Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (8)

17 Jun 2024 | 06:43
ރަސޫލާ ﷺގެ ނަންފުޅު

އަޙުމަދު ފަޔާޟު ޙަސަން

(2024 ޖޫން 10ގައި ޝާއިޢުކުރި ބައިގެ ބާކީ)

، ރަސޫލު އަށް ދެއްވި ޢިއްޒަތާއި މަތިވެރިކަން

ޙިޖުރު ސޫރަތުގެ 49ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ޢިލްމުވެރީންގެ ހިތްތަކުގައި ކީރިތި ޤުރްއާން ހުރި ވާހަކައެވެ. ޝައްކެއްނެތް ގޮތުގައި އެ ބޭކަލުންނަކީ ޤުރްއާން ހިތްޕުޅުން ދަސްކުރެއްވި، ރަސޫލުﷲ ﷺގެ ޞަޙާބީންނެވެ. އެއަށް ފަހު އެ ބޭކަލުންނަށް ތަބާވި މުސްލިމުން ވެސް ކީރިތި ޤުރްއާން ހިތުދަސްކުރިއެވެ. މިހާރު ވެސް ދުނިޔޭގައި ޤުރްއާން ހިތުދަސް އެތައް މިލިއަން މުސްލިމުންނެއް އެބަތިއްބެވެ. ކީރިތި ޤުރްއާނެކޭ އެއްގޮތަށް ރަސޫލުﷲ ﷺގެ ޙަދީޘްފުޅުތައް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރެއްވި ހިތްތަކުގައި ރަސޫލުﷲ ﷺގެ ޙަދީޘްފުޅުތައް ބިންވަޅުނެގުނެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަދީޘްފުޅުތަކާ މެދު ސުވާލު އުފައްދާ މީހާއަށް ހަގީގަތުގައި އެ ޝައްކުއުފެއްދެނީ ޤުރްއާނާ މެދުގައެވެ. އެކަލޭގެފާނުގެ ޞަޙާބީންނާ މެދު ﷲ ތަކުރާރުކުރައްވައި އަންގަވަނީ އެބޭކަލުންނާ މެދު އެކަލާނގެ ރުހިވޮޑަތްކަމަށާއި އެބޭކަލުން ﷲއާ މެދު ރުހުނުކަމަށެވެ. އެހެންވެ އެބޭކަލުންގެ ނަޒާހަތްތެރިކަމުގައި އެ އޮތީ ﷲ ފުރިހަމައަށް ސިއްކަޖައްސަވައިފައެވެ.

ރަސޫލުﷲ ﷺގެ ޙަދީޘްފުޅުތަކުގައި ނުވަތަ އެކަލޭގެފާނުގެ ސުންނަތުގައި ފިސާރި ވަރުގަދައަށް ހިފާން ޖެހޭކަމަށް ހެކިވަނީ ކީރިތި ޤުރްއާނެވެ. ނިސާ ސޫރަތުގެ 65ވަނަ އާޔަތުގައި ﷲ، އެ އިލާހަށް ގަންދެއްވުމަށްފަހު، ރަސޫލުﷲ ﷺއަށް އެންގެވީ ކީކޭތޯއެވެ؟ މީހަކު އީމާންވިކަމަށްވާނީ ހަމަ ކޮންމެ ކަމެއްގައިމެ އެމީހާ ރަސޫލުﷲ ﷺގެ ނިންމެވުން ގަބޫލުކުރުމުން ކަމުގައެވެ. ރަސޫލުﷲ ﷺގެ ސުންނަތް ކުޑަ ގޮތަކަށް ނަގަންޖެހުނުނަމަ މިއާޔަތުގައި ﷲ އެންގެވީހީ ކޮންމެ ކަމެއްގައިމެ ކީރިތި ޤުރްއާނަށް ބެލުމަށެވެ. މި ކަމުން އެނގި ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވައި މަތިވެރިކުރައްވައިފައިވާ ވަރެވެ. އަދި އަޅުގަނޑުމެން މުސްލިމުން އެކަލޭގެފާނަށް މާތްކޮށް ހިތާން ޖެހޭ ވަރުގެ ބޮޑުކަމެވެ. މިއީ މިއަދު މުޅި މުސްލިމް އުއްމަތްކުރާން ޖެހިފައިވާ ބޮޑު މަސައްކަތެކެވެ. ހަގީގީ މާނައިގައި ބަހާއި އަމަލުން އެކަލޭގެފާނު ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް ކަމޭހިތައި ލޯބިކުރުމެވެ.

ކީރިތި ޤުރްއާނާ ރަސޫލޫﷲ ﷺ ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނުވަތަ އެއްވެސް ގޮތަކުން އެކަލޭގެފާނުގެ ސުންނަތް ދޫކޮށެއްނުލެވޭނެއެވެ. މި ކަން ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައިފައިވެއެވެ. ނިސާ ސޫރަތުގެ 61ވަނަ އާޔަތުގައި ﷲ އަންގަވަނީ ކީރިތި ޤުރްއާނަށް އަންނަންޖެހޭފަދައިން ﷲގެ ރަސޫލާ ﷺއަށް ވެސް އަޅުގަނޑުމެން އަންނާން ޖެހޭކަމަށެވެ. މި ފަދަ އެތައް އާޔަތަކުން އެނގިކަށަވަރުވަނީ ރަސޫލުﷲ ﷺ މާތްކުރައްވައި މަތިވެރިކުރައްވައިފައިވާ ވަރެވެ. އަދި ކީރިތި ޤުރްއާނާއި އެކަލޭގެފާނުގެ ސުންނަތް ގުޅި ލައިމެހިފައިވާކަމެވެ.

ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވައިފައިވަނީ އެ ފަދަ ދެވަނައެއްނުވާފަދަ މަތީ ދަރަޖައަކަށެވެ. އެ ގޮތުން މީހަކަށް އިސްލާމް ދީނަށް ވަދެވެނީ ރަސޫލުﷲ ﷺ ރަސޫލުކަން ގަބޫލުކޮށް އެކަލޭގެފާނަށް ތަބާވެގެންނެވެ. އީމާންވުމުގައި ﷲއާއި އެކަލާނގެ ރަސޫލާ ﷺ ވަކިނުކުރެވޭނެކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 151 އާޔަތުގައި ﷲ އަންގަވަނީ އީމާންވުމުގައި ﷲއާއި އެކަލާނގެ ރަސޫލުންނާ ދެމެދު ތަފާތުކުރާ މީހާއަކީ ކާފަރެއްކަމުގައެވެ. އެހެންކަމުން އިސްލާމް ދީނަށް ވަންނަ ކޮންމެ މީހަކު ރަސޫލުﷲ ﷺއަށް ހުރިހާ މާނައެއްގައި ތަބާވެ އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހެއެވެ. އެހެންނޫނީ އެމީހާ ކުފުރުގެތެރެއަށް ގެއްލެނިކުރައްވައެވެ. ކީރިތި ޤުރްއާނުގައިވާ މި ފަދަ އެތައް މިސާލަކުން ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވި ވަރު އެނގިގެންދެއެވެ.

ރަސޫލުﷲ ﷺ ގެ ސުންނަތުގައި ހިފަންޖެހޭކަމަށް އަންގައިދެނީ ކީރިތި ޤުރްއާންއެވެ. އަދި އެނޫން އެހެން ނެރެޓިވްއެއް ނެތްކަމަށް ސާފުބަހުން އަންގަނީ ކީރިތި ޤުރްއާންއެވެ. ޙަޝްރު ސޫރަތުގެ ހަތްވަނަ އާޔަތަށް ނަޒަރު ހިންގައިލަމާތޯއެވެ! ﷲ އަމުރުކުރައްވަނީ ރަސޫލު ﷲ ﷺ ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ހިފުމަށެވެ. ހަމަ އެގޮތަށް ﷲ އަމުރުކުރައްވަނީ ރަސޫލުﷲ ﷺ މަނާކުރެއްވި ކޮންމެ ކަމަކުން އަޅުގަނޑުމެން ދުރުހެލިވުމަށެވެ. ﷲގެ އިންޒާރުގެ މި ބަސްފުޅުން އެނގެނީ އެކަލޭގެފާނުގެ ސުންނަތުގެ ދިފާއުގައިވަނީ ޚުދު ކީރިތި ޤުރްއާންކަމެވެ. އެހެން ޤުރްއާން ގަބޫލުކޮށް ސުންނަތް ގަބޫލުނުކުރުމަކީ ދީނުން ބޭރުވުމެވެ. މި ކަމުން ވެސް ލިބޭ ފިލާވަޅަކީ ރަސޫލުﷲ ﷺގެ މާތްކަމާއި މަތިވެރިކަމެވެ. އަދި އެކަލޭގެފާނު ގެންނެވި ނުވަތަ ދެއްކެވި އެއްވެސް ކަމަކާ ޖަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމެވެ.

މައްކީ ސޫރަތްތަކުގެ މައިގަނޑު މައުޟޫއަކީ ﷲގެ އެއްކައުވަންތަކަމާއި އާޚިރަތް ދުވަހާއި ސުވަރުގެއާއި ނަރަކައެވެ. މައްކީ ސޫރަތްތަކުން އެންމެ ބޮޑަށް ދެން ފާހަގަކުރެވޭ ކަމަކީ ﷲ، އެ އިލާހުގެ ރަސޫލާ ދިފާއުކުރައްވައި ރައްކާތެރިކުރައްވައި ޢިއްޒަތްތެރިކުރައްވައި މާތްކުރެއްވި ގޮތެވެ. ބައެއް އާޔަތްތައް އެކަލޭގެފާނަށް ހިތްވަރު ދެއްވައެވެ. އަނެއް ބައި އާޔަތްތައް އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ދެއްވައެވެ. ބައެއް އާޔަތްތައް އެކަލޭގެފާނަށް ހަނދުމަކޮށްދެއްވައެވެ. އަނެއް ބައި އާޔަތްތައް އެކަލޭގެފާނަށް ކެތްތެރިކަން ގެނެސްދެއްވައެވެ. ނަތީޖާއަކަށްވީ ކީރިތި ޤުރްއާން އެކަލޭގެފާނުގެ ކޯޗަކަށް އަދި މެންޓަރއަކަށްވުމެވެ. އެކަލޭގެފާނުގެ ބޮޑީގާޑަކަށް ވެސް އެ ޤުރްއާންވިއެވެ.

ރަސޫލުﷲ ﷺ މާތްކުރައްވައި މަތިވެރި ކުރައްވައި ދިފާއުކުރައްވަމުން ﷲ މައްކާގެ މުޝްރިކުންނަށް ފިސާރި ވަރުގަދައަށް ގޮންޖެއްސެވިއެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ވަންދެން މާތްކަމާއި މަތިވެރިކަމާއި ނަޒާހަތްތެރިކަމާއި އަބުރުވެރިކަމުގައި އެންމެ ފުރިހަމަ ނަމޫނާއަކީ އެކަލޭގެފާނުކަމަށް ދަޢުވާކޮށް އެކަން ސާބިތުކޮށްދިނީ މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނަށް އަމީންގެ ނަމުން ނަންދިނީ މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެކަމަށް އިއްތިފާގުވީ އެ މީހުންނެވެ. މިހުރިހާ ކަމެއް މި ގޮތަށް ހުއްޓައި އެކަލޭގެފާނު ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމާ އެކު މައްކާގެ މުޝްރިކުން އެކަލޭގެފާނު ދޮގުކުރުންވީ ބުއްދީގެ އެއްވެސް ހަމައަކުން ގަބޫލުނުކުރެވޭނެކަމަކަށެވެ. މި ހުރިހައި ކަމަކަށް ރިއާޔަތްކުރައްވަމުން ﷲ، އެކަލޭގެފާނު ހިމާޔަތްކުރައްވައި މަތިވެރިކުރެއްވިއެވެ. މި ކަން މައްކީ ސޫރަތްތަކުން ހާމަވެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ..

Advertisement

ކޮމެންޓް