ޢިލްމުވެރީންނާއި އުސްތާޛުންގެ އަގު ވަޒަންކުރެއްވުމަކީ ގައުމީ ތަރައްގީއަށް ޓަކައި އަޅުއްވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޢިލްމާއި އަދަބު ކުރިއަރުވައި، ޢިލްމީ މައިދާނުގައި ޚިދުމަތްކުރައްވާ
ޢިލްމުވެރީންނާއި އުސްތާޒުން ގައުމު ތަރައްގީކުރުމުގައި ބައިވެރިކުރެއްވުމަކިީ
ގައުމީ ތަރައްގީގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ގޮތުން
ދިވެހިރާއްޖޭގެ ޢިލްމީ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މި ފަދަ ގިނަ
ބޭފުޅުންތަކަކާ ރައީސް-މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު މިއަދު ހަވީރު މީރުމާ
އިވެންޓް ހޯލްގައި ބައްދަލުކުރެއްވި ކުރެއްވުމަކީ މި ކަމަށް ލިބުނު ފަހި
ސިގުނަލެއްކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ގިނަ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގައި ދިވެހި މުޖުތަމަޢު ބައްޓަންކުރާންވީ ގޮތުގެ މައްޗަށް ބަހުގެ
އުސްތާޒެއްކަމުގައިވާ އަލްފާޟިލް އާދަމް ނަސީރު އިބްރާހީމާއި ދީނީ އުސްތާޒެއްކަމުގައިވާ
އައްޝައިޚު ޢަބްދުލްޢަޒީޒު ޙުސައިން ވާހަކަފުޅުދައްކަވައި، އެ ބޭފުޅުންގެ ނަޒަރުގައި ގައުމުގެ މިހާރުގެ ޙަލަތާއި
ކުރިމަގަށް ބައްޓަންކުރާންޖެހޭ ގޮތުގެ މައްޗަށް ޚިޔާޅުފުޅުތަކެއް ދެއްވިއެވެ. މި
ބައްދަލުވުން ތަޢާރަފުކޮށްދެއްވަމުން ރައީސް-މުންތަޚަބުގެ އިންތިޤާލީ ތަރުޖަމާނު
އައްޝައިޚުލްޙާފިޒު މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ އުންމަތަކަށް
ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީންކަމަށް ވާތީ، މި މަތިވެރި ޢަގީދާ
ޙިމާޔަތްތެރިކޮށް ރައްކާތެރިކުރުމަކީ ދިވެހި ޤައުމިއްޔަތަށް ޓަކައި ކޮންމެހެން
ކުރާން ޖެހޭ މުހިންމު ކަމެއްކަމަށެވެ.
މިއަދު ހަވީރު އޮތް މި ބައްދަލުކުރެއްވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ ދިވެހިވަންތަކަމާއި ދީނީ ރީތި ބައެއް ސިފަތައް ދިވެހި ގައުމުން ނެތެމުންދާކަމަށާއި އެ ކަންކަން އަލުން އިޢާދަކުރުމަށް ޓަކައި މުހިންމު މަސައްކަތްޕުޅުތަކެއް ކުރާންޖެހިފައިވާ ކަމަށެވެ. އަދި ދުވަހަކު ވެސް ދިވެހިބަހަށާއި އިސްލާމް ދީނަށާއި ސަގާފަތާއި ރީތި އާދަކާދަތަކަށް ދީފައި ނުވާ ވަރުގެ ސަމާލުކަމެއް ދެއްވައިގެން ގައުމުގެ ކަންކަން އިސްލާހުކުރައްވާން އެ މަނިކުފާނުގެ ރިޔާސަތުގައި މަސައްކަތްކުރައްވާނެއެވެ. މި ވާހަކަ މިއަދު ވިދާޅުވިއެވެ. މި ކަންކަން "ހަގީގީ މާނައިގައި ކުރެވިއްޖެ ނަމަ [އެކަން] ވެގެންދާނީ ވަރަށް ބޮޑު އިސްވެސްޓްމަންޓަކަށް"ކަމަށާއި އެކި ދާއިރާތަކުން ޢިލްމީ ދިރާސާކުރުމަށް ޓަކައި ޚާއްޞަ ގައުމީ ފަންޑެއް އުފައްދަވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ ތާރީޚުގެ ރަން ޒަމާނުގައި ޢިލްމުވެރިކަން ކުރިއަރައިގެން އައީ ވެރިކަމުގެ ފަރާތުން ޢިލްމަށް އަދި ޢިލްމުވެރީންނަށް ދެއްވި އާދަޔާ ޚިލާފު ސަމާލުކަމެއްގެ ސަބަބުންކަމަށްވެއެވެ. ދިވެހިރާއްޖެއިން ވެސް މި ފަދަ ރަން ޒަމާނެއް ފެނުމުގެ އުންމީދު މިހާރު މި ވަނީ އާވާން ފަށައިފައެވެ.
މި ކަންކަމުން ގައުމީ ތަރައްގީގެ މުސްތަގުބަލާ މެދު ކުރެވޭ އުންމީދު ބޮޑެވެ. އަދި ދިވެހިބަހާއި ސަގާފަތާ ގުޅޭ ޚާއްސަ ވުޒާރާއެއް ޑރ. މުޢިއްޒުގެ ރިޔާސަތުގައި އުފައްދަވާނެކަމަށް ވިދާޅުވި ވިދާޅުވުމަކީ ޢިލްމީ ޚިދުމަތްތެރީންނަށް ލިބި ވަޑައިގަތް ވަރަށް ބޮޑު އުންމީދެކެވެ.
މި ބައްދަލުވުމުގެ ހަވާސާގައި އެކި ބޭބޭފުޅުންނާ ވަކިވަކީން ކުރެއްވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ގައުމީބަހަށް އިސްކަންދިނުމުގެ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ވެސް ބައްދަލުވުމުގައި ބައިވެރިވަޑައިގަތް ބޭފުޅަކު "ފަރަގު" ޓީމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ނަން އިނގިރޭސިބަހުން ތިރީގައި އޮތްކަމަށް ވިޔަސް އެ ނަން ތާނައިން މަތީގައި އޮތުމުގެ ބަދަލުގައި އެ ނަން ދިވެހިބަހުން ކިޔާ ގޮތަށް ބަދަލުކުރެއްވުމުގެ ވިސްނުންފުޅު ވެސް ގެންގުޅުއްވާކަމަށް ވެސް ވިދާޅުވިކަމަށްވެއެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަނީ ދިވެހިރާއްޖޭގެ ބަންޑާރަނައިބަކު ހުންނަވާންވާންކަމަށް ކަމަށް ވިޔަސް މި ރާއްޖޭގައި ބަންޑާރަނައިބުގެ އޮފީހެއް ނުހުރެއެވެ. އޭގެ ބަދަލުގައި ހުންނަވަނީ އެޓަރނީ ޖެނެރަލްގެ އޮފީހެކެވެ. ނަމަވެސް އެޓަރނީ-ޖެނެރަލް އެއީ ޤާނޫނުއަސާސީ ދަންނަ ނަމެއް ނޫނެވެ. އެހެނީ ޤާނޫނުއަސާސީގެ 131ވަނަ މާއްދާގެ (ހ)ގައި ސަރީހަ ބަހުން އޮންނަނީ "ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބަންޑާރަނައިބަކު ހުންނާންވާނެއެވެ." މިހެންނެވެ. އެޓަރނީ-ޖެނެރަލެއްގެ ވާހަކައެއް ގާނޫނުއަސީގައެއް ނޯވެއެވެ. މިއީ ވެސް އިސްލާޙުކުރާންޖެހިފައިވާ ދުސްތޫރީ މައްސަލައެކެވެ.
ޑރ. މުޙަންމަދު މުޢިއްޒުގެ ކެންޕޭނުގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ޒަޢާމަތެއްގައި ދިވެހި ޤައުމިއްޔަތު ޚާއްޞަ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވާނެކަމަށާއި ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާތައްކަމުގައިވާ އިސްލާމް ދީނާއި ދިވެހިބަހަށް ޚާއްސަ އިސްކމެއް ދެއްވާނެކަމަށެވެ. މުސްލިމު ގައުމެއްގައި ނަމަ ވެރިކަން ހިންގާން ޖެހޭ ގޮތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ"("އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުން ވަނީ ﷲއަށެވެ.") (އަލްޙައްޖު:41). އެހެންވީމާ ގައުމެއް ތަރައްގީ ވާނީ މި އުޞޫލުން ކަންތައްކުރައްވައިގެންކަމަށް ޑރ. މުޢިއްޒު ގަބޫލުފުޅުކުރައްވައެވެ. މިއީ ދިވެހި ގައުމުގެ ކުރިމަގު އުޖާލާކަމަށް މާނަކުރެވިދާނެ ކަމެކެވެ.
މި ބައްދަލުވުމުގައި ޢިލްމުވެރީންނާއި އުސްތާޒުންގެ އިތުރަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އޮނަރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސްވެރީން ވެސް ބައިވެރިވަޑައިގަތުމަކީ މި ކަމަށް ރައީސް-މުންތަޚަބު ދެއްވި ސަމާލުކަމެއްކަމުގައި ބެލިދާނެއެވެ.