Advertisement

ބުއްދީގެ މަތިވެރި ނިޢުމަތް

16 Jun 2024 | 13:04
ބުއްދިއަކީ އެންމެ މަތިވެރި ނިޢުމަތެވެ.

ލިޔުނީ: އައްޝައިޚު ޝަފީޢު ޢަބްދުﷲ

ބުއްދިއަކީ މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. ބަނީއާދަމު ކަރާމާތްތެރިކުރައްވައި، އެހެން މަޚުލޫޤުންތަކުންގެ މައްޗަށް އެ އިލާހު، މަތިވެރިކުރެއްވީ ބުއްދީގެ ނިޢުމަތުންނެވެ. ހެވާއި ނުބައި އިންސާނާއަށް ދެނެގަނެވޭނީ އެ ބުއްދީގެ ބޭނުންކޮށްގެނެވެ.

ކައުނާއި ދުނިޔޭގައި ވާހައި ކަންކަމަށް އެއްވެސް އިސްތިންސާއެއް ނެތި، ނަޒަރުހިންގައި، ވިސްނައި ބަލައި، ފިކުރުކުރުމަށް އެ އިލާހު އެންގެވީ މި ސަބަބާ ހުރެއެވެ. އެހެނީ، ބެލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ އެ އިލާހުގެ މަތިވެރިކަމެވެ. ނަޒަރު ހިންގި ކޮންމެ އެއްޗަކުން ދަލާލަތުކޮށްދޭނީ އެ އިލާހުގެ ކަށަކުޅަދުންވަންތަކަމެކެވެ. ފިކުރުކޮށްލި ކޮންމެ ދިމާއަކުން، އެނގި ކަށަވަރުވާނީ، އެ އިލާހު އެއްކައުވަންތަކަމެވެ.

މި ހުރިހައި ކަމެއް އިންސާނާއަށް ހާސިލުވާން އަންނަނީ، އޭނާގެ ބުއްދި ބޭނުންކުރި މިންވަރަކުންނެވެ. ޤުރުއާނުގައި އެތައް އާޔަތެއްގައި، މިވެނި އެވެނި ކަމެއްގައި، ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއް ވެޔޭ ވަޙީކުރައްވައިފައި ވަނީ އެ ސަބަބާ ހުރެއެވެ. މިވެނިއެވެނި ކަމެއްގައި ޢިބްރަތްވަނީ، ވިސްނައި ފިކުރުކުރާ ބަޔަކަށޭ އަންގަވައި ޚަބަރުކުރައްވައިފައި ވަނީ އެހެންވެއެވެ.

ނަމަވެސް، ބުއްދިއަކީ މި ހައި މަތިވެރި އެއްޗެކަށް ވީ ހިނދު، އެ ބުއްދީގެ ނިޢުމަތަކީ އިންސާނާގެ އެންމެ ބޮޑު ޢަދުއްވުކަމަށް ވެސް ވެދާނެއެވެ. އެއީ އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާން ނޭނގިއްޖެ ހިނދެއްގައެވެ.

ބުއްދިއަކީ އޭނާއާ ޙައްޤާ ދެމެދަށް އެޅޭ ހުރަހަކަށް ވެސް ވެދާނެއެވެ. އިންސާނާއަށް އޭނާގެ ބުއްދިއަކީ ތޫނުފިލި ބުއްދިއެއް ކަން އެނގި، އެ ބުއްދިއާ މެދު ޝުކުރުވެރިވުމުގެ ބަދަލުގައި ކިބުރުވެރިވެއްޖެ ނަމަ، އޭނާއަށް މަގު އޮޅިގެން ދިޔުން އޮންނާނީ ދާދި ގާތުގައެވެ.

އޭރުން، އޭނާ މަޑުކުރާނެ ވަކި ޙައްދެއް ނޯންނާނެއެވެ. އޭނާ ފާޑުނުކިޔާނެ ވަކި ކަމެއް ނޯންނާނެއެވެ. ހުރިހައި ކަމަކަށް ވެސް ނަޤުދުކޮށް ފާޑުކިޔުމަކީ އޭނާއަށް ހީވެފައި އޮންނާނީ އެއީ އޭނާގެ ބުއްދީގެ ފުރިހަމަކަން ސާބިތުކޮށްދޭން ކޮންމެހެން ކުރާން ޖެހޭނެ ކަމެއްކަމުގައެވެ.

ޙައްދުން ބޭރުވުމުގެ ސަބަބުން ބައެއް މީހުން މާތް ﷲ ބާއްވައިލައްވައިފައިވާ މަތިވެރި ޤަޠުޢީ ޙުކުމްފުޅުތަކަށް ވެސް އިންކާރުކުރާ މަންޒަރު ފެނެއެވެ. އެއީ އެބައިމީހުންގެ ބުއްދިއަށް އެ ޙުކުމްފުޅުތަކުގެ ޙިކުމަތާއި މަތިވެރިކަން ނުވިސްނޭތީ އެބައިމީހުންނަށް ދިމާވާ ކަމެއްކަމުގައި ބުނެވިދާނެއެވެ.

ފުރިހަމަ ބުއްދީގެ އަހުލުވެރިންނަކީ، މާތް ﷲ ކަމަކަށް ޙުކުމްފުޅެއް ކުރައްވާފައިވާކަން އެނގިއްޖެ ނަމަ، އެއީ އެންމެ މަތިވެރި ޙުކުމްފުޅުކަމާ މެދު ފުރިހަމައަށް އީމާންވާ މީހުންނެވެ.

___________________________________

އެޑިޓަރުގެ ނޯޓް
އައްޝައިޚު ޝަފީޢު ޢަބްދުﷲއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރަށް އެއީ ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސް މަޖައްލާތަކުގައި ލިޔުއްވަމުން ގެންދަވައެވެ.

Advertisement

ކޮމެންޓް