Advertisement

ސިކުނޑިއަށް "އެންޓިވައިރަސް" އަޅަމާތޯ!

13 Jun 2024 | 06:18
ކޮންޕިޔުޓަރަށް އަޅާ އެންޓިވައިރަސް ސޮފްޓްވެއަރ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެންގެ ސިކުނޑިއަކީ ކޮންޕިޔުޓަރުގެ ހާޑް ޑިސްކިޓް ފަދަ އެއްޗެކެވެ. ހުސްކޮށް އޮންނަ އެތައް ބިލިޔަން ނުވަތަ ޓްރިލިޔަން ގިގަބައިޓެއްގެ ނުވަތަ ޓެރަބައިޓެއްގެ ހާޑު ޑިސްކިޓެކެވެ. (ޙަޤީޤަތުގައި ކޮންޕިޔުޓަރުގެ ހާޑު އުފައްދައިފައިވަނީ ސިކުނޑީގެ މިސާލުން ޚިޔާލު ލިބިގެންނެވެ.) ކޮންމެއަކަސް ކޮންޕިޔުޓަރަށް "މަޢުލޫމާތު އަޅާ"  ފަދައިން އިންސާނާގެ ސިކުނޑިއަށް ވެސް މަޢުލޫމާތު "އަޅަނީ"އެވެ. އޭނާގެ މާޙައުލުން ލިބޭ މަޢުލޫމާތެވެ. އިވޭ އަޑުތަކުންނެވެ. ފެންނަ ފެނުންތަކުންނެވެ. ކުރެވޭ ތަޖުރިބާތަކުންނެވެ. ކޮންޕިޔުޓަރަށް މަޢުލޫމާތު އަޅަނީ ވެސް ކޮންމެވެސް "ޕްރޮގްރާމެއް"ގެ އެހީގައެވެ. ހަމަ އެފަދައިން އިންސާނާގެ ސިކުނޑިއަށް ވެސް މަޢުލޫމާތު އަޅާން (ނުވަތަ އިންސްޓޯލްކުރާން) ޕްރޮގްރާމެއް ބޭނުންވެއެވެ. އެއީ ބަހެވެ. ޚާއްޞަކޮށް މާދަރީބަހެވެ.

އިންޑިޔާގެ މުޤައްރަރާ ބެހޭ ފޮތަކާ ޙާވާލާދެއްވައި ޑރ. ޙަސަން ޙަމީދު ލިޔުއްވައިފައިވެއެވެ. "ކުޑަކެއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުގަދަކުރުވާ ބާރަކީ މާދަރީ ބަހެވެ. މާދަރީ ބަސް މާދަރީ ބަހަކަށް ވަނީ މަންމަގެ ބަހަށް ވާތީކީއެއް ނޫނެވެ. މަންމަ ފަދައިން، ދަރިއެއްގެ ވިސްނުމާއި ޝުޢޫރަތައް ބައްޓަންކުރާ އެންމެ މުހިންމު ވާސިޠާއަށް އެ (ބަސް) ވާތީއެވެ. އެ ކުދީންނަށް ދޭހަވާ އެއްޗަކާއި، ދޭ އިޖާބައާއި އީޖާދީ ޙަރަކާތްތަކާއި ވިސްނުމާއި ކަންކަން ތަޙުލީލުކުރުން އެންމެ މަތީ ފެންވަރަކަށް ތަރައްޤީކުރެވެނީ މާދަރީ ބަހުންނެވެ." އެހެންވީމާ ސިކުނޑިއަށް މަޢުލޫމާތު ޖަމާކުރުމަށް ބަސް، ޚާއްޞަކޮށް މާދަރީ ބަސް އެބަ ބޭނުންވެއެވެ. މި ބަސް ބޭނުންކޮށްގެން ސިކުނޑިއަށް މަޢުލޫމާތު ފޯރުކޮށްދެވެނީ އަޑުއަހައިގެން ނުވަތަ ހޯދައި ބަލައިގެން ނުވަތަ ކަންކަން ތަޖުރިބާކޮށްގެންނެވެ. ތިމާގެ މާޙައުލުންނެވެ. މިޔަށް ވުރެ އިތުރަށް މަޢުލޫމާތު ލިބިގަނެ ސިކުނޑި މުއްސަނދިކުރެވޭނެ ވަސީލަތަކީ ފޮތްތެރިކަމެވެ. އެކި ދާއިރާތަކުން މަޢުލޫމާތު އެއްކުރައްވައި އެކި ޢިލްމުވެރިން ނުވަތަ ތަޖުރިބާކާރުން ތަޞްނީފު ކުރައްވައިފައިވާ ފޮތްތަކުންނެވެ. ޢިލްމީ ޚަޒާނާގެ ބޮޑު ބައެއް ފޮތްތަކުގައި ރައްކާކުރެވިފައި ހުރެއެވެ. ފޮތެއް ހުޅުވައިލުމާ އެކު އެ ހުޅުވައިލެވެނީ، ޢިލްމީ ޚަޒާނާއެއްގެ ތަނަވަސް ދޮރެކެވެ. އެއިން އެތައް ކަމެއް ހާމަވާނެއެވެ. ނުދަންނަ އެތައް ކަމެއް އެއް ފަހަރާ ދަސްވަމުން އަންނާނެއެވެ.

ޝައްކެއް ނެތް ގޮތުގައި ފޮތްތަކުގައި ލިޔެފައި އެ ހުންނަނީ ކޮންމެވެސް ބަޔަކު އެތައް ޒަމާނެއް ވަންދެން ކޮށްފައި ހުރި ތަޖުރިބާތަކަކުން ނުވަތަ ކުރި ފިކުރުތަކަކުން ނުވަތަ ކުޅަ ތަދުބީރަކުން އެއްކޮށްފައި ހުންނަ މަޢުލޫމާތެވެ. އެ ފަދަ މަސައްކަތްތަކުގެ ނަތީޖާއެވެ. ނުވަތަ އެ ފަދަ މަޢުލޫމާތުގެ ނަކަލެކެވެ. އެހެންވީމާ، ސިކުނޑީގައި ހުންނަ މަޢުލޫމާތު ތާޒާކުރެވޭނީ ތަފާތު ބާވަތްބާވަތުގެ ތަފާތު ފޮތްތައް ކިޔައިގެންނެވެ. ފޮތާ ރައްޓެހިވުމުގެ ސަބަބުން ނުވަތަ ފޮތް ކިޔުމުގެ ސަބަބުން ތިމާގެ މަޢުލޫމާތު އަންނާނީ އެއް ދުވަހުން އަނެއް ދުވަހަށް މުއްސަނދިވަމުންނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ޢިލްމާއި މަޢުލޫމާތުގެ ގޮތުން މުއްސަނދިކަން ހޯދާން އެދޭ ކޮންމެ މީހަކީ ފޮތްތެރިއަކަށް ވުން ލާޒިމެވެ. އަދި ތަފާތު ވަސީލަތްތަކުން ތަޢުލީމު ހޯދައިފައިވާ ކޮންމެ މީހަކުވެސް، ޢިލްމާއި މަޢުލޫމާތާ ބީރައްޓެހި ނުވެ، ދެމިހުރުމަށް ޓަކައި ފޮތާ ރައްޓެހިވާން ޖެހެ އެވެ. އެންމެ ގާތް އެކުވެރިޔަކީ ފޮތްކަމުގައި ދެކޭން އެބަ ޖެހެއެވެ. ކިތަންމެ މޮޅަށް ތަޢުލީމު ޙާޞިލުކޮށްފައި ހުއްޓަސް ފޮތް ބަލައި ފޮތް ކިޔައި ހަދާންޖެހެއެވެ. އެއީ ކޮންޕިޔުޓަރު "ރިފްރެޝް"ކުރާ ފަދައިން ސިކުނޑި ވެސް އަލުން ތާޒާކޮށްލުމަށް ޓަކައެވެ. ސިކުނޑިއަށް ޙަމަލާދޭ "ވައިރަސް"ތަކުން ސަލާމަތްވެވޭނެ "އެންޓިވައިރަސް"އަކީ ވެސް ހަމަ ފޮތެވެ. ކަން މިހެން ހުރުމާ އެކު ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން އެދޭ، އަދި ދިރިއުޅުން އަރުތަވެރިކުރާން އެދޭ، ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ ފޮތާ ރައްޓެހިވުމަށެވެ. ފޮތްތެރިއަކަށްވުމަށެވެ. އެހެނީ ފޮތާ ބީރައްޓެހި ވެއްޖެ ކޮންމެ މީހަކީ މަޢުލޫމާތުގެ ގޮތުން ފަޤީރު މީހަކަށް ވާނެއެވެ. ކުރީން ޙާޞިލުކޮށްފައި ހުރި ޢިލްމެއް ވެސް "ވައިރަސް"ގެ ސަބަބުން ފަސާދަވެދާނެއެވެ. ("ކޮރަޕްޓް"ވެދާނެއެވެ.) ހަނދާންނެތިދާނެއެވެ. ފޮތަށް އަހުލުވެރި ނުވާމީހަކު ނަމަ، އޭނާ އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދުނިޔެއާ ބީރައްޓެހިވަމުންނެވެ. ތަންދޮރު ނޭނގުމުގެ ސަބަބުން ވާނުވާ އޮޅުން ނުފިލުމުގެ ސަބަބުން ވާވަންނަމުން މަގުއޮޅެމުންނެވެ.

އިސްކޫލުގެ ދަރިވަރުންނަކީ  އެކިއެކި ލިޔުންތައް ކިޔާން މަޖުބޫރުވެފައިވާ ބަޔެކެވެ. ނަމަވެސް ގިނަ ކުދީން މި ކަމަށް ސަމާލުކަމެއް ނުދެއެވެ. އަމިއްލައަށް ކިޔައިލުމަށް ވުރެ، ތާނަ ފަރިތަ ކޮންމެވެސް އެހެން މީހަކު ލައްވައި ކިޔުއްވައިލުން ވެސް ގިނަ ކުދީންގެ ހިތަށް މާފަސޭހަ ކަހަލައެވެ. އެކަމަކު އިމްތިޙާނެއްގައި ދޭހައިގެ ބަޔާން ކިޔައިލާން ވީމާ، އެ ކަން ކޮށްދޭނޭ ދެވަނަ މީހަކު ނުހުންނާނެކަން ކުރިޔަކުން ހަނދާނެއް ނުހުރެއެވެ. މި ކަމަކީ  މިއަދު އަޅުގަނޑުމެން ސަމާލުކަން އިތުރުކުރާންވެއްޖެ މައްސަލައެކެވެ. ދަރިވަރުން ތާނައަށް ކޮށިވަނީ ކީއްވެގެންތޯއެވެ؟ ފޮތާ ބީރައްޓެހި ވަނީ ކޮން ސަބަބަކާ ހުރެތޯއެވެ؟

ދަރިވަރުން ކިޔާ ހިތްވާ ކަހަލަ ފޮތް ނުހުންނަ ކަމުގެ ޝަކުވާ ވަރަށް ގިނައިން ކުރެއެވެ. ނަމަވެސް ޙަޤީޤަތަކީ އެޔެއް ނޫނެވެ. ފޮތްތައް ބައިވަރެވެ. ހުންނަކަން ނޭނގެނީއެވެ. ހުރިތޯ ބަލާން ބޭނުންވެސްނުވަނީއެވެ. މާދަރީ ބަހަކީ ސަމާލުކަމެއް ނުދިނަސް އެނގޭނެ އެއްޗެއްކަމަށް ދެކެނީއެވެ. މި ނުރަނގަޅު ހީކުރުމުގެ ނޭދެވޭ ނަތީޖާ ފެންނަނީ ސާނަވީ އިމްތިޙާނުގައި ދިވެއްސާއި އިސްލާމް ސުވާލުކަރުދާސް އަތަށް އެރީމައެވެ. ޞަފުޙާއެއް ދެ ޞަފުޙާއެއްގެ ދޭހައިގެ ބަޔާން ކުޑަ ހިނދުކޮޅަކުން ކިޔައިލުމުގެ ބަދަލުގައި ދޭހަވާ ގޮތަށް ކިޔައިވެސްނުލެވެނީއެވެ. އެތައް ވަގުތެއް އެ ކަމަށް ހޭދަކުރެވެނީއެވެ. ބައެއް ސުވާލުތައް ކިޔައިގެން ސުވާލުގެ މާނަ ވެސް ނޭނގެނީއެވެ. ނަތީޖާއަކަށް ވަނީ އެނގޭ މަޢުލޫމާތަކުން ވެސް ޖަވާބުދޭން ނޭނގުމެވެ. ހިތާމަހުއްޓެވެ! ނަމަވެސް ނަތީޖާ ލިބުމުން ބަދުނާމުވަނީ މުދައްރިސުންނެވެ.  މުރައްބީންނެވެ. މުމްތަޙިނުންނެވެ. ނުވަތަ މުޞައްނިފުންނެވެ. ނުވަތަ މުޤައްރަރު ފަރުމާކުރާ މާހިރުންނެވެ.

ތަންކޮޅެއް ކުރީ ޒަމާނުގައި ކިޔުމުގެ ޚާއްޞަ ކިލާސްތައް ވެސް ބާއްވާކަމަށްވެއެވެ. "ތާނަފަރިތަކަން" ދެއްކުމުގެ މުބާރާތްތައް ވެސް ބޭއްވެއެވެ. އޭރު "ކުދީން" ފެންފޮދެއް ހައި ފަސޭހަކޮށް ކިޔައިލައެވެ. ނަމަވެސް . . . . މިއަދު . . . . . . ކިޔުންތެރިކަން ދެކެ ފޫހިވުމުގެ ނުވަތަ ފޮތްކިޔާ ހިތް ނުވުމުގެ އެންމެ ބޮޑު އެއް ސަބަބެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ ކިޔުމަށް ކޮށިވުމެވެ. ޅަފަތުއްސުރެ ކިޔާން ފަރިތަކުރުވިއްޖެ ނަމަ، ކިޔުން ދެކެ ފޫއްސެއްނުވާނެއެވެ. މާދަރީބަހުން ފަރިތަކޮށް ކިޔައިލުމުގެ ހުނަރު ދަސްވެސްޖެ ނަމަ، އެ ހުނަރު ބޭނުންކޮށްގެން އެ މީހަކަށް އެނގޭ އެހެން ބަސްބަހުން ލިޔެފައި ހުންނަ ފޮތް ވެސް ފަރިތަކަމާއެކު ކިޔައިލެވޭނެކަމަށް ބަސްވާރުން ވިދާޅުވެއެވެ. އެހެނީ ކޮންމެ ބަހެއްގައި ވެސް ކިޔުމުގައި ބޭނުންކުރަނީ އެއް ހުނަރެކެވެ. މި ކަމާ ބެހޭ ގޮތުން ތަންކޮޅެއް ކުރީން ފަންވަތް.އިންފޯގައި އަޅުގަނޑު ލިޔެފައި ވާނެއެވެ.

ކޮންމެއަކަސް ފޮތްތެރިކަމަކީ ނުވަތަ ކިޔުންތެރިކަމަކީ މި ހުރިހައި ކަމެއްގެ އެންމެ އެދެވޭ  ޙައްލެވެ. ޅަފަތުއް ސުރެ، ކިޔުންތެރިކަމުގެ އާދަ އަށަގަންނުވައި، ފޮތާ ރައްޓެހިކުރުމަށް ބެލެނިވެރީން ސަމާލުކަންދޭންވީއެވެ. އިސްކޫލްތަކުން ވެސް މި ފަދަ ކަންކަމުގެ ތަފާތު ޙަރަކާތްތައް އިތުރުކުރާންވީއެވެ. ފަރިތަކޮށް ކިޔުމުގެ މުބާރާތްތައް ވެސް ބާއްވާންވީއެވެ. ފޮތްތެރިކަމުގެ ފޮތްތެރި، ޢިލްމީ އާޖީލެއް އުފެއްދުމަށް ޓަކައި އެންމެން މަސައްކަތްކުރާންވީއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ފޮތަކީ މައުލޫމާތުގެ ޚަޒާނާއެކެވެ. ދުވަހަކު ދެ ގޮތެއް ނުވާ އެކުވެރިއެއް ވެސް މެއެވެ. ސިކުނޑީގައި ހުންނަ މަޢުލޫމަށް "ހިރަފުސް އެރުމުން" އަލުން ތާޒާކޮށްލާ، ނުވަތަ ސިކުނޑީގައި ހުންނަ މަޢުލޫމާތު ފަސާދަވިޔަނުދީ ރައްކާތެރިކަމާއި ތާޒާކަމާ އެކު ދަމަހައްޓާ "އެންޓިވައިރަސް"އެވެ. ވީމާ ތަޢުލީމީ އާ ޖީލެއް ބިނާކުރުމަށް ޓަކައި ފޮތާ ރައްޓެހިވަމާތޯއެވެ! ފޮތް ކިޔުމުން ހިތްހަމަޖެހުން ހޯދަމާތޯއެވެ! އަޅުގަނޑުމެންގެ ދަރީންނާއި ދަރިވަރުން ޅަފަތުއްސުރެ ފޮތާ ރައްޓެހިކުރުވަމާތޯއެވެ!

Advertisement

ކޮމެންޓް