Advertisement

ވިސަޑުނުވާ ތިމާވެށި: މި ފަސްގަނޑުގައި ލެއްވެވީތީ ޝުކުރުވެރިވަމެވެ.

20 Jun 2024 | 00:01
މ. މުލީ އަތިރިމަތި (ފޮޓޯ: އިމްތިޔާޒު ޢަފީފު، މ. މުލި/ފެފްބީ)

ނާޒިމާ ސަމީރު

އިންޑިޔާ ކަނޑުގައި ހާރެއް ފަދައިން ގަތައިލެވިފައިވާ މި ކުދިކުދި ޖަޒީރާ ރަށްތަކުގެ ތެރެއިން މުތެއް ފަދަ ރީތި ކުޑަ ރަށަކަށް އުފަންކުރެއްވީތީ ޝުކުރުވެރިވަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ޖަޒީރާ ރަށްތަކުގެ އަހުލުވެރީންނަށް ދެއްވައިފައިވަނީ ކޮންފަދަ ހެޔޮ ނިޢުމަތްތަކެއްތޯއެވެ! ބޯކިރުފޮދެއް ފަދަ ހުދު ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކެވެ. މި ގޮނޑުދޮށްތައް ވަށައިގެންވާ ސާފުރީތި މޫދެވެ. މި ރަށްތައް ހިމާޔަތް ކުރުމަށް ލައްވައިފައިވާ ފަރުތަކެވެ. ކުލަ ރީތި ބަގީޗާތަކެއް ފަދަ މި ފަރުތަކުގެ ބޭރުންވާ ތޮށްޓެވެ. އެ ތޮށީގެ ބޭރުންވާ ކަނޑުތަކާއި އެ ކަނޑުތަކުގެ ދިރުންތަކެވެ. ހަމަ އެހެންމެ މި ރާއްޖޭގެ ކޮންމެ ރަށަކުންމެ ފެންނަ އިރު އަރައި އޮއްސޭ މަންޒަރުތަކަކީ އަބަދު ފެނުނުނަސް ފޫހިވުމެއްނެތި ޝޯޚުވާ ކުލަ ރީތި މަނާޒިރުތަކެވެ. އެހެންކަމުން މި ގައުމުގެ ޖަޒީރާ ރަށަކަށް އުފަންކުރައްވައި މި ފަސްގަނޑުގައި ލެއްވީތީ ނިހާޔަތަށް ޝުކުރުވެރިވަމެވެ.

މި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރަކީ މާ ކަނޑުން ތިލަވަމުން އަންނަ ރާޅުތަކެވެ. ގަދަ ނޫކުލައިގެ ކަނޑުން އުސްވަމުން އައިސް ފުއްޓަރުން މުގުރައިލާ އިރު، ހުދު ފޮނުގަޑެއްގެ ގޮތުގައި ދައްކައިލުމަށް ފަހު، މަޑު ނޫކުލައަށް ބަދަލުވަމުން ރަށަށް ބީއްސައިލާ އިރު ސާފު ހުދުކުލައިގައި ފެންނަ މި ރާޅުތަކުން އިވޭ ހިތްގައިމު ރާގުން ހިތަށް ފިނިކަން ލިއްބައިދެއެވެ. ސިކުނޑި ތާޒާވެއެއެވެ. ރޫހަށް ދިރުން ގެނެސްދެއެވެ. އަދި މި ރާޅުތަކާ އެކު، ކުޅެ، ދުވެ ހެދުމަށް ޓަކައި މި ގައުމުގެ ވަޒަންވެރީންގެ އިތުރަށް ތަފާތު ގައުމުތަކުން، މީހުން ޒިޔާރަތްކުރަނީ މިއީ ދުނިޔޭގެ މަދު ބަޔަކަށް ނޫނީ ލިބިފައިނުވާ ނަސީބަކަށް ވާތީއެވެ. ހަމަ އެހެންމެ ފިނި ހޫނުމިން ހެޔޮ މިންވަރެއްގައި އޮންނަ މި ރަށްތަކުގެ މޫދުގައި ފަތައިލައި ފީނައިލުމަކީ ކޮންމެ އުމުރެއްގެ މީކަށްމެ ނުހަނު ފަސޭހަ ކަމެކެވެ. މި ގޮތަށް މޫދުގައި އުޅޭ އިރު ވަގުތު ހޭދަވާ ގޮތެއް ވެސް ނޭނގެނީ މި ލޮނުގަނޑުން ލިބޭ އަރާމާއި އުފަލުގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ ޞިއްޙަތަށް ލިބޭ ފައިދާއަކީ ވެސް މި ލޮނުގަނޑުގައި ގިނަ ވަގުތު ހޭދަކުރެވޭ އެއް ސަބަބެވެ.  މި ހިތްގައިމު މާހައުލުން އުފާ ހާޞިލުކުރުމުގެ ފުރުޞަތު ލިބިފައި ވަނީ ކުޑަކުޑަ މި ރަށަށް އުފަންކުރެއްވީތީއެވެ.

މ. މުލީ ރީތި އަތިރިމައްޗާއި ސާފު މޫދު (ފޮޓޯ: ސެމޯން ޝަރީ/އެފްބީ)<br>

މި ޖަޒީރާތަކުގެ ކޮންމެ ރަށަކުންމެ ފެންނަ، އިރުއަރާ މަންޒަރަކީ ޤުދުރަތުގެ އަޖައިބެކެވެ. ވިއްސާރަވެ ވިލާ ބޯ ދުވަހަކަށް ނުވާ ނަމަ، ފަތިހުގެ އަލިކަން ފާޅުވާ އިރު، އުދަރެހުން އެ ފެންނަ މަންޒަރުތައް ހާމަ ވާނީ އިރު އަރާ ގަޑީގައި އިރުމަތި ފަރާތު އަތިރިމައްޗަށް ދިއުމުންނެވެ. އިރު އަރާން ތައްޔާރުވާ އިރު ކަނޑުގެ ލޮނުގަނޑު ދަށުން އުދަރެހުން އެ ފެންނަ ރީތި ކުލަތަކެވެ. އިރުގެ ދޯދި ދަޅަތަކުގެ އަލި، ވިލާތަކަށް އެޅުމުން އެ ވިލާތަކަށް އަރާ ކުލަތަކެވެ. ބައެއްފަހަރު ގަދަ އޮރެންޖުކުލައެވެ. އަނެއްބައިފަހަރު ރީނދޫ ކުލައެވެ. އިރު އުދަރެހުން ފާއްދައިލާ އިރު، އެ ފެންނަ އަލިކަމެވެ. އެކި ދުވަހު މި މަންޒަރު ފެންނަނީ އެކި ކުލަކުލައިގައެވެ. އަދި ހަމަ އެހެންމެ މި ވަގުތު އަތިރިމައްޗަށް ދިއުމުން ހިތަށާއި ރޫހަށް އެ ލިބޭ އަރާމެވެ. މި އަރާމު ލިއްބައިދެނީ އެ ވަގުތު ހަށިގަނޑަށް ވަންނަ ސާފު ވައިގެ ސަބަބުންނެވެ. އިރު އަރާ ވަގުތު ގުދުރަތުން ލައްވަވައިފައިވާ ސިއްޙީ ފައިދާތަކުގެ ސަބަބުންނެވެ. މި ފައިދާތަކާއި އުފާތައް ޙާޞިލުކުރެވެނީ މި ބިމަށް އުފަންކުރެއްވީތީކަން ކަށަވަރެވެ.

އިރު އަރާ މަންޒަރުގެ އިތުރަށް އިރު އޮއްސޭ މަންޒަރުގެ ޗާލުކަމާއި ރީތިކަމުން އިންސާނުން ޝޯޚުކުރުވައެވެ. އިރު އަރާ އިރު، އުދަރެސް ފެންނަ ގޮތާއި އިރު އޮއްސޭއިރު ފެންނަ ގޮތް ވަރަށް ތަފާތެވެ. ރަންކުލަ ގަދަ ދޮލަނގެންހެން ހުޅަނގު ފަރާތު އުދަރަހުން ކަނޑުގެ ތެރެއަށް އިރު ނިވައިވަމުންދާ އިރު އުދަރެސް ފެންނަނީ ތަފާތު ގޮތަކަށެވެ. ހުދު ވިލާތައް ރީނދޫ ކުލައިން ރަން ކުލައަށް ބަދަލުވެއެވެ. އިރު އެއްކޮށް ކަނޑުގެ ތެރެއަށް ގެނބުމުން އުދަރެހުގެ ކުލަތައް އަނެއްކާ ވެސް ބަދަލުވެއެވެ. ބައެއް ފަހަރަށް ވައިލެޓު ކުލަހެން ވެސް ހީވެއެވެ. އަދި ގަދަ ރަތްކުލައިގެ ރޮނގުތަކެއް ފާޅުވާހެން ވެސް ހީވެއެވެ. މިއީ މި ޖަޒީރާގެ ކޮންމެ ރަށަކުން ވެސް ފެންނަ މަންޒަރުތަކެވެ. ކޮންމެ ދުވަހަކު ފެނުނަސް ބަލައި ފޫހިނުވާ ރީތި މަންޒަރުތަކެވެ. މި ހިތްގައިމު މަންޒަރުތައް ބެލުމުގެ ފުރުޞަތު ލިބުނީ މި ޖަޒީރާ ރީތި ފަސްގަނޑުގައި ލެއްވެވީތީއެވެ.

މުލީކޮޅު ރާނޅުގަނޑު (ފޮޓޯ: ސޯމާ ޝަރީ/އެފްބީ)<br>

ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ތަފާތު ރީތި ސިފަތަކެއް ގުދުރަތުން ދެއްވައިފައިވެއެވެ. ސާފު މޫދާއި ދޮންވެލި ގޮނޑުދޮށްތަކެވެ. ވަށައިގެންވާ ފަރުތަކާއި، ފަޅުތަކާއި، ކަނޑުތަކެވެ. މި ތަންތާނގައިވާ ދިރުންތަކެވެ. މި މާހައުލުން އުފާހާޞިލުކުރެވޭނެ ގޮތްތައް ލައްވައިފައި ވުމަކީ މި ރަށްތަކަށް ލިބިފައިވާ ޚާއްޞަކަމެކެވެ. މިއިން ކޮންމެ ރަށަކުން މި ފެންނަ، އިރު އަރައި އޮއްސޭ މަންޒަރަކީ ދުލަކުން ގަލަމަކުން ބަޔާން ކޮށްދެވޭނެ މަންޒަރުތަކެއް ނޫނެވެ. މި މަންޒަރުތައް ކޮންމެ ދުވަހަކުމެ ހަމަ ލޮލުން ބަލައިލުމުގެ ފުރުޞަތު ލިބުނީ މި ޖަޒީރާކަން އެކުލެވޭ ކުޑަ ރަށަކަށް އުފަންކުރެއްވީތީއެވެ. މި ފަސްގަނޑުގައި ލެއްވެވީތީއެވެ. އެ ކަމަށް ޓަކައި އެއްކައުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލައަށް ހަމްދާއި ޝުކުރުކުރަމެވެ.

_______________________________

ބައެއް ލަފުޒުގެ މާނަ:

ވިސަޑުވުން   މ.   އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލުން ނުވަތަ ތަޣައްޔަރުވުން.   

ވިސަޑު     ނ.   އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު.

އެޑިޓަރުގެ ނޯޓް
ނާޒިމާ ސަމީރަކީ ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްގެ އިތުރަށް ސަގާފީ ކަންކަމަށާއި ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އޭނާ މީގެ ކުރީން ވެސް ތަފާތު ވެބްސައިޓްތަކަށް ލިޔުއްވައިފައިވެއެވެ. އޭނާއަކީ ވާހަކަލިޔުންތެރިއެއްވެސްމެއެވެ.

Advertisement

ކޮމެންޓް