ފުޓުބޯޅައިގެ ދުނިޔޭގެ ތަށްޓަކަށް މި ފަހަރު ވިލާތު ތަށި ދުލެއް ނުކުރާނެ. ފުޓުބޯޅައިގެ އިމާމުންނާ އެކު، ސޮނީ ސްޕޯޓްސް ވިއުގައިން
އަބާ މުޙަންމަދު
ދުނިޔޭގެ ތަށްޓަށް ހަތަރު އަހަރުން އެއް އަހަރު ކުޅެވޭ ފުޓްބޯޅަ މުބާރް (ވޯލްޑް ކަޕް) ފިޔަވައި ފުޓުބޯޅައަށް ލޯބިކުރާ އެންމެންގެ ނަޒަރު ދެން ހުއްޓިފައިވަނީ ވިލާތުގެ ފުޓުބޯޅަ މުބާރާތަށެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާ އިރު، މި އަހަރުގެ މި މުބާރާތް ("ޔޫރޯ 2024")، ވޯލްޑްކަޕަށް ވުރެ، ވަކި ފޯރި ކުޑަވާނެކަމަކަށް ނުބެލެވެއެވެ.
މި ފަހަރުގެ ޔޫރޯ – ނުވަތަ ޔޫރަޕިއަން ޗެމްޕިއަންޝިޕް – ޚާއްޞަވަނީ ކީއްވެގެންހެއްޔެވެ؟ ވަރަށް ގިނަ ސަބަބުތައް އެބަ ހުށްޓެވެ. އެންމެ މުހިންމު ސަބަބަކީ ދުނިޔޭގެ ފުޓުބޯޅައިގެ މުޙައްލިލުންނާއި ތަޖުރިބާކާރުންނާއި އިމާމުން (ޕަންޑިތުން) އެ މީހުންގެ ތަޖުރިބާއާއި މަޖާ ވާހަކަތަކާއި ފުޓުބޯޅައިގެ ތަފުޞީލުތަކާއި ހޯދުންތަކުގެ ވާހަތައް ގެނެސްދޭނެކަމެވެ.
މުބާރާތުގެ މެޗުތައް ހިނގަމުން ދާ އިރު، ފުޓުބޯޅައިގެ މެޗުތައް ފޯރިއާ އެކު ގެނެސްދޭ މަޝްހޫރު އިމާމުންގެ ތެރޭގައި ކުރީގެ އިނގިރޭސި ފުޓުބޯޅަ ތަރި ވޭއިން ރޫނީއާއި ޓޮޓެމްހަމްގެ މެނޭޖަރު އާންޖް ޕޮސްތެކޯގްލޫ ހިމެނޭތީ، ވޯލްޑްކަޕަށް ވުރެ މި ފަހަރުގެ ޔޫރޯ ކަޕް ވަކި ފޯރި ކުޑަވާނެކަމަކަށް ނުބެލެއެވެ. އަދި ކުރީގެ މަޝްހޫރު ތަރީންކަމަށްވާ އާންޖް ފޮސްތެކޯގްލޫއާއި ރޯއި ކީން ވެސް މި ފަހަރުގެ މެޗްތައް ގެނެސްދޭ އިރު ބީބީސީއާއި އައިޓީވީއިން ފެންނާނެއެވެ. އެހެންކަމުން ވޯލްޑްކަޕަށް ވުރެ މި މުބާރާތުގެ ފޯރި ގަދަވާނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.
ޔޫރޯ 2024ގެ ފުރަތަމަ މެޗް ކުޅޭ ޖަރުމަނުގެ މިޔުނިކް އިސްޓޭޑިއަމްގައި ކަވަރޭޖް ފަށާ ގަޑީގެ އިޝްިހާރު<br>
ކޮންމެއަކަސް އެންމެ ގިނަ ލޯތައް އެ މުބާރާތަކަށް އަމާޒުވާނެ އެއް މުބާރާތަކީ ޔޫރަޕުގެ ފުޓުބޯޅައިގެ ރަށްޓަށް ވާދަކުރާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތްކަމާ މެދަކު ޝައްކެއް ނެތެވެ. 2020 ވަނަ އަހަރުގެ ތަށި އިޓަލީއިން ކާމިޔާބުކުރުމަށް ފަހު، ހަތަރު އަހަރު ފަހުން އަނެއްކާ ވެސް މި އޮތީ މުބާރާތް ފެށޭން ދާދި ކުޑަ ވަގުތުކޮޅަކަށް ވެފައެވެ. 17ވަނަ ޔޫރޯ ކަޕް ފެށުން ލަސްކޮށްލެވުނީ ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުންކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮންމެއަކަސް ތަށި ދިފާޢުކުރާން އިޓަލީއިން މަސައްކަތް ކުރާއިރު، އިޓަލީ ކަޓުވައިލުމަށް ފަހު މި ފަހަރުގެ ތަށި ހޯދާން އެހެން ހުރިހާ ގައުމަކުން މަސައްކަތްކުރާނެއެވެ.
މުބާރާތުގެ މެޗުތައް ކުޅޭން ހަމަޖެހިފައި ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމުކަމުގައިވާ ޖަރުމަނުވިލާތުގެ 10 އިސްޓޭޑިއަމެއްގައެވެ. 17ވަނަ ޔޫރޯގައި ޖުމްލަ 24 ޓީމު ވާދަކުރާނެއެވެ. ޖޯޖިއާއަކީ މި މުބާރާތުގައި އަލަށް ވާދަކުރާ ގައުމެކެވެ.
ޔޫރޯ ތަށްޓާއި ބައިވެރިވާ ގައުމުތަކުގެ ލޯގޯ<br>
މި މުބާރާތު ފުރަތަމަ މެޗު ކުޅޭނީ މިއުނިކްގެ ސްޓޭޑިއަމްގައެވެ. މިރޭ 12:00ގައި ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމުކަމުގައިވާ ޖަރުމަނުވިލާތާއި އިސްކޮޓުލޭންޑެވެ. އެއީ ގްރޫޕް އޭގެ ދެ ޓީމެވެ. މުބާރާތުގައި 24 ޓީމު ވާދަކުރާ އިރު، ހަ ގުރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. މި މުބާރާތުގެ ލައިވް ކަވަރޭޖް މާލޭ ގަޑީން މިރޭ 10 ޖަހާއިރު ފަށާނެއެވެ.
މި ރެއިން ފެށިގެން އަންނަ މަހުގެ 14ގެ ނިޔަލަށް ކުރިޔަށް ގެންދާ ފޯރިގަދަ މި މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ވިއުގަތަކުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސޮނީ ސްޕޯޓްސްގެ ވިއުގަތަކުން ދުރަށް ދައްކާ މެޗްތައް ދިވެހިރާއްޖޭގެ މީޑިއާ ނެޓްގެ އެހީގައި އަޅުގަނޑުމެންގެ ސިޓިންރޫމުތަކާ ހަމައަށް ގެނެސްދޭނެއެވެ. ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އިން ވެސް މި މެޗްތައް ވަގުތުން ދައްކާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ނަމަ: އެމްއެސްޓީވީ ޚިދުމަތް މެދުވެރިކޮށް ސްޕޯޓްސް އެޑް-އޮން ނުވަތަ ވޯންޓް-އިޓް-އޯލް ޕެކެޖް ނަންގަވައިގެން.
މާލެއާއި ހުޅުމާލެއާއި ވިލިމާލެ ނޫން އެހެން ހުރިހާ ރަށެއްގައި: ހިޓްސް އާއި ޕްލަސް ޚިދުމަތް މެދުވެރިކޮށް ޕްރިމިއަމް ނުވަތަ ވޯންޓް-އިޓް-އޯލް ޕެކެޖް ނަންގަވައިގެން.
އެމްއެސް ލައިޓް ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް: ސްޕޯޓްސް- އެޑް-އޮން ނުވަތަ-ވޯންޓް-އިޓް-އޯލް ނަންގަވައިގެން.
__________________________________
ވިއުގަ ނ. މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު.
އިމާމު ނ. (1) ވަކި ޚާއްސަ މާއްދާއަކުން ނުވަތަ ވަކި ޚާއްސަ ދާއިރާއަކުން މަޢުލޫމާތު ލިބި އާންމުކޮށް އެ ދާއިރާއަކާ ބެހޭ ގޮތުން އާންމުންނަށް ޚިޔާލު ފާޅުކޮށް ރައުޔު ހާމަކުރާ އެ ދާއިރާގެ މާހިރުން. މި ފަދަ ދާއިރާތަކުގެ ތެރޭގައި ސިޔާސީ، ދީނީ، ތިމާވެށި، އިޖުތިމާޢީ، ޤާނޫނީ، ކުޅިވަރު ފަދަ ހުރިހައި ދާއިރާއެއް ހިމެނެއެވެ. (2) މީސްތަކުން އިޤްތިދާ ވާން ޖެހޭ ފަދަ ބޮޑެތި ދަންނަ ބޭކަލުން. (3) މަޒުހަބު އެ މީހަކަށް ނިސްބަތްވާ މީހާ. (4) ދީނީ ބައެއްކަންކަމުގައި އިސްވެހުންނަ މީހާ.