Advertisement

ޣައްޒާއަށް އެހީ ވެއްދުމަށް ޓަކައި އިޢުލާނުކުރީ "މަކަރުވެރި މެދުކަނޑައިލުމެއް"ބާ؟

16 Jun 2024 | 13:10
ޣައްޒާއަށް އެހީގެ ތަކެތި ވައްދާ ލޯރިތައް ސަރަހައްދީ އިމުގައި ކިޔޫގައި

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަލްކަރަމް އަބޫ ސާލިމް ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ޓަކައި ކުޑަ ވަގުތުކޮޅަށް ޢުދުވާނީ ޙަމާލާ މެދުކަނޑައިލާނޭ ވަގުތުތަކެއް ކަނޑައަޅައިފިކަމަށް އިންސާނިއްޔަތުކަމެއް ނެތް ނިރުބަވެރި އިސްރާއީލުން އިޢުލާނުކުރީ މަކަރުވެރި ނިޔަތެއްގައިކަމަށް ލަފާކުރާނެ ފުރުޞަތު އެބަ އޮތެވެ.

އިސްތިޢުމާރުކޮށްފައިވާ ސަރަހައްދުތަކުގައި ސަރުކާރުގެ ޙަރަކާތްތައް ވިލަރެއްކުރާ ވިލަރެސްވެރިޔާ މި ކަން އިޢުލާނުކުރަމުން ބަޔާންކޮށްފައިވާ ގޮތުގައި މި މެދުކަނޑައިލުން ތަންފީޒުކުރާނީ ކޮންމެ ދުވަހަކު ހެނދުނު އަށަކުން އިރުއޮއްސި ހަތެއް ޖަހަންދެނެވެ. މިއީ އދ.އާއި އިންސާނީ އެހީދޭ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއްކަމަށް އޭނާ ބަޔާންކޮށްފައިވެއެވެ. މީގެ ބޭނުމަކީ ޣައްޒާއަށް އެހީގެ ތަކެތި ވެއްދޭ މިންވަރު އިތުރުކުރުމެވެ.

މިކަން ވިލަރެސްވެރިޔާ އިޢުލާނުކުރި ފަހުން އިސްރާއީލުން ބުނި ގޮތުގައި އެންމެ މަގަކުން އެހީގެ ތަކެތި ވައްދާން ޙަމަލާތައް މެދުކަނޑައިލިޔަސް ރަފަޙާއި ޣައްޒާގެ އެހެން ދިމަދިމާގައި ހިންގާ ޢުދުވާނުތަކަކަށް ހުއްޓުމެއް ނާންނާނެއެވެ. އަދި މި ކަމުން، އެ ކަންކަމަށް އަސަރެއް ވެސް ނުފޯރާނެއެވެ.

އދ.ގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި ޣައްޒާއަށް ބޭހުގެ ބާވަތްތަކާއި ނިދާ ކޮތަޅާއި އެހެނިހެން އެހީގެ ސާމާނުވެއްދުމުގައި އެހީދޭ ޖަމާޢަތަތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އިސްރާއީލުން އާޓިލަރީއާއި އެހެނިހެން ހަތިޔާރުން އެ ފަދަ އެހީދޭ ގާފިލާތަކަށް ހުރަސްއަޅައި ހަމަލާދެނީއެވެ.

މި ޚަބަރު ޢައްމުވިދާ ދެތިން ގަޑިއިރު ވެސް ނުވަނީސް އިސްރާއީލުގެ ހައްދު ފަހަނަޅައިފައިވާ، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތާމާރ ބެންގްވީރު ފަހުން ބުނެފައިވަނީ މި ނިންމުމަކީ ކެބިނެޓަށް ހުށަހަޅައި ފާސްކޮށްފައިވާ ނިންމުމެއް ނޫންކަމަށާއި މިއީ ސޭކު ނިންމުމެއްކަމަށެވެ. އަދި މި ކަމުގެ ސަބަބުން އިސްރާއީލުގެ ފައުޖުތައް މަރާ ކުރިމަތިވާނެކަމަށެވެ.

ބެންގވީރުގެ ވާހަކަތަކުން ސާބިތުވަނީ ޙަމަލާތައް މެދުކަނޑައިލާން ނިންމިކަން އިޢުލާނުކުރި ނަމަވެސް އެ ކަން ތަންފީޒުކުރުމާ މެދު ޔަގީންކަމެއް ނެތްކަމެވެ. އަދި އިސްރާއީލުގެ ފައުޖުތަކަށް ޙަމާސްގެ ހިތްވަރުގަދަ މުޖާހިދުންގެ ފަރާތުން އޮތް ނުރައްކާ ވެސް އޭނާގެ ވާހަކަތަކުން ދޭހަވެއެވެ. އެ މީހުން މުޖާހިދުން ދެކެ ބިރުގަންނަ މިންވަރު ވެސް ހާމަވެއެވެ. އަދި ޙަމަލާތައް މެދުކަނޑައިލިކަން އިޢުލާނުކުރިކުރުމަކީ މަކަރެއްކަމަށް ވެސް ވެދާނެކަން މި ކަމުގެ ވަށައިގެންވާ މަޢުލޫމާތުން އަޅުގަނޑަށް ދޭހަވެއެވެ.

__________________________

Advertisement

ކޮމެންޓް