢީދާ ވިދިގެން ހަ ދުވަހު ރޯދަހިފުން ސުންނަތްވާތީއެވެ. އެހެންވެ އަޟުޙާ ޢީދާ ވިދިގެން ވެސް ރޯދަ ހިފުން ސުންނަތްކަމަށް ހީވަނީއެވެ. ނަމަވެސް ރޯދަމަހު ރޯދަ ފުރިހަމަކޮށް އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަ ހިފުމަކީ މުޅި އަހަރު ދުވަހު ރޯދަ ހިފިކަމުގެ ސަވާބު ލިބޭ އަޅުކަމެކެވެ. ނަމަވެސް އަޟުޙާ ޢީދާ ވިދިގެން އަންނަ، އެ މަހު 11، 12، 13 މި ތިން ދުވަހު ރޯދަ ހިފުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ.

މި ކަންކަން ދެނެގަންނާން މާ ބޮޑު ފިޤުހީ ޢިލްމެއް ބޭނުމެއް ނުވެއެވެ. މިއީ މުޙަންމަދު ޖަމީލު ދީދީ ލިޔުއްވައިފައިވާ "ތަޢުލީމުއްދިޔާނާ"ގެ ފުރަތަމަ ފޮތުން ވެސް އެނގޭން އޮތް މިންވަރެކެވެ. އަދި "އިރުޝާދުލްއަނާމި އިލާ އަހަންމި އަޙުކާމިލްއިސްލާމި" މި ފޮތުން ވެސް މި ކަން ސާފުވާނެއެވެ.

ވީމާ، އިސްލާމް ދީނުގެ އަސާސީ މިންވަރު (އެންމެ ކުޑަމިނުން) ދަސްކޮށް އެނގި ތިބޭން އަޅުގަނޑުމެން ޢަޒުމުކަނޑައަޅަމާތޯއެވެ! ނަމަނަމަ، މި ދެންނެވި (ރޯދަހިފުން ޙަރާމް) ދުވަސްތަކުގައި ރޯދަނިހިއްޕަވައްޗެވެ. އެއީ ދެ ޢީދު ދެ ދުވަހާއި އައްޔާމުއްތަޝްރީޤު ތިން ދުވަހާއި މި ފަސް ދުވަހެވެ. ޝައްވާލު މަހު ފުރަތަމަ ދުވަހާއި ޛިލްޙިއްޖާ މަހު 10، 11، 12، 13 މި ދުވަސްތަކެވެ. ޖުމުލަ ފަސް ދުވަހެވެ. އާދޭހެވެ! މި ދުވަސްތަކުގައި ރޯދަހިފައިގެންނެއް ނުވާނެއެވެ. އެއީ ރޯދަ ހިފުން ޙަރާމް ދުވަސްތަކެކެވެ. (والله أعلم بالصواب)

______________________

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް