Advertisement

ޣައްޒާ ހަނގުރާމައިގައި ކިސިންޖަރުގެ އިނގިލީގެ ނިޝާންތައް (2)

21 Jun 2024 | 00:26
ނަތަންޔާހޫއާއި ބައިޑްން ސަލާންކުރަނީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(އިއްޔެ ޝާއިޢުކުރި ޢަދަދާ ގުޅޭ)

މިޞްރު ސިފައިން 1973ގައި ސުވޭސް ކެނެލް ހުރަސްކޮށް އިސްރާއީލު ސިފައިންގެ ލަޝްކަރުތައް ފޫއަޅުވައިލުމުން ކިސިންޖަރ އިސްރާއީލު ސަލާމަތްކުރައްވާން ކުރެއްވި  މަސައްކަތްޕުޅުތަކުގެ އެންމެ ފޮނި މޭވާއަކަށް ވީ ޢަރަބީންގެ ސަފުން ޢަރަބީންގެ އެންމެ ބިޔަ ޤައުމު މިޞްރު ބޭރަށް ނެރުމެވެ. ޠޫފާނުލްއަޤްޞާ ނިމުމަށް ފަހުގައި އަންނަ ދުވަހުގެ ފަސްމަންޒަރަކަށް ރައީސް ބައިޑެން ކިސިންޖަރުގެ "ފިކްރާތު" ނަހައްދަވާނެކަމެއް ނޭނގެއެވެ. އޭނާ ޣައްޒާ ހަނގުރާމައިގައި ހަމައެކަނި ހަނގުރާމަކުރެއްވީއަކީއެއް ނޫނެވެ. އިސްރާއީލަށް ބޭނުންވާ ސިޔާސީ އެހީއާއި މާލީ މަދަދު ދެއްވީއަކީއެއް ނޫނެވެ. އެހެނެއްކަމަކު އިސްރާއީލުން ހިންގައިފައިވާ ހުރިހައި ޤަތުލުއާންމުތަކަކާއި ނަސްލުހޭދުގެ ޖަރީމާތައް ދިފާޢުކޮށް އެއީ ނަފުސުގެ ދިފާޢުގައި ކުރާން ޖެހޭ ކަމެއްކަމަށް ދަޢުވާކުރެއްވީއެވެ. އިސްރާއީލުގެ އަމިއްލަ ނަފުސު ދިފާޢުކުރުމުގެ ތެރޭގައި އެއްވެސް ރަތް ރޮނގެއް ހުރަސްކޮށްފައި ނުވާކަމަށް ވަކާލާތުކުރެއްވީއެވެ.

ޣައްޒާ ހަނގުރާމަ ދިގުލައި އިސްރާއީލުން އިޢުލާންކުރި އިސްތިރާޖީ ލަނޑުދަނޑިތަކުން އެއްވެސް ކަމެއް ޙާޞިލުނުކުރެވި ހަނގުރާމައަށް، އަށް މަސް ފުރުމުން ހަނގުރާމަ ހުއްޓުމާ ބެހޭ އައު ރޭވުމެއް އެމެރިކާއިން އިޢުލާންކުރިއެވެ. މި އައު ރޭވުމުގައި ހިމެނެނީ ތިން ފިޔަވައްސެކެވެ. ފުރަތަމަ ފިޔަވަހީގައި އޮންނާނީ ޙަމާސުން ހައްޔަރުކޮށްފައި ތިބި އިސްރާއީލުގެ އަސީރުންތައް މިނިވަންކުރުމެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި އޮންނާނީ މަސްއަލަ ޙައްލުކުރުމަށް ޓަކައި ވާހަކަދެއްކުމެވެ.

އެމެރިކާގެ ރައީސްގެ މި މަޝްރޫޢަކީ އިސްރާއީލުގެ މަކަރުވެރި ރޭވުމެކެވެ. އޭގެ ތެދުވެރިކަމާ މެދު ފަލަސްޠީނުގެ ޖަމާޢަތްތަކުން ޝައްކުކުރެއެވެ. މި ރޭވުމުގެ އަމާޒަކީ ޙަމާސް އެއްކަނަކަށް ލައި ޙިޞާރުކުރުމެވެ. ހަނގުރާމަ ހުއްޓުމާ ދެކޮޅުހަދަނީ ޙަމާސުންކަން ދެއްކުމެވެ. އެމެރިކާގެ މަސްއޫލުވެރީން މި ރޭވުން އިޢުލާންކުރެއްވުމާ އެކު، ޙަމާސުން ހަނގުރާމަ ހުއްޓުމާ ދެކޮޅުހަދާކަމަށް ތުހުމަތުކުރެއްވިއެވެ.  މިހާރު ބޯޅަ އެ އޮތީ ޙަމާސް ފަޅީގައިކަމަށް ވިދާޅުވިއެވެ. މި އައު ރޭވުމަކީ އަލިފުން ޔާއަށް އިސްރާއީލުގެ މަޞްލަޙަތު ނިޔާކުރާ ކަމެކެވެ. އެމެރިކާގެ ބޭނުމަކީ ހަނގުރާމައިގައި އިސްރާއީލު މޮޅުވެއްޖެކަން ދެއްކުމެވެ. 

މި އައު ރޭވުމާ ޙަމާސުން ދެކޮޅު ހަދާނެކަމަށް އެމެރިކާއާއި އިސްރާއީލުން ނިމުތުކުރިއެވެ. އެހެނަސް ޙަމާސުން ޙިކްމަތްތެރިކަމާ އެކު މި އައު ހުށައެޅުމަށް މަރުޙާބާކިޔެވެ. ޤަބޫލުކުރުމާ ބެހޭ ގޮތުން އެއްޗެއް ނުބުނެއެވެ. މަޝްރޫޢުގައި ހިމެނޭ ބައެއް ކަންތައްތަކުގައި ޙަމާސަށް ފާހަގަކުރެވޭ ކަންތައްތަކެއް އެބަ ހުރިކަމަށް ބުންޏެވެ. ކިސިންޖަރުގެ ޖާދުވީ ބަހުރުވައިން އެކުލަވައިލައިފައިވާ މި  މަޝްރޫޢުގައި އަސާސީ ނުކުތާތަކެއް ގަސްތުގައި ނޭނގޭކަމަށް ހަދައިފައިވެއެވެ. އެތައް ގޮތަކަށް މާނަތައް އަނބުރައިލެވޭ ގޮތަށް އެކުލަވައިލައިފައިވާ މި މަޝްރޫޢަކީ "ވަރަށް ހިތި މާމުއި"ފޮދެކެވެ. ފަށުވި ޢިބާރާތްތަކެކެވެ. ކިޔައިލާން ވަރަށް ފަސޭހަ ލަފުޒުތަކެކެވެ. ހިމުން އޮމާން ޢިބާރާތްތަކެކެވެ.

ވޭތުވެ ދިޔަ ހަފުތާތަކުގެ ތެރޭގައި އިސްރާއީލުން ހުށައެޅި ކަރުދާސްތަކަކާއި ޚިޔާލުތަކެއް މެދުވެރީން (ޤަޠަރާއި މިޞްރު)ގެ ތެރެއިން ލައިފައި ހާމަވެގެން ދިޔައެވެ. މި ކަރުދާސްތައް ބުނާގޮތުގައި "ދެމެހެއްޓެނިވި ހިމޭންކަމެއް" ގެނެސްދޭ ހަނގުރާމަ ހުއްޓުމެއް އޮންނާނެއެވެ. ޙަމާސުގެ ސުވާލަކީ މި ޢިބާރާތުން ގެނެސްދޭ ހަނގުރާމަ ހުއްޓުން ވާނީ ދާއިމީ ކަމަކަށްހެއްޔެވެ؟ ނުވަތަ ވަގުތީ ކަމަކަށްހެއްޔެވެ؟ މި ޢިބާރާތް ތަފުސީރުކުރުމަށް ޓަކައި ފަލަސްޠީނުގެ ޖަމާޢަތްތަކުން ހޭގްގައި ތިއްބަވާ އދ.ގެ ޤާނޫނީ ތަޖުރިބާކާރުންގެ ލަފާހޯދިއެވެ. އދ.ގެ ޤާނޫނީ އަދި ޤަޟާއީ އެންމެ ދިގު އަތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވިގޮތުގައި "ދެމެހެއްޓެނިވި"  މި ލަފުޒުން ކުރިމަގުގައި ހަނގުރާމަ ފެށުމަށް ހުރަހެއް ނާޅައެވެ. އެހެންކަމުން ޙަމާސުން މި ލަފުޒާ މެދު، ހިތްހަމަނުޖެހޭކަން ހާމަކުރިއެވެ. އޭގެ ބަދަލުގައި ސާފު ސީދާ ބަހުން ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓުން ގެނައުމަށް ބުންޏެވެ. މިކަމާ އިސްރާއިލު ވަގުތުން ދެކޮޅުހެދިއެވެ.

ބަހަވީ ކުޅިގަނޑަކީ މި މަޝްރޫޢުގައި ހިމެނޭ ދަންތުރަތަކެކެވެ. ދެވަނަ ނުކުތާއެއް ބުނާ ގޮތުގައި "ޣައްޒާގައި އާންމުން އަހުލުވެރިވެފައިވާ ސަރަޙައްދުތަކުން ފޭބުން" މިއީ ވެސް މި ކަހަލަ ދަންތުރައެކެވެ. މިއިން އެނގެނީ އިސްރާއީލު މުޅި ޣައްޒާއަކުން ނުފައިބާނެއެވެ. އެހެންކަމުން އިސްރާއީލުގެ ޢަސްކަރީ ވުޖޫދު ޣައްޒާގައި ދާއިމަށް އަބަދަށް އޮންނާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނުކުތާތަކުން ނުކުތާއެއް ބުނާ ގޮތުގައި "ޣައްޒާއަށް ކޮންމެހެން ބޭނުންވާ މާއްދާތައް ވަނުން ލުއިފަސޭހަކޮށްދިނުން" ވެއެވެ. ޣައްޒާއަށް ވަދެނުކުމެވޭން ހުރި އެންމެހައި ހުރަސްމަގުތަކާއި ހަލި ރާސްތާތައް އެއްވެސް ޤައިދެއް އުނދަގުލެއް ނެތި ހުޅުވުމަށް ބައިނަލްއަޤްވާމީ ހުރިހައި ޤަރާރުތަކެއް ގޮވައިލާ އިރު،  މި މަޝްރޫޢުގެ މި ޢިބާރާތުން އެ ކަމަށް ހުރަސްއެޅެއެވެ. މީގެ މާނައަކީ ޣައްޒާ ތާއަބަދަށް އޮންނާނީ ޙިޞާރުކުރެވިފައެވެ. ޣައްޒާ ޙިޞާރުކޮށްފައި އޮންނަތާ ސަތާރަ އަހަރުވެއްޖެއެވެ.

މި މަޝްރޫޢުގައި ފަލަސްޠީނުގެ ދައުލަތުގެ ވާހަކައެއް އަދި ދެ ދައުލަތުގެ ޙައްލުގެ ވާހަކަ އައިސްފައެއް ނުވެއެވެ. ދެ ދައުލަތުގެ ވާހަކަ އެމެރިކާއިން ބާޒާރަށް ނެރެގެން އުޅޭތާ ތިރީސް އަހަރު ވެއްޖެއެވެ. 

މި ހުށައެޅުމުގައި އައިސްފައިވާ "ހެއްވާ" ކަންތައްތަކުގެ ތެރޭގައި "ދެ ފަރާތުގެ ދެމެދުގައި ވާހަކަދެއްކުން" އޮތުން ފާހަގަކުރެވެއެވެ. ފަލަސްޠީނުގެ ތަޖުރިބާއިން ދަސްވެފައިވާ ހާމަކަން ބޮޑު މި "ޙީލަތް" ނުދަންނަ ކަހަލައެވެ. ފަލަސްޠީނު މީހުންނާއި އެމީހުންގެ އިސްވާރުންގެ "ހަނދާނެއް" ނެތް ކަހަލައެވެ. މި ވާހަކަދެއްކުންތައް އެތައް ދަހަރަކަށް އިތުރަށް ދެމިގެން ހިނގައިދާނެކަން ނުދަންނަ ފަދައެވެ. ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކުގެ ކުރިމަގު ކޮބައިތޯއެވެ؟ ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް 1967ގެ ހަނގުރާމައިން ފެށިގެން އަދިވެސް ދަނީ ކުރިއަށެވެ. ނިމުމެއް ނެތް ވާހަކަދެއްކުންތަކެކެވެ. ކޮޅެއްގައި ނުޖެހޭ ވާހަކަދެއްކުންތަކެކެވެ. 

އެއްވެސް ޝައްކެއްނެތް ގޮތުގައި ޣައްޒާ ހަނގުރާމައިގައި ޢަސްކަރީގޮތުން އިސްރާއީލު މި ވަނީ ފޭލްވެފައެވެ. އިސްރާއީލުގެ ހަނގުރާމަމަތީ ސަރުކާރު އުވައިލެވުނީ މިހެން ވެގެންނެވެ. ޤާނޫނީ ގޮތުންނާއި އަޚުލާޤީ ގޮތުންނާއި ސިޔާސީ ގޮތުން އިސްރާއީލާ ކުރިމަތިވަމުންދާ ފަޟީޙަތްތައް މަތިމައްޗަށް ފުނިޖެހެމުން ދިޔަސް ޣައްޒާ ހަނގުރާމައަށް ހުއްޓުމެއް ގެނެވޭނީ މި މަގުތަކުންނެވެ. އަރަބީން ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މި އައު ކުޅިގަނޑުގެ ތެރެއަށް އެ މީހުން ވެއްދުމަށް ކުރާ މަސައްކަތަށް ހޭލައި ތިބުމެވެ. ޢަރަބި އެކުވެރިންނޭ ނުވަތަ ޢަރަބި ބައިވެރިންނޭ ކިޔައިފައި ކުޅޭ މީހުންގެ ގޮތުގައި ނުވަތަ ބެންޗުގައި ތިބޭ މީހުންގެ ގޮތުގައި ޢަރަބި ޤައުމުތަކެއް މި މަޅީގައި ޖައްސައިފާނެތީއެވެ. މިޞްރަށް ވީ ގޮތަށް ސައޫދީ ޢަރަބިއްޔާއަށް ނުވޭތޯ ދުޢާކުރައްވާށެވެ! (ނިމުނީ)

___________________________________

ބައެއް ލަފުޒުގެ މާނަ:

ދަހަރު      ނ.    ދިހަ އަހަރު

އިސްތިރާޖީ   ނ.    މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.

ތަފުސީރުކުރުން ނ.    (1) އިތުރަށް ބަޔާންކުރުން (2) ކަމެއް ހިނގައިފައިވާ ގޮތް ސާފުކޮށް ބަޔާންކުރުން.

ފިޔަވަހި     ނ.    (1) ކުރެވޭ މަސައްކަތެއްގެ ތަފާތު ބައިތަކުގެ ތެރެއިން ބައެއް. (2) މަޝްރޫޢެއްގެ ނުވަތަ ކަމެއްގެ ފާހަގަ ކުރެވޭ ފަދަ ބައިބައި.

އަމާޒު      ނ.    (1) ސީދާ (2) ވަހި ތަނަކާ ދިމާ

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
މަރީ
ވަރަށް ތަޙުލީލީ ޢިލްމީ ލިޔުއްވުމެއް. ޝުކުރިއްޔާ! ފަރަގު ޓީމާއި ލިޔުންތެރިޔާއަށް
22 Jun 2024