Advertisement

އަޅުވެތިކަމުގެ އައު ސީނާރިއޯއެއް

17 Jun 2024 | 17:25
ލައިބީރިއާގައި ވެރިކަން ކުރެއްވި ވިލިއަމް ޓޮބްމާން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

މި އުޅެނީ ކުރީގެ ތާރީޚުގެ ގަނޑުތަކެއް އެއްލާކަށް ނޫނެވެ. އަޅުގަނޑުމެންގެ ހަނދާން ފޯރާ ހިސާބަކުން ދެތިން ވާހަކައެއް ފާހަގަކޮށްލާށެވެ. އެއިން ޢިބްރަތެއް ޙާޞިލުކުރެވޭތޯއެވެ.

ހުޅަނގު އެފުރިކާގެ ގައުމެއް ކަމުގައިވާ ލައިބީރިޔާގައި ހިނގަމުންދިޔަ އަހުލީ ހަނގުރާމަ ނިމިގެން ދިޔައީ އެ ގައުމުގެ ޤަބީލާތަކުން ޤަބީލާއެއްގެ ރައީސް ވާދަވެރި އެހެން ޤަބީލާއެއްގެ ރައީސްގެ މައްޗަށް ކާމިޔާބު ހޯއްދަވައި، އެ ޤައުމުގެ ރައީސްކަމަށް އިސްވެވަޑައިގަތުމުންނެވެ. މި ރައީސް ވިލިއަމް ޓޮބްމަން ލައިބީރިޔާގެ ބައެއް ޤަބީލާތަކުގެ ތާއީދާއި ވޮޝިންގްޓަންގެ ވާތްގާއި މަދަދާއެކު 25 އަހަރު އެ ގައުމުގައި ވެރިކަންކުރެއްވިއެވެ. އޭނާ  އަވަހާރަވުމުން ރައީސްކަމަށް އިސްވެވަޑައިގަތީ އޭނާގެ ނައިބު ވިލިއަމް ޓޮލްބަރޓެވެ. ކުއްލިއަކަށް ފެނުނީ 1980 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކަޅު އަނދިރި ރެއެއްގައި ސެމްއިލް ޑޯ ނަމަކަށް ކިޔާ ސިފައިންގެ އާދައިގެ ސަރުދާރަކު އިންޤިލާބެއް ގެންނަވައި ވެރިކަމުގައި ވިހި އަހަރު ހުންނެވި ޢުމުރުފުޅުން ދުވަސްވީ ރައީސް ވިލިއަމް ޓޮލްބަރޓާއި އޭނާގެ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް މަރުގެ އަދަބުދެއްވައި ރައީސް ޑޯ  ޖެނެރަލެއްގެ މަޤާމަށް ދަރަޖަ މަތިކުރެއްވި ތަނެވެ. ވެރިކަމަށް ވަޑައިގަތީ "ހިތާއި ރޫޙުން ގައުމަށް ޚިދްމަތް"ކުރެއްވުމަށްކަމަށް ވިދާޅުވިއެވެ. "އަނިޔާވެރި ޚުދްމުޚްތާރުވެރިކަމުން"  ގައުމު ސަލާމަތް ކުރެއްވުމަށް ޓަކައެވެ. އަނިޔާވެރީންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް މި އަންނަނީ އަނެއްކާ ވެސް އަނިޔާވެރިއެކެވެ. މި އަނިޔާވެރިޔާގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް އެހެން އަނިޔާވެރިއެކެވެ. މި ގޮތަށް މިގޮތަށެވެ. އަނިޔާވެރިކަމުން ގައުމު ސަލާމަތެއް ނުވެއެވެ.

1990ވަނަ އަހަރު ވާދަވެރި ޤަބީލާތަކުން ދެ ޒަޢީމަކު ނުކުމެވަޑައިގެން ރައީސް ޑޯ ވެރިކަމުން ވައްޓައިލެއްވިއެވެ. ވެރިކަމަށް ވަޑައިގަތް ދެ ޒަޢީމުންނަކީ ޕްރީންސް ޖޯންސަނާއި ޗާރލްސް ޓޭލަރެވެ. ކުރީގެ ރައީސް ޑޯއަށް ވަރަށް އަނިޔާކުރެއްވުމަށް ފަހު އޭނާގެ އިނގިލިފުޅުތަކާއި ކަންފަތްޕުޅުތައް ކަނޑައި ވެރިރަށް މޮންރޯބިޔާގެ މަގުމަތީގައި ދަމައި ގަންހިންގުވުމަށް ފަހު  އަވަހާރަކޮށްލީއެވެ.

އެފުރިކާ ބަރޫދު އިސްތިޢުމާރުގެ ވަކިތަކުން ސަލާމަތްކުރެއްވި  އިސްވާރުންގެ އަމާޒުފަތްގަނޑަކީ  އެއް އިއްތިޙާދެއްގެ ގޮތުގައި އޮންނަ މިނިވަން ދީމުޤްރާޠީ  ފަސްގަނޑަކަށް އެފުރިކާ ބައްރު ހެއްދެވުމެވެ.

ޞުލްޙައިގެ ބަޠަލު ނެލްސަން މެންޑެލާގެ ފިކުރުފުޅުތަކުގެ ހުވަފެންތައް ފިރުމަމުންދިޔަ އެފުރިކާ ކޮބައިހެއްޔެވެ؟

މޫސާ ޗޮންބޭގެ އަނިޔާވެރި އަތުން އަވަހާރަކޮށްލި ކޮންގޯގެ ބަޠަލު ޕެޓްރިސް ލުމުންބާ ކޮބައިހެއްޔެވެ؟

އައު އިސްތިޢުމާރާ ދެކޮޅަށް ސާބިތުކަމާ އެކު ތެދުވެވަޑައިގަތް ގިނީގެ ބަޠަލު ރައީސް އަޙްމަދު ސިކޫޓޫރީ ކޮބައިހެއްޔެވެ؟ އޭނާ އަވާހަރަވެފައި ވަނީ އަނދިރިކަން ބޮޑު ޒުރޫފެއްގެ ތެރޭގައެވެ.

ގާނާގެ ޒަޢީމު ކުވާމީ ނެކްރޫމާ ކޮބައިހެއްޔެވެ؟ އެފުރިކާގެ އެއްބައިވަންތަކަމުގެ އިއްތިޙާދު ޤާއިމުކުރެއްވުމަށާއި ވަކި ފަރާތަކަށް ނުޖެހޭ ޙަރަކާތް  ބިނާކުރެއްވުމަށް ޖަމާލު ޢަބްދުއްނާޞިރާއި ނެހުރޫއާއި ޓީޓޯއާއި ސުކާރނޯ ފަދަ މުއައްސިސުންނާ އެކު އޭނާ އިސްތިޢުމަރާ ދެކޮޅަށް ހަނގުރާމަތަކެއް ކުރެއްވިއެވެ.

އެފުރިކާގެ މި ބަޠަލުންނަކީ އެފުރިކާ ބަރޫދުގެ ވަޙުދަތަށް ޓަކައި އެފުރިކާ އިއްތިޙާދު ޖަމްޢިއްޔާ ޤާއިމުކުރެއްވި ބޭފުޅުންނެވެ. އެހެނަސް މި މުއައްސަސާ މިއަދު ވަނީ ފުރާނައެއް ނެތް ފިނި ބުރަ އިދާރާއަކަށް ބަދަލުވެފައެވެ. އިސްތިޢުމާރީ ރޭވުންތަކުގެ ސަބަބުން ޢަރަބި ލީގު ވެސް މިއަދު އެ އޮތީ ދެ ފިޔަ ކޮށައިލައިފައެވެ. 1945ގައި އުފެއްދި ޢަރަބިލީގުގައި އެފުރިކާ ބަރޫދުގައި އޮންނަ ޢަރަބި 10 ގައުމު ހިމެނެއެވެ.

އެފުރިކާގެ ޤުދުރަތީ މުއްސަނދިކަމާ އެކުގައި ވެސް މި ބަރޫދުގައި ފަޤީރުކަން އޮތީ އާންމުވެފައެވެ. ކުރާނެ މަސައްކަތެއް ނުލިބުމުގެ ސަބަބުން އެ ބައްރު ދޫކޮށް ހިޖްރަކުރަމުންދާ މީހުން ދަނީ އިތުރުވަމުންނެވެ. މި މީހުންނާ ކުރިމަތިވަމުންދާ މުޞީބާތްތަކަކީ ދުނިޔޭގެ ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އަރަމުންދާ ޚަބަރުތަކެކެވެ. މި ބަރޫދާ ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ވެށީގެ މައްސަލަތަކާއި ޞަހަރާވެ ހަނަފަސްވުމުގެ މައްސަލަތަކާއި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ނުބައި އަސަރުތައް ވެއެވެ. ޤަބީލާތަކުގެ ޒަޢީމުންގެ މެދުގައި ހިނގަމުންދާ އަރައިރުންތަކާއި އެފުރިކާގެ މުއްސަނދިކަން ފޭރިގަތުމަށް ޓަކައި ހުޅަނގުން އެފުރިކާގައި ޤާއިމުކޮށްފައިވާ ކުންފުނިތަކުން އެފުރިކާގެ މުއްސަނދިކަން ލޫޓުވުމުގެ އިތުރަށް  މި ކުންފުނިތަކުން އެ ބައްރުގެ ދާޚީލީ ކަންތައްތަކާ ބެހުމާއި އެފުރިކާގައި ހަމަނުޖެހުމާއި ގަޑުބަޑުތައް ހިންގުން ވެއެވެ. އެފުރިކާގެ ބައެއް ގައުމުތަކުގައި ގެނެވޭ އިންޤިލާބުތަކަކީ މި ކުންފުނިތަކުން ނުވަތަ މި ކުންފުނިތަކާ ދެކޮޅަށް ހިންގޭ ޚަރާބީ ޢަމަލުތަކެކެވެ. މި ހުރިހައި ކަމަކީ ވެސް އަޅުވެތިކަމުގެ އައު ސީނާރިއޯއެކެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް