އިސްލާމްދީނުގެ ފަސްވަނަ ރުކުނުގެ މަލަތަކުގެ ތެރެއިން ފަސް މަލަ
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީނުގެ ފަސްވަނަ ރުކުންކަމުގައިވާ ޙައްޖުގެ ފަރީޟާއަށް ޚާއްޞަ މަލަތަކެއް ވެއެވެ. މި މަލަތަކުގެ ސަބަބުން މި ފަރީޟާއާ އެހެނިހެން ފަރީޟާތައް ތަފާތުވެގެން ދެއެވެ. މި މަލަތަކުގެ ސަބަބުން މި ފަރީޟާއަށް ޚާއްޞަ ދަރަޖައެއް ލިބިފައި ވެއެވެ. މި މުހިންމު މަލަތަކުގެ ތެރޭގައި މި އަޅުކަން ޢުމުރުގެ އަޅުކަންކަމުގައިވުމާއި މި އަޅުކަން ނަބީބޭކަލުންގެ އަޅުކަންކަމުގައިވުމާއި، މި އަޅުކަން އުންމަތުގެ އަޅުކަންކަމުގައި ވުމާއި، މި އަޅުކަން ޖާމިޢު، ޝާމިލު އަޅުކަމެއްކަމުގައި ވުމާއި އާޚިރަތްދުވަހަށް ކުރާ އެންމެ ފަހު ދަތުރު ހަނދުމަކޮށްދޭ އަޅުކަމެއްކަމުގައިވުން ވެއެވެ.
ފަސްވަނަ ރުކުނުގެ މަލަތައް
އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ ޤަދަރު މަތިވެރި ފަރީޟާއެކެވެ. މި ޢިބާދާތުގައި ހިމެނޭ ބުރަތަކާއި ތަޙައްމުލުކުރާން ޖެހޭ އުނދަގޫތަކުގެ ކުރިމަތީގައި ހުޅުވިފައިވާ ފުއްސެވުމުގެ ދޮރު ވަރަށް ފުޅަލެވެ. ދަރަޖަ މާ މަތިވެރިއެވެ. ރަޙުމާނުވަންތަ ސުބްޙާނަހޫ ވަ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ އުންމީދު މާ ފޮންޏެވެ. އައު އުފަންވުމަކުން ދުނިޔެއަށް އަލުން އައުމުގެ ފުރުޞަތު މާ ގާތެވެ.
ޙައްޖަކީ މާޒީވެ ގޮސްފައިވާ ތާރީޚު އަދާ ގުޅުވައިދޭ ޢިބާދާތެކެވެ. އިބްރާހީމު ޢަލައިހިއްސަލާމް ކޮށްޓެވި އަދި އެކަލޭގެފާނުގެ ފަހުން ކައު ރަސޫލާ ﷺ އައުކުރެއްވި މަންހަޖުގެ ގުލްޒާރުގެ ތެރެއަށް އަޅުގަނޑުމެން ވައްދައިދޭ އަޅުކަމެކެވެ. ކީރިތި ރަސޫލާ ﷺ ދަސްކޮށްދެއްވި ގޮތަށް މުއުމިނުން ޤާއިމުކުރަމުންދާ މަނާސިކުތަކެކެވެ. އެބޭކަލުންގެ ނިދާއަށް އިޖާބަދީ ތަލްބިޔާއިން ފަށާ ޝަޢީރާތަކެކެވެ.
ޢުމުރުގެ އަޅުކަން
އާދޭހެވެ! މިއީ ޢުމުރުގެ އަޅުކަމެވެ. މާތް ﷲ މި އަޅުކަން، ކުޅަދާނަވެގެންވާ މުސްލިމު އަޅާގެ މައްޗަށް ފަރުޟުކުރައްވައިފައިވަނީ އޭނާގެ ޢުމުރުން އެއް ފަހަރު އަދާކުރާ ގޮތަށެވެ. ދެވަނަ ރުކުން ނަމާދަކީ ކޮންމެ ދުވަހަކު ފަސް ފަހަރު އަދާކުރާން ޖެހޭ އަޅުކަމެކެވެ. ރޯދައަކީ ކޮންމެ އަހަރަކު އެއް ފަހަރު ހިފާން ޖެހޭ އެއްޗެކެވެ. ޒަކާތަކަކީ ނިޞާބު ހަމަވެ އަހަރު ފުރުމުން ދައްކާން ޖެހޭ އެއްޗެކެވެ.
ފަސްވަނަ ރުކުން އެހެން ރުކުންތަކާ ތަފާތު ވާ ސަބަބުތަކުގެ ތެރޭގައި އެ ކަމުގެ ބުރަކަން ވެއެވެ. މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހަކަށް މެނުވީ މި ފަރީޟާ އަދާއެއް ނުކުރެވޭނެއެވެ. އެހެންކަމުން މިއީ އިންސާނާ ދުނިޔޭގައި އުޅޭތާ ދުވަސްވުމުން މެނުވީ އަދާނުކުރެވޭނެ ޢިބާދާތެކެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޙައްޖަކީ ﷲ ތަޢާލާ އިންސާނާގެ ޙަޔާތުގެ ދަތުރުގައި އޭނާއަށް ދެއްވާ އިލާހީ ހަދިޔާއެކެވެ. އޭގެ އަސަރު އޭނާގެ ހިތާއި ނަފުސުގައި ދިގުދެމިގެންދާނެ އަޅުކަމެކެވެ. އަލުން ޙައްޖަށް ދާން ޝައުޤުވެރިކުރުވާ ހިތަކާ އެކު އަލްވަދާޢުކިޔާ މަނާސިކުތަކެކެވެ.
ނަބީބޭކަލުންގެ ޢިބާދާތު
އިސްލާމްދީނުގެ ފަސްވަނަ ރުކުންކަމަށްވާ ޙައްޖަކީ ނަބީބޭކަލުންގެ ޢިބާދާތެވެ. މި ޢިބާދަތު ހަނދާނަށް ގެނެސްދެނީ ސަލާމްލެއްވި އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލުގެފާނު ﷲތަޢާލާގެ އަމުރުފުޅަށް ގެފުޅު ބިނާކުރެއްވި ބިނާކުރެއްވުމެވެ. ﷲގެ ރިޢާޔަތާއި މަޢޫނަތުގެ ދަށުގައި ސަލާމްލެއްވި އިބްރާހީމުގެފާނު އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނާއި ލޮބުވެތި އަނބިކަނބަލުން ހާޖަރުގެފާނު، ފެނެއް ގަހެއް ނެތް މައްކާގެ ހަނަފަސް ބިމަށް ދޫކޮށްލައްވައިފައި ވަޑައިގަތުމުން ހިނގި މުޢުޖިޒާތްތަކުގެ ޒިކުރަޔާތުތަކެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން އިމާމުލްބުޚާރީ ރިވާކުރެއްވިއެވެ.
((ބަނޑުމަތީގައި ހެދުން ހިފެހެއްޓުމަށް ޓަކައި ފޮތިކޮޅެއް އެންމެ ފުރަތަމަ ބެންނެވީ ހާޖަރުގެފާނެވެ. ހާޖަރުގެފާނު އެކަމަނާގެ ދަރިކަލުން އިސްމާއީލުގެފާނު އުރުވަޑުވައިގެން ފިރިކަލުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތީ އެކަމަނާގެ ފައިންޕުޅުގެ އަސަރު އިބްރާހީމުގެފާނުގެ ދޮށީ އަނބިކަނބަލުން ސާރާއަށް ވަންހަނާކުރެއްވުމަށް ޓަކައި ހެދުންކޮޅުގެ ފަސްބައި ބިންމަތީ ދަންމަވަމުން ފައިންޕުޅުގެ އަސަރު ފުއްސަވަމުންނެވެ. ދެން އިބްރާހީމުގެފާނު ހާޖަރާއި ދަރިކަލުން އިސްމާޢީލުގެފާނު ގޮވައިގެން މައްކާއަށް ވަޑައިގަތެވެ. މައްކާއަށް ވަޑައިގެން ގެފުޅުގެ އަރިހުގައި ފޭލިގެކޮޅެއް ޖައްސަވައި އެ ދެމައިކަނބަލުން އެ ތަނަށް ދޫކޮށްލެއްވިއެވެ. އެ ދުވަސްވަރު މައްކާއަކީ ފަޅު ތަނެކެވެ. އެއްވެސް މީހަކު އުޅޭތަނެއް ނޫނެވެ. އެއީ ފެނެއް، ގަހެއް ނެތް ހަނަފަސް ޞަޙަރާވީ ބިމެކެވެ. އިބްރާހީމުގެފާނު ކަދުރު ވަށިގަނޑަކާއި ފެން ހަމެއް އެ ފޭލިގެކޮޅުގެ ތެރޭގައި ބަހައްޓަވައިފައި އެނބުރި ވަޑައިގަތުމުގެ ދަތުރުފުޅު ފެށްޓެވިއެވެ. އެހިނދު އިސްމާޢީލުގެފާނުގެ މައިކަމަނާ އިބްރާހީމުގެފާނުގެ ފަހަތްޕުޅުން ވަޑައިގެން ދެންނެވިއެވެ. "އޭ އިބްރާހީމުގެފާނޭވެ! އަޅުގަނޑުމެން ދެމައިން އިންސިއެއް ގަހެއް އެއްޗެއް ނެތް މި ވާދީ ތެރެއަށް ދޫކޮށްލައްވައިފައި ތިޔަ ވަޑައިގަންނަވަނީ ކޮން ތާކަށްތޯއެވެ؟ އެ ކަމަނާ ފަށްފަށްކޮށް މި ބަސްފުޅު ވިދާޅުވުމުން ވެސް އިބްރާހީމުގެފާނު އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވިއެވެ. ފަހެ އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި ކަމަށް އަމުރުފުޅު ކުރެއްވީ ﷲ ތޯއެވެ؟ އިބްރާހީމުގެފާނު ވިދާޅުވިއެވެ. އާނއެކެވެ! އެކަމަނާ ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ އެކަލާނގެ އަޅުގަނޑުމެން ގެއްލެންޏެއްނުކުރައްވާނެތެވެ. ދެން އެ ކަމަނާ ފޭލިގެކޮޅަށް އެނބުރިވަޑައިގަތެވެ. އަދި އިބްރާހީމުގެފާނު ދަތުރުފުޅު ފެށްޓެވިއެވެ. ޘަނިއްޔާއާ ހަމައަށް ވަޑައިގެންނެވުމުން ގެފުޅާ ދިމާއަށް އެނބުރިވަޑައިގެން ދެ އަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިއެވެ. މި ދުޢާގައި އައިސްފައިވާ ބަސްފުޅުތަކަކީ ((رَبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ[1] - އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރީން ކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادىއެއްގައި، حرمةތެރި ކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائمކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكرވެރި ވުމަށް ޓަކައެވެ.))
މި ޢިބާދަތު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މި ގެފުޅުގެ ވަށައިގެން އުޅުއްވި ނަބީބޭކަލުންގެ ޙަޔާތްޕުޅެވެ. އެބޭކަލުންގެ ޙަޔާތްޕުޅުން ލިބިގަންނާން ޖެހޭ ދަރުސްތަކާއި ވަޢުޡުތަކާއި ޢިބުރަތްތަކެވެ. އެބޭކަލުން މާތް ﷲއަށް ވަކީލުކުރެއްވި ގޮތާއި ކިޔަމަންތެރިކަން އަދާކުރެއްވި ގޮތާއި ބުރަތައް ބަރުދާސްތުކުރެއްވުމުގައި ކެތްތެރިވެވަޑައިގަތް ގޮތާއި، ﷲ ސުބްޙާނަހޫ ވަ ތަޢާލާއަށް އިތުބާރުކުރެއްވި މިންވަރެވެ. ނަފުސުގެ ޤުރްބާނީއާއި ނަފުސުގެ ޢިއްޒަތްތެރިކަމެވެ. މިއަދު އަޅުގަނޑުމެން ވެސް ޝިޢާރަކަށް އަދި މޮޓޯއަކަށް ހަދަންވީ "އެހެންވިއްޔާ އަހުރެމެން ގެއްލެނިވެގެންނެއް ނުދާނެއެވެ."
އެއަށް ފަހުގައި އައީ ލޮބުވެތި ރަސޫލާ މުޙައްމަދު ﷺގެ ދައުރެވެ. ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި އެކަލޭގެފާނުގެ ސީރަތާ އެކު ޙައްޖާޖީން ދުވަސްތައް ހޭދަކުރެތެވެ.
އުންމަތުގެ އަޅުކަން
ޙައްޖަކީ އުންމަތުގެ ޢިބާދަތެވެ. އެހެން އެއްވެސް ޢިބާދާތެއްގައި އުންމަތުގެ ތަފާތު ޖަމާޢަތްތަކާއި ޤައުމުތަކާއި ރަށްތައް ހައްޖުގެ ޢިބާދާތުގައި ބައިވެރިވާ ގޮތަށް ބައިވެރިއެއްނުވެއެވެ. ތަފާތު ބަސްތަކާއި ކުލަތަކާއި ޖިންސުތަކާއި ޤަބީލާތަކާއި ވަންހަތައް މި ޢިބާދާތުގައި ބައިވެރިވެއެވެ. ބަސްތަކާއި ބަހުރުވަތައް ތަފާތުވިޔަސް ތަލްބިޔާއާއި ނިދާތަކުގައި އެންމެން އެކަތިގަނޑަކަށް ވެއެވެ. ކުލަތަކާއި ޤައުމުތައް ތަފާތުވިޔަސް ހިތްތަކާއި ޝުޢޫރުތަކުގައި އެންމެން އެއްގަލަކަށް އަރައެވެ.
އުންމަތް ތަމްސީލުކޮށްދޭ އަޅުކަމަކަށް ބޭނުންވާ ނަމަ، ޙައްޖަށް ވުރެ ބޮޑަށް އެ ކަން ރަމްޒުކޮށްދޭ އެހެން އަޅުކަމެއް ނުވެއެވެ. މި އަޅުކަމުގެ ތެރެއިން އުންމަތުގެ ވަޙުދަތާއި އެއްބައިވަންތަކަން ހާމަވެގެންދެއެވެ. މި އެއްބައިވަންތަކަން ޖަޒުބާތާއި ޢާޠިފާގެ ތެރެއިން ޢަމަލީ މައިދާނަށް އުފަންކުރުވާ އަޅުކަމަކަށް ޙައްޖުވެއެވެ. އެއް ބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެގެން ދެއެވެ. އެއް ބަޔަކު އަނެއް ބަޔެއްގެ މައްސަލަތަކާއި ކަންބޮޑުވުންތަކާއި ހާސާވެފައިވާ ބިރުތަކާ މެދު، ވާހަކަދައްކައި ދިރާސާކުރެވެތެވެ. ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ މެދު، މަޝްވަރާކުރެވެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ[2] - ހަމަކަށަވަރުން، މިއީ، އެއް أمّةއެއްކަމުގައިވާ ތިޔަބައިމީހުންގެ أمّةއެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!))
ޝާމިލު އަޅުކަމެއް
ޙައްޖަކީ ޖާމިޢު، ޝާމިލު، އަޅުކަމެކެވެ. ބައެއް އަޅުކަންތަކުގައި ޙަރަކާތްތައް އިތުރުވެ ގަދަވެގެންފައި ވެއެވެ. މިސާލަކަށް ނަމާދަކީ ޤިޔާމާއި ރުކޫޢާއި ސަޖިދަކުރުމާއި އައްތަޙިއްޔާތުގައި އިނުން ފަދަ ޙަރަކާތްތައް ހިމެނޭ އަޅުކަމެކެވެ. އަނެއް ބައި އަޅުކަންތަކުގައި އިތުރުވެ ގަދަވެގެންފައި ވަނީ މުދަލާއި މާލެވެ. މިސާލަކީ ޒަކާތެވެ. އެއީ އަސާސަށް ބަލާ އިރު މާލީ އަޅުކަމެކެވެ. ބައެއް އަޅުކަންތަކަކީ ކަމަކާ ދުރުހެލިވެ ހުރުން އެ ކަމުގައި ގަދަވެގެންފައިވާ އަޅުކަމެކެވެ. މިސާލަކީ ރޯދައެވެ. ރޯދަހިފުމުގެ އަސާސަކީ ﷲ ހުއްދަކުރައްވައިފައިވާ ބައެއް ކަންތައްތަކާ (ކެއިންބުއިމާ) ދުރުހެލިވެ ހުރުމެވެ. އަނެއްބައި އަޅުކަންތަކުގައި ހަރަކާތްތަކެއް ކުރުމާއި ޒިކުރުކުރުމާއި ހުއްދަކުރައްވައިފައިވާ ބައެއް ޢަމަލުތަކާ ދުރުހެލިވެގެން ހުރުން ހިމެނެއެވެ. މީގެ މިސާލަކީ ޙައްޖެވެ. ޙައްޖުގައި ތައުޙީދާއި ތަލްބިޔާ ވެއެވެ. އޭގައި ނަމާދު ވެއެވެ. ޒަކާތް ފަދައިން މާލުން ހޭދަކުރުން ވެއެވެ. ރޯދަ ފަދައިން ހުއްދަ ބައެއް ކަންތައްތަކުން ދުރުހެލިވުން ވެއެވެ. އިޙުރާން ބަންނަ ހިސާބުން ފެށިގެން ތަޙައްލުލުވާންދެން ޢާންމު ޙަޔާތުގައި ބޭނުންކުރާ ފޭރާމެއް ނުލެވޭނެތެވެ. މީރު ވަސްދުވާ އެއްޗެހީގެ ބޭނުމެއް ނުކުރެވޭނެތެވެ. ބޮލުން ގައިން އިސްތަށްޓެއް ނުކެނޑޭނެތެވެ. ޙައްޖުގެ ފަރީޟާގައި ދަތުރުފަތުރުގެ ބުރަ ތަޙައްމުލުކުރުން ވެއެވެ. ހިލައުކުމާއި ޠަވާފުކުރުމާއި ސަޢުޔުކުރުން ފަދަ ބަދަނީ (ހަށިގަނޑުގެ) ޙަރަކާތްތަކާއި ބުރަތައް ބަރުދާސްތުކުރުން ވެއެވެ.
އެއްވެސް ޝައްކެތްނެތް ގޮތުގައި ޙައްޖަކީ ޖާމިޢު، ޝާމިލު، އަޅުކަމެކެވެ. މި އަޅުކަމުގައި ހިތާއި ގުނަވަންތައް ހިމެނެއެވެ. މުދާ ހޭދަކުރުމާއި ބުރަތައް ތަޙައްމުލުކުރުން ވެއެވެ. މި ކަންކަމާ އެއް ވަރަށް ނުވަތަ އެއަށް ވުރެ އިތުރަށް ﷲ ތަޢާލާ އޭނާއަށް ސަވާބާއި އުޖޫރަ ދެއްވަތެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((إِذَا خَرَجَ الرَّجُلُ حَاجًّا بِنَفَقَةٍ طَيِّبَةٍ، وَوَضَعَ رِجْلَهُ فِي الْغَرْزِ، فَنَادَى: لَبَّيْكَ اللَّهُمَّ لَبَّيْكَ، نَادَاهُ مُنَادٍ مِنَ السَّمَاءِ: لَبَّيْكَ وَسَعْدَيْكَ، زَادُكَ حَلَالٌ، وَرَاحِلَتُكَ حَلَالٌ، وَحَجُّكُ مَبْرُورٌ غَيْرُ مَأْزُورٍ، وَإِذَا خَرَجَ بِالنَّفَقَةِ الْخَبِيثَةِ، فَوَضَعَ رِجْلَهُ فِي الْغَرْزِ، فَنَادَى: لَبَّيْكَ، نَادَاهُ مُنَادٍ مِنَ السَّمَاءِ: لَا لَبَّيْكَ وَلَا سَعْدَيْكَ، زَادُكَ حَرَامٌ وَنَفَقَتُكَ حَرَامٌ، وَحَجُّكَ غَيْرُ مَبْرُورٍ[3] - މީހަކު ރަނގަޅު ހޭދަކުރުމަކާ އެކު، ޙައްޖުވުމަށް ޓަކައި ނުކުމެ ސަވާރީއަށް އެރުމަށް ޓަކައި ފައިލާ ތާނގައި ފައި އަޅައިފައި لَبَّيْكَ اللَّهُمَّ لَبَّيْكَ،އޭ ކިޔައިފި ނަމަ، އުޑުގައިވާ ބޭކަލަކު ވިދާޅުވާނެތެވެ. ތިބާއަށް މާތް ﷲ ބަރަކާތްލައްވާނެތެވެ. އަދި ތިބާ ބާއްޖަވެރިކުރައްވާނެތެވެ. އެހެނީ ތިބާގެ ކޮއްތު ޙަލާލެވެ. ތިބާގެ ސަވާރީ ޙަލާލެވެ. ތިބާއަށް އުނިކަމެއް ނެތް މަބްރޫރު ޙައްޖެއް ދެއްވާނެތެވެ. އެހެނަސް މީހަކު އެއްވެސް ހެޔޮ ކަމެއް ނެތް ނުބައި ހޭދަކުރުމަކާ އެކު ޙައްޖުވުމަށް ޓަކައި ނުކުމެ ސަވާރީއަށް އެރުމަށް ޓަކައި ފައިލާ ތާނގައި ފައި ބީއްސައި لَبَّيْكَ اللَّهُمَّ لَبَّيْكَ، އޭ ކިޔައިފި ނަމަ، އުޑުގައި ވާ ބޭކަލު ވިދާޅުވާނެތެވެ. ތިބާއަށް މާތް ﷲ ބަރަކާތެއް ނުލައްވާނެތެވެ. ތިބާ ބާއްޖަވެރިއެއް ނުކުރައްވާނެތެވެ. އެހެނީ ތިބާގެ ކޮއްތު ޙަރާމެވެ. ތިބާގެ ސަވާރީ ޙަރާމެވެ. ތިބާއަށް މަބްރޫރު ޙައްޖެއް ނުދެއްވާނެތެވެ.
ފަތުރުވެރި އަޅުކަމެއް
އިސްލާމްދީނުގެ ފަސްވަނަ ރުކުނަކީ އެ ފަރީޟާ އަދާކުރުމަށް ޓަކައި ވަޒަން ދޫކޮށް މައްކާއަށް ދަތުރުކޮށްފައި ދާން ޖެހޭ ޢިބާދާތެކެވެ. އެއީ އިންސާނާގެ އަޖަލު ހަމަވުމުން ކުރާން ޖެހޭ އެންމެ ފަހު ދަތުރު ހަނދާންކޮށްދޭ ކަމެކެވެ. މި ދުނިޔެއިން އޭނާއަށް ކަނޑައަޅުއްވައިފައިވާ ރިޒްޤު ހުސްވުމުން އޭނާއަށް މި ދުނިޔެ ދޫކޮށް ދާންޖެހެއެވެ. ޙައްޖުގެ މަނާސިކުގެ ތެރޭގައި އޭނާއަށް ލާންޖެހޭ އިޙްރާމުގެ ހުދު ދެ ފޮށައަކީ އޭނާ މަރުވުމުން ވަޅުލެވޭ އިރު ކުރެވޭ ކަފުން މަތީން ހަނދާންކޮށްދޭ ކަމެއް ވެސް މެއެވެ. މިއީ އަބަދު ވެސް އެ ކަމަށް ތައްޔާރުވެގެން ހުންނާން ޖެހޭނެ ކަމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((لِكُلِّ أَجَلٍ كِتَابٌ[4] -ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ.)) ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((أَيْنَمَا تَكُونُوا يُدْرِكُّمْ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُشَيَّدَةٍ[5] - އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައި ވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ.))
މިއީ އިސްލާމީ ފަސްވަނަ ރުކުނުގެ ޚާއްޞަ މަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަލަތަކުގެ ތެރެއިން ޚާއްޞަ ފަސް މަލައެކެވެ. މި މަލަތަކުން މި ރުކުނުގެ އުސްކަމާއި ޤަދީމީކަން އެނގެއެވެ. އޭގެ މޫތައް ތާރީޚުގެ ފުން ފަސްގަނޑުގެ ތެރެއަށް ފޭދިފައިވާ ގޮތް އެނގެއެވެ. އެހެން ފަރީޟާތަކާ ޚިލާފަށް، މި ފަރީޟާ އަދާކުރުމަށް ޓަކައި، ޖިސްމާނީ އަދި މާލީ ބުރަތަކެއް ތަޙައްމުލުކުރާން ޖެހެއެވެ. މި މަނާސިކުތައް އަދާކުރަމުންދާ އިރު، އުންމަތުގެ އެއްބައިވަންތަކަމާއި ވަޙުދަތު ފާޅުވެގެން ދެއެވެ. ރަސޫލުބޭކަލުން ﷲގެ ރިސާލަތު ފެތުރުއްވުމަށް ޓަކައި ވެވަޑައިގެންފައިވާ ޤުރްބާނީތައް ފެނިގެން ދެއެވެ. މި ހުރިހައި މާނަތަކަކީ އެ ކަމާ މެދު، ވިސްނައި ފިކުރުކުރާން ޖެހިފައިވާ ކަންތައްތަކެކެވެ. ޙަޔާތުގެ އޮޑީގައި ދަތުރުކުރާ އިރު، މި މަލަތައް އުދަރެހުން ކެހިގެން ނުދާ ގޮތަށް މިސްރާބުހިފަން ޖެހޭނެއެވެ.
މަރުޖިޢުތައް:
[1] - إبراهيم: 37
[2] - الأنبياء: 92
[3] - أخرجه الطبراني في ((المعجم الأوسط)) (٥٢٢٨)
[4] - الرعد: 38
[5] - النساء: 78