Advertisement

އެހާރާއި މިހާރުގެ ސަޤާފަތްތަކުގެ ތެރެއިން ކަދުރު (1)

19 Jun 2024 | 08:20
ކަދުރު ރުއް: މިއީ ރަހައާއި އޭގެ ބާވަތްތައް ގިނަ ބާވަތެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ކަދުރުގެ ތާރީޚަކީ އޭގެ ރަހަތައް ފަދަ މުއްސަނދި އެއްޗެކެވެ. ކަދުރަކީ އިންސާނާ ދެނެގެންފައިވާ މޭވާތަކުގެ ތެރޭގައި ހިމެނޭ އެންމެ ޤަދީމީ އެއް މޭވާއެވެ. މީލާދީން ހަތަރު ހާސް އަހަރު ކުރީން މެދުއިރުމަތީގައި މިޞްރާއި ދެ ކޯރު ދެމެދުގައިވާ ސަރަޙައްދުތަކުގައި (ޢިރާޤުގައި) މި މޭވާ ވަނީ ހައްދައިފައެވެ.

އަޅުގަނޑުމެން ކަދުރާއެކު ދަތުރެއް ކޮށްލަމާ ހިންގަވާށެވެ! ޢަރަބީން ކަދުރާމެދު ބުނަނީ ކީކޭހެއްޔެވެ؟ އިސްލާމްދީނުގައި ކަދުރަށް ދީފައިވާ މަޤާމަކީ ކޮބައި ހެއްޔެވެ؟ މިޞްރާއި ބާބިލީންނާއި ފީނީޤީ ޙަޟާރާތްތަކުގައި ކަދުރުގެ ދައުރަކީ ކޮބައިހެއްޔެވެ؟

ތަމްރު (ކަދުރު)ގެ ޤަދީމީ ނަމަކީކޮބާ؟ މި ނަން ދެވުނީ ކިހިނެއް؟

ކަދުރުގެ ތާރީޚު ބުނާ ގޮތުގައި އަރަބީން އެވޭލާ ޒަމާނުގައި ތަމްރު (ކަދުރު)އަށް ކިޔައިފައިވަނީ މުސާމިރުއްރަކްބި (ދަތުރުވެރިޔާއަށް މުނިފޫހިފިލުވާދޭ)އެވެ. ދަތުރުމަތީގައި ކެއުމަށް ޓަކައި ކައްކައި ތައްޔާރުކުރާން ނުޖެހޭތީއެވެ. ބަނޑުހައިވުމުން އެންމެ ފުރަތަ ވެސް އަތްދިއްކޮށްލެވެނީ ކަދުރުކޮޅަކާ ދިމާއަށްކަމަށް ވާތީއެވެ.

އެހެނަސް ޢާންމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ  "މަސާމީރުއް ރުކަބި"ގެ ނަމުންނެވެ. އެއީ ފައިގެ ހުޅުތަކުގައި ރިއްސާ ރިއްސުމަށް  އެއިން ފައިދާކުރާތީއެވެ. ކަދުރުގައި ހުންނަ ފައިބަރާއި ޕްރޮޓީނާއި ހަކުރާއި ވިޓަމިނާއި މަޢުދަނީ ލޮނުގެ ސަބަބުން ހުޅުތަކަށް ޝިފާ ލިބޭތީއެވެ. މުސްކުޅި ބަހެއް ބުނާގޮތުގައި "ކަދުރުން ލިބޭ ފައިދާ އަހަރުގެ ދުވަސްތަކާ އެއްވަރެވެ."

ކަދުރުގެ އަސްލު ފެށުނީ ކޮން ރަށަކުން؟

ކަދުރާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ހިތަށް އަރާނެ ގިނަ ސުވާލުތަކުގެ ތެރެއިން އެއް ސުވާލަކަށް ނުވަތަ ފުރަތަމަ ސުވާލަކަށް ވާނީ އެންމެ ފުރަތަމަ ކަދުރު ދެނެގަތީ ކާކުހެއްޔެވެ؟

ދަރުނިއްޔާތު (ޖިޔޯލޮޖީ)ގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކަދުރު ރުއް ފުރަތަމަ ހެދި ފާޅުވެފައިވަނީ ކޮން ބިމެއްގައިކަން ކަށަވަރުކޮށްދެވޭކަށް ނެތެވެ. ބައެއް ހެކިތައް ބުނާ ގޮތުގައި ޢީރާޤުގެ ދެކުނުގައި ފައްޅިތައް ބިނާކުރުމުގައި ކަދުރު ރުކުގެ ނިރޮޅު ބޭނުންކޮށްފައިވާތީ ކަދުރުގެ ތާރީޚު ފެށުނީ ޢިރާޤުންނޭ ބުނެވިދާނެއެވެ.

އެތައް ހާސް އަހަރެއް ކުރީގެ އާސާރުތަކުގައި ކަދުރު ރުއް ކުރަހައިފައިވާ އެތައް އާސާރުތަކެއް ފެނިފައިވެއެވެ. މިޞްރުގެ ސައްޤާރާ ސަރަޙައްދުގައި ނީލް ކޯރު ކައިރީން ފެނިފައިވާ އާސާރީ އެއްޗެއް ހަދައިފައިވަނީ ކަދުރު ރުކުގެ ފަނުން ގަތައިގެންކަން އެނގުމުން އާސާރިއްޔާތުގެ ޢިލްމުވެރީން އެ ކަމާމެދު ވަރަށް ޙައިރާންފުޅުވިއެވެ. މި އާސާރީ އެތީގެ ޢުމުރު ބެލުމަށް ޓަކައި ކުރެވުނު މަސައްކަތްތަކުން އެނގުނީ އެއީ މިޞްރުގައި މީލާދީގެ 357 އަހަރާ 118ވަނަ އަހަރާ ދެމެދުގައި ވެރިކަންކުރި ބަޠުލީމުސް (ޕްޓޯލްމީސް) ޒަމާނުގެ އެއްޗެއްކަމެވެ. އެބަހީ އެއީ ދެހާހަށް ވުރެ ކުރީގެ އެއްޗެކެވެ.

މި އާސާރީ އެތިކޮޅުގެ ޖީނީ ދިރާސާއެއްކުރުމުން އެނގުނީ އެ ވިޔެފައިވަނީ އަތުންކަމެވެ. އަދި މި ފަންތައް އައިސްފައިވަނީ ކައްޗަރު ރުކަކުންކަމެވެ. ކައްޗަރުކޮށްފައިވަނީ ތުރުކީއާއި ކްރީޓް ސަރަޙައްދުގެ ރުކަކާއި ބަންގްލަދޭޝާއި ޕާކިސްތާނާއި ނޭޕާލާއި ދެކުނު އިރުމަތީ އިންޑިޔާގެ ރުކަކާއެވެ.

އެހެން ހޯދުންތަކުން އެނގޭގޮތުގައި  ކަދުރު ރުއް ހެއްދުމުގެ މަސައްކަތް ގަލްފާއި އީރާނުގެ ސަރަޙައްދުގައި ހައެއްކަ ހާސް އަހަރުކުރީން ފެށިއްޖެއެވެ. އެ ސަރަޙައްދުން ކަދުރު ރުއް އުތުރު އެފުރިކާއަށް ދިޔައީއެވެ.

ތަފާތު ސަގާފަތްތަކުގައި ކަދުރު:

އާސާރިއްޔާތާ ބެހޭ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ތަފާތު ޙަޟާރަތްތަކަށް ބަލާ އިރު، އެ ޙަޟާރަތްތަކުގައި ކަދުރު ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ސޫމާރީންނާއި އައްކާދީންނާއި ބާބިލީންގެ ރަށްރަށުގައި ގޭގޭގައި ފުރާޅުލުމަށް ޓަކައި ކަދުރު ރުކުގެ ފަން ބޭނުންކޮށްފައި ވެއެވެ. ކެއުމަށާއި ބޭސް ފަރުވާއަށް ކަދުރު ވަރަށް ގިނައިން ބޭނުންކޮށްފައި ވެއެވެ. އެ މީހުން ވަނީ ކަދުރުގެ ފައިދާތައް ދެނެގެންފައެވެ.

ކަދުރުގެ ޒަމާނީ ދަނޑުވެރިކަން އެރިތުރިއާގައި<br>

ކަދުރު ރުކުގެ ދަނޑުވެރިކަން ދުނިޔޭގައި ދެ ފަރާތަކުން ފެތުރިފައިވެއެވެ.

ފުރަތަމަ ފަރާތަކީ ދެ ކޯރުގެ ބިމުން (ޢިރާޤުން) އީރާނަށެވެ. އެއަށްފަހު އީރާނުން ޕާކިސްތާނަށެވެ.

ދެވަނަ ފަރާތަކީ މިޞްރުން ލީބިޔާއަށެވެ. ދެން މަޣްރިބުކަރައަށާއި އައްސޭރިފަށުގެ ރަށްތަކަށެވެ.

ނަޞާރާ ދީނުގައި ކަދުރު:

ނަޞާރާ ދީނުގައި ކަދުރަށް ވަރަށް ޚާއްޞަ މަޤާމެއް ލިބިފައިވެއެވެ. ޝައްމުއްނަސީމު (އީސްޓަރ)ގެ ކުރީން އަންނަ އެ ދީނުގެ މުޤައްދަސް ހަފުތާގައި ކަދުރު ރުކުގެ ފަންތައް ހިފައިގެން ހިނގާނެތެވެ. އެއީ ޢީސާގެފާނު ޤުދުސަށް ވަޑައިގަތް ދުވަހު އެކަލޭގެފާނަށް ދެންނެވި މަރުޙަބާގެ ހަނދާން އައުކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

ޔަހޫދީ ދީނުގައި ކަދުރު:

ކަދުރަކީ ތައުރާތުގައި ނަންގަނެވިފައިވާ ބަރަކާތްތެރި ހަތް މޭވާގެ ތެރޭގައި ހިމެނޭ މޭވާއެކެވެ. ކަދުރަކީ ޔަހޫދީ ބަދިގޭގައި ވަރަށް މުހިންމު ޢުންޞުރެކެވެ. އެމީހުން ކަދުރު ކައްކައިގެން އެއިން ފޮނި ސަރުބަތެއް (ކަރު ހަކުރު ބާވަތުގެ ބުއިމެއް) އުފައްދައެވެ. މި ހަކުރަށް "ސައިލާން"އޭ ކިޔައެވެ.

ފީނީޤީ ޙަޟާރަތުގައި ކަދުރު:

މެޑިޓެރޭނިއަން ކަނޑުގެ އައްސޭރި ފަށުގައި ޤާއިމުވި ފީނީޤީ ޙަޟާރަތުގެ ރަށްތަކުގައި ޚާއްޞަކޮށް ލުބުނާނާއި ފިލަސްޠީނާއި ދެކުނު ސޫރިޔާއަކީ ކަދުރު ރުކުގެ ދަނޑުވެރިކަން ވަރަށް ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކެކެވެ. މި ސަރަޙައްދަށް ކަދުރު ރުކުގެ ސަރަޙައްދުގެ ނަންދެވިފައި ވެއެވެ. ޞައިދާ ސަރަޙައްދުން ފެނިފައިވާ ފައިސާ ފޮއްޗެއްގައި ކަދުރު ރުކެއް ކަނޑައިނަގައިފައި ވެއެވެ.  

މީލާދީން 70ވަނަ އަހަރު އިމްބަރާޠޫރު ޓައިޓަސް ޤުދުސް ޙިޞާރުކުރެއްވުމުން އޭނާގެ ބައްޕާފުޅު ވިސްބާސިޔާން ކަދުރު ރުކެއްގެ ދަށުގައި އަންހެނެއްގެ ކުރެހުން ކުރަހައިފައިވާ ފައިސާ ފޮއްޗެއް ޖެއްސެވިއެވެ. މިއިން އެނގެނީ އެ ސަރަޙައްދުގައި ކަދުރުގެ އަގު މަތިކަމެވެ.

ޢަރަބި ސަގާފަތުގައި ކަދުރު:

އަރަބީންނަކީ ވަރަށް ގިނައިން ކަދުރު ކައިއުޅޭ ބައެކެވެ. ތާޒާކޮށްނާއި ހިއްކައިގެންނާއި އެތެރެއަށް އެއްޗެހި އަޅައިގެންނާއި ނާޅައި ވެސް ކަދުރު، ކެއުމަށް ބޭނުންކޮށްފައި ވެއެވެ.  ކަދުރަކީ ޢަރަބީންގެ ބަދިގޭގައި ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރާ މޭވާއެކެވެ. އަރަބީން ކަދުރުން ކަރު ހަކުރުވެސް ހަދައެވެ. އެއަށް  "ދިބްސުއްތަމްރި" ކިޔައެވެ. ކަދުރުން ހަކުރު ވެސް އުފައްދައެވެ. ކަދުރުން ހަކުރު އުފައްދަނީ އެއަށް އެއްވެސް އެއްޗެއް ނާޅައި ފުނޑައިގެންނެވެ.

ކަދުރުގެ ކޮންމެ ބާވަތަކަށް ޚާއްޞަ ރަހައެއް ލިބިފައިވެއެވެ. އެކި މީހުންނަށް ރަނގަޅުވާނީ އެކި ބާވަތުގެ ކަދުރެވެ. މިއަދު އެންމެ އެއް މަޝްހޫރު ކަދުރަކީ މަޖްދޫލް ކަދުރެވެ. އެއީ ވަރަށް ބޮޑު، ވަރަށް އޮށް ކުޑަ ބޭރު ތޮށިގަނޑު ވަރަށް އޮމާން ކަދުރެކެވެ. ޗީޒާއި ބަދަން އެއްކޮށްގެން މަޖްދޫލް ކައެވެ. މަޖްދޫލް ކަދުރު އެހެން ކަދުރަށް ވުރެން ސައިޒުން ބޮޑުވާނެއެވެ.

ކަދުރު ރުކުގެ ދަނޑުވެރިކަން:

ކަދުރު ރުކަކީ އަބަދަށް ފެހި، ހޫނު ތަންތާނގައި ހެދޭ ގަހެކެވެ. ކަދުރު ރުކަކީ އަންހެން ރުކާއި ފިރިހެން ރުއް ވަކިން ހުންނަ ގަހެކެވެ. ކަދުރު ރުއް ފޯދޭ ޢުމުރަކީ  ފަސްއަހަރެވެ. ތިރީހަކަށް ސާޅީހަކަށް އަހަރު ވަންދެން ކަދުރު ރުކުން ރަނގަޅަށް ކަދުރު ކާން ލިބޭނެއެވެ.

ކަދުރު ރުކަކީ ފިރިހެން ރުކާއި އަންހެން ރުއް ވަކިން ހުންނަ ގަހުގެ ބިސީއެކެވެ. ފިރިހެން ރުކުގެ އެތުގައި ހުންނަ ކުނޑިތައް އަންހެން ރުކަށް ލިބި އެ ރުއް ތަލްޤީޙު ވަނީ (ދަރިމައިވަނީ) ވަޔާއި ކޮކާ މާބުރު ފަދަ ފަނިފަކުސަގެ ޤުދްރަތީ ވަސީލަތްތަކުންނެވެ. އެހެނަސް ކަދުރު ގަންނަވަރު ގިނަކުރުމަށް ޓަކައި ޤަދީމީ ޒަމާނުއްސުރެ އިންސާނަ ރުކަށް އަރައި ރުއްތައް ތަލްޤީޙުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޮންމެ ރުކަކުން ވެސް ސާޅީހަކަށް ފަންސާހަކަށް އަހަރު ކަދުރު ކާން ލިބެއެވެ.

ކަދުރު އުފައްދާ އެންމެ ބޮޑެތި ގައުމުތައް:

ކަދުރަކީ ރަމަޟާން މަހުގައި މުސްލިމުންނަށް ވަރަށް ޚާއްޞަ މޭވާއެކެވެ. ރޯދަ ވީއްލާއިރު ކަދުރުކޮޅަކުން ރޯދަ ވީއްލުމަށް ކައު ރަސޫލާގެ ސުންނަތުގައި އައިސްފައިވާތީއެވެ. ހަކަތައިގެ ގޮތުން މުއްސަނދި ކާނާއަކަށް ވާތީ ކަދުރަކީ ވަރަށް ގިނަ ކާއެއްޗެހީގައި ރަހަ ތަފާތުކޮށްލުމަށް ބޭނުންކުރާ އެއްޗެކެވެ. މި ލިޔުން ނިންމައިލާނީ ކަދުރާމެދު ދީން ދެކޭ ގޮތުން ވެސް ވާހަކަކޮޅެއް ދަންނަވައިލައިފައެވެ. ބަހެއް ބުނެލައިފައެވެ.

ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދަނީ އިސްލާމީ ގައުމުތަކުންނެވެ. ޚާއްޞަކޮށް ޢަރަބި ގައުމުތަކުންނެވެ. އެ ގައުމުތަކުގެ ވެށި ކަދުރުގެ ވާސައާ ގުޅޭތީއެވެ.

ދުނިޔޭގައި ކަދުރު އުފައްދާ މައި ގައުމުތަކަކީ މިޞްރާއި ސުޢޫދީ އަރަބިއްޔާއާއި ޖަޒާއިރާއި އީރާނެވެ. މި ގައުމުތަކަކީ ފެން މަދު ބިންގަނޑު ހިކި ހަނަފަސް ގައުމުތަކެކެވެ. ކަދުރު ރުކަށް ބޭނުންވަނީ ހޫނު، ތެތްކަން ކުޑަ ވެށްޓެކެވެ. ކަދުރަކީ ލޮނުފެނުގައި ވެސް ހެދޭ ދިވެހި ރުއްފަދަ ރުކެކެވެ. ޞަޙަރާފަދަ ހަނަފަސް ބިންގަނޑުގެ އަޑިއަށް ގޮސް ފެން ހޯދުމުގެ ޤާބިލުކަން ވެސް ކަދުރު ރުކަށް ލިބިގެންވެއެވެ.  (ނުނިމޭ)

ބައެއް ލަފުޒުގެ މާނަ:

ވާސަ      ނ.   (1) ދިރިއުޅޭ ތަން. (2) ދިރިއުޅޭ ވެށި. (3) އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި.

އާސާރިއްޔާތު ނ.   ތަނަކުން ފެންނަ ނުވަތަ ތަނެއް ކޮނެގެން ހޯދޭ އިންސާނީ ތާރީޚާއި ސަގާފަތާ ގުޅިފައިވާ ބިނާތަކާއި ލިޔުންތަކާއި ތަކެތި ފަދަ އާސާރުތައް ދިރާސާކުރާ އިލްމު.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް