Advertisement

ޣައްޒާ ހަނގުރާމައިގައި ކިސިންޖަރުގެ އިނގިލީގެނިޝާންތައް (1)

20 Jun 2024 | 10:35
އަންވަރުއްސާދާތު (ކ) އާއި ކިސިންޖަރ (ވ)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ޣައްޒާ ހަނގުރާމަޔާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ބައިޑެންގެ އެންމެ ފަހުގެ ރޭވުން ހަނދާނަށް ގެނެސްދެނީ 1973ވަނަ އަހަރުގެ އޮކްޓޯބަރު ހަނގުރާމައިގެ ނިމުމާއި ޢިބްރަތްތަކެވެ.

މިޞްރުގެ ޢަސްކަރިއްޔާއިން 1973 އޮކުޓޫބަރު 6ގައި ފެށި އިންތިފާޟާއަކީ އަމާޒާއި ރޭވުމުގެ ގޮތުން މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި ފެށި ފަލަސްޠީނުގެ އިންތިފާޟާއާ ވަރަށް އެއް ގޮތް ދެ އިންތިފާޟާއެކެވެ. މިޞްރުގެ ޢަސްކަރިއްޔާގެ ރޭވުން ވަނީ އިސްރާއީލު ސިއްސައިލައިފައެވެ. ޙަމަލާތައް ވަނީ އިސްރާއީލުގެ ޢަސްކަރީ އިސްވާރުން ބިރުގަންނަވައިލައިފައެވެ. މިޞްރު ސިފައިން ވަނީ މި އިންތިފާޟާގެ ތައްޔާރީތައް އިސްރާއީލަށް އޮޅުވައިލައިފައެވެ. މި އިންތިޟާގައި ހިމެނޭ "ކުއްލި ޢުންޞުރު"ގެ ސަބަބުން އިސްރާއީލުގެ ޖާސޫސީ އިދާރާ ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. މި އިންތިފާޟާ ރާވައިފައި އޮތް ގޮތަށް ކުރިއަށް ދިޔުން ހުއްޓުނީ އެމެރިކާގެ މަކަރުވެރިކަމުގެ ސަބަބުންނެވެ.

މިޞްރުގެ އިންތިފާޟާއަށް ބަލާ އިރު، ފުރަތަމަ ދާން ޖެހެނީ މި އިންތިފާޟާގެ ޙަޤީޤީ މޭސްތެރިޔާ ޖަމާލު ޢަބްދުއްނާޞިރު 1970ގައި އަވަހާރަވެ މިޞްރުގެ ވެރިކަމަށް އަންވަރު މުޙައްމަދުއްސާދާތު ވަޑައިގަތް ހިސާބަށެވެ. ސާދާތުގެ ވެރިކަމަށް ދެ އަހަރު ނުފުރެނީސް މިޞްރުގައި ތިބީ ސޮވިއެޓް ތަޖްރިބާކާރުން މިޞްރުން ފައްސައިލައިފިއެވެ. އެ ހިސާބުން ސާދާތުގެ ސިޔާސަތުގެ މަލަސް ނުކުންނަ ތަން ފެންނާން ފަށައިފިއެވެ. އޭނާ ވިދާޅުވި މަޝްހޫރު ޢިބާރާތުގެ ތެރޭގައި  އައިސްފައިވާ ތަންކޮޅެއް ބުނާ ގޮތުގައި "މައްސަލައިގެ 99 % ކަރުދާސްތައް ހުރީ އެމެރިކާ އަތުގައެވެ." މިއީ ރައީސް ސާދާތާއި އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ( ޔަހޫދީ) ހެންރީ ކިސިންޖަރާ ދެމެދުގައި ހިނގަމުން ދިޔަ ސީދާ ބައްދަލުވުންތަކުގެ ބޯކިރުފޮދެވެ. މި ކަން ހިނގަމުން ގޮސްފައި ވަނީ އެތައް ޗެނެލްތަކެއް މެދުވެރިކޮށެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ އެންމެ މުހިންމު ޢުންޞުރަކީ ސީނާގެ މަސްއަލައާ ބެހޭ ގޮތުން އިސްރާއީލާ އެކު މުޢާމަލާތު ކުރާނީ ކިހިނެއްހެއްޔެވެ؟ ކިސިންޖަރު ދެންނެވި ވާހަކަފުޅުތަކުގެ ޚުލާޞާއަކީ "ޙާލަތު ހަމަޖެހުން މަތީގައި އޮތްހައި ދުވަހަކު އަދި ހަނގުރާމައިގެ މައިދާން ހިމޭންކަން މަތީގައި އޮތްހައި ދުވަހަކު އިސްރާއީލުން އެ ފައިލުގައި އަތްލާކަށް ބޭނުމެއް ނުވާނެތެވެ. ދެ ފަރާތުގެ ދެމެދުގައިވާ ޢަސްކަރީ ތިލަފަތަށް ބަދަލުގެންނާނެ ޢަސްކަރީ ޢަމަލަކުން ނޫނީ މި ޙާލަތަށް ބަދަލެއް ނުގެނެވޭނެއެވެ."

މި ބަސްފުޅުތަކުގެ ތެރެއިން ސާދާތަށް އިޝާރަތެއް ލިބިވަޑައިގަތެވެ. ޢަބްދުއްނާޞިރުގެ ރޭއްވެވުމާ އެއްގޮތަށް މިޞްރުން އިސްރާއީލާ ދެކޮޅަށް އޭރު ފަށާފައިވާ  އިސްރާއީލުގެ "ލޭ ނީރުންކުރުމުގެ" ޙަމަލާތަކުގެ ނަތީޖާ ދިޔައީ ފެންނަމުންނެވެ. މިޞްރުގެ ޢަސްކަރިއްޔާއިން ދިޔައީ ތަވާޒުނު ހޯދުމުގެ މަސައްކަތުގައި ކުރިއަރަމުންނެވެ. މިޞްރުގެ ޢަސްކަރީ މޭސްތިރީން ވަނީ އިސްރާއީލުން ސީނާގައި ބިނާކޮށްފައިވާ، ވައްޓައިނުލެވޭނެކަމަށް އިސްރާއީލުން އަޑު ފަތުރަމުން ދިޔަ، "ބްރްލީފު ފާރު" ވައްޓައިލާން ބޭނުންވާ ފަންނިއްޔަތު އީޖާދުކޮށްފައެވެ. ސީނާގައި އޮތް ޢަސްކަރީ ބާރުގެ ތިލަފަތަށް ބަދަލުގެނެވޭތޯއެވެ؟

މިޞްރުގެ ޢަސްކަރިއްޔާއިން ރޭވި ގޮތުގެ މަތީން މިޞްރުގެ ލަޝްކަރުތައް އިސްރާއީލު ސިފައިންނަށް ކުއްލި ވަރުގަދަ ޙަމަލާތަކެއް ދިނެވެ. ހަލާކުކޮށްނުލެވޭނެކަމަށް އިސްރާއީލުން "ފޮނިބަސް" ބުނި ބަރްލީފު ފާރު ފޫއަޅުވައިލިއެވެ. މިޞްރުގެ ހަނގުރާމަމަތީ ބޯޓުތައް ސީނާ ތެރެއަށް ވަދެ އިސްރާއީލުގެ ޢަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެހެނަސް މިޞްރު ސިފައިން ސުވޭސް ކެނެލް ހުރަސްކުރުމަށްފަހު ކުރިއަރައިގެން ދިޔުން މަޑުޖައްސައިލިއެވެ. އެއީ ސިޔާސީ ޤަރާރެކެވެ. ސަދާތުގެ މެސެޖު ކިސިންޖަރާ ހަމައަށް ވާޞިލުވިއެވެ. އެ ހިސާބުން މި ޔަހޫދީ ޑިޕްލޮމެޓް އޭނާގެ ނުބައި މަކަރުވެރި ކުޅިގަނޑު ފެށިއެވެ.

ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ހުއްޓުމަށް އިސްރާއީލުން އެއްބަސްވުމަށް ތައްޔާރަށް އޮތް ނަމަވެސް އެމެރިކާއިން އެކަން މަނާކުރިއެވެ. އެމެރިކާގެ ހަތިޔާރުތައް އިސްރާއީލަށް އޮއްސުމަށް ޓަކައި ވައި ދާލަމެއް އެޅިއެވެ. ހަތިޔާރާއި ސިފައިން ފޮނުވިއެވެ. އެމެރިކާގެ ޖާސޫސީ އިދާރާ ޙަރަކާތްތެރިވިއެވެ. ދޮންދަރިފުޅު ސަލާމަތްކުރާންވެގެންނެވެ. އެމެރިކާގެ ވައިގެ ސިފައިން އެމެރިކާގެ ވައިގެ ބާރުގެ އެހީގައި ސުވޭސް ކެނެލްގެ ހުޅަނގު ބިތަށް ހަނގުރާމައިގެ މިސްރާބު އަނބުރައިލުމަށް ޓަކައި ދިފްރުސްވާރު ބައުގަނޑު ހެދިއެވެ. މި ބައުގަނޑު ނައްތައިލުމަށް ޓަކައި މިޞްރުގެ އޭރުގެ ޗީފް އޮފް ސްޓާފް ސަޢުދުއްދީނުއްޝާޛްޒީ ފިޔަވަޅު އަޅުއްވާން ކުރިއަށް ނުކުމެވަޑައިގަތެވެ. އެހެނަސް ސާދާތު އޭނާ މަޤާމުން ވަކިކުރައްވައި ޖަޒާއިރުގެ ސަފީރަކަށް ޢައްޔަންކުރައްވައި ވަގުތުން މިޞްރުން ބޭރުކޮށްލެއްވިއެވެ. މި ބައުގަނޑު ތެރެއިން ލައިފައި އިސްރާއީލު ސިފައިން މިޞްރު ސިފައިންގެ ތިންވަނަ ލަޝްކަރު ޙިޞާރުކުރިއެވެ.

ސަލާމަތީ މަޖިލީހުން ހަނގުރާމަ ހުއްޓުމަށް ގޮވައިލިޔަސް އިސްރާއީލު ސިފައިންނަށް ޤާހިރާ – ސުވޭސްގެ ހުޅަނގު މަގަށް ވެރިވެގަނެވެންދެން ކިސިންޖަރު "އޭތި މީތި" ވިދާޅުވެގެން ހަނގުރާމަ ދިގުދެންމުވިއެވެ. ހަނގުރާމައިގެ މައިދާނުގައި ޢަސްކަރީ ތިލަފަތް އިސްރާއީލު އަތަށް ބުރަވެއްޖައުމަށް ދާންދެން އެމެރިކާއިން  އިސްރާއީލު ސިޔާސީ މައިދާނުގައްޔާއި ޢަސްކަރީ މައިދާނުގައި ޙިމާޔަތްކޮށް ވާގިވެރިވިއެވެ.

އިސްރާއީލަށް މިޞްރުގެ ފަސްގަނޑުގައި ފައިތިލަ ހަރުކޮށްލެވުމުން 21 އޮކްޓޯބަރުގެ ރޮނގާ ހަމައަށް އިސްރާއީލު ނުފައިބާނެކަން އެންގިއެވެ. އެ ހިސާބުން މިޞްރަށް އައު ޙާލަތު ޤަބޫލުކުރަން މަޖްބޫރުވިއެވެ. އެ ހިސާބުން އދ.އާއި އެމެރިކާ ބައިވެރިވެގެން މިޞްރާ އިސްރާއީލާ ދެމެދުގައި ވާހަކަދެއްކުންތައް ފެށިއެވެ. މި ކަމުގެ ތެރެއިން ލައިފައި ސާދާތާއި ކިސިންޖަރުގެ ޝަޚްޞީ ގުޅުންތައް ބަދަހިވެގެން ދިޔައެވެ. ކިސިންޖަރ އޭނާގެ މަކަރުވެރި އިޔަހޫދީ ރޭވުންތަކުގެ ތެރެއިން ލައިފައި ގޮސް ސާދާތުގެ ބޮލަށް އެރިގަތެވެ. އާޚިރު ނަތީޖާއަކަށް ވީ ކޭމްޕް ޑޭވިޑްގެ އެއްބަސްވުމާއި އެމެރިކާގެ އުނގަށް މިޞްރު ވެއްޓިގެން ދިޔުމެވެ.

1973 އޮކްޓޫބަރު 6ގައި މިޞްރު ސިފައިން ސުވޭސް ކެނެލް ހުރަސްކޮށް އިސްރާއީލުގެ ބޮޑުފާރު ވައްޓައިލި ވައްޓައިލުމާއި އިސްރާއީލު ސިއްސުވައިލި ސިއްސުވައިލުން، ޢަރަބީންގެ ސަފުތައް ފޫއަޅުވައިލުމަށް ކޮށުނު މަގަކަށް ވެގެން ހިނގައިދާނެކަމަކަށް އެކަކު ވެސް ހީއެއް ނުކުރެއެވެ. ފުރަތަމަ ކޮޅުގައި ލިބުނު މަތިވެރި ނަޞްރު، ސިޔާސީ ޙީލަތްތަކާއި ހަނގުރާމައިގެ ކުޅިޖެހުންތަކުގެ ތެރެއިން ގެއްލެނިވުމަކަށް ބަދަލުވީއެވެ.

2023ގެ އޮކްޓޫބަރު 7ގެ އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުގެ  ދައުލަތުގެ ތަނބުތަކަށާއި ޢަސްކަރިއްޔާއަށް ބޮޑެތި ލޮޅުންތަކެއް އެރިޔެވެ. އިސްރާއީލު ޙިމާޔަތްކޮށް މަރުން ސަލާމަތްކުރުމަށް ޓަކައި އެމެރިކާއިން ދަނޑަށް އެރިއެވެ. މި ފަހަރު ދަނޑުމަތީގައި ކޮށްޓާން ނުކުތީ މިހާރުގެ ރައީސް ބައިޑެނެވެ. ކެތަލިކެއް ނަމަވެސް އެންމެންގެ ކުރިމަތީގައި އަޑުންއަޑުނަގައި އޭނާ އިޢުލާންކުރައްވައިފައި ވަނީ އޭނާއަކީ ޞިހްޔޫނީއެއް ކަމަށެވެ. އޭނާގެ އަރިހުގައި މި ފަހަރު ހުންނެވީ އަޞްލު ޔަހޫދީއެއްކަމުގައިވާ ޚާރިޖީވަޒީރު ބްލިންކަނެވެ. އޭނާ އަޤްޞާ ޠޫފާނަށްފަހު އިސްރާއީލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު އޭނާ ވަނީ މި ކަން ދުނިޔެއަށް އިޢުލާންކުރައްވައި އެ ކަން މީސްތަކުންނަށް ހަނދާންކޮށްދެއްވައިފައެވެ.

އެމެރިކާގެ ސިޔާސަތާއި ޢަމަލުތައް ދަނީ ޢަރަބި ދުނިޔެއަށާއި އިސްލާމީ ދުނިޔެއަށް ފާޅުގައި ހާމަކުރަމުން ފަތުރަން މަސައްކަތްކުރަމުން އިންޒާރުތައް އޮއްސަމުންނެވެ. ސަލާމަތީ މަޖިލީހުގައި ދަނީ ހެސް ކިޔާފައި ވީޓޯ ކުރަމުންނެވެ. އިސްރާއީލު ކުށްވެރިނުކުރުމަށާއި ކުށްވެރިކޮށްފި ނަމަ، އެމެރިކާގެ އެހީ ކަނޑައިލާނެ ކަމުގެ ބިރު ދަނީ ބައިނަލްއަޤްވާމީ އިންސާފު ކޯޓަށާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ދައްކަމުންނެވެ. ނިވްޔޯރކްގެ ކަލަމްބިޔާ ޔުނިވަރސިޓީގެ ދަރިވަރުންގެ އިޙްތިޖާޖުތަކުގެ އަޑު "ޢިއްޒަތްތެރި" ޢަރަބިލީގާއި "ޤަދަރުވެރި" އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާގެ އަޑަށްވުރެ މާ ގަދަވެފައި ޙާޒިރީ މާ ރަނގަޅެވެ.

ޣައްޒާ ހަނގުރާމައިން ފާޅުވެ އެނގިފައިވާ ދަރުސްތަކުގެ ތެރޭގައި އެމެރިކާ އިސްރާއީލު ކޮޅަށް ގޮސް ހުސްވެފައިވާ ކަން ކަށަވަރުވުން ވެއެވެ. އެމެރިކާއަކީ ހަނގުރާމައިގެ ޙަޤީޤީ ބައިވެރިއެއްކަން ވަނީ ފަޅައި އަރައިފައެވެ. އިސްރާއީލުގެ ބައެއް އަސީރުން މިނިވަންކުރާށޭ ކިޔައިފާ ރަފަޙަށް ދިން ޙަމަލާގައި އެމެރިކާ ސިފައި ބައިވެރިވިކަމަށް ވޮޝިންގްޓަނުން ވަނީ އިޢުތިރާފުވެފައެވެ. ހަވީރު ފިންޏަށް ރީތިވެލައިގެން އެމެރިކާ ނުކުމެ ހަނގުރާމަ ހުއްޓުވާން މަސައްކަތްކުރާ ވަސީޠެއްގެ ބައި ކުޅޭ ތަން ފެނެއެވެ. ހަނގުރާމަ ފިނިކުރާން އަލިފާންގަނޑަށް "ތެޔޮ" އުކާ ތަން ވެސް ފެނެއެވެ. ފަލަސްޠީނު މީހުންގެ ނަސްލުހޭދުކުރުމަށް ތައްލުއަބީބުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހިންގުމަށް ބޭނުންވާ  ބާރުގަދަ މަނާ ހަތިޔާރުތައް އިސްރާއީލު ޣަރަޤުވާ ވަރަށް އޮއްސަމުންދާ އިރު، ކާބޯތަކެތީގެ ޕާރުސަލުކޮޅެއް އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ފަލަސްޠީނުގެ ޢާންމުންގެ ބައެއް އަވަށްތަކަށް  "އޮއްސާ"  ވާހަކަ ލަދެއްނެތި ދައްކައެވެ. ދެ ދައުލަތުގެ ޙައްލަށް ތާއީދުކުރާ ވާހަކަ ވޮޝިންގްޓަނުން ދައްކާއިރު ފަލަސްޠީނަށް އދ.ގެ މެންބަރުކަން ދިނުމާ އެމެރިކާއިން ދެކޮޅުހަދައި ވީޓޯކުރާ ތަން ފެނެއެވެ. މެދުއިރުމަތީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރާ މިނިވަން ދުނިޔޭގެ ޒަޢީމާކަމަށް ބުނާ އިރު، ޣައްޒާ ހަނގުރާމަ ހުއްޓާން ގޮވައިލާ ގޮވައިލުންތަކާ ދެކޮޅަށް ފަތިފަތީގައި ސަލާމަތީ މަޖިލީހުގައި ހުރަސްއަޅަމުންދެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
އަލިފުހާ
ވަރަަށް ފައްކާ ކިޔާހިތްވި ލިޔުއްވުމެއް.
20 Jun 2024
ރިޟުވާނު
ތާރީޚީޙަޤީޤަތްތަކެއް ހާމަވާ ސިލްސިލާ މަޒުމޫނެއް.
22 Jun 2024