Advertisement

ނަމާދު ޤާއިމުކުރާން އަމުރުކުރުން: ތަރުބިއްޔަތުގެ މުހިންމު ރުކުނެއް!

15 Jun 2024 | 00:03
ޖަމާޢަތުގައި ނަމާދުކުރާ މަންޒަރެއް

ލިޔުނީ: އައްޝައިޚު ޝަފީޢު ޢަބްދުﷲ

އިސްމާޢީލް عليه السلام، އެކަލޭގެފާނުގެ އަނބިދަރީން ތަރުބިއްޔަތުކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا ‎(سورة مريم:55) މާނައީ: [އަދި އެކަލޭގެފާނުގެ އަހުލުންނަށް (އެބަހީ: އަނބިދަރީންނަށް) ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާކަމުގައި ވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟުރަތުގައި، ރުއްސުންލައްވައިފައިވާ ބޭކަލަކުކަމުގައި އެކަލޭގެފާނު ވިއެވެ.]

އާޔަތުގައިވާ ފަދައިން، ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށް އަމުރުކުރުމަކީ ތަރުބިއްޔަތުގެ މުހިންމު ރުކުނެކެވެ. އެހެނީ، ނަމާދަކީ ހުރިހާ ނުބައި ފާޙިޝް ކަންތަކުން އިންސާނާ ދުރުކޮށް ރައްކައުތެރިކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ނަމާދަކީ، ޖިސްމާނީ ގޮތުން ވެސް އިންސާނާ ސާފު ތާހިރުކަން މަތީގައި ބަހައްޓާ ކަމެކެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި  ދިރިއުޅޭ ތަން ވެސް ސާފު ތާހިރުކޮށް ބަހައްޓާން ނަމާދު ބާރުއަޅާނެއެވެ. އަދި ޒަކާތްދިނުމުގެ ސަބަބުން އޭނާގެ މުދާ ތާހިރުވެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މުދަލުގައި ބަރަކާތްލައްވައި، އޭނާއަށް މުދާ އިތުރުކޮށްދެއްވައެވެ.

އިސްވެ އެ ދިޔައީ، ދުނިޔެވީ ނަޒަރަކުން ހުރި ފައިދާތަކެވެ. އުޚުރަވީ ގޮތުން ބަލާ އިރު، ނަމާދަކީ އެންމެ މުހިންމު އަޅުކަމެވެ. ޝަހާދަތުގެ ދެ ކަލިމައަށް ފަހު، އިސްލާމްކަމުގެ ދެވަނަ ރުކުނުގެ ގޮތުގައި ހިމެނޭ އަޅުކަމެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދުކުރާންވާ ގޮތަށް އެ ނަމާދުކުރާ މީހެއް ނަމަ، އޭނާ މާތް ﷲއަށް ފުރިހަމަ ގޮތުގައި ތަޤުވާވެރިވާނެއެވެ. އޭނާގެ ނަޒަރު އަބަދު ވެސް ހުއްޓި ހުންނާނީ އާޚިރަތަށެވެ. ދުނިޔެވީ ފައިދާއަށް ވުރެ ބޮޑަށް އޭނާ ބަލާނީ، އުޚުރަވީ ގޮތުން އޭނާއަށް ނަޖާތު [ދިންނެވުން] ލިބޭނޭ ގޮތްގޮތަށެވެ. އަދި ދުނިޔެވީ ވަގުތީ އުފަލަށް ވުރެ، އާޚިރަތުގައި އޭނައަށް ލިބޭނޭ ދާއިމީ އުފަލަށެވެ. ދުނިޔެވީ އުފަލަކީ ވަގުތީ އެއްޗެއްކަން އޭނާ ދަންނާނެއެވެ. ޙަޤީޤީ އުފަލަކީ އުޚުރަވީ އުފާކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އެހެންކަމުން، އިސްލާމްދީނުގައި ވަނީ ކުޑަކުދީންނަށް ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރާން މައިންބަފައިންނަށް އަންގަވައިފައެވެ. އަދި، ދިހަ އަހަރު ފުރުމަށް ފަހު، ނަމާދުކުރާން ދެކޮޅުހަދާ ނަމަ، އަދަބުދީގެން ވެސް ނަމާދުކުރުވާން އަމުރުކުރައްވައިފައެވެ. މިއިން އެނގެނީ ތަރުބިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ، ކުދީންނަކީ ނަމާދު ޤާއިމްކުރުން މަތީ ދާއިމުވެ ތިބޭ ބަޔެއްކަމުގައި ހެދުމަށް ޓަކައި މަސައްކަތް ކުރުންކަމެވެ.

ނަމާދަށް ފަރުވާކުޑަކުރާ މީހަކީ އޭނާގެ އެއްވެސް ހެވެއް ނެތް މީހެކެވެ. އޭނާ އެ ވަނީ، ނުރައްކާތެރި ޚުޠޫރަތްތެރި މަރުޙަލާއެއްގައެވެ. އޭނާއާ އެންމެ ކައިރިވެގެންވަނީ، ނަރަކައިގެ އަލިފާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންކަމުން، ނަމާދާ ނުލައި ކުރެވޭ ތަރުބިއްޔަތަކީ ތަރުބިއްޔަތެއް ނޫނެވެ. އެއީ، ހަލާކެކެވެ. އެ ކަމުގެ ޒިންމާ މައިންބަފައިން ޤިޔާމަތް ދުވަހުން އުފުލާން ޖެހޭނެއެވެ.

ތަޙްރީމު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަނބިދަރީން ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ."

އެޑިޓަރުގެ ނޯޓް
އައްޝައިޚު ޝަފީޢު ޢަބްދުﷲއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރަށް އެއީ ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސް މަޖައްލާތަކުގައި ލިޔުއްވަމުން ގެންދަވައެވެ.

Advertisement

ކޮމެންޓް