Advertisement

ކޮން އުފާ ފާޅުކުރުމެއްހެއްޔެވެ؟ 3500 ކުދީން ކާޑުބަލި ޖެހިގެން ބަނޑަށް މަރުވަނީއެވެ!

19 Jun 2024 | 12:39
އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން ޝަހީދުވެފައިވާ ތިމާގެމީހުންނާ މެދު ހިތާމަފާޅުކޮށް ދާރުލްބަލާޙުގެ ހޮސްޕިޓަލުގައި ތިބެ އިއްޔެ ރޮނީ (ފޮޓޯ: ޢަބަދުލްކަރީމް ޙަނާ/އެސޯސިއޭޓެޑް ޕްރެސް)

ޢަޒީޒު ޖަމާލު

ދުނިޔޭގެ ގައުމުތަކުގައި ކާބޯތަކެތި އިސްރާފުވާ ވަރަށް ކައްކަކައްކައިގެން އެކިކުޅިވަރުތައް ރާވައިގެން އީދު ފާހަގަކުރުމުގެ ނަމުގައި އުފާ ފާޅުކުރަނީއެވެ. ނަމަވެސް އަޅުގަނޑުމެންގެ އަޚުންކަމުގައިވާ ފަލަސްތީނުގެ ރައްޔިތުންގެ ޙާލަށް ހަމްދަރުދީވުމުގެ ގޮތުން ނަމަވެސް އުފާ ފާޅުކުރުން މަޑުޖައްސައިލާކަށް މުސްލިމު ގައުމަކުންވެސް ނުވިސްނައެވެ.

މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއް ފަދަ ބަޔެއްކަމަށް ކައު ރަސޫލާ (ﷺ) ވަނީ އަންގަވައިފައެވެ.

މިއަދު ކާނާއާއި ބޯފެނާއި ސިއްޙީ އެހީއާއި ވެކްސިނާއި މި ނޫނަސް އިންސާނުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ނުލިބިގެން ފަލަސްޠީނުގެ ޣައްޒާގެ 3500 ކުޑަކުދީން ތިބީ ބަޑުހައިހޫނުކަމުގައި މަރުދަމަދަމައެވެ. ޣައްޒާ ސަރުކާރުން މަޢުލޫމާތު ދޭ ގޮތުގައި އެ ކުދީން ތިބީ ހަށިގަނޑަށް ބޭނުންވާ ކަނާދު ނުލިބިގެން ކާޑުބަލި (މަލްނިޔުޓްރިޝަން) ޖެހިފައެވެ. މަރުގެ ތުންފަތްމަތީގައެވެ. އަޅުގަނޑުމެން މުސްލިމުންގެ ނަމުގައި ތިބެ ކައްކަކައިގެ ބަނޑުފުރައި ކައިގެން ބާކީބައި އުކައިލުމަށް ފަހު ކުޅިވަރުކުޅެ މަޖާ ނަގަނީއެވެ. އެއް ހަށިގަނޑެއްގެ މިސާލު ކޮބައިތޯއެވެ؟

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފިސަރު މިއަދު ޚަބަރު ދިން ގޮތުގައި އެ ހުރިހައި ކުދީން ތިބީ މަރުގެ ހިރާސްގައެވެ.

މި ޙާލަތު މިހެން އޮއްވައި އެމެރިކާއިން މަސައްކަތްކުރަނީ އިސްރާއީލާ މެދު މުސްލިމު ގައުމުތަކުން އޮތް ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތެއް ހޯދޭތޯއެވެ. ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތެއްކަމަށްވާ ޙިޒުބުﷲއިން ޢާންމުކުރި ޑުރޯނު ވީޑިއޯތަކަކުން ފެންނަ ގޮތުގައި އެމެރިކާގެ މަންދޫބު އާމޫސް ހޮޝަތެއިން މިހާރު އެމެރިކާގެ ބަނދަރު ރަށެއްކަމުގައިވާ ހައިފާއިން ފޮށިތަންމަތި ބަންނަނީ ލުބުނާނާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ސަރަހައްދީ އިމުގެ މައްސަލައިގައި ލުބުނާނު ފިނިކުރުމަށް ޓަކައި ވާހަކަދައްކާން ލުބުނާނަށް ދާށެވެ.

ނަމަވެސް ރޭ ވެސް އިސްރާއީލުގެ އަނިޔާވެރި ސިފައިން ހަމަ ތަނެއްދޮރެއް ނުބަލައި ނުސައިރާތު ފޭލިގެ އަވަށަށް ވައިގެމަގުން އެތައް ބައިވަރު ހަމަލާތަކެއް ދީ މަޢުޞޫމު އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. އެ އަނިޔާވެރިކަމަށް ނިމުން ގެނައުމުގެ ބަދަލުގައި ހައްތާ ގެންދަނީ އަނިޔާވެރިކަން އިތުރުކުރަމުންނެވެ.

މިއަދު ވެސް ފަލަސްތީނަށް އަންނާނެކަމަށް ބެލެވޭ އެހީގެ އުޅަނދުތަކުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް އިސްރާއީލުން ޙަމަލާދީ ޝަހީދުކޮށްލައިފިއެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުން މިޔުޒިކު ޝޯތައް ބާއްވައިގެން މާލި ހަދައިގެން މި ތިބީ ކުޅިސަމާގައެވެ. ޣައްޒާގެ ނިކަމެތި ކުޑަކުދީންގެ ޙާލާ މެދު ވިސްނައިލެވެނީ ކާކަށް ކިހާ ވަރަކަށް ބާވައެވެ.

މި ދިޔަ އަހަރު އޮކްޓޫބަރު މަހު ފެށުނު ހަމަނުޖެހުންތަކުގައި މިހައި ތަނަށް ފަލަސްތީނުގެ 38 ހާހާ ކައިރިކުރާ ޢަދަދަކަށް މީހުން ޝަހީދުވެއްޖެއެވެ. 85 ހާހަށް ވުރެ ގިނަ މީހުން ތިބީ ޒަޚަމުވެ ނުކުޅެދޭ ޙާލަތުގައެވެ. އިސްރާއީލުން އެ މުއްދަތުގައި މަރުވިކަމަށް ވަނީ އެންމެ 11 ސަތޭހައެއްހައި ޔަހޫދީންނެވެ. (މަޢުލޫމާތު" އެސޯސިއޭޓެޑް ޕްރެސް/އަލްޖަޒީރާ)

_______________________________________

ލަފުޒެއްގެ މާނަ:

ކަނާދު   ނ.   ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް