އަނިޔާ
އަސްމާ އަބޫބަކުރު
ބިރަކީ ދުނިޔޭގައިވާ އެންމެ ނާޒުކު ޖަޒުބާތެވެ. ބިރުވެރިކަމުން ހިތުގައި ކަންކަމާ މެދު ނަފުރަތު އުފައްދައެވެ. ބައެއް ކަންކަމުގައި އީމާންކަމަށް ވުރެ ބިރުވެރިކަމާއި ނަފުރަތު ހިތުގައި ވަކި ހިއްޕައިލައެވެ. އެ ފަދަ ވަގުތުތަކުގައި އީމާންކަން ވަރުގަދަކޮށް ކިތަންމެ ފައްސިކޮށް ވިސްނާން މަސައްކަތްކުރިއަސް ބިރުވެރިކަމުގެ ނައްސި ވިސުނުން ސިކުނޑި ކައި ހުސްކުރެއެވެ. އެ ނަފުރަތުގެ ސަބަބުން ހުރިހައި އެއްޗެއް ފެންނަނީ ކަށިތަކެއްގެ ސިފައިގައެވެ. ބައެއް ފަހަރު ބިރުވެރިކަން ނައްތައިލުމަށް ރުޅިވެރިކަން އިސްކުރާން ޖެހެއެވެ. އެއީ ޒުނޭރާއަށް ވާންފެށި ގޮތެވެ.
އޭނާގެ ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ މަގު ސާފުކުރުމުގެ ނިޔަތުގައި ކަށިތައް ނައްތައިލާން މަސައްކަތް ކުރާން ނިންމިއެވެ. އެއީ ކިތަންމެ ނާޒުކު ގުޅުމެއް ކަމަށްވިޔަސް ހެޔޮ ކަމަށް ހިތައެވެ. ޒުނޭރާގެ ފުރަތަމަ ކައިވެނީން ހިތުގައި އުފެދުނު ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އެއީ މީގެ ދަހަރެއްގެ ކުރިއެވެ. ފުރަތަމަ ކައިވެނީގެ ނިމުން އައީ ހީކުރި ގޮތަކަށް ނޫނެވެ. ބޮލުގައި އެތައް އިލްޒާމްތަކެއް އެޅުވިގެން ނިމުން ގެނައީއެވެ. ބަޔަކު ރާވައިގެންނެވެ. އެދުވަހުގެ ހަނދާންތައް ޒުނޭރާގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
"ޒުނޭރާ ދައްތާ. ތެދުވޭ ސައިބޯން." ހިޔާލުތަކުން ނިކުމެވުނީ ގޭގައި އުޅޭ ނޯކަރު ސައި ހިފައިގެން އައުމުންނެވެ. ނޯކަރަކަށް ވުރެ ބޮޑަށް އަންޖޫގެ ގައިގައި އާއިލީ ގޮތްގަނޑު ހުރެއެވެ. ޒުނޭރާގެ ކޮންމެ ކަމެއް ވީހާ ރަނގަޅަކަށް އަންޖޫ ކޮށްދެއެވެ.
ފުރަތަމަ ކައިވެނީން ލިބުނު ޢިބުރަތުން ޒުނޭރާ ބަދަލުކޮށްލިއެވެ. އެ ހިތަކީ ބައެއްފަހަރު ހަރު ހިލައަށް ވުރެ ހަރުއެއްޗެކެވެ. ދުލުގެ ބަސްތައް ފޮނިވެއްޖިއްޔާ އެހާ ފޮނިވެއެވެ. އަނެއްބައި ފަހަރު ޒަހަރަށް ވުރެ ހިތި ބަސް ބުނެއެވެ. މީހާގެ މިޒާޖަށް ހަރުކަށިކަން ވެރިވީ ލިބުނު ހިތި ފިލާވަޅުންނެވެ. ޓީޗަރެއްގެ ވަޒީފާ އަދާ ނުކުރެވިގެން ކެނޑުމަށްފަހު މެނޭޖުމަންޓް ކޯހެއް ހަދައިގެން އޮފީހަކަށް ވަނެވެ. އެގޮތުގައި ހަތަރު އަހަރު ވޭތުވެ ދިޔަ ފަހުން ޒުނޭރާގެ އޮފީހުގެ ބޮސް ނަދީމާ ރައްޓެހިކަން އިތުރުވާން ފަށައިފިއެވެ.
ޒުނޭރާގެ ދިރިއުޅުން ބައްޓަން ކުރީ ކޮންމެ ދުވަހެއްގެ އުފާވެރިކަމާއި އަރާމު ޙަޔާތެއް ހޯދުމުގެ ނިޔަތުގައެވެ. އެއުފާ ހޯދަން އެއްކައިރި ކުރަންޖެހުނު ކޮންމެ އެއްޗެއް އެއްލައިލައި ނެތިކޮށްލުމުގެ އަޒުމް ހިތުގައި އޮތެވެ. ނަދީމު މަޑުމަޑުން ޒުނޭރާއާ ގާތްވަމުންދާކަމުގެ އިޙްސާސް ޒުނޭރާއަށް ކުރެވެން ފެށި ހިސާބުން ޒުނޭރާ ވެސް ނަދީމާ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަދީމަކީ އޯގާތެރި މަޑުމައިތިރި މީހެކެވެ. އަނބިމީހާ ކެންސަރު ބަލީގައި ނިޔާވި ފަހުން ފަނަރަ އަހަރުވީ އިރު އެހެން ކައިވެއްޏެއް ކުރުމުގެ ޚިޔާލު ވެސް ނުކުރެއެވެ. ނަދީމުގެ ދަރިފުޅު ކިޔަވަން އޮސްޓްރޭލިޔާ އަށް ބަދަލުވިފަހުން ވެސް ދިހަ އަހަރު ވަނީއެވެ.
ތަނަވަސް ދިރިއުޅުމެއް ބޭނުންވާ ޒުނޭރާއަށް ނަދީމު ކަމުދިޔަ އެތައް ސަބަބެއް ވެއެވެ. ނަދީމުގެ މުއްސަނދިކަމެވެ. އޮފީހުގައި އުޅޭއިރު އެ ގެންގުޅޭ އުޞުލުތަކެވެ. މުވައްޒަފުންނާ ވާހަކަ ދައްކާއިރު އެ ގެންގުޅޭ މަޑުމައިތިރި ކަމެވެ. ކަންކަން ނިންމުމުގައި ހުންނަ ހަރުދަނާ ގޮތެވެ. ނަދީމުގެ ޢުމުރުން ފަންސާސް އަށް އަހަރުވީ ކަމުގައި ވިއަސް އޭނާގެ ރީތި ސިފަ ވެސް ޒުނޭރާ އަށް ކަމުދިޔައެވެ. ޒުނޭރާގެ ޢުމުރު ނަދީމަށްވުރެ ފަނަރަ އަހަރު ހަގެވެ. އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ރަށުން މާލެ ބަދަލުވީ ހުސް އަތާއެވެ. ކުރީގެ ދިރިއުޅުމުން ލިބުނު ހިތްދަތިކަން ފިޔަވައި އިތުރު އެއްޗެއް ނެތެވެ.
ނަދީމުގެ ކެބިންއަށް ޒުނޭރާ ދިޔައީ ނިންމަން ހުރި ލިޔުންތަކެއްގައި ސޮއި ކުރާން ވެގެންނެވެ. އޭރު ނަދީމު އިނީ ފޯނެއްގައެވެ. އަތުގެ އިޝާރާތުން އިށީނުމަށް ނަދީމު އަންގައިލިއެވެ.
ޒުނޭރާ އެ ކޯލް ނިމެންދެން މަޑުކޮށްގެން އިނެވެ.
"ދަރިފުޅުގެ ކޯލެއް ވީމާ ކޮންމެހެން ވެސް މި ނެގީ. އެހާދުރުގައި ހުންނައިރު މުހިއްމު ކަމެއް ވެސް ޖެހިދާނެ" ނަދީމުގެ ވާހަކައިން ޒުނޭރާ އަށް އެނގިގެން ދިޔައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ މުހިއްމު ކަމެވެ.
" އޮފީސް ނިމުނީމަ ކޮންކަމެއް މިއަދު އޮތީ؟" ނަދީމު ވަރަށް ނުރަސްމީކޮށް އަހައިލިއެވެ.
"ވަކި ކަމެއް ނެތް. އޮފީސް ނިމުނީމާ ދެން އޮންނާނީ ހަވީރު ކަސްރަތަށް ދިއުން. އޭގެ ފަހުން އެއްވެސް ކަމެއް ނޯންނާނެ." ޒުނޭރާގެ ތާވަލުގައި މާގިނަ ކަންކަމެއް ނޯންނަކަން ނަދީމަށް ވެސް އެނގެއެވެ.
" އަހަރެން ދައުވަތެއް ދީފިއްޔާ ގަބޫލު ކުރާނަންތަ؟" ޒުނޭރާ ހިތަށް ވެސް ނާރާ ހުއްޓާ ނަދީމު ކުރި ސުވާލަކުން ހުއްޓުން އެރިއެވެ. އެހެންނަމަވެސް އެވަގުތު ހިތުގައި އައު ވައްތަރެއްގެ ވިންދެއް ޖަހައިލި ކަހަލައެވެ.
"ލައްބަ. ދެވިދާނެ." ޒުނޭރާ ވަރަށް މަޑުމަޑުން ބުނެލިއެވެ. ގަޑިއާއި ތަން ބުނުމުން ޒުނޭރާ ނަދީމުގެ ކެބިނުން ނިކުތެވެ. އެވަގުތު ޒުނޭރާގެ ހިތަށް އެތައް ބައިވަރު ޚިޔާލުތައް އަރަމުންދިޔައެވެ. ދިރިއުޅުމުގައި ހިތާމަވެރިކަމާއި އުފާވެރިކަންވެއެވެ. އެތައް ދުވަހަކު ހިތާމައަކަށް ފަހު އުފާވެރިކަން ލިބެއެވެ. މިއަދު ޒުނޭރާގެ ހިތަށް ވެސް އުފާވެރިކަން މަޑުމަޑުން ވެރިވާން ފަށައިފިއެވެ. އުނދަގޫ އެތައް ވަގުތެއް ތަހައްމަލު ކުރެވިއްޖެއެވެ. އެކަނިވެރިކަމުގައި އެތައް ދުވަހެއް ވޭތު ކުރެވިއްޖެއެވެ. އުމުރުން ސާޅީސް ތިން އަހަރު ވެފައިވީ ނަމަވެސް މިއަދު އެ ހިތް އުފަލުން ނަށައިލީ އެންމެ ޒުވާން ދުވަސްވަރު ފިރިހެން ކުދީން ގަޑިކީމާ އުފާވާ ވަރަށެވެ. ޒުނޭރާ އަށް ނަދީމުގެ އަމަލުތައް ހުންނަ ގޮތުން ޒުނޭރާއާ ލައިކުވާކަން އެނގެއެވެ. ވަކީން ބައްދަލު ކުރާ ފުރަތަމަ ފަހަރު ކަމަށްވުމުން ޒުނޭރާގެ ހިތުގައި ވަޅުލާފައިވާ ބިރުވެރިކަން ނިކުމެ ސިކުނޑިއަށް އުނދަގޫ ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ދިރިއުޅުމުގައި މިއަދު ނަދީމަކީ ވެސް އެކަނިވެރިއެކެވެ. ޒުނޭރާ އަކީ އެއަށްވުރެ އެކަނިވެރިއެކެވެ. އޭނާގެ ކުރީގެ ފިރިމީހާ ތެޅިތެޅީނުން ބަނޑުގައި އޮތް ދަރިފުޅު ވެސް ބައިގެން ދިޔައީއެވެ. މައިދައިތަ އާއި ފިރިމީހާ ގޭގެ އެންމެންގެ ބުލީގެ ޝިކާރާއަކަށްވީ ނުވެސް ދެނަހުރި ކަމެއްގައި އިލްޒާމް އަޅުވައިގެންނެވެ. ފުރަތަމަ ކައިވެނީގެ އަސަރުތައް ހިތުން ފިލުވުމަށްޓަކައި ޒުނޭރާ މާލެ ބަދަލުވީ މީގެ ފަސް އަހަރު ކުރީންނެވެ. ހިތްދަތިކަމުގައި އެތައް ދުވަހެއް އުޅުމަށްފަހު މާހައުލު ބަދަލުވެ ހަމަޔަކަށް އެޅިފައި ވީނަމަވެސް އެ ހިތުގައި އަދިވެސް ފިރިހެނުންނަށް އޮންނަ ނަފްރަތާ ބިރުވެރިކަން އެއްކޮށް ފިލައިގެން ނުދެއެވެ.
ދެމީހުންގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާ ކުރުމަށްފަހު ނަދީމު އެދުނީ ޒުނޭރާއާ އެކީގައި ރަނގަޅު ދިރިއުޅުމެއް ވޭތުކުރާން ބޭނުންވާ ކަމުގައެވެ. ޒުނޭރާގެ ހިޔާލެއް އެބައޮތްތޯ ވެސް ނަދީމު އެހިއެވެ.
"ނަދީމުގެ ދަރިފުޅު ނާއިލް ގާތު އަހައިލާންވާނެ. އޭނާ ރުހޭނަމަ ކައިވެނި ކުރަންވީ" ޒުނޭރާގެ އެ ހުށަހެޅުމަށް ނަދީމު އެއްބަސްވިއެވެ.
"ނާއިލަށް ވަގުތުވީމަ ގުޅާނެ." ނަދީމުގެ ހިޔާލުގައި ނާއިލް އެއްބަސްވާނެއެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ޒުނޭރާމެންގެ ކައިވެނި ކުރެވިއްޖެއެވެ. ޒުނޭރާގެ ދިރިއުޅުން ނަދީމުގެ ގެއަށް ބަދަލުވެއްޖެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އަޅައިލައެވެ. އޮފީހަށް ދިއުމަށްފަހު އޮފީހުގައި އޮންނަންޖެހޭ އިހްތިރާމް އެކަކު އަނެކަކަށް ކުރެއެވެ. ދިރިއުޅުމުގައި އުފާވެރިކަން ޒުނޭރާ އަށް އިހްސާސް ކުރެވެން ފަށައިފިއެވެ. އެހެންނަމަވެސް ހިތުގައި އޮންނަ ބިރުވެރިކަން ނުފިލާ އޮތެވެ. އެކަމަކަށް ބަދަލެއް ނާދެއެވެ.
އުފާވެރިކަމުގައި ދުވަސްތައް ވޭތު ކުރަމުން ދަނިކޮށް އެއްދުވަހަކު ފަތިސް ނަމާދަށް ވެސް ނަދީމު ނުހޭލާ އޮތެވެ. ޒުނޭރާ ދެތިން ފަހަރަކު ގޮވައިވެސް ލައިފިއެވެ. ގައިގައި އަތްޖައްސައިލިއިރު ހުން ގަދަކަން އެނގުމުން އެކަމަށް ފަރުވާ ކުރަން ފެށިއެވެ. ޒުނޭރާގެ ފަރުވާއިން އެ ދުވަހުގެ މެންދުރު ފަހަށްދިޔައިރު ނަދީމުގެ ހުން މަޑުވާން ފަށައިފިއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްކަތެއް ހަދަން ދީފައިވެއެވެ. ޒުނޭރާ ބޭނުންވީ ނަދީމު ގޮވައިގެން ފަރުވާއަށް އިންޑިޔާ އަށް ދިއުމަށެވެ. އޭގެ ދެ ދުވަސްފަހުން އެމީހުން ފުރައިގެން ދިޔައީއެވެ.
އިންޑިޔާގައި ހަފްތާއަކު މަޑުކޮށްފައި މާލެ އަތުވެއްޖެއެވެ. ނަދީމުގެ ބައްޔެއް ރަނގަޅެއް ނުވެއެވެ. ނާއިލް ކޯލެއް ލިބުނު ދުވަހު ވެސް ނަދީމަށް އޮތީ ނިދިފައެވެ. ބޭސް ކާން ފެށިފަހުން ގިނަވަގުތު ނަދީމަށް ނިދެނީއެވެ. ބައެއް ފަހަރު ކޮންމެ ވެސް ވަރަކަށް ލޯ ހުޅުވައިލެވެއެވެ. ޒުނޭރާ ނަދީމުގެ ގާތުން ދުރަކަށް ނުދެއެވެ.
"އަވަހަށް ރަނގަޅުވާނީ މި ކިރުތަށި ބޯލީމާ." ޒުނޭރާ ނަދީމަށް ކިރުތަށި ދެމުން ބުނެލިއެވެ. ގަޑިން ގަޑިއަށް ބޭސް ދީ އެކި ވައްތަރުގެ ޖޫސް ފަދަ ތަކެތި ވެސް ދެއެވެ.
"މިހާރު ނާއިލަށް ވެސް ނުގުޅަމެއްނު. ނަދީމު އަބަދު ނިދަނީ މިހާރު. މީހާ ހަމައަކަށް އެޅޭނީ ހިތްވަރު ކޮށްލައިގެން އިނދެވޭތޯ ވެސް ބެލީމަ." ޒުނޭރާ ބުނިގޮތަށް އެނދުގެ ހެޑްބޯޑާ ދިމާގައި ބާލީސްތައް ޖައްސާލައިގެން ނަދީމު އިށީނދެލިއެވެ. އަދި ނާއިލަށް ގުޅިއެވެ.
"ބައްޕާ ކިހިނެއްވީ. ދެ ހަފްތާ ވެއްޖެ މިހާރު ބައްޕަގެ ޚަބަރެއް ނުވާތާ. އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެފައި."
"ވަރަށް ވަރުގަދަ ހުމެއް ބައްޕައަށް ޖެހުނީ. މިހާރު ކުޑަކޮށް ލުއިވޭ އެބަ. އެކަމަކު މުޅިއަކުން ރަނގަޅެއް ނޫން." ނަދީމުގެ ވާހަކަ އަޑުއިވުމުން ނާއިލް ކަންބޮޑުވިއެވެ.
"އަހަރެން ތިކޮޅަށް ދާންވީ ދޯ. ބައްޕަ ރަނގަޅުވީމަ އާދެވިދާނެތާ." ބައްޕަ ބަލިވުމުން ނާއިލް ބޭނުންވަނީ ވީހާ ވެސް އަވަހަށް ބައްޕަގެ ގާތަށް އައުމަށެވެ.
" ނޫނޭ. ދަރިފުޅާ. ދަރިފުޅުގެ ފަހު އިމްތިހާން ކައިރިވެފަ އޮތީމަ އެކަމާ ވިސްނަން ވާނެ. މިކޮޅުގައި ދައްތަ ވެސް އެބަހުއްޓެއްނު." ބައްޕަ އާ ނާއިލް ވީޑިއޯ ކޯލް ކުރަމުން ދިޔައިރު ތަބަކަށް ކާއެއްޗެހި އަޅައިގެން ތަބައް ހިފައިގެން ޒުނޭރާ އައިތަން ނާއިލަށް ވެސް ފެނުނެވެ. ޒުނޭރާ ކަންތައް ކުރަމުން ދިޔަ ގޮތް ނާއިލް ދިޔައީ ބަލަމުންނެވެ. ބައްޕަ އަށް އަޅާލާނެ މީހަކު ހުރުމުން ނާއިލް އުފާވިއެވެ.
އޭގެ ދެ ދުވަސް ފަހެވެ. ޒުނޭރާ ދިޔައީ ނަދީމަށް ގޮވަމުންނެވެ. ނަދީމު އަނގަޔަކުން ނުބުނެއެވެ. ބަނޑުމަތީ އޮތް އަތުގައި ޒުނޭރާ ހިފިއެވެ. އެއަތް ވެއްޓުނު ގޮތުން ޒުނޭރާ އަށް ކަމެއް ފާހަގަވިއެވެ.
"ފާރޫޤް. އަވަހަށް އައިސްބަލަ" އެގޭގައި މަސައްކަތް ކުރަން އުޅޭ އެންމެ ގިނަ ދުވަސްވީ ނޯކަރަށް ޒުނޭރާ ގޮވިއެވެ. އޭނާ އައިސް ނަދީމުގެ އަތުގައި ވިންދު ހުރިތޯ ބަލައިލިއެވެ. އޭރު ވެސް ޒުނޭރާ ރޮމުން ގެންދިޔައެވެ. ފާރޫޤަށް ވެސް ރޮވިއްޖެއެވެ.
"މެޑަމް. ސާހިބު.... ސާހިބު" ފާރޫޤަށް އެއްޗެއް ނުބުނެވި ރޮމުން ގެންދިޔައެވެ. ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔައީ ނާއިލަށް ގުޅުމަށްފަހުއެވެ. ވަގުތުން ނާއިލް ރާއްޖެ އަންނަން ނިންމިއެވެ. ގޭތެރެ ކުއްލިއަކަށް ހަމަހިމޭން ވެއްޖެއެވެ. ޒުނޭރާގެ ރުއިމެއް ނުހުއްޓެއެވެ. ނާއިލް ކޮޓަރިއަކުން ނުނިކުމެއެވެ. އެމީހަކަށް ޖެހުނު ތަނެއްގައި ބިތްޖެހިފައި ތިބޭން ފަށައިފިއެވެ. އެންމެ ފަހުން ފާރޫޤާއި އަންޖޫ ވެގެން ގޭތެރެ ހަމައަކަށް އަޅުވަން މަސައްކަތް ފަށައިފިއެވެ.
"އަހަރެން މިގެއަކު ނޫޅޭނަން. ނަދީމު ނެތް ދުނިޔެއެއްގައި އަހަންނަކަށް މިތާކު ނޫޅެވޭނެ." ޒުނޭރާ ފޮށްޓަށް އެއްޗެހި އަޅަމުން ރޮމުން ގެންދިޔައެވެ. އެ މަންޒަރު ފެނުނީ އަންޖޫއަށެވެ. އޭނާ ގޮސް ފާރޫޤް ގާތު އެވާހަކަ ބުނެފިއެވެ. ކުއްލި އަކަށް ނާއިލް އައިސް ޒުނޭރާއާ ވާހަކަ ދައްކަން ފަށައިފިއެވެ.
"ދައްތާ. ކީއްކުރަން މިގެއިން ދަނީ. ދައްތަ ކުއްޔަށް އުޅެން އެއްވެސް ތަނަކަށް ދާނެ ކަމެއް ނެތް. އަހަރެން ކިޔަވާ ނިމިގެން އަދި ރާއްޖެ އަންނާން ވަރަށް ގިނަ ދުވަސް އެބޮތް. މިގެއާ މުދާތަކާއި ބައްޕަގެ ވިޔަފާރިއާ އޮފީސް ބެލެހެއްޓޭނީ ދައްތަ ކަހަލަ މީހަކު ހުރެގެން" ނާއިލް ކުރި އާދޭހަށް ޒުނޭރާ ފޮށިބެހެއްޓިއެވެ. ނާއިލްގެ ވާހަކަތަކުން ޒުނޭރާއަކީ މުދަލުގެ އެއް ހިއްސާދާރުކަމަށް ހަމަޖައްސާނެ ކަމަށް ބުންޏެވެ.
ނާއިލް ނިކުމެގެން ދިއުމުން ޒުނޭރާ ލޯ ފޮހެލީ ވިހަ ހިނިތުންވުމަކާ އެކުއެވެ. ޒުނޭރާގެ ރޭވުން ކާމިޔާބުވީމައެވެ. އޭނާގެ މަޅީގައި ފުރަތަމަ ޖެއްސީ ނަދީމެވެ. ވަރަށް އަޅައިލާ މީހަކަށް ވެގެން އިންޑިޔާ އަށް ގޮސް ނަދީމަށް ޒަހަރުގެ ބޭސް ދީގެން މަރައލީއެވެ. ދެން އޮތީ ނާއިލެވެ. ޒުނޭރާގެ ހިތުގައި އޮތް ބިރުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ނަފްރަތަކަށް ވެސް ބަދަލެއް ނާދެއެވެ. ޒުނޭރާ ފިރިހެނުން ދެކެ ރުޅި އަންނަނީ އިންތިހާއަށެވެ. އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން ކުށެއްނެތް ބަޔަކަށް ޒުނޭރާ ގެންދަނީ އަނިޔާވެރި ވަމުންނެވެ. ޒުނޭރާގެ ބޭނުމަކީ ހުރިހާ މުދާތައް މިލުކު ކުރުމަށެވެ. (ނިމުނީ)
___________________________________